އަންނަ މަހު ކުޅެން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމަށް ދިވެހި ކުޅިވަރުގެ ތިން ލެޖެންޑުންގެ ސެޝަނެއް ނަގައިދީފި އެވެ.
އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ގައުމީ ޓީމުގެ ބައްދަލުވުމެއްގައި ޓީމުގައި މި ވަގުތު ތިބި 30 ކުޅުންތެރިންނާއި އޮފިޝަލުން އަދި އެފްއޭއެމްގެ ވެރިންނާ މުހާތަބުކޮށް ވާހަކަ ދެއްކީ ކުޅިވަރުގެ ދާއިރާ އިން ޕީއެޗްޑީ ނަންގަވާފައިވާ އަދި ކާމިޔާބު އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން) އާއި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލި ކެޕްޓަން އައްސަދު އަބްދުލް ގަނީ އަދި ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) އެވެ.
މާދަމާ ގަތަރު ޓްރެއިނިން ކޭމްޕް ފުރުމުގެ ކުރިން އިއްޔެ ބޭއްވި ސެޝަނާ ބެހޭގޮތުން ޝާހު ވިދާޅުވީ ގައުމީ ޓީމާ އެ ގޮތަށް ބައްދަލުވެ، ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ. އަދި ޝާހު ވަނީ ގައުމީ ޓީމުން ގަތަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޓްރެއިނިން ކޭމްޕާއި ސާފް ޗެމްޕިއަންޝިޕްގައި ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ކުޑަ ހުސެން ނަގާފައިވާ ފޮޓޯއެއް.
ކުޑަ ހުސެން ވިދާޅުވީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމަށް ވެސް މޮޓިވޭޝަނަލް ސްޕީޗެއް ދޭން ފުރުސަތު ލިބުނު ކަމަށެވެ. އަދި އެ ފަހަރު ރާއްޖޭން މުބާރާތުގެ ތަށި ހޯދި ގޮތަށް މި ފަހަރު ވެސް އެ ކާމިޔާބީ ތަކުރާރުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އައްސަދު އާއި ޝާހު އަދި ކުޑަ ހުސެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ވަގުތު ކޮޅެއް ހުސްކޮށްދެއްވީތީ ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފަ އެވެ.
ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ގައުމީ ޓީމުން އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. މާދަމާ ހެނދުނު ގަތަރު ޓްރެއިނިން ކޭމްޕް ފުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެނބުރި އަންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.
އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ފަހުން އަންނަ މަހު ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝާ ކުޅޭނެ އެވެ. ސްރީލަންކާއާ ދެކޮޅަށް 10 ވަނަ ދުވަހު ހަވީރު ކުޅޭ މެޗަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެރޭގަ އެވެ. ފައިނަލް އޮންނާނީ 16 ވަނަ ދުވަހުގެރޭގަ އެވެ.












