ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގެ މި އަހަރުގެ މުބާރާތުގެ އޮންލައިން އެންޑް ޕީއާރް ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އަންނަ އޮކްޓޫބަރު 1-16 އަށް ބާއްވާ މުބާރާތުގެ މީޑިއާއާ ޕީއާރްއާ ގުޅޭ ހުރިހާ ކަމެއްގެ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައި އެކަމުގެ ފިލާ ހަވާލުކޮށްދެއްވީ މިރޭ ބޭއްވި ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން ލޯންޗްކުރުމުގެ އިވެންޓުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. "އަދަދު" ގެ ފަރާތުން ލިޔުމާ ހަވާލުވީ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އެވެ.
"އަދަދު" އަކީ މުބާރާތުގެ މިފަދަ ރަސްމީ ހައިސިއްޔަތެއް ލިބުނު ރާއްޖޭގެ ފުރަތަމަ މީޑިއާ އެވެ. މިދިޔަ އޭޕްރިލް 3 ވަނަ ދުވަހު ވުޖޫދުވި "އަދަދު" އަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މީޑިއާ ޕާޓްނަރެއް ވެސް މެ އެވެ.
"އަދަދު" އިން މުބާރާތުގެ ކުރިން، މުބާރާތް ޕްރޮމޯޓްކުރުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭނެ އެވެ. އަދި މުބާރާތް ފެށުމާ އެކު މެޗުތަކުގެ ހަބަރާއި ރިޕޯޓްތަކާއި ކުޅުންތެރިންނާއި ކޯޗުންގެ އިންޓަވިއުތައް ހިމެނޭ ކަވަރޭޖެއް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި މަލްޓިމީޑިއާ ކޮމްޕޯނަންޓް ވެސް ހިމެނޭނެ އެވެ. ކަވަރޭޖް ގެނެސްދޭނީ އެކަމަށްޓަކައި "އަދަދު" ގެ ވެބްސައިޓުގައި ގާއިމްކުރާ ހާއްސަ ސެކްޝަނެއްގަ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ ފެށުމަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާކް ގޯލްޑް ކަޕެވެ. މުބާރާތް ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ބާއްވަން ފެށީ 1997 ވަނަ އަހަރު އެވެ. މިހާތަނަށް 12 ފަހަރު ބާއްވާފައިވާއިރު ރާއްޖޭން ވަނީ ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެންމެ ކާމިޔާބު ގައުމަކީ ހަތް ފަހަރު ތަށި ހޯދާފައިވާ އިންޑިއާ އެވެ. ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީ ލަންކާ، މީގެ ތެރެއިން ކޮންމެ ގައުމަކުން ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ލަންކާއާ ގުޅިގެންނެވެ. މުބާރާތް ހުޅުވި މެޗު މާލޭގައި އޮތްއިރު ފައިނަލް ކުޅެ ރާއްޖެ ތަށި ނެގީ ކޮލަމްބޯގަ އެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.












