ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 12) - ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ ޓެނިސް ތަރި، އުމުރުން 18 އަހަރުގެ އެމާ ރަޑުކާނީ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދުމާ އެކު 44 އަހަރަށް ފަހު އިނގިރޭސި އަންހެން ކުުުޅުންތެރިއަކަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބު ކުރުމުގެ ޝަރަފް ލިބިއްޖެ އެވެ.
އެމާގެ ކާމިޔާބީ އެންމެ ހާއްސަވާ އެއް ސަބަބަކީ އޭނާ މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ފައިނަލް މެޗުން މޮޅުވުމާ ހަމައަށް ކުޅުނު އެއްވެސް މެޗެއްގައި ސެޓެއް ވެސް ނުގެއްލި މި ކާމިޔާބު ހޯދުމެވެ. ރޭ ކުޅުނު ފައިނަލުގައި އެމާ ވަނީ ކެނަޑާގެ އުމުރުން 19 އަހަރުގެ ލޭލާ ފެނާންޑޭޒް އަތުން 6-4 6-3 އިން މޮޅުވެފަ އެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން އޭ ލެވަލް ޓެސްޓްތައް ހަދައި ހިސާބާއި އިކޮނޮމިކްސް އިން އެންމެ މަތީ މާކްސް ހޯދި އެމާ ޕްރޮފެޝަނަލް ޓެނިހަށް ފުރަތަމަ ފަހަަރަށް ނުކުމެ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގައި އަލަށް ވާދަކޮށް ވިމްބަލްޑަން ޓެނިސް މުބާރާތުގައި ތަފާތު ދެއްކި އެވެ. އެއީ އަމިއްލަ ފަސް ގަނޑުގައި ކުޅުނު މުބާރާތެއް ކަމުން އެމާ އަށް މުބާރާތް ފަށައިގެން ކޮންފިޑެންސާ އެކު ކުޅެލަން ހިތްވަރު ލިބުނެވެ.
އެކަމަކު، ވިމްބަލްޑަން އިން އެމާ ކެޓީ ހިތްދަތި ގޮތަކަށެވެ. އެއީ ގަދަ 16 ކުޅުންތެރިންގެ ބުރުގެ މެޗުގެ ތެރެއިން އެމާ އަށް ނޭވާލާން އުނދަގޫ ވެގެން މެޗު ދޫކޮށްލަން ޖެހުނެވެ. އަލުން ކޯޓަށް އައިސް މި ފަހަރުގެ ޔޫއެސް އޯޕަންގައި އެމާ މި ވަނީ ތަފާތު ރޫހެއް ދައްކައި ޗެމްޕިއަންކަން ހޯދައިފަ އެވެ. ޕްރެޝަރުގައި ޓެނިސް ކުޅެލަން އޭނާ ތައްޔާރުކަން ސާބިތުކޮށްދިނެވެ.
"ވަރަށް ގިނަ މީހުންގެ މަސައްކަތުން މިހިސާބަށް އާދެވުނީ. އެކަމަކު، އަހަންނެއް ދުވަހަކު ވެސް ހިއެއްނުކުރަން މި އުމުރުގައި ގްރޭންޑް ސްލޭމް ޗެމްޕިއަނަކަށް ވާނެ ކަމަށް. މީގެ ދެ މަހެއް ކުރިން އަހަންނަނީ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއް ނޫން، ސްކޫލް ކުއްޖެއް،" އެމާ ބުންޏެވެ.
ކުރިން ޔޫއެސް އޯޕަންގެ ސިންގަލްސްގެ ކޮންމެ ކެޓަގަރީއެއްގެ ޗެމްޕިއަނުންނަށް ތިން މިލިއަން ޑޮލަރު ދެމުން އައި ނަމަވެސް މި ފަހަރު ދޭނީ ކެޓަގަރީ އަކަށް 2.5 މިލިއަން ޑޮލަރެވެ.
އެހެންކަމުން، އެމާ އަށް އިނާމް ފައިސާގެ ގޮތުގައި 2.5 މިލިއަން ޑޮލަރު ލިބޭއިރު، މާދަމާ ނެރޭ ޓެނިހުގެ ރޭންކިންގައި އެމާ އަށް އަންހެން ކުޅުންތެރިންގެ ރޭންކިން އިން ދުނިޔޭގެ 23 ވަނަ އަށް ޖެހިލެވޭނެ އެވެ. އޭރުން އޭނާ ވެގެންދާނީ އިނގިރޭސި އަންހެން ކުުޅުންތެރިންނަށް ބަލާއިރު، އެއް ވަނަ ކުޅުންތެރިޔާ އަށެވެ. އެމާ، މި ފަހަރުގެ ޔޫއެސް އޯޕަން އަށް ނުކުތްއިރު، އެމާ އޮތީ ދުނިޔޭގެ 150 ވަނައިގަ އެވެ.
އެމާ އަށް ތާރީހީ ރެކޯޑްތަކެއް
އެންމެ ފަހުން ގްރޭންޑް ސްލޭމް ތަށްޓެއްގައި އަތްލި އިނގިރޭސި އަންހެން ކުޅުންތެރިއަކީ 1977 ވަަނަ އަހަރު ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރީ ވާޖީނިއާ ވޭޑް އެވެ. ޔޫއެސް އޯޕަންގެ ކާމިޔާބީއާ އެކު އެމާ މި ވަނީ އިނގިރޭސި އަންހެން ކުޅުންތެރިން ގްރޭންޑް ސްލޭމެއްގެ ޗެމްޕިއަންކަން ހޯދަން ކުރި އިންތިޒާރަށް 44 އަހަރަށް ފަހު ނިމުން ގެނެސްފަ އެވެ. އަދި އެމާ އަކީ 1968 ވަނަ އަހަރަށް ފަހު ޔޫއެސް އޯޕަން ކާމިޔާބުކުރާ އިނގިރޭސި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ.
މީގެ އިތުރުން ވެސް އެމާގެ ކާމިޔާބީ ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ.
އޯޕަން އިރާ ފެށުނު ފަހުން (1968 ވަނަަ އަހަރުން ފެށިގެން) މިހާތަނަށް ކޮލިފައިން ބުރުން ފަށައިގެން އައިސް ގްރޭންޑް ސްލޭމެއް ކާމިޔާބު ކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަކީ އެމާ އެވެ. އެމާ އަކީ 2004 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމެއް ކާމިޔާބުކުރި އެންމެ ޒުވާން އަންހެން ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2004 ވަނަ އަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރި ރަޝިއާގެ ކުރީގެ ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އަތުގަ އެވެ.
އެމާ އަކީ 2014 ވަަަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި ލެޖެންޑް، ސެރީނާ ވިލިއަމްސް އަށް ފަހު ސެޓެއް ވެސް ނުގެއްލި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ.
ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދިއިރު، އެމާ ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް އަންނަނީ ގިނަ ބަޔަކުގެ ތައުރީފު އޮއްސެމުންނެވެ. ހާއްސަކޮށް ޓެނިހުގެ ދުނިޔޭގައި މި ވަގުތު އެންމެ ގިނައިން ދެކެވެނީ އެމާގެ ވާހަކަ އެވެ.












