2008ގެ ކާމިޔާބީ މޯހަން އަށް ހާއްސަވަނީ ކީއްވެ؟

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް މޯހަން ދިން ވީޑިއޯ އިންޓަވިއު.

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް މޯހަން ދިން ވީޑިއޯ އިންޓަވިއު.

އިންޑިއާގެ މެޑްރާހުގައި 1995 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން، ދުވަހަކު ވެސް ފުޓްބޯޅަ ކުޅެފައިނުވާ މުހައްމަދު ޝިޔާޒް (މޯހަން) އަށް ލިބުންވީ، ފުޓްބޯޅަ އާއިލާގެ ބައެއް މީހުންނަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. ޕްރޮފެޝަނަލް ފެންވަރުގައި ފުޓްބޯޅަ ނުކުޅެ، ޓެކްނިކަލް މާސްޓާމައިންޑުންނަށްވެ މިއަދު ދުނިޔޭގެ ފުޓްބޯޅައިގެ އެތައް ކޯޗުންނެއް ކާމިޔާބު ހޯދާފައިވީ ނަމަވެސް މާބޮޑު ހޭލުންތެރިކަމެއް އޭރު ނެތް ރާއްޖޭގެ މާހައުލަށް އެކަން ފެނަށް ދިރޭގޮތެއް ނުވި އެވެ.

އެކަމަކު އޭނާގެ އެސިސްޓަންޓް ކޯޗުކަމުގައި ރާއްޖޭން 1997 ވަނަ އަހަރު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދި އެވެ. އެހެންވިޔަސް އޭގެ ދެ އަހަރު ފަހުން ކަތުމަންޑޫގައި އޮތް ސާފް ގޭމްސް ވެގެންދިޔައީ އެފަދަ އެތައް ބަޔަކަށް މޯހަންއާ ދެކޮޅަށް ހަތިޔާރު ނަގަން ލިބުނު ފުރުސަތަކަށެވެ. އެ މުބާރާތުގެ މެޗެއްގައި ރެފްރީ ރާއްޖެއާ ދެކޮޅަށް ނިންމުންތަކެއް ނިންމުމުން އެކަމާ ދެކޮޅަށް މޯހަން ހަޅުތާލުކުރުން ވެގެންދިޔައީ މޯހަން އަށް ފާޑުކިޔުން އޮއްސާލި ސަބަބަކަށެވެ. އަދި އެކަމާ ގުޅިގެން ފުޓްބޯޅައިން އޭނާ ޒާތަކަށް ސަސްޕެންޑްކޮށް ބާކީކުރި އެވެ.

އޭނާ އަށް އަލުން ގައުމީ ޓީމުން ފުރުސަތެއް ލިބުނީ 2007 ވަނަ އަހަރު އެވެ. އޭރު ރާއްޖެ އައީ ޖެހިގެން އައި އަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. ހުންގާނުގައި ހުރީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ރާއްޖެ ގެންގޮސްދިން ސްލޮވާކިއާގެ ޔޯސެފް ޔަންކޭ އެވެ. މޯހަންއާ އެކު އެސިސްޓަންޓް ކޯޗަކަށް ހުރީ އޭނާގެ ގާތް އެކުވެރިޔާ އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ.

މި ފަހަރު ވެސް ފާޑުކިޔުންތައް އޮހެން ފެށި އެވެ. މޯހަން އާއި ސާންތީއާ ދެކޮޅަށް އަޑުތައް އުފުލެން ފެށި އެވެ. ކޯޗިން ސްޓާފުން ބަދަލުކުރަން ޕެޓިޝަނެއް ވެސް ހިންގަން އުޅުނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ކުޅުންތެރިންގެ މެދުގައި ވެސް މައްސަލަތައް ޖެހުނެވެ. ޓީމު ބައިބައިވި އެވެ. ދުވަހަކު ގައުމީ ޓީމުގެ ތެރޭގައި ރޯނުވާ ވަރަށް ނަފުރަތުގެ ހުޅު ރޯވި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ގިރާކޮށް، ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ.

ފުޓްބޯޅައިގެ ހަނދާން މޯހަންގެ ސިކުނޑީގައި ކޮއްޓާލާ ކޮންމެ ފަހަރަކު، އޭނާގެ ހިތަށް 2008 ގެ ކާމިޔާބީ ވަދެގެންދަނީ އެ ސަބަބާ ހެދި އެވެ. އެ ދުވަހުގެ އިހުސާސްތައް ކިޔައިދޭން އެދުމުން، އެއީ ބަޔާންކުރަން އުނދަގޫ އިހުސާސްތަކެއް ކަމަށް ބުނެ އޭނާ ޖަވާބުދިނީ ވެސް އެހެންވެ އެވެ. އެ ވާހަކަ ދައްކަން ފަށާ ކޮންމެ ފަހަކު އޭނާގެ ގައިން ހީބިހި ނަގަނީ ވެސް އެހެންވެ އެވެ.

"އަޅުގަނޑުމެން 2007 ގެ ފަހުކޮޅުން ފެށިގެން ގައުމީ ޓީމާ އެކީގައި އެ މަސައްކަތްކުރިއިރު ގައުމީ ޓީމުގެ ތެރޭގައި އެ ދިމާވި ކަންތައްތަކާއި އުޅެން ޖެހުނު އުނދަގޫ ތަކުލީފުތައް....އެ ހުރިހާ އުނދަގުލެއްގެ އަދި ތަކުލީފެއްގެ ފޮނިމީރުކަން ލިބިގެން ދިޔައީ ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުް މޮޅުވެ ތަށި ލިބުނު ހިސާބުން،" "އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް މޯހަން ދިން ވީޑިއޯ އިންޓަވިއުގައި މޯހަން ބުންޏެވެ.

އެ ފަހަރު މޯހަންމެނަށް ލިބިފައި އޮތީ ރާއްޖޭގެ ރަން ޖީލުގެ ކުޅުންތެރިން ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. ގޯލްކީޕަރު އިމްރާން މުހައްމަދު ފެށިގެން ޑިފެންޑަރުން ކަމަށްވާ އައްސަދު އަބްދުލްގަނީ އާއި ސޮބާހު މުހައްމަދާއި މުހައްމަދު ޖަމީލު އަދި މެދުތެރެއިން އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އެންމެ ކުރިން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި އަހުމަދު ތޯރިގް (ޓޮމް) އަށް ބަލާއިރު އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނެވެ.

އެކަމަކު މޯހަން ބުނީ އެއީ ރަން ޖީލު ކަމަށް މުޅިއަކުން އެއްބަސްނުވާނެ ކަމަށާއި އެހެންވިޔަސް އެއީ ވަރަށް ބޮޑަށް ކާމިޔާބަށް ފެންބޮވައިގެންފައި ތިބި ކުޅުންތެރިންތަކެއް ކަމަށެވެ. ފުރަތަމަ އެގާރައިގެ އިތުރުން ސްކޮޑުގައި ހިމެނޭ 20 ކުޅުންތެރިން ވެސް ކުޅުނީ އެގޮތުގައި ކަމަށް މޯހަން ބުންޏެވެ.

"ހާއްސަކޮށް ފާހަގަކުރަން ޓީމުގެ ތެރޭގައި އޮތް ބައިބައިވުންތައް ކޭމްޕް ތެރެއިން ހައްލުކޮށް އެންމެން އެއް ގަލަކަށްއަރާ، ތަށި ހޯދަން ބޭނުންވެގެން އެ ކުރި މަސައްކަތް ވަރަށް ރަނގަޅަށް ފެނިގެން ދިޔަ. އެ ޖޯޝާ އެކު ކުޅެ މުބާރާތް ކާމިޔާބުކުރީ،" ނިއު ރޭޑިއަންޓަށް މެޗަކުން ބަލިނުވެ 2012 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު މޯހަން ބުންޏެވެ.

އެ މުބާރާތް ހާއްސަވާ އަނެއް ސަބަބަކީ، ދިވެހި ފުޓްބޯޅައާ ކާމިޔާބީއާ ދެމެދަށް އާއްމުކޮށް ވަންނަ އިންޑިއާގެ މައްޗަށް އެ ފަހަރު ރާއްޖެ ކުރި ހޯދައިގެން ތަށި ހޯދުމެވެ. ފައިނަލުން އިންޑިއާ އަތުން 1-0 އިން ރާއްޖެ މޮޅުވީ ހަމަ އެ ނަތީޖާ އިން ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ބަލިވުން އަނބުރާލުމަށް ފަހު އެވެ. މޯހަން ބުނީ، މުބާރާތުގެ ކޮންމެވެސް ހިސާބަކުން އިންޑިއާއާ ވާދަކުރަން ޖެހޭނެ ކަމަށް ބަލައި އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ.

"އަޅުގަނޑުމެން އިންޑިއާ އަތުން ބަލިވެފައި ހުރީ ސެޓްޕްލޭތަކުން ވަންނަ ލަނޑުތަކުން. އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވިން. ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ދޮޅުގަޑިއިރު ވަރު ސެޓްޕްލޭގައި ޑިފެންސް ކުރަން ތައްޔާރުވިން. އެވަރުން ވެސް ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވީ އެއްލުމަކުން އައި ބޯޅައަކުން. މާކްކުރަން ބުނި ކުޅުންތެރިޔާ މާކްނުކުރެވި، ކޮންސެންޓްރޭޝަން ގެއްލިގެން ވީ ކަމެއް އެއީ،" މޯހަން ބުންޏެވެ.

ކަންދިމާކުރި ގޮތުން ރާއްޖެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހީ ސެޓްޕްލޭއަކުން އުފެއްދި ހަމަލައެއްގަ އެވެ. މުޚުތާރު ނަސީރު (ޓޫކިލޯ) ވައްދާލި އެ ގޯލުގެ އިތުރުން ވެސް ރާއްޖޭން މުބާރާތުގައި ވަރަށް ހިތްގައިމު ގޯލްތަކެއް ޖެހި އެވެ. ނޭޕާލް ކޮޅަށް އިސްމާއިލް މުހައްމަދު (އިއްސޭ) ޖެހި ދެ ގޯލާއި ސެމީ ފައިނަލުގައި ސްރީ ލަންކާ ކޮޅަށް އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ގޯލް ފާހަގަކުރެވެ އެވެ. އެކަމަކު މޯހަންގެ ހިތުގައި އެންމެ ބޮޑަށް ހަރުލާފައި ވަނީ ފުރަތަމަ މެޗުގައި ޕާކިސްތާން ކޮޅަށް މުހައްމަދު ސިފާން (ކުޑައްޓޭ) ޖެހި ގޯލެވެ.

"ފެށުން ރަނގަޅުވުން އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ. ކުޑައްޓޭ އެ ޖެހި ގޯލު، އެއީ މާ މޮޅު ގޯލެއް ނޫން. ކޯނަރަކުން ވެއްޓުނު ބޯޅައެއް ކުޑައްޓޭ ވެއްޓިގެން ބޫޓުގެ ކޮޅުން ވައްދާލި ގޯލެއް އެއީ. އެކަމަކު އެ ގޯލަކީ ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެ ގޯލް ވަރަށް ފާހަގަކުރެވޭ،" މޯހަން ބުންޏެވެ.

އެ ކާމިޔާބީގެ ވާހަކަދައްކާއިރު މޯހަން އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ އެ ފަހަރު ކުޅިބަލާ މީހުންގެ ފަރާތުން އެ ލިބުނު ސަޕޯޓެވެ. އެ ފަހަރު ރާއްޖެ ކުޅުނު ކޮންމެ މެޗަކަށް، ގަލޮޅު ދަނޑަށް، ރަތް ހެދުމުގައި ބާރަ ހާހެއްހާ ސަޕޯޓަރުން ވަދެ ފުރިހަމަ ތަރުހީބެއް ދިނެވެ. އަދި ލަންކާގައި ކުޅުނު ސެމީ ފައިނަލާއި ފައިނަލަށް އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ރާއްޖޭން ދިޔަ ދިވެހިން ވަދެ އެހާމެ ފުރިހަމަ ސަޕޯޓެއް ދިނެވެ.

"ތެދަށް ދަންނަވަންޏާ އެ ދިމާވި ކަންތައްތަކުގައި ތެރޭގައި އެންމެ ބޮޑު ހިތްވަރަކަށްވީ ހަމައެކަނި ސަޕޯޓަރުންނާއި އެފްއޭއެމްގެ މުވައްޒަފުން. އެ ފަހަރު ފުޓްބޯޅަ ކޮމިއުނިޓީގެ މާބޮޑު އެހީއެއް ނުލިބެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. އަޅުގަނޑުމެންނަށް ދިން ސަޕޯޓަށް ދިވެހި ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރަން ބޭނުން ކުރި ސަޕޯޓަށް،" މޯހަން ބުންޏެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު ވެސް ރާއްޖޭން ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަންނަ މަހުގެ 1 ވަނަ ދުވަހު އަމިއްލަ ގައުމުގައި، ރާއްޖެ މި ނުކުންނަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އަދި ޖުމްލަ ތިން ވަނަ ފަހަރަށް ތަށި ނަގާށެވެ. މޯހަން ބުނީ އެކަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. މި ފަހަރު ޓީމުގައި މޯހަންގެ ރަސްމީ ދައުރެއް ނެތަސް، ރާއްޖޭން ކާމިޔާބު ހޯދައިފި ނަމަ އެއީ އޭނާ އަށް ބޮޑު އުފަލަކަށްވާނެ އެވެ. އެއީ 2008 ގެ ކާމިޔާބީއާ އެކު، އެ މުބާރާތަށް އޭނާގެ ހިތުން ހާއްސަ ޖާގައެއް ދީފައިވާތީ އެވެ. އެ މުބާރާތުގެ ކާމިޔާބީ އަކީ އޭނާއާ ދެކޮޅަށް އުފުލި އަޑުތަކަށް ދެވުނު ވަރަށް ރަނގަޅު ޖަވާބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox