ދިވެހިރާއްޖެ އަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީ ކަމަށްވާ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބުކުރި ކުރުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު އަބްދުﷲ އަޒްމީން ލިޔުނު ފޮތެއް އެފްއޭއެމުން ޝާއިއުކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.
މި ފޮތް ނެރެދެއްވީ، ރާއްޖޭގައި އަންނަ މަހުގެ 1 ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ލޯންޗްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
އެފްއޭއެމުން ރާވާފައި ވަނީ ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކޮށް މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން މި ފޮތް ހިލޭ ބެހުމަށެވެ.
މި ފޮތުގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާއި އެފްއޭއެމް އާއި މީޑިއާގެ ތައްޔާރީތަކުގެ ވާހަކަތައް ހިމެނެ އެވެ. އަދި އެ ފަހަރު ޓީމުގެ ތެރޭގައި ދިމާވި މައްސަލަތަކާއި އެކަމުން އަރައިގަނެ ކާމިޔާބީ ހޯދި ގޮތުގެ ވާހަކަތައް ލިޔެފައިވެ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގެ ތައްޔާރީތަކާއި ޗެމްޕިއަންކަން ހޯދި ގޮތުގެ ތަފްސީލްތައް ހިމެނެ އެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އިންޓަވިއުއެއް ވެސް ހިމަނާފައިވެ އެވެ.

ފޮތުގެ ލިޔުންތެރިޔާ އަޒްމީން.
އަޒްމީން ބުނީ މިފޮތަކީ 2008 ގެ ކާމިޔާބަށް ހާއްސަކޮށް ލިޔުނު ފޮތެއް ކަމަށާއި އެކަމަކު ލިޔެ ނިންމާފައި އޮއްވާ 2018 ގެ ކާމިޔާބީ ލިބުމުން ބައްސާމްގެ އެދުމުގެ މަތިން އެބައި ހިމެނީ ކަމަށެވެ.
"އެބައިތަކާ އެކު ނެރެން ނިންމާފައި އޮއްވާ ކޮވިޑުގެ ހާލަތު އައީ. އެ ހިސާބުން ފަސްވެފައި އޮވެފައި، މި ނެރުނީ މި ފަހަރުގެ މުބާރާތާ ދިމާކޮށް،" އަޒްމީން ބުންޏެވެ.
އަޒްމީން ވަނީ އެ މުބާރާތް "ހަވީރު" ނޫހަށް ކަވަރުކޮށް އެ މުބާރާތުގެ ކޮމެންޓްރީ ޓީވީއެމް އަށް ގެނެސްދީފަ އެވެ. އެ މުބާރާތުގެ ފައިނަލް މެޗުގައި ރާއްޖޭގެ މުޚުތާރު ނަސީރު (ޓޫކިލޯ) އިންޑިއާ ކޮޅަށް ފަހު ވަގުތު ވައްދާލި ގޯލުގެ ރިލޭ އަޒްމީނާއި މުހައްމަދު ޝާހިދުގެ ގެނައި ގޮތް ގިނަ ބަޔެއްގެ ސިކުނޑީގައި ހަރުލާފައިވެ އެވެ.
އެމްއީއެސްގައި ކިޔަވަމުން ކުޅިވަރު ނޫސްވެރިކަން ކުރަން ފެށި އަޒްމީން އެންމެ ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކުރީ "ހަވީރު" އާއި "ޓީވީއެމް" އަށެވެ. އޭނާ ވަނީ ވީމީޑިއާ އާއި އަވަސް އޮންލައިންގައި ވެސް މަސައްތްކޮށްފަ އެވެ. މިވަގުތު މަސައްކަތްކުރަނީ ރައީސް އޮފީހުގަ އެވެ. އަދި އެފްއޭއެމްގެ މީޑިއާ ޑިޕާޓްމަންޓަށް ވެސް އެހީތެރިވެދެ އެވެ. އޭނާ ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް 2017 ގައި ހާސިލްކޮށްފަ އެވެ.












