ރިޕޯޓުތަފާސްހިސާބު: ނަމްބަރުތަކުގެ ފަހަތުގައިވާ ބުރަބޮޑު، އަގުހުރި މަސައްކަތް!

ތަފާސްހިސާބު: ނަމްބަރުތަކުގެ ފަހަތުގައިވާ ބުރަބޮޑު، އަގުހުރި މަސައްކަތް!

"ޖީޑީޕީއަކީ ހަމައެކަނި އެއް ނަންބަރު. އެކަމަކު އެއާ ހަމައަށް ވާސިލްވާން އެތައް ކަމެއް ކުރަންޖެހޭ. ޖީޑީޕީ ބަލާއިރު އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުގެ ބަޖެޓު ގެންނަން، ކުންފުނިތަކުގެ މައުލޫމާތު އެއްކުރަން. ފިޝާރީޒް، ޓުއަރިޒަމްގެ ވެސް ހުރިހާ މައުލޫމާތެއް ގެނެސްގެން މި ހޯދެނީ."

މާލޭ މަގުމަތީގައި ބަޔަކު މީހުން ހަރަކާތްތެރިވަނީ: ބިއުރޯއިން ބަލާ އެންމެ މުހިންމު އެއް ތަފާސްހިސާބަކީ ގްރޭޓާ މާލޭ ރީޖަންގެ ކުލީގެ އަގުތައް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
މާލޭ މަގުމަތީގައި ބަޔަކު މީހުން ހަރަކާތްތެރިވަނީ: ބިއުރޯއިން ބަލާ އެންމެ މުހިންމު އެއް ތަފާސްހިސާބަކީ ގްރޭޓާ މާލޭ ރީޖަންގެ ކުލީގެ އަގުތައް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަޖީދީ މަގުގައި ހުންނަ އަގޯރާ ބޮޑު ފިހާރައަށް އެންމެ ގިނައިން ވަދެ، އެކަމަކު އެއްޗެއް ނުގަނެ ނިކުންނަ މީހަކީ ގދ. ތިނަދޫ، ފައިވް ރޯސް، ނުޖޫމް ހަސަން އެވެ. ހަފްތާއަކު މަދުވެގެން ފަސް ދުވަހު އޭނާ އެ ފިހާރައަށްދެ އެވެ. މިއަދު ހެނދުނު ބޯކޮށް ވެހެމުންދިޔަ ވާރޭ ހުއްޓާލުމާއެކު ވެސް ނުޖޫމް އެންމެ ފުރަތަމަ މިސްރާބު ޖެހީ އަގޯރާއާ ދިމާލަށެވެ.

އެއްޗެއް ނުގަތަސް އަދި ކިތަންމެ ބައިބޯ ދުވަހެއް ނަމަވެސް ފިހާރަ ތެރޭގައި ނުޖޫމް ކޮންމެ ދުވަހަކު ވެސް ދެ ގަޑިއިރެއްހާއިރު ހޭދަ ކުރެ އެވެ. އެ ހުރިހާ އިރަކު އޭނާ ކުރާ މަސައްކަތަކީ އަތުގައި އޮންނަ ފައިލަކުން ބެލުމަށްފަހު އޭގައި ހުރި ތަކެތި ފިހާރައިގެ ހަރުގަނޑުތަކުން ހޯދުމެވެ. އަދި ނުޖޫމް ބަލާ އެއްޗެއް ބެލުމަށްފަހު އަނެއްކާ ވެސް ނެގި އެތި ހަރުގަނޑަށް ލަ އެވެ.

"މިސާލަކަށް މި ލިސްޓުގައި އޮތް އައިޓަމެއް ނަމަ އަޅުގަނޑު ބަލާނެ ކިތައް ގުރާމުތޯ އޭގައި ހުރީ، ޕެކްކޮށްފައި ހުރީ ކިހިނެއްތޯ، ވިއްކަނީ ކޮން އަގަކަށްތޯ، ވިއްކަނީ ޕެކެޓް ވަކިންތޯ އަދި އަގު ބަދަލުވެފައި ހުރި ނަމަ އެ ސަބަބު ވެސް ބަލާނެ،" ޗޮކޮލެޓް ކޭކު ޕެކެޓެއް އަތަށް ލައިގެން ހުރެ ނުޖޫމް، 25، ކިޔައިދިނެވެ. "މިފިހާރައިގެ އެކަނި ވެސް 1000 ވުރެ ގިނަ އައިޓަމް އަޅުގަނޑުމެން ޗެކް ކުރާނެ."

އަގޯރާ ނޫނަސް ކިތަންމެ ފިހާރައަކަށް ނުޖޫމް އަދި އޭނާގެ އޮފީހުގެ މުވައްޒަފުން ވަދެ އެވެ. މަސް މާރުކޭޓަށް ގޮސް މަހުގެ އަގު ބަލަ އެވެ. ސެލޫންތަކަށް ވަދެ ދޭ ހިދުމަތްތަކާއި އަގުތައް ބަލަ އެވެ. ގެތަކަށް ވަދެ ކުލީގެ އަގު ބަލަ އެވެ. ގަރާޖުތަކަށް ގޮސް ވެހިކަލް ހަދައިދޭ އަގު ބަލަ އެވެ. ކަރަންޓާއި ފެން ވިއްކާ އަގު ބަލަ އެވެ. ހޮޓާތަކަށްވަދެ ހެދިކާ ވިއްކާ އަގު ހޯދަ އެވެ. އަދި އިންޓަނެޓާއި އިންޝުއަރަންސް ވިއްކާ އަގުތައް ވެސް ބަލަ އެވެ. މި ހުރިހާ ކަމެއް ކުރަނީ ހަމަ އެންމެ ބޭނުމެއްގަ އެވެ.

ނުޖޫމް އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި އޭނާއާއެކު މަސައްކަތް ކުރާ ކޮލީގުން އެ ކުރާ ކަމަކީ ކޮންސިއުމާ ޕްރައިސް އިންޑެކްސްއަށް ބޭނުންވާ ތަފާސްހިސާބު ހޯދުމެވެ. އިގްތިދާސީ މާހިރުން އެބޭފުޅުންގެ ލަފާތައް ބިނާ ކުރަނީ ނުޖޫމް ފަދަ ފީލްޑް އޮފިސަރުން ސީޕީއައި އަަށް ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އިގްތިސާދު ރަނގަޅުވަމުންދާކަން ނުވަތަ މިސްރާބު ދަނީ ބަދަލު ކުރަންޖެހޭކަން އެއްކަލަ މާހިރުންނަށް ދަނެގަންނަނީ މި ފީލްޑް އޮފިސަރުންގެ މަސައްކަތަށް ބެލުމަށްފަހު އެވެ. އަދި ސަރުކާރުގެ ރައްޔިތުންނަށް ދޭ އެތައް ޕޮލިސީއެއްގެ ފެށުމަކީ ވެސް ސީޕީއައި އިން އެބޭފުޅުންނަށް ދަސްވާ އެއްޗެކެވެ.

ތަފާސް ހިސާބުގެ މުހިންމުކަން

ތަފާސްހިސާބު އެއްކުރާ މީހުންނަކީ ހަމައެކަނި ރޯ ޑޭޓާ އެއްކުރާ މީހުންނެއް ނޫނެވެ. ޑޭޓާ އެއްކޮށް، ތަރުތީބުކޮށް، އެނަލައިޒްކޮށް، އެއިން އެ ފަންނުގެ މީހުން އެއްޗެހި ދޭހަ ކުރުވު އެވެ. ސައިންސްވެރިން އެމީހުންގެ ނިންމުންތައް ބިނާ ކުރަނީ ވަރަށް ގިނަ ފަހަރު ތަފާސްހިސާބުގެ މައްޗަށެވެ.

ދިވެހިރާއްޖޭގައި ވެސް، އެހެން ގައުމުތަކޭ އެއްގޮތަށް، ޕޮލިސީ ރޭވުމާއި އިގްތިސާދު ބިނާ ކުރުމަށް ތަފާސް ހިސާބުގެ ބޭނުން ވަރަށް ބޮޑަށް ހިފަ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވެސް ތަފާސްހިސާބުގެ މުހިންމުކާމެދު ވާހަކަ ދެއްކެވި އެވެ.

"މީގެ އެއް މިސާލަކީ ކޮވިޑް ޕެންޑެމިކް. ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންނަށް ސްޓެޓިސްޓިކްސްގެ މުހިންމުކަން އެނގުނު. މިއީ ކުޑަ މިސާލެއް ސްޓެޓިސްޓިކްސް ބޭނުން ކުރަމުން އަންނަ ގޮތުގެ،" އޭނާ ވިދާޅުވި އެވެ.

އައިޝާ ފާހަގަ ކުރެއްވި ގޮތަށް، ކޮވިޑު ޖެހޭ މީހުންނާއި އެނދުމަތި ކުރާ މީހުންނާއި މަރުވާ މީހުންނާއި ބަލި ޖެހޭ އުމުރުތަކުގެ މީހުންގެ ހިސާބުތައް އަހަރުމެންނަށް ވަރަށް މުހިންމުވި އެވެ. އަދި މި ހިސާބުތަކަށް ބަލައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ވަނީ ބޮޑެތި ނިންމުންތަކެއް ނިންމައިފަ އެވެ. އެގޮތުން ބޯޑަރު ބަންދު ކުރުން، ފުރަމާލެ ލޮކްޑަައުން ކުރުމާއި ވިޔަފާރިތައް ބަންދު ކުރުން ހިމެނެ އެވެ.

"ސްޓެޓިސްޓިކްސްގެ ބޭނުންކޮށްގެން ސަރުކާރުން ވެސް އަމިއްލަ ވިޔަފާރިތަކުން ވެސް ޕޮލިސީތައް ހަދަނީ. އަދި ދިރާސާ ކުރާ ފަރާތްތަކުން ވެސް ސްޓެޓިސްޓިކްސްގެ ބޭނުންކޮށްގެން އާ ހޯދުންތައް ހޯދުން ފަދަ މުހިންމު މަސައްކަތް ކުރޭ،" އައިޝާ ކިޔައިދެއްވި އެވެ.

ދިވެހިރާއްޖޭގެ ހާލަތު

އައިޝާ އާއި އޭނާގެ މުވައްޒަފުން ގާތްގަނޑަކަށް ސާޅީހަކަށް ތަފާސްހިސާބު ރިޕޯޓް އަހަރު އެއް ކުރެ އެވެ. އޭގެ ތެރޭގައި ސީޕީއައިގެ އިތުރުން ޖީޑީޕީ ހޯދުމަށް ކުރަންޖެހޭ އެކި ދިރާސާތަކާއި ރެންޓަލް ސާވޭ އޮގް ގްރޭޓާ މާލޭ ރީޖަން އާއި ތަފާސްހިސާބުގެ އަތްމަތީ ފޮތާއި ޕޮޕިއުލޭޝަން ޕްރޮޖެކްޝަނާއި އިކޮނޮމިކް ސާވޭ އާއި ސީ ޓްރާންސްޕޯޓް ސާވޭ އާއި ލޭބާ ފޯސް ސާވޭ ޖެންޑާ ސްޓެޓިސްޓިކްސް އާއި އިންފޯމަލް ސެކްޓާ ސާވޭ ހިމެނެ އެވެ.

"މިއީ ހަމައެކަނި ބައެއް މަސައްކަތް. މީގެ އިތުރުން ވެސް އަޅުގަނޑުމެން އޮފީހުން ބައިވަރު މަސައްކަތްތައް ކުރާނެ. ހާއްސަ މުނާސަބުތަކާ ދިމާކޮށް ވެސް ތަފާސްހިސާބު ނެރޭނެ. މިސާލަކަށް ލޭބާ ޑޭ، މައިންގެ ދުވަސް، އާބާދީ ދުވަސް އަދި ޒުވާނުންގެ ދުވަސް ހިމެނޭ،" އައިޝާ ކިޔައިދިނެވެ.

އަދި އެ ކޮންމެ ދިރާސާއެއް ކުރުމުގައި ވެސް ވަރަށް ގިނަ މަސައްކަތް އަދި ވަރަށް ގިނަ މަރުހަލާ ހުރެ އެވެ. ނިމޭއިރު ފެންނަ ރިޕޯޓުގައި ކުޑަ ނަންބަރެއް އޮތް ނަމަވެސް އެ ނަންބަރާ ހަމައަށް ވާސިލްވުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވަރަށް ގިނަ މަސައްކަތް ކުރަންޖެހެ އެވެ.

"ޖީޑީޕީއަކީ ހަމައެކަނި އެއް ނަންބަރު. އެކަމަކު އެއާ ހަމައަށް ވާސިލްވާން އެތައް ކަމެއް ކުރަންޖެހޭ. ޖީޑީޕީ ބަލާއިރު އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުގެ ބަޖެޓު ގެންނަން، ކުންފުނިތަކުގެ މައުލޫމާތު އެއްކުރަން. ފިޝާރީޒް، ޓުއަރިޒަމްގެ ވެސް ހުރިހާ މައުލޫމާތެއް ގެނެސްގެން މި ހޯދެނީ،" އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އައިޝާގެ އޮފީހުގެ ތިބޭ އެންމެ 35 ވަރަކަށް މުވައްޒަފުންނެވެ. އިދާރީ ކަންކަމާއި ސާވޭތަކަށް ސުވާލުތައް ތައްޔާރު ކުރުމާއި ފީލްޑަށް ނިކުތުމުން ފެށިގެން ތަފާސްހިސާބު އެއްކޮށް ރިޕޯޓެއްގެ ސިފައިގައި އެ ނެރެނީ ވެސް ހަމަ ބިއުރޯގެ އެ މަދު މުވައްޒަފުންކޮޅުގެ މަސައްކަތުންނެވެ. މިއީ، ސީރިއަސްކޮށް ތަފާސްހިސާބުގެ ދާއިރާ ނަގާ ގައުމަކާ އަޅާބަލާއިރު ވަރަށް މަދު މީހުން ކަމަށް އައިޝާ ދެކެ އެވެ.

"މުސާރައާ އެކަށީގެންނުވާ މިންވަރަށް ވޯކްލޯޑް މާ ބޮޑުވީމަ ވަރަށް ކޮމިޓެޑް މީހުން ވީމަ މިހާރު ތިބި މީހުން ވެސް ހަރުލާފައި އެ ތިބެނީ. މިހާރަށް ވުރެ ރަނގަޅު މުސާރައަކާއި އުޖޫރައެއް ލިބެންޖެހޭ. އެހެން ގައުމުތަކުގައި މިއީ ވަރަށް ޕްރޮފެޝަނަލް އަދި ޑިމާންޑް ވެސް އޮތް ދާއިރާއެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަގު މިއަށްވުރެ ބޮޑަށް ވަޒަންކުރަންޖެހޭނެ،" ދާއިރާގެ ފައިދާއަށް އައިޝާ އަޑުއުފުއްލެވި އެވެ.

އަނެއް މައްސަލައަކީ ބަޖެޓުގެ ދަތިކަމެވެ. އެހާ ގިނަ ސާވޭ ކުރަން ބިއުރޯއާ މަތިކޮށްފައި އޮންނައިރު ވެސް އެ މަސައްކަތްތައް ގަވާއިދުން ކުރުމަށް ބޭނުންވާ ބަޖަޓެއް ހަމަޖެހިފައެއް ނޯވެ އެވެ. އެހެންކަމުން ބައެއް ސާވޭތައް ގަވާއިދުން ފުރިހަމައެއް ނުކުރެވެ އެވެ.

"ވަރަށް ބައިވަރު މައުލޫމާތު އެއްކުރަން އެބަހުރި. އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ ބަޖެޓުގެ މައްސަލަ. މިސާލަކަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރު އާމްދަނީ އާއި ގޭބީސީގެ ދިރާސާއެއް ކުރަން. އެކަމަކު އެ ފްރިކުއެންސީގައި އަޅުގަނޑުމެންނަށް ނުހެދިދާނެ،" އޭނާ ވިދާޅުވި އެވެ.

ބިއުރޯއަށް އަށް ދިމާވާ އަނެއް މައްސަލައަކީ ތަފާސްހިސާބުގެ ދާއިރާއަށް ދީފައިވާ އަހައްމިއްޔަތެވެ. ވަރަށް ގިނަ ތަފާސްހިސާބު އެއްކުރަނީ ސީދާ ބިއުރޯއިން ނަމަވެސް ބައެއް ކަހަލަ ސްޓެޓިސްޓިކްސް ދޭންޖެހެނީ ސަރުކާރުގެ ބައެއް އިދާރާތަކުންނެވެ. ނަމަވެސް އެ މަސައްކަތް ކުރަން އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން ހަމަޖައްސާފައެއް ނުވެ އެވެ.

"ރާއްޖޭގައި މި އޮންނަނީ ޑިސެންޓްރަލައިޒްޑް ސްޓެޓިސްޓިކަލް ސިސްޓަމެއް. އޭގެ މާނައަކީ އެހެން ގައުމުތަކުގަ އޮންނަ ގޮތަށް ސްޓެޓިސްޓިކަލް ވުޒާރާއިންނެއް ނޫނޭ ހުރިހާ ސްޓެޓިސްޓިކްސްތަކެއް ޖެނެރޭޓް ކުރާނީކީ. މިސާލަކަށް ފިޝަރީޒްއާ ބެހޭ ސްޓެޓިސްޓިކްސް ޖެނެރޭޓް ކުރަނީ ފިޝަރީޒް މިނިސްޓްރީން. ޓުއަރިޒަމާ ބެހޭ ސްޓެޓިސްޓިކްސްވެއްޖެއްޔާ ޓުއަރިޒަމް މިނިސްޓްރީން،" އައިޝާ ކިޔައިދިނެވެ.

"ވަރަށް ބޮޑެތި ވުޒާރާތަކުގައި ވެސް ހުރެދާނެ އެންމެ ސްޓާފެއް ސްޓެޓިސްޓިކްސްއަށް. ވަކި ޑިޕާޓްމަންޓެއް ވެސް ނެތް ގޮތަށް."

އައިޝާ ގަބޫލު ކުރައްވާ ގޮތުގައި ތަފާސްހިސާބުގެ ދާއިރާއަކީ ކުރިމަގު އޮތް އަދި ވަރަށް ފުޅާ ކުރެވިދާނެ ދާއިރާއެކެވެ. އޭނާގެ އުއްމީދަކީ ޗީފް ސްޓެޓިސްޓިޝަނުގެ މަގާމުގައި ހުންނަވައިގެން ދާއިރާ މިހާރަށް ވުރެ ތަރައްގީ ކުރުމެވެ.

"އަޅުގަނޑުގެ ބޭނުންވަނީ ތަފާސްހިސާބުގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ތަރައްގީކޮށް ތަފާސްހިސާބުގެ ބޭނުން ސަރުކާރާއި އާންމު ފަރާތްތަކާއި ވިޔަފާރިތަކުން ވެސް މިހާރަށްވުރެ ބޮޑަށް ބޭނުން ކުރުން. ތަފާސްހިސާބު ފޯރުކޮށްދިނުމަށް އާ ގޮތް ގޮތަށް އެއް ކުރުން. އަދި މި ދާއިރާގައި އެބަހުރި އަޅުގަނޑުމެންނަށް ޑޭޓާ ނެގުމުގައި އެކްސްޕްލޯ ނުކުރެވި ހުރި ގޮތްތައް. މިސާލަކަށް ބިގް ޑޭޓާ،" އޭނާގެ ވިޝަން އައިޝާ ހިއްސާ ކުރި އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox