ކ. ތުލުސްދޫގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާގެ އޮފީހުގެ ތިޖޫރީ ފަޅާލުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި އެވެ.
ފުލުހުން މީޑިއާ އޮފިޝަލަކު މިއަދު ބުނީ ކ. އަތޮޅު ކައުންސިލް އޮފީހަށް ވަގުން ވަދެ، ތިޖޫރީގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:15 ގައި ކަމަށެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން އަތޮޅު އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ފިރާގް ވިދާޅުވީ އޮފީސް ފަޅާލާފައި ހުރިކަން އެނގުނީ މިއަދު އޮފީސް ހުޅުވުމަށް ދިޔުމުން ކަމަށެވެ.
"އެއް ލައްކަ ރުފިޔާ ނުހުންނާނެ ކަމަށް އެކައުންޓްސްއިން އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ފިރާގް ވިދާޅުވި އެވެ.
ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވީ އަތޮޅު އޮފީހަށް ވަގުން ވަދެފައި ވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ނަމަވެސް އިތުރު އޭނާއަކަށް ނޭނގެ އެވެ.

އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުންގެ ފޮރެންސިކް ޓީމަކުން ދަނީ ކްރައިމް ސީންގައި ހަރަކާތްތެރިވަމުންނެވެ.












