ރިޕޯޓުބަލި ހިތެއްގެ ކެކުޅުމުގެ ތެރެއިން މަންމައެއްގެ އުއްމީދު

ބަލި ހިތެއްގެ ކެކުޅުމުގެ ތެރެއިން މަންމައެއްގެ އުއްމީދު

"ޑޮކްޓަރު ބުނީ ދަރިފުޅުގެ ހިތުގެ ނާރެއް ނެތޭ ފެންނާކަށް, އަޅުގަނޑަށް ނޭނގެ ހުރެވުނު ތަނެއް ވެސް, އެހާ އުނދަގުލުން ލިބުނު ދަރިއެއްދޯ, ހިތުގެ ތިން ލޯ ވަޅު ވެސް އެބަހުރި," ހިންދިރުވާލުމަށްފަހު މޫނިސާގެ އޭނާގެ ވާހަކަ ކިޔައިދޭން ފެށި އެވެ.

ޒިވިއާންއާއެކު މޫނިސާގެ ދެމަފިރިން: ހިތުގެ މައި ނާރު ނެތް ޒިވިއާންގެ ސާޖަރީތައް ހެދުމަށް ފައިސާގެ އެހީތެރިކަން ބޭނުންވޭ - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު
ޒިވިއާންއާއެކު މޫނިސާގެ ދެމަފިރިން: ހިތުގެ މައި ނާރު ނެތް ޒިވިއާންގެ ސާޖަރީތައް ހެދުމަށް ފައިސާގެ އެހީތެރިކަން ބޭނުންވޭ - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

މަހަކު އެއް ފަހަރު ގަޔަށް ލޭ އަޅަން ޖެހޭ މޫނިސާ ރަޝީދު އުޅެމުންދާ އާދައިގެ ދިރިއުޅުމުގައި އޭނާ ދެކޭ ހުވަފެން ވަރަށް ސާދާ އެވެ; އުފާވެރި ކައިވެންޏެއްގައި, ލޯބިލޯބި ދަރިއަކާއެކު ހިތްހަމަޖެހޭ ދުވަސްތަކެއް ހޭދަކުރުމެވެ.

ނަމަވެސް, އެ ހުވަފެނަށް މޯޅިވެރިކަން ގެނައީ ފުރާނަ އަތް މައްޗަށް ލައިގެން ހޯދި ދަރިފުޅަށް ދިމާވި ސިއްހީ ބޮޑެތި މައްސަލަތަކެވެ. ސިޒޭރިއަން އަށް ފަހު ދަރިފުޅު ދެކެން ކެތްމަދުވެފައި ހުރި މޫނިސާގެ އަތަށް ދަރިފުޅު ގެނެސް ދިނުމުގެ ކުރިން, ޑޮކްޓަރުން އޭނާގެ ކަންފަތާ ހަމައަށް ގެނައީ އެ ހިތާމަވެރި ހަބަރެވެ.

"ޑޮކްޓަރު ބުނީ ދަރިފުޅުގެ ހިތުގެ ނާރެއް ނެތޭ ފެންނާކަށް, އަޅުގަނޑަށް ނޭނގެ ހުރެވުނު ތަނެއް ވެސް, އެހާ އުނދަގުލުން ލިބުނު ދަރިއެއްދޯ. ހިތުގެ ތިން ލޯ ވަޅު ވެސް އެބަހުރި ކަމަށް ޑޮކްޓަރު ބުނީ," ހިންދިރުވާލުމަށްފަހު މޫނިސާގެ އޭނާގެ ވާހަކަ ކިޔައިދޭން ފެށި އެވެ.

ރ. އަނގޮޅިތީމުގެ އާދައިގެ އާއިލާއަކަށް އުފަން މޫނިސާއަކީ ޅަ އުމުރުގެ އުފަލާއި މަޖާ ތަޖުރިބާ ކުރި މީހެއް ނޫނެވެ. އޭނާގެ ޅަ ހަޔާތް ވޭތުވެދިޔައީ ބަލީގެ ކެކުޅުމާއި ވޭނުގެ ތެރޭގަ އެވެ. ސްކޫލްގައި ހެލިފެލިވެ, ކުޅިވަރުތަކުގައި ބައިވެރިވުމުގެ ހިތްވަރެއް އޭނާގެ ހަށިގަނޑުގައި ނުހުރެ އެވެ. އަބަދުވެސް ވަރުބަލިވެ މީހާ ހުންނަނީ ބަލިކަށިކޮށްލާފަ އެވެ.

މޫނިސާއަކީ ބީޓާ ތެލެސީމިއާ ޕޭޝެންޓެއް ކަމަށް އޭރު ވެސް ޑޮކްޓަރުން ބުނަމުން ދިޔަ ނަމަވެސް, އޭނާގެ އާއިލާއިން އޭރު މޫނިސާގެ ގަޔަށް ލޭ އަޅަން ބޭނުމެއް ނުވި އެވެ. އެހެންވެ, ވަރުބަލިކަމާއެކު މަޑުމައިތިރި ދިރިއުޅުމެއްގައި އޭނާގެ ޅަ އުމުރާއި ފުރާވަރު ހޭދަކޮށްލީ އެވެ.

"އެެހެން އުޅެނިކޮށް 15 އަހަރުވީ ތަނުން ވަރަށް ބޮޑަށް ހުން އައިސް ބަލިވީ. ޑޮކްޓަރަށް ދިޔައިރު ގައިގާ ހުރީ އެންމެ ދެ ޕޮއިންޓް ލޭ. އެފަހަރު ޑޮކްޓަރުން ދުލެއް ނުކުރި, މަންމަމެންގެ ނުގަބޫލުގައި ވެސް އެ ދުވަހު ހަތަރު ޕޮއިންޓްގެ ލޭ ގަޔަށް އެޅި," މޫނިސާ ކިޔައިދިނެވެ.

"އޭގެ ފަހުން މަހަކު ދެ ފަހަރު ލޭ އަޅަމުން މި ދަނީ."

މޫނިސާ, އޭނާގެ ހަޔާތުގެ ވާހަކަތައް "އަދަދު"އާ ހިއްސާ ކުރަނީ - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު
މޫނިސާ, އޭނާގެ ހަޔާތުގެ ވާހަކަތައް "އަދަދު"އާ ހިއްސާ ކުރަނީ - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

މޫނިސާ, އޭނާގެ ހަޔާތުގެ ވާހަކަތައް "އަދަދު"އާ ހިއްސާ ކުރަނީ - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

އަޝްރަފާ ބައްދަލުވެ ހަޔާތަށް ދިރުން

ތެލެސީމިއާގެ ވޭނުގައި މޫނިސާ އުޅެމުން ދިޔަ ނަމަވެސް, އޭނާއާމެދު މައިންބަފައިން ކުރާ އުއްމީދުތައް ކުޑައެއް ނޫނެވެ. އެހެންވެ, މަތީ ތައުލީމް ހާސިލްކުރުމަށް މަންމަ އާއި ބައްޕައަށް އެދެމުން ދާތީ, ހިތާ ދެކޮޅަށް ވެސް މޫނިސާ މާލެ ބަދަލުވި އެވެ.

"ބަލިކޮށް އުޅޭތީ މަންމައާ ދުރަށް ދާން ބޭނުން ނުވީ, އެކަމަކު އެމީހުން އެދޭތީ މާލެ އައިސް ޓީޗިން އިން ޑިގްރީއަށް ކިޔަވަން ފެށީ," މޫނިސާ ބުންޏެވެ.

ކުދިން ބަހައްޓާ ގެއެއްގައި އުޅެމުން ކޮންމެ މަހަކު ގަޔަށް ލޭ އަޅަން ދަމުން, ކިޔެވުންވީ މޫނިސާއަށް އުނދަގޫ ކަމަކަށެވެ. ކްލާސްތައް މިސްވެ, ހާޒިރީ ހޯދަން ޑީންއާ ހަމައަށް ދާން ޖެހޭ ހިސާބަށް ދިޔަ އެވެ. އެ ދަތީގައި މޫނިސާގެ ދުވަސްތައް ހިނގަމުންދަނިކޮށް އޭނާގެ އަތުގައި ހިފީ ރިސޯޓް ބޯއީއެއް ކަމަށްވާ ގދ. ނަޑެއްލާއަށް އުފަން އަޝްރަފު އިބްރާހިމެވެ.

މޫނިސާ ބުނާ ގޮތުންނަމަ, އެއީ އޭނާގެ ސަޕޯޓް ސިސްޓަމެވެ.

"ވަރަށް ސަޕޯޓިވް އަޝްރަފް, އަބަދުވެސް ބުނާނެ ވާނެއޭ," ފިރިމީހާގެ ފަރާތުން ލިބޭ ހިތްވަރާއި ލޯތްބަށް މޫނިސާގެ އޮތީ މުޅިން ވެސް ތައުރީފެވެ.

މޫނިސާގެ ކޮންމެ ފިޔަވަޅެއްގައި އަޝްރަފު އެކުގައި ހުރިއިރު, ކިޔެވުން ނިންމައި ކައިވެނިކޮށްގެން ދެމީހުން އެކުގައި އަނގޮޅިތީމަށް ދިރިއުޅުން ބަދަލުކުރި އެވެ. މޫނިސާގެ އަތުގައި ހިފައިގެން އެ ރަށަށް އަޝްރަފު ދިޔައީ އެ އަތުން ދޫކުރާ ގޮތަކަށް ނޫނެވެ.

ދަރިފުޅު ބަނޑުގައި, ފުރާނަ އަތްމަތީ

ކައިވެންޏަށް ފަހު, އެހެން ދެމަފިރިން ވެސް ބޭނުންވާނެ ފަދައިން މޫނިސާ ވެސް ބޭނުންވީ އަޝްރަފާއެކު އަމިއްލަ އާއިލާއެއް ފަށާށެވެ. އެކަމަކު އަޝްރަފް އެކަމުގައި ފިޔަވަޅެއް ފަހަތަށް ކޮންމެ ފަހަރަކު ވެސް އަޅަނީ މޫނިސާގެ ހާލަތަށް ބަލައި, ދަރިއަކު ހޯދައިފިނަމަ އޭނާއަށް ގެއްލުމެއް ލިބިދާނެތީ ޖެހިލުންވާތީ އެވެ.

"މޫނިސާގެ ހަށިގަނޑުގެ ދަގަނޑު ލެވެލް ވަރަށް މަތީގައި ހުންނާތީ ނުކެރޭ ބޭބީއެއް ހޯދާކަށް," އަޝްރަފް ބުންޏެވެ.

އަޝްރަފު, އޭނާގެ ދަރިފުޅާއެކު: މޫނިސާގެ ސަޕޯޓް ސިސްޓަމަކީ އަޝްރަފު - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު
އަޝްރަފު, އޭނާގެ ދަރިފުޅާއެކު: މޫނިސާގެ ސަޕޯޓް ސިސްޓަމަކީ އަޝްރަފު - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

އަޝްރަފު, އޭނާގެ ދަރިފުޅާއެކު: މޫނިސާގެ ސަޕޯޓް ސިސްޓަމަކީ އަޝްރަފު - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

އަޝްރަފަށް ޑޮކްޓަރުން ދީފައި އޮތް އިންޒާރަކީ މޫނިސާގެ ހަށިގަނޑުގައި ދަގަނޑުގެ ލެވެލް 500 މިލިގްރާމަށް ވެއްޓުމުން ނޫނީ ދަރިއަކު ހޯދަން ހިޔާލު ވެސް ނުކުރުމެވެ. އެކަން ކުރެވޭތޯ އެ ދެމަފިރިން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު, ދަރިއަކު ހޯދުމުގެ އުއްމީދުގައި އެތައް މަސައްކަތުން ވެސް މޫނިސާގެ ހަށިގަނޑުން ދަގަނޑުގެ ލެވެލް ދަށެއް ނުވި އެވެ.

"އަޅުގަނޑު ބުނަން ދެން ރިސްކެއް ނަގާނީއޭ, އެކަމަކު އަޝްރަފު ބޭނުމެއް ނުވޭ އެ ރިސްކް ނަގާކަށް," އަނގޮޅިތީމް ސްކޫލްގެ ޓީޗަރެއްގެ ވަޒީފާގައި އުޅޭ މޫނިސާ ބުންޏެވެ.

އެގޮތުގައި ކައިވެންޏަށް ތިން އަހަރުވީ ތަނުން މޫނިސާ ބަނޑުބޮޑުވެއްޖެ އެވެ. އެ ދެމަފިރިން އެކަމަށް ތައްޔާރުވެ ތިއްބައެއް ނޫނެވެ. އޭރު ވެސް އޭނާގެ ހަށިގަނޑުގައި ދަގަނޑުގެ ލެވެލް ހުރީ އިންޒާރު ދިން މިންވަރަށްވުރެ އެތައް ގުނައެއް މަތިން, 5,000 މިލިގްރާމުގަ އެވެ.

"ވަރަށް އުފާވެރި ބަނޑުބޮޑުވީމަ, އެކަމަކު ހަމަ އެހާ ބިރު ވެސް ގަތް," އެ ދުވަހުގެ ހަނދާންތައް މޫނިސާ އާ ކުރި އެވެ.

ބިރުވެރިކަމެއްގައި ދެމަފިރިން ތިބި ނަމަވެސް, ސިއްހީ މައްސަލަތަކެއް މޫނިސާއަށް ކުރި މައްޗެއް ނުވެ އެވެ. ބަދަލުވި ހަމައެކަނި ކަމަކީ މޫނިސާގެ ގަޔަށް އިތުރަށް ލޭ އަޅަން ޖެހުމެވެ. ފުރަތަމަ ފަސް މަހު ހަފުތާއަކު އެއް ފަހަރު ލޭއެޅިއިރު, އޭގެ ފަހުން ހަފުތާއަކު ދެ ފަހަރު ގަޔަށް ލޭ އަޅަން ޖެހުނެވެ. ކުޑަ އާބާދީއެއް އޮންނަ ރަށުން ޑޯނަރުން ހޯދަން އުނދަގޫވެ, އެކަމުގައި ގިނަ ތަކުލީފުތަކެއް މޫނިސާ އުފުލި އެވެ.

އެކަމަކު, އޭނާ ހުރީ ދަރިފުޅު ދެކިލާ ހިތުން އެއަށްވުރެ މާ ވަރުގަދަ އަޒުމެއްގަ އެވެ.

ބަނޑަށް ހަތް މަހުގައި މޫނިސާއަށް ޖެހުނީ މާލެ އަންނާށެވެ. ތެލެސީމިއާ މީހެއް މީގެ ކުރިން ވިއްސާފައި ނެތުމުން އެކަން ކުރަން އަނގޮޅިތީމާ އެންމެ ކައިރި, އުނގޫފާރު ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ނުކެރޭނެ ކަމަށް ބުނުމުންނެވެ.

ދަރިފުޅު އަތަށް ނުލިބި, ދިނީ ހިތާމަވެރި ހަބަރު

މާލެ އައިސް އައިޖީއެމްއެޗަށް މޫނިސާ ގަވައިދުން ދައްކަމުން ދިޔަ އެވެ. އެއް ދުވަހެއްގައި އޭނާ ލޭ އަޅަން ގެންދިޔައިރު ޑޮކްޓަރުންނަށް މައްސަލަތަކެއް ފާހަގަވެގެން ވަގުތުން ސީޒޭރިއަން ހަދައި, ދަރިފުޅު ނަގަން ނިންމި އެވެ.

މޫނިސާެގެ ދެމަފިރިން, ޒިވިއާންއާއެކު: އޭނާގެ ހިތުގެ މައި ނާރު ނެތް - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު
މޫނިސާެގެ ދެމަފިރިން, ޒިވިއާންއާއެކު: އޭނާގެ ހިތުގެ މައި ނާރު ނެތް - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

މޫނިސާެގެ ދެމަފިރިން, ޒިވިއާންއާއެކު: އޭނާގެ ހިތުގެ މައި ނާރު ނެތް - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

"އޮޕަރޭޝަނަށްފަހު ދަރިފުޅު ނެރެފައި އެންމެ ފުރަތަމަ ވެސް ބުނީ ވިންދު ވަރަށް އަވަސް ކަމަށް. އޮކްސިޖަންއެއް ނުހިފަހައްޓާ, އެހެންވެ ދަރިފުޅު އެންއައިސީޔޫއަށް ގެންދިޔައީ," އަޝްރަފް އެ ދުވަހުގެ ކަންކަން ދިޔަ ގޮތް ކިޔައިދިނެވެ.

"ގިނަ ޓެސްޓްތަކާއި ސްކޭންތައް ޑޮކްޓަރުން ކުރި. ދެވަނައަށް ވީ ދުވަހު ޑޮކްޓަރުން އަޅުގަނޑުމެން ގާތު ބުނީ ދަރިފުޅުގެ ހިތުގެ މައި ނާރު ނެތް ކަމަށް, ހިތުގައި ތިން ލޯ ވަޅު ހުރި ކަމަށް."

ޑޮކްޓަރުން އެ ހަބަރު މޫނިސާއަށް ދިނުމާއެކު އޭނާގެ އުއްމީދުތައް ފުނޑުފުނޑުވި ކަހަލަ އެވެ.

"އެ ދުވަހު ޑޮކްޓަރުން ބުނީ އެއްވެސް އުއްމީދެއް ނެތޭ އަޅުގަނޑުގެ އަތަށް ދަރިފުޅު ލިބޭނެ ކަމާމެދު, އޭރު ނުވެސް ފެނޭ އަޅުގަނޑަށް ދަރިފުޅު. އެ ދުވަހު ފުރަތަމަ ފެނުނީ ވެސް, ފުރަތަމަ ދަރިފުޅު ފެނުނު ދުވަހު ވެސް އެކަހަލަ ހަބަރެއް ލިބުނީ," ފެންކަޅިވެފައި އިނދެ މޫނިސާ ބުންޏެވެ.

އޭގެ ފަހުން އޭޑީކޭއިން ދަރިފުޅުގެ ސީޓީ ސްކޭނެއް ހަދައި, ޑޮކްޓަރުން އިތުރަށް ދަރިފުޅާމެދު އުއްމީދެއް އޮތްތޯ ބަލަން ފެށި އެވެ. އެގޮތުން, ދަރިފުޅަށް ހަ މަސް ވުމުން އިތުރު ސާޖަރީތަކެއް ހެދިދާނެ ކަމަށް ޑޮކްޓަރުންނަށް ބެލެވުނެވެ.

ޑޮކްޓަރުން ބޭނުންވީ މޫނިސާގެ ދަރިފުޅު ޒިވިއާން, އެމީހުންގެ މޮނީޓަރިންގެ ދަށުގައި ބޭއްވުމަށެވެ. އެކަމަކު, ދަރިފުޅު އެގޮތަށް ވޯޑްގައި ބާއްވަން ބޭނުން ނުވާތީ ޑޮކްޓަރުން ގާތު އެދިގެން ދަރިފުޅާއެކު މޫނިސާ ގެއަށް ބަދަލުވި އެވެ. އެއީ ޒިވިއާންއަށް އެއް މަސް ވެސް ވީ ފަހުންނެވެ.

"ޑޮކްޓަރުން ބޭބީ ގެއަށް ގެންދަން ހުއްދަ ދިނީ އަބަދުވެސް އޮކްސިޖަން މިންވަރު ބަލަން ޖެހޭ ގޮތަށް އޮކްސި މީޓަރަކާއެކު. ދުވާލަކު ދެ ފަހަރު އޮކްސި މީޓަރު ބޭނުންކޮށްގެން މޮނީޓާ ކުރަމުން މިދަނީ. އޮކްސިޖަން 65 އަށްވުރެ ދަށް ވެއްޖެނަމަ ޑޮކްޓަރަށް ދިޔުމަށް އިރުޝާދު ދިން," މޫނިސާ ބުންޏެވެ.

ޒިވިއާން: ތުއްތު އިރު އުފުލާ ވޭންތައް ބޮޑު - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު
ޒިވިއާން: ތުއްތު އިރު އުފުލާ ވޭންތައް ބޮޑު - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

ޒިވިއާން: ތުއްތު އިރު އުފުލާ ވޭންތައް ބޮޑު - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

ހަ މަސް ވެއްޖެ, ޒިވިއާންއަށް ބޭނުމީ އާ ހަޔާތެއް

މޫނިސާގެ އުނގުގައި ރައިބޮއްޔަކާ ކުޅެލަން ޒިވިއާން ހެވިފައި އިން ނަމަވެސް, އެ ޅަ އުމުރުގައި ތުއްތު ކުއްޖާ އުފުލަމުންދާ ވޭން ވަރަށް ބޮޑެވެ. ޒިވިއާންގެ މޭމަތީގައި އަތް ޖައްސާލުމުން ވެސް އޭނާގެ ހިތުގެ ތެޅުން ބާރުކަން އިހުސާސްކުރެވެ އެވެ. އެ އުފުލަމުންދާ ވޭން ވަޒަންކޮށްލެވެ އެވެ.

"ކުޑަކޮށް ރޯގާ ޖެހުނުސް ދަރިފުޅަށް ވަރަށް އުނދަގޫ ނޭވާލާން, ކާއެއްޗެއް ދިނަސް ހޮޑު އަންނާނެ, އަސްލު ބޭބީ ވަރަށް ބޭނުންވޭ އެކްޓިވްކޮށް އުޅެން އެކަމަކު ވަރަށް ވަރުބަލިވާނެ, އަނގަ މައްޗާ ތަންތަން ނޫވާނެ އޮކްސިޖަން ދަށްވީމަ," މޫނިސާ ބުންޏެވެ.

"ހަ މަސް ވީއިރު ބޭބީ ކިރިޔާ ފުރޮޅިޔަސް ވަރަށް ހާސްވޭ, ބޭނުންވޭ ވަރަށް މަޖާކޮށް ހީ ހަދަން, އެކަމަކު މާބޮޑަށް ހީލިޔަސް ހޮޑު ލެވޭ."

މޫނިސާ މިހާރު ޒިވިއާންއާއެކު މާލެ އައިސް ހުރީ ހަ މަސް ވުމުންނެވެ. ނަމަވެސް, އައިޖީއެމްއެޗްގެ ޑޮކްޓަރުން ބުނީ މާލޭގައި ފަރުވާއެއް ނެތް ކަމަށެވެ. ދަރިފުޅުގެ ސާޖަރީތަކެއް ހަދައިގެން ފަރުވާ ލިބޭނެ ކަމާއި އެކަން ވާނީ ރާއްޖޭން ބޭރުން ކަމަށެވެ.

ޒިވިއާންއާއެކު އޭނާގެ މަންމަ އާއި ބައްޕަ: ހިތުގެ އޮޕަރޭޝަނަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައި - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު
ޒިވިއާންއާއެކު އޭނާގެ މަންމަ އާއި ބައްޕަ: ހިތުގެ އޮޕަރޭޝަނަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައި - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

ޒިވިއާންއާއެކު އޭނާގެ މަންމަ އާއި ބައްޕަ: ހިތުގެ އޮޕަރޭޝަނަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައި - ފޮޓޯ: އަބްދުالله ޝަފީއު / އަދަދު

"އެކޮޅު ދެ މަހެއްހާ ދުވަހު މަޑުކުރަން ޖެހޭ, އާސަންދައާ ނުލާ ވެސް 5,000 އެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ. އަޅުގަނޑަކީ ލޭ އަޅާ މީހެއް ވީމަ އެކަމަށް ވެސް ވަރަށް ބޮޑު ހަރަދެއް ދާނެ, އާއިލާއަކީ ވެސް ފުދުންތެރި އާއިލާއެއް ނޫން, އެހެންވެ އާންމުންގެ އެހީއަށް ބޭނުންވެފައި މިވަނީ," މޫނިސާ ބުންޏެވެ.

"އަޅުގަނޑުމެން އެދެނީ ބޭބީ އުފާކޮށް އެކްޓިވްކޮށް އުޅެވޭނެ ގޮތްވުމަށް ރާއްޖޭން ބޭރަށް ދިޔުމަށް ތި އެންމެ ބޭފުޅުންގެ ވެސް އެހީތެރިކަމަކަށް."

ޒިވިއާންގެ ސާޖަރީތައް ހެދުމަށް ރާއްޖޭން ބޭރަށް ދިޔުމުގެ އުއްމީދާއެކު ތިބެ, މޫނިސާގެ ދެމަފިރިން މިއަދު އަނެއްކާވެސް އެ ފުރަނީ އެނބުރި އަނގޮޅިތީމަށެވެ. އެމީހުންނަށް އަނގޮޅިތީމުން އިންޑިއާއަށް ދެވެން އަންނަނީ އަދި ޒިވިއާންއަށް އާ އުފާވެރި ހަޔާތެއް ހޯދައިދެވެން އަންނަނީ ފައިސާގެ އެހީ ލިބިގެންނެވެ.

"އަޅުގަނޑު ޅަ އުމުރުގައި ހޭދަކުރި ގޮތަށް ބޭބީގެ ޅަ އުމުރު ހޭދަކުރާކަށް ބޭނުމެއް ނޫން."

titledesc

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox