ކޮވިޑާ ގުޅިގެން ފަސްކުރި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގްރެޖުއޭޝަން ރަސްމިއްޔާތު އަންނަ އޮކްޓޫބަރުގައި ބާއްވަން ނިންމައިފި އެވެ.
މިއީ މިދިޔަ އަހަރުގެ މާޗު 8 ގައި ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި ރަސްމިއްޔާތެކެވެ. ނަމަވެސް މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖޭން ފުރަތަމަ ކޮވިޑް ކޭސް ރިޕޯޓް ކުރުމާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ގްރެޖުއޭޝަން ފަސް ކުރި އެވެ.
އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ މި އަހަރު ގްރޭޖުއޭޓުވާން ތިބީ ޖުމްލަ 1400 ދަރިވަރުން ކަމަށެވެ. އެއީ 2019 އަދި 2020 ވަނަ އަހަރުގެ ގްރެޖުއޭޝަން އެވެ.
މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 17 އާއި 21 އާ ދެމެދު ތާރީހެއްގައި ރަސްމިއްޔާތު ބާއްވާށެވެ. ޝަރީފް ވިދާޅުވީ ވަކި ދުވަހެއް އަދި ކަނޑަނޭޅި އޮތީ ދަރިވަރުންނަށް ގްރޭޖުއޭޝަން ބާއްވާ ދުވަހަށް ނާދެވިދާނެތީ ކަމަށެވެ.
"ކުދިންނަށް އާދެވޭނެ އަދަދު ބަލާފަ، އަޅުގަނޑުމެން ދުވަހާ އެެއްޗެހި ކަނޑައަޅާނީ،" ޝަރީފް ވިދާޅުވި އެވެ.












