ދިވެހިރާއްޖޭގައި އަންނަ މަހުގެ 1 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޕްރޮމޯޝަނަށް ބޭނުންކުރަން ބްރޭންޑް މީޑިއާ އެސެޓްސް، މުބާރާތުގެ މީޑިއާ ޕާޓްނަރު "އަދަދު" ގެ ވެބްސައިޓުން ހިލޭ ޑައުންލޯޑްކުރެވޭ ގޮތް ހަދައިފި އެވެ.
ސާފް ޗެމްޕިއަންޝިޕް މާކެޓްކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޯވާ އެސޯސިއޭޓްސް އިން ތައްޔާރުކުރި މި މެޓީރިއަލްތައް ބޭނުންކޮށްގެން މުބާރާތުގެ ފޯރި މުޅި ރާއްޖޭގައި ގަދަކޮށްލުމުގެ ފުރުސަތު އެންމެންނަށް ވަނީ ހުޅުވާލައިފަ އެވެ.
މި މެޓީރިއަލްތަކުގެ ތެރޭގައި ލޯގޯ، ލެޓަރިން، ބްރޭންޑް ވިޝުއަލް އަދި ބްރޭންޑް ގައިޑްލައިން ހިމެނެ އެވެ. މީގެ އިތުރުން ލަވަ އާއި އިޝްތިހާރުތަކުގެ ވީޑިއޯ އާއި ލޯގޯ އެނިމޭޝަން އާއި މޯޝަން އެސެސްޓްސް އަދި ލެޓަރިން އެނިމޭޝަން ވެސް ހިމެނެ އެވެ. މީގެ އިތުރުން އޮފިޝަލް ތީމް މިއުޒިކާއި އޮފިޝަލް ލަވަ އަދި ބްރޭންޑް ސައުންޑްޓްރެކް ވެސް ވަނީ އާއްމުކޮށް ދޫކޮށްލައިފަ އެވެ.
ނޯވާގެ މެނޭޖިން ޑިރެކްޓަރު ނިއުޝާދް ޝަރީފް ވިދާޅުވީ ގައުމަށް އަންނަ ފުޓްބޯޅަ އީދުގައި ބައިވެރިވާން އެންމެން ވެސް ބޭނުންވާނެ ކަމަށާއި މި ހުޅުވާލީ އެ ފުރުސަތު ކަމަށެވެ.
"އަޅުގަނޑުމެން ބްރޭންޑިން ދޫކޮށްލަނީ، ކޮންމެ ބަޔަކަށް ވެސް ސާފް ޗެމްޕިއަންޝިޕުގެ ޕްރޮމޯޝަނަލް ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް. މުބާރާތުގެ ބްރޭންޑިން ބޭނުންކޮށް އަމިއްލަ އަށް ޕްރޮމޯޝަން ރަންކޮށް ގައުމީ ޓީމަށް ފޯރި އިތުރުކޮށްދިނުމަށް އަޅުގަނޑުމެން އެދެނީ،" އޭނާ ވިދާޅުވި އެވެ.
ނިއުޝާދުގެ އެދުމަކީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި ކައުންސިލްތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ވެސް ސޯޝަލް މީޑިއާގައި މި މެޓީރިއަލްތައް ބޭނުންކުރުމެވެ. އަދި ފިޒިކަލް ޕޯސްޓަރުތަކާއި ބެނާތައް ވެސް ހަދައި މުބާރާތުގެ ފޯރިގަދަކޮށްލުމެވެ.
ހުނަރުވެރި ދެ ޑިޒައިނަރުން ކަމަށްވާ ޝާޒިފް އާދަމް އާއި އަބްދުﷲ ޝަފީއު (އަބޯ) ފަރުމާކުރި މުބާރާތުގެ ބްރޭންޑިން އިން ފެންނަނީ މުރަކައިގެ ބަގީޗާއެއްގައި ކުދި މަސްތަކާއި ޖެލީ ފިޝް އާއި މަންތާރޭ އެނބުރޭ ރީތި މަންޒަރެވެ. އަދި ބްރޭންޑިންގެ ތެރެއަށް ރާއްޖޭގެ ސަގަފަތުގެ އަސަރު ވެސް ވަނީ ފޭދިފަ އެވެ. ދިވެހި ރުކުގެ ފަންވަތާއި ހިރިގަލު ވަޑާމުގެ ފަރުމާ އާއި ބޮޑުބެރުގެ ނިޝާންތައް އޭގެން ފެނެ އެވެ.
ދެކުނު އޭޝިއާގެ ވޯލްޑް ކަޕުގެ ގޮތުގައި ފާހަގަކުރެވޭ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ. ރާއްޖެ ވަނީ މުބާރާތް 2008 އާއި 2018 ގައި ކާމިޔާބުކޮށްފަ އެވެ.
މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ތިން ވަނަ ފުޓްބޯޅަ މުބާރާތެވެ. މީގެ ކުރިން ބޭއްވީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ އާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަދި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ. ތިން މުބާރާތަށް ވެސް މުޅި ރާއްޖޭގައި ފޯރި ނެގި އެވެ.












