ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިން: ހުނަރުވެރި ދެ ދިވެހިންގެ ޗާލޫ ފަރުމާ

ޝާޒިފް (ކ) އާއި އަބޯ ޑިޒައިނިންގެ މަސައްކަތުގައި. --ފޮޓޯ: ނާޝިއު ނައީމް / ނޯވާ

ޝާޒިފް (ކ) އާއި އަބޯ ޑިޒައިނިންގެ މަސައްކަތުގައި. --ފޮޓޯ: ނާޝިއު ނައީމް / ނޯވާ

ސާފް ޗެމްޕިއަންޝިޕުގެ މާކެޓިން މަސައްކަތްތައް ރާއްޖޭގެ ނޯވާ އެސޯސިއޭޓްސް އަށް ލިބުމާ އެކު އެ ކުންފުނިން ބޭނުންވީ މުބާރާތުގެ ބްރޭންޑިންގައި މި ސަރަހައްދުން ބެންޗްމާކެއް މި ފަހަރު ރާއްޖޭން ކަނޑައެޅުމަށެވެ. އެކަމަށްޓަކައި ނޯވާގެ މެނޭޖިން ޑިރެކްޓަރު ނިއުޝާދު ޝަރީފް މިސްރާބު ޖެހީ ބްރޭންޑިން އެންޑް ޑިޒައިނިން ފާމެއް ކަމަށްވާ އެންކްރިއާ އަށެވެ. ނިއުޝާދު ބޭނުންވީ، ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ އާ ކުލަތަކެއް، ރާއްޖޭގައި އަންނަ މަހު 1 ވަނަ ދުވަހު ފަށާ ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ތެރެއިން ސަރަހައްދުގެ ދެ ބިލިއަނެއްހާ މީހުންނަށް ދައްކާލާށެވެ.

ރޭ ލޯންޗުކުރި ސާފް ޗެމްޕިއަންޝިޕުގެ މާކެޓިން ކެމްޕެއިނުގައި ދައްކާލި މުބާރާތުގެ ބްރޭންޑިން އަކީ، ނިއުޝާދުގެ އެ އެދުމަށް، އެންކްރިއާ އިން ތައްޔާރުކޮށްދިން ކުލަތަކުން ޖަރީކޮށް، ރާއްޖޭގެ ކަނޑުގެ ދިރުންތަކުން މުއްސަނދިކޮށްފައިވާ، ޗާލޫ ފަރުމާ އެވެ. މި ބްރޭންޑިންގެ ފަހަތުގައިވާ ހުނަރުވެރި، އުފެއްދުންތެރި ދެ ޑިޒައިނަރުންނަކީ އެންކްރިއާގެ ޑިރެކްޓާ އޮފް ކްރިއޭޓިވްސް ޝާޒިފް އާދަމް އާއި "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 1993 ގައި ފަށައި، 1997 ގައި ޒަމާނީ ކުލަ ޖެހިގެން ދިޔަ ސާފް ޗެމްޕިއަންޝިޕަށް ބްރޭންޑިން ހަދަން ނޯވާ އިން އެންކްރިއާ ހަވާލުކުރިއިރު ދިނީ ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ފެންނަ ކުލަގަދަ، ދިރުންހުރި ކޮންސެޕްޓެކެވެ. އެއާ އެކު ޝާޒިފް ސިކުނޑީގައި ކުރަހާލީ ހިރިގަލު ވަޑާމުގެ ފަރުމާތައް ފެންނަ ރަތާއި ފެހީގެ ކޮންސެޕްޓަކާއި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ފެންނަ ކޮންސެޕްޓެކެވެ.

"އަންޑަވޯޓާ ކޮންސެޕްޓް ނެގި ސަބަބަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ހާއްސަ ސިފަޔަކީ އެއީ ކަމަށްވާތީ. ހިރިގަލުގެ ކޮންސެޕްޓް މިދުވަސްކޮޅު ތަންކޮޅެއް އާއްމުވީމާ، ނިއުޝާދު މެން ވެސް ގަޔާވީ އަންޑަވޯޓާ ކޮންސެޕްޓަށް," ޝާޒިފް ބުންޏެވެ.

މަސައްކަތް ކުރި އިރު --
މަސައްކަތް ކުރި އިރު --

ބްރޭންޑިން ޑިޒައިންކުރުމުގެ މަސައްކަތުގެ ތެރެއިން.

ބްރޭންޑިންގެ ތެރޭގައި ރާއްޖޭގެ ޝިޔާރު ކަމަށްވާ "ތިން ވަނަ ފަހަރު މީ އެ ފަހަރު" އަދި ދިވެހި ސަޕޯޓަރުންގެ ޗާންޓްކަމަށްވާ "މަގޭ މަހަލްދީބް"، ތާނަ ބޮޑުއަކުރުން ފަރުމާކުރަން ޖެހޭތީ، ޝާޒިފް ދައުވަތު ދިނީ އަބޯ އަށެވެ. އެއާ އެކު ހުނަރުވެރި ދެ ސިކުނޑި އެއްތަންވެ، މަސައްކަތް ފަށައިގަތެވެ.

ކޮންސެޕްޓް ބިލްޑުކުރަން ދެ ޑިޒައިނަރުން ރޮޑްޗެންކޯ ކެފޭގައި ތިބެގެން ފެންފޮދަކުން މޭޒުމަތީގައި ކަނޑުއަޑީގެ މޫވްމަންޓްތަކެއް ކުރަން ފެށި އެވެ. އަދި އެ ފޮޓޯ އައިޕެޑަށް ނަގައި، މަސްމަހާމެހީ އެނބުރޭ ހަރަކާތްތަކެއް ސްކެޗްކުރަން ފެށި އެވެ. އެއަށް ފަހު ވޭރިއޭޝަންތަކެއް ކުރަހަން ފެށީ އެވެ. އެ ފަރުމާގައި ބޭނުންކުރާނެ ކުލަތަކެއް ހޯދަން މަސްއައިނެއްގެ ފޮޓޯއަށް ބަލަނިކޮށް ލޮލުގައި އަޅައިގަތީ ކަންނެލީގެ ކުލަބަރި އެވެ. އަދި އެ ކުލަތައް އެ ކުރެހުމަށް އެޑަޕްޓްކުރި އެވެ.

އެހިސާބުން އުފަންވީ، ބައިނަލްއަގްވާމީ އެހެން މުބާރާތްތަކާ ބަލާއިރު މާބޮޑު ކުލައެއް ވަހެއް ނެތް ސާފް ޗެމްޕިއަންޝިޕަށް މިހާތަނަށް ލިބުނު އެންމެ ރީތި، އެންމެ ކުލަގަދަ އަދި އެންމެ ދިރުންހުރި ބްރޭންޑިން އެވެ. މުރަކައިގެ ބަގީޗާއެއްގައި ކުދި މަސްތަކާއި ޖެލީ ފިޝް އާއި މަންތާރޭ އެނބުރޭ ރީތި މަންޒަރެއް ސިފަވާ މި ބްރޭންޑިންގެ ތެރެއަށް ރާއްޖޭގެ ސަގަފަތުގެ އަސަރު ވެސް ވަނީ ފޭދިފަ އެވެ. ދިވެހި ރުކުގެ ފަންވަތާއި ހިރިގަލު ވަޑާމުގެ ފަރުމާ އާއި ބޮޑުބެރުގެ ނިޝާންތައް އޭގެން ފެނެ އެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގެ އޮފިޝިއަލް ލުކް --
ސާފް ޗެމްޕިއަންޝިޕް 2021 ގެ އޮފިޝިއަލް ލުކް --

ސާފް ޗެމްޕިއަންޝިޕް 2021 ގެ ބްރޭންޑިންގެ އޮފިޝަލް ލުކް.

އެ އެކަންޏެއް ނޫނެވެ. މުބާރާތުގެ ލޯގޯ އަށް ވެސް ދެ ޑިޒައިނަރުންގެ ވަނީ އުފެއްދުންތެރި ބަދަލެއް ގެނެސްފަ އެވެ. 1970 ގެ ވޯލްޑް ކަޕަށް ފީފާ އިން ތައާރަފްކުރި އެޑިޑާސް ޓެލްސްޓާ ބޯޅައިގެ ފަރުމާ އަށް، ފިތްތަކުގައި އެކި ކުލަ ޖައްސައިގެން ސާފުން ބޭނުންކުރަމުން އައި ލޯގޯ އަށް ޝާޒިފް އާއި އަބޯ ގެނައީ، ދެ މާނައެއް ދޭހަވާ ފަދަ ބަދަލެކެވެ. ބޯޅާއިގެ ފިތްތައް ބަދަލުކޮށްފައިވަނީ މަހުގެ ބައްޓަމަށެވެ. އަދި އެހެން ނަޒަރަކުން ބަލާއިރު ލިޔެލާޖެހި ވަށްޓެއްގެ ބައްޓަމަށެވެ. ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާއި ރާއްޖޭގެ ފަންނުވެރިކަން ފާޅުވާ ގޮތަށެވެ.

ލޯގޯ --
ލޯގޯ --

ސާފް ޗެމްޕިއަންޝިޕް 2021 ގެ ލޯގޯ.

ދެ ޑިޒައިނަރުންނަށް ބޮޑު ޝަރަފެއް

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން މުޅި ގައުމަށް އީދެއް އަ އެވެ. ކުދިބޮޑު އެންމެން އެ އުފަލުގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި އޭރު ސްކޫލް ކުދިންގެ ގޮތުގައި ތިބި އަބޯ އާއި ޝާޒިފް ހިމެނެ އެވެ. މާލޭގައި އޮތް ކާމިޔާބީގެ އުފާފާޅުކުރުންތަކުގައި ދެ މީހުން ވެސް ބައިވެރިވެ ފޯރި ނެގި އެވެ.

"ޕިޕަކްބުރު ޖަހަން ނުކުމެ އުޅުނިން. އެއީ ހީބިހި ނެގި ހިނދުކޮޅުތަކެއް،" ޝާޒިފް ބުންޏެވެ.

އެ މުބާރާތް އަލުން ރާއްޖެ އައުމާ އެކު، ދެ ޑިޒައިނަރުން ވެސް ބޭނުންވެފައި ތިބީ، ކުރީގެ ފޯރި ގެނައުމަށް ކޮންމެވެސް ހިއްސާއެއް ވުމަށެވެ. ނިއުޝާދުގެ ފަރާތުން ހުށަހެޅުން ލިބުމާ އެކު، ދެ ވަނަ ވިސްނުމަކަށް ނުގޮސް ޝާޒިފް ފުރުސަތުގެ ބޭނުން ހިފީ އެހެންވެ އެވެ.

"ފުޓްބޯޅައަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވެފައި، އެ ކުޅިވަރުގެ ތެރެއިން މިފަދަ ފުރުސަތެއް ލިބުމަކީ ބޮޑު ޝަރަފެއް،" ޝާޒިފް ބުންޏެވެ.

ރާއްޖޭން 2008 ގެ މުބާރާތް ކާމިޔާބުކުރިއިރު ފޯރިއަރުވަން ބޭނުންކުރި ޝިޔާރަކީ "މި ފަހަރު އަހަރެމެންގެ ފަހަރު" އެވެ. އޭރު ގްރޭޑް އަށެއްގައި ކިޔަވަމުންދިޔަ އަބޯގެ ޝައުގުވެރިކަން އެ ޝިޔާރު ބޮޑުއަކުރުން އަޅާފައިވާ ފަރުމާ އަށް ހުއްޓުނެވެ. އެހެންވެ މި ފަހަރުގެ މުބާރާތުގެ ހަބަރު ލިބުމާ އެކު އަބޯ ހުރީ އެފަދަ ފުރުސަތަކަށް ބަލަބަލަ އެވެ.

"ޑިޒައިނަރުންނަށްވާތީ ޝާޒިފްއާ ކޮފީތަކުން ބައްދަލުވޭ. އެހެން ހުއްޓާ އޭނާގެ ފަރާތުން ލިބުނީ ކޮލަބްރޭޝަނެއް ހަދަން. އެހެންވެ ވަގުތު ބޭނުންވީ ބައިވެރިވާން،" އަބޯ ބުންޏެވެ.

އެކަމަކު އޭރު ވެސް މިކުރެވެނީ ކިހާ ބޮޑު މަސައްކަތަކެއް ކަމަށް ހިތަކަށް ނުވަދެ އެވެ. ރާއްޖޭގައި އޮންނާތީ، ރާއްޖޭގެ ގައުމީ ޓީމު ކުޅޭތީ، މިއީ ލޯކަލް އިވެންޓެއް ކަމަށް ހީވެދާނެ އެވެ. އެކަމަކު މިއީ ދެ ބިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ބްރޭންޑިން އެވެ. ހާއްސަކޮށް އިންޑިއާގައި ފުޓްބޯޅައިގެ ފޯރިގަދަ ވަމުން އަންނާތީ އާއި އެ ގައުމުގެ ކްރިކެޓާއި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ލޯ ފުޓްބޯޅައަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިފަދަ މުބާރާތެއްގެ ބްރޭންޑިން އަށް ބޮޑު ސަމާލުކަމެއް ވެސް ހުއްޓޭނެ އެވެ.

މޮކަޕްއެއް --
މޮކަޕްއެއް --

މުބާރާތުގެ ބްރޭންޑިން ދަނޑުގެ ތެރެއިން ފެންނާނެ ގޮތުގެ މޮކަޕެއް.

އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ނޭޕާލުގެ ފުޓްބޯޅައިގެ ބޮޑު އޯޑިއަންސް ލައިވް ޓީވީން މެޗު ބަލާއިރު، ޓީވީ ގްރެފިކްސްގެ ތެރެއިންނާއި ދަނޑުގެ ތެރެއިން އަދި ކުޅުންތެރިންގެ ޖާޒީން މި ބްރޭންޑިން ފެންނާނެ އެވެ. އަދި މާލޭގައި ޓީމުތައް ދަތުރުކުރާ ބަސްތަކާއި އެކި ސަރަހައްދުތައް މި ބްރޭންޑިން އިން ޖަރީވާނެ އެވެ.

"އަޅުނޑުމެން ޑިޒައިން ކުރި އިރު ވިސްނާފައިވާނެ ހުރިހާ ދިމާލަކުން ބޭނުންކުރާއިރު، އޭގެ ރީތިކަން ފެންނާނެ ގޮތަކަށް ޑިޒައިންކުރަން. މި ބްރޭންޑިން އެޕްލައިވާނެ ތަންތަން ސިކުނޑީގައި ބަހައްޓައިގެން ފަރުމާކުރީ،" ގައުމީ ޓީމުގެ ޖާޒީ ފަރުމާކުރަން ހުޅުވާލި މުބާރާތުގެ އެއް ވަނަ މީގެ ކުރިން ހޯދާފައިވާ ޝާޒިފް ބުންޏެވެ.

އެންމެ ތިން ދުވަހުގެ މަސައްކަތުން ފައިނަލްކުރި މި ބްރޭންޑިންއާ މެދު ދެ ޑިޒައިނަރުން ވެސް ތިބީ ހިތްހަމަޖެހިފަ އެވެ. މިހާތަނަށް ލިބުނު ފީޑްބެކް ވެސް ރަނގަޅެވެ. އެކަމަކު ޝާޒިފް އާއި އަބޯ ވެސް ބުނީ އެންމެ ބޮޑު އުފަލަކަށްވާނީ މި ބްރޭންޑިން ވީހާ ވެސް ގިނައިން ބޭނުންކޮށް މުބާރާތުގެ ފޯރި މުޅި ރާއްޖޭގައި ގަދަވުން ކަމަށެވެ.

"މިއީ ލައިފްޓައިމް ފުރުސަތެއް އަޅުގަނޑުމެންނަށް،" އަބޯ ބުނެލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox