ޓެރަރިޒަމްގެ ކުށް ސާބިތުވެ އަފްގާނިސްތާނުގެ ޖަލެއްގައި ބަންދުކޮށްފައި ތިއްބާ ތާލިބާނުން އެ ގައުމު ހިފައި މިނިވަން ކުރި ދިވެހި ދެމަފިރިންނާއި ހަތަރު ކުދިން އަނބުރާ ދިވެހިރާއްޖެއަށް އަންނަން ބޭނުން ކަމަށް ބުނި ނަމަވެސް އެ މައްސަލައިގައި ސީދާ ސަރުކާރާ ވާހަކަ ދައްކާފައިނުވާކަން ހާމަވެއްޖެ އެވެ.
ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އެދެމަފިރިންގެ ހަތަރު ދަރިންނާއެކު ހައްޔަރު ކުރީ ނޮވެމްބަރު 11، 2018 ގައި އަންގަރްހާރު ޕްރޮވިންސުންނެވެ. ކުށް ސާބިތުވެ އެމީހުން މައްޗަށް އަފްގާނު ކޯޓުން ކަނޑައެޅީ 21 އަހަރުގެ ޖަލު ހުކުމެކެވެ.
ދަރިންނާ ވެސް އެކު ޖަލުގައި ބަންދުކޮށް ތިބި ޝާފިއު އާއި ޝަހުދާ މިނިވަންވީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާއެކު ޓެރަރިސްޓު ޖަމާއަތް ތާލިބާން ވެރިކަމަށް އައިސް ކަމަށް, މި ނޫހާ ވާހަކަ ދައްކަމުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ ކުރިން ބުނެފަ އެވެ.
ދިވެހި ސަރުކާރުން އެދެފި ނަމަ ޝާފިއު އާއި އާއިލާ ރާއްޖެ ފޮނުވައިދޭނެ ކަމަށް ތާލިބާނުން ބުނެފައިވާ ކަމަށް ވެސް އާއިލުން ބުނެ އެވެ. އެހެންނަމަވެސް އެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން "ހަބަރެއް ނުވާ" ކަމަށް އާއިލާއިން ބުންޏެވެ.

އެކަމަކު "އަދަދު" އާ ވާހަކަ ދައްކަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނީ ޝާފިއު އަދި ޝަހުދާ ހަމައެކަނި ގުޅާފައި ވަނީ އެމީހުންގެ އާއިލާއަށް ކަމަށެވެ. އަދި އާއިލާގެ ފަރާތުން ޝާފިއުއާ ގުޅޭނެ ފޯނު ނަންބަރެއް ފޯރުކޮށްދީފައިނުވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.
"އާއިލާ ތްރޫކޮށް ޝާފިއު އާއި އާއިލާގެ ހާލު ބަލަމުން އަޅުގަނޑުމެން މި ދަނީ،" އެޗްއާރްސީއެމްގެ އޮފިޝަލަކު ބުންޏެވެ.
އެޗްއާރްސީއެމްއަށް ޝާފިއު ގުޅާފައި ނެތް ނަމަވެސް ރާއްޖޭގެ ނޫހަކަށް އޭނާ ވަނީ އިންޓަވިއުއެއް ދީފަ އެވެ. އެޗްއާރްސީއެމަށް އޭނާގެ ނަންބަރު އާއިލާގެ ފަރާތުން ދޭން ބޭނުން ނުވާ ސަބަބެއް ނޭނގެ އެވެ. އަދި ޝާފިއު އަމިއްލައަށް އެޗްއާރްސީއެމްއާ ނުގުޅާ ސަބަބެއް ވެސް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އަފްގާނިސްތާނުގެ ސަރުކާރު ވެއްޓުމުގެ ކުރިން ޝާފިއުގެ ހަތަރު ކުދިން ދިވެހިރާއްޖެ ގެނެވޭތޯ ސަރުކާރުން ވަނީ ކުރިން މަސައްކަތްކޮށްފަ އެވެ. އަދި ފުލުހުންނާއި ސިފައިންނާއި ސަރުކާރުގެ ބައެއް އެހެން އިދާރާތަކުގެ މީހުން ހިމެނޭ ގޮތަށް ވަފުދެއް ވަނީ ޝާފިއުގެ އާއިލާ ހައްޔަރުކޮށްފައި ތިބި ޖަލަށް ޒިޔާރަތްކޮށްފަ އެވެ.
ދިވެހި ދައުލަތުން ތާލިބާނުންގެ ސަރުކާރު ބަލައިގެންފައިވާކަން އިއުލާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން ރަސްމީ ސިފައެއްގައި ތާލިބާނުންނާ ވާހަކަ ދެއްކުމަކީ ވެސް އުނދަގޫ ކަމެކެވެ.
ޝާފިއު އޮކްޓޯބަރު، 2018، ގައި އަފްގާނިސްތާނަށް އެތެރެވީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އެ ގައުމުންނެވެ. އޭނާ އާއި އާއިލާ ހައްޔަރު ކުރީ އަފްގާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުންނެވެ. ޝާފިއު އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށެވެ.
އޭގެ ކުރިން 2015 ވަނަ ޖިހާދު ކުރަން ދާން ކަމަށް ބުނެ ކުރީގެ އަނބިމީހާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅެނިކޮށް އެއާޕޯޓުން ވެސް ޝާފިއު ވަނީ ހިފަހައްޓައިފަ އެވެ.
އޭގެ އިތުރުން، ޝާފިއުއަކީ 2015 ވަނަ އަހަރު ބ. ހިބަޅިދޫ ފަޅުތެރެއިން ފެނުނު ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނިގެން ވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ހެކި ނެތިގެން ހަތަރު މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.












