ސާފްގެ ކާމިޔާބުގައި ޒުވާން މެނޭޖަރު މޯގެ ތަފާތު ތަޖުރިބާތައް

Sep 26, 2021, 12:36 PM
ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ (މ).-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ (މ).-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ޓީމުގެ މެނޭޖަރަކަށް ވުމަކީ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން އެއާ އެއްވަރަށް ބޮޑު ޒިންމާއެއް ވެސް އޮތް ކަމެކެވެ. ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހުރެ ސަރަހައްދުގެ ޗެމްޕިއަންކަމާ ހަމައަށް ދެވުނީ ދެ މީހަކަށެވެ. އޭގެ ތެރެއިން ފަހު ފަހަރު، 2018 ވަނަ އަހަރު ގައުމީ ޓީމުގެ މެނޭޖަރަކަށް ހުރެ، މުހައްމަދު އީސާ (މޯ) އަށް ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕްގެ ތަށީގައި އަތްލަން ލިބުނު ފުރުސަތު ހާއްސަވާ ސަބަބަކީ އޭނާ އަކީ ކްލަބް ލެވަލްގައި ވެސް ސަރަހައްދީ މުބާރާތެއްގެ ރަން މެޑަލް ހޯދާފައިވާ މެނޭޖަރަކަށް ވުމެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރުކަމުގެ އިތުރުން އެފްއޭއެމް ހިންގާ ކޮމިޓީގެ މެމްބަރުކަން ވެސް ފުރި މޯ 2018 ގެ ސާފް ޗެމްޕިއަންޝިޕާ މެދު ހުވަފެން ދެކެން ފެށީ އޭނާ އަށް ގައުމީ ޓީމުގެ މެނޭޖަރުގެ ޒިންމާ ހަވާލުކުރި ހިސާބުންނެވެ. ވަރަށް ބޮޑު އިތުބާރަކާ އެކު މޯ އަށް ގައުމީ ޓީމުގެ މެނޭޖަރުކަން ހަވާލުކުރުމާ އެކު އޭނާ ބޭނުންވީ ކުޅުންތެރިންގެ ހިދުމަތްތެރިއެއްގެ ރޯލު އަދާކޮށް، އެފްއޭއެމާއި ދިވެހި ފުޓްބޯޅަ އަށް އިހުލާސްތެރި މީހުން ބަލައިގަންނަ މަސައްކަތްތަކެއް ކުރުމަށެވެ.

"އަޅުގަނޑު ނެޝަނަލް ޓީމާ ހަވާލުވެގެން ޝެޑިއުލްތައް ބެލިއިރު ވިން ވާނެ (ކާމިޔާބު ކުރެވޭނެ) މުބާރާތަކަށް މީނީ ސާފް ޗެމްޕިއަންޝިޕް. ގަތަރަށް ފުރަން ވެގެނެއް ނޫން ޕްލޭން ހެދީ (އަޅުގަނޑު އަމިއްލަ އަށް) އޭގެ އަށެއް ނޫނީ ނުވަ މަސް ކުރިން ޕްލޭން ހެދިން. އެ ކަންތައްތައް ރޭވި ކޯޗާއި ޓެކްނިކަލް ޓީމާއި އެފްއޭއާ ވެސް ހިއްސާކުރެވިގެން ގަތަރު ކޭމްޕް އެހާ ފުރިހަމަ އަށް ދިޔައީ،" ސާފް ޗެމްޕިއަންޝިޕް 2018ގެ ހަނދާންތައް އާ ކުރަމުން މޯ ކިޔައިދިނެވެ.

މޯ، 2018 ވަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން.

މެނޭޖަރެއްގެ ޒިންމާ އަދާކުރުމުގައި މޯ އަބަދުވެސް ބެލި އެއް ކަމަކީ އެފްއޭއެމްގެ ޓެކްނިކަލް ޓީމާއި ޓީމުގެ މެމްބަރުންނަށް އަބަދުވެސް ކުރަން ޖެހޭ ކަންކަން އެނގިފައި އޮންނަ ގޮތަށް ކަންކަން ބަރާބަރަށް ވަގުތުން ވަގުތަށް ކުރިން ޝެޑިއުލެއް ރޭވުމެވެ. އެ ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގަތަރުގައި މަހެއްހާ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ދިޔައިރު، ގަވާއިދުން ކުޅުންތެރިން ކަންތައްތައް ކުރަން ޖެހޭ ގޮތުގެ ޝެޑިއުލްތައް ކިޔައިދިނީ ހުރިހާ ފަރާތެއްގެ ވެސް ކަންބޮޑުވުންތައް އަޑުއަހައި ފަސޭހަ ގޮތަކަށެވެ.

ގައުމީ ޓީމުން ފަހަކަށް އައިސް ގިނައިން ޓްރެއިނިން ކޭމްޕް ދަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރު ފަދަ ގައުމުތަކަށެވެ. އެ ގައުމުތަކަށް ކުރަންޖެހޭ ދަތުރުގެ ތެރެއިން ގިނަ ފަހަރު އެހެން ގައުމެއްގެ އެއާޕޯޓެއްގައި ޓްރާންސިޓް ކުރަން ޖެހޭ ވަގުތުތަކެއް އާދެ އެވެ. މޯ ބޭނުންވަނީ ދުރާލާ އެކަންކަން ކުޅުންތެރިންނަށް ފަސޭހަ ކޮށް އޮތުމަށެވެ.

"އަޅުގަނޑު ދާނަން ގާތްގަނޑަކަށް ޕްލޭޔަރުން އައުމުގެ އެއް ގަޑިއިރު ކުރިން އެއާޕޯޓަށް. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް މުހިއްމެއް ނޫން މި ތަނުގައި މި ނަގާ ފޮޓޯތައް ނަގަން ޖެޓީ ކައިރީގައި ހުރުމެއް. ކުދިން ދާއިރު އަޅުގަނޑު ބޭނުންވަނީ ބޯޑިން ޕާސް ދިށްކޮށްލަން ހުންނަން،" މޯ ބުންޏެވެ.

"ބައެއް އެއާޕޯޓްތަކަކީ އަޅުގަނޑު މުޅިން އަލަށް ދިޔަ އެއާޕޯޓްތައް އެހެންވެ ހުންނާނެ ދުރާލާ އިންޓަނެޓުން ޗެކް ވެސް ކޮށްފައި."

ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. ގިނަ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން މޯ ކުރަން ޖެހުނު ތަޖުރިބާއާ ބެހޭގޮތުން ބުނީ އޭރު ޓީމުގައި ތިބި ހުރިހާ ކުޅުންތެރިން ވެސް ވަރަށް ޑިސިޕްލިން ކަމަށާއި އެހެންވެ، ކަންކަން ހަމަޖެއްސުމާއި އެ އަށް އަމަލުކުރުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

ހަނދާނުން ނުފިލާނެ މުހިއްމު "ޓޮސް" ގެ ވާހަކަ

ގައުމީ ޓީމުން 2018 ވަނަ އަހަރު ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލިއިރުގައި އެ ޓީމަށް ނުވެދިޔަ ހަމައެކަނި ކަަމަކީ ޕްރެކްޓިސް މެޗެއް ނުކުޅެވުމެވެ. އެހެންވެ، މުބާރާތް ފަށައިގެން ކުރިއަށް ދާން ގޮންޖެހުން ދިމާވި އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ އެއްވަރުވިއިރު، ގްރޫޕްގެ ފަހު މެޗުގައި އިންޑިއާ އަތުން ބަލިވީ އެވެ. ގްރޫޕުން އަނެއް ބުރު ދާނެ ޓީމެއް ކަނޑައަޅަން ޖެހުނީ ގުރު އަތުލާށެވެ. ޒަމާންތަކެއް ކުރިން މުޅި ދުނިޔޭގެ ފުޓްބޯޅައިގައި އަދި މިހާރު ވެސް ބައެއް ބައްރުތަކުގެ ފުޓްބޯޅައިގައި ޓޮސް އެއް ލައިގެން (ގުރުއަތުލައިގެން) ބައެއް ކަންތައްތައް ނިންމަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މުހިއްމު "ޓޮސް" ނެގި ވަގުތު އެންމެ ކައިރީގައި ހުރީ މޯ އެވެ.

"ދެން އެއީ ވަރަށް އެހެން ކަހަލަ ގަޑިއެއް. އަޅުގަނޑަށް ކަންނޭނގެ އެނގުނީ ވެސް ފުރަތަމަ އެ ވިން ވީ ކަން ވެސް. އެއީ އަޅުގަނޑު އެ ކޮންސަންޓްރޭޝަން ހުރިވަރުން. ވަރަށް އެހެން ކަހަލަ ވަގުތު ކޮޅެއް،" އެ ޖަޒުބާތީ ވަގުތު ކޮޅު ކިޔައިދޭން އުނދަގޫވާ ހާލުގައި ވެސް މޯ ބުނީ މިހެންނެވެ.

ޓޮސް އަކުން ސެމީ ފައިނަލަށް ދިއުމަކީ ހަގީގަތުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ތެރެއިން ބަޔަކަށް ކަމުދިޔަ ކަމަކަށް ނުވި އެވެ. އެކަމަކު، ހަގީގަތަކީ އެ ޓޮސްއާ ހަަމައަށް ދިޔައީ ވެސް ހަމަ ކެނޑިނޭޅި ކުރި މަސައްކަތުންނެވެ. މޯ ސިފަ ކުރާ ގޮތުގައި އެ ޓޮސް އަކީ މުބާރާތުގައި އާ ރޫހެއްގައި ކުރިއަށްދާން އެޅުނު ބިންގަލެކެވެ.

"ދެން ބޯޅަ އަކީ ވަރަށް އެހެން ކަހަލަ އިމޯޝަން އެއް ހުންނަ އެއްޗެއް. (ގޯލަށް ޖަހަން ޖަހާ ބޯޅަ) ހަމަ ދަނޑީގައި ވެސް ޖެހިދާނެ ހަަމަ ހުރިހާ ކަމެއް ވެސް މި ވަނީ. ހަމަ އެ ދާ އެއްޗެއް ވެސް ވަދެދާނެ. އެ ޓޮސް އަކީ ވެސް އަޅުގަނޑުމެން ކަމެއް ކުރެވުނީ އެ ފަރާތުން ހަމަ އަހަރެމެންނަށް މެދުވެރިކުރި ކަމެއް. ކީއްވެ ލަންކާ އަށް އެ ޓޮސް ނުލިބެންވީ؟ ޓޮސް އަކީ ބަޔަކު މީހުންނަށް ޖޯކަކަށް ވިޔަސް އެ ޓޮސް އަކީ އެންމެ ވަރުގަދަ ޓޮސް،" މޯ ބުންޏެވެ.

ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ތަށި އުފުލާލިއިރު ކޯޗަކަށް ހުރީ 2015 ވަނަ އަހަރު އަފްގާނިސްތާން ގޮވައިގެން މި މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެވެ. ސެގާޓަށް އެހީވެދޭން އެސިސްޓަންޓް ކޯޗަކަށް ހުރީ ބެލްޖިއަމްގެ ގެލާ ޝެކިލާޒޭ އާއި ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.

މޯ ބުނީ ޓީމު މޯޓިވޭޓް ކުރުމުގައި ސެގާޓްގެ ފަރާތުން ވަރަށް ތަފާތު ކަންކަން ފެނުނު ކަމަށާއި އެއީ ކާމިޔާބާ ހަމައަށް ދިއުމުގައި އިސް ރޯލެއް ކުޅުނު ކަމެއް ކަމަށެވެ.

"އަސްލު މޯޓިވޭޝަން. މި ކޯޗު (ސެގާޓް)ގެ ހުންނަ ނޮލެޖެއް އެއީ. އޭނަ އަށް އެނގޭ ޕްލޭޔަރުން ދަނޑަށް ނެރޭއިރު އިމޯޝަން ގެންނަން. އަޅުގަނޑު ވެސް ޗޭންޖިމް ރޫމް ތެރޭގައި އިމޯޝަނަލް ވެގެން ގޮސް ބައެއް ފަހަރު ނުކުމެލާ ހާލަތަށް އާދޭ. ނޭނގޭ މިހެއް ބުނެދޭކަށް އޭނަ ގެންގުޅުނު އެންމެ ސީކްރެޓް އަސްލަކީ އެ މޯޓިވޭޝަން ފެކްޓާ،" ސެގާޓަށް ތައުރީފުކުރަމުން މޯ ބުންޏެވެ،

ސާފް ޗެމްޕިއަންޝިޕް 2018 ވަނަ އަހަރުގެ ފައިނަލަށް ފަހު މޯ (ވ) އޭރުގެ ގައުމީ ޓީމުގެ ކޯޗު ސެގާޓް (ކ)އާ އެކު ތަށި ހިފައިގެން.-- ފޮޓޯ: އިމޭޖަސް،އެމްވީ

އެ ފަަހަރު ނޮކްއައުޓް ބުރުގައި ގައުމީ ޓީމުން ވަނީ ތަފާތު މޮޅަށް ކުޅެފަ އެވެ. ސެމީގައި ވަރުގަދަ ނޭޕާލް ބަލިކުރި އެވެ. އެ އަށް ފަހު ފައިނަލުގައި އިންޑިއާގެ މައްޗަށް ކުރިހޯދީ އެވެ. އެ ދެ ޓީމަކީ ގްރޫޕް ސްޓޭޖަށް ބަލާނަމަ މުބާރާތް ކާމިޔާބު ކުރެވޭނެ ލެވަލަށް ކުޅުނު ދެ ގައުމެވެ.

މޯ ބުނީ ހަގީގަތުގައި ނޮކައުޓް ބުރުގެ ކުރިން ވެސް ޓީމުގެ ރޫހު ރަނގަޅު ކަމަށެވެ. އެކަމަކު ފަހުން ސެގާޓްގެ ފަރާތުން އެ އައި މޮޓިވޭޝަނާއި ކުޅުންތެރިން ވެސް އަމިއްލަ އަށް މި ކާމިޔާބު ހޯދަން ބޭނުންވުން އެއީ އެކަން ހާސިލްވުމަށް ކޮށުނު މަގު ކަމަށެވެ.

"އަސްލު ނޭޕާލް މެޗު ހިސާބުންނެއް ނޫން ފައިނަލަށް ތައްޔާރުވީ ހަމަ ގަތަރާ (ޓްރެއިނިން ކޭމްޕާ) ހިސާބުން ވެސް. އެ ފައިނަލް ކުޅޭ ހުވަފެން އަޅުގަނޑު ކުރިން ދެކުނިން. އެކަމަކު ފައިނަލްގެ އެ 15 މިނިޓް ބަލާލަން އުނދަގޫވި. އެއީ ހަމަ ގޮތްތަކެއް ވާތީ،" މޯ ބުންޏެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑުގައި ވެސް 2018 ވަނަ އަހަރުގެ ކާމިޔާބު ހޯދި ޓީމުގެ ގިނަ ކުޅުންތެރިން ހިމެނެ އެވެ. މޯގެ ނަޒަރުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގިފައި އޮތް ޕްރިލިމިނަރީ ސްކޮޑު ރަނގަޅެވެ.

ރާއްޖެ އަކީ ސަރަހައްދުގެ ބާރެއް

ރާއްޖެ އަކީ ސަރަހައްދުގައި އިންޑިއާ ނަގާފައި އެންމެ ވަރުގަދަ އަށް ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމެވެ. ރާއްޖޭން ދެ ފަހަރު ތަށި ހޯދާފައިވީ ނަމަވެސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ސެމީ ފައިނަލާއި ފައިނަލުގައި ކުޅެފަ އެވެ. ފައިނަލުގައި ދެ ފަހަރު އިންޑިއާ ބަލިކުރި ޓީމަކަށް އޮތީ ވެސް ރާއްޖެ އެވެ.

"މި ހަތަރު ލައްކަ ނޫނީ ހަ ލައްކައެއްހާ އާބާދީގެ މީހުން (ރާއްޖެ) މި 1.3 ބިލިއަން މީހުންގެ މައްޗަށް ކުރި މި ހޯދަނީ. މީގައި އެބަހުއްޓޭ ދިވެހިންގެ ތެރޭގައި މި ބުނާ ފުޓްބޯޅައިގެ ފޯރި، ޖޯޝް. ދެން ޖެހޭނީ ދަނޑު ތެރޭގައި އެ ކުރާ މަސައްކަތާއި ދަނޑު ބޭރުން ކުރާ މަސައްކަތް ރަނގަޅުކުރަން،" މޯ ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު ކަމެއް ހާސިލްކުރަން ބޭނުންނަމަ މޯގެ ނަޒަރުގައި އެންމެ އިސްކަމެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަމަކީ އެ ކަމެއް ބޭނުންވެގެން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރުމެވެ. ކޮންމެ މީހަކަށް ވެސް ކަމެއް ހާސިލްކުރެވޭނީ އެ މީހެއް އަޒުމެއް އޮވެގެން ހިތްވަރާ އެކު އެކަމަށް އެދިގެން ކުރާ މަސައްކަތަކުން ކަމަށް މޯ ވަނީ ފާހަގަކޮށްފަ އެވެ.

"އެ ޑްރީމް އިންނަން (ހުވަފެން ދެކެން) ޖެހޭނެ. ބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް އެދެން ޖެހޭނީ މި ތަށި ހޯދަން. އެ ވިޝް (އުއްމީދު) އިންނަން ޖެހޭނެ. ބޭނުންނުވާ އެއްޗެއް، ހޯދަން ނޭދޭ އެއްޗެއް ނުއެއް ލިބޭނެ. ކާމިޔާބީ އަކީ އެ އެދޭ އެދުން،" މޯ ބުންޏެވެ.

މޯގެ ނަޒަރުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކާމިޔާބެއް އޮތީ ކޮންމެ މީހެއް ވެސް އެކަމަށް އެދިގެން އަޒުމު ކަނޑައަޅައިގެން މަސައްކަތް ކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox