ތައުލީމީ ސެޓްފިކެޓް ނެތް މީހުން ރަޖިސްޓްރީ ވާން ހުޅުވައިލި ފުރުސަތުގައި 64 މީހުން ރަޖިސްޓްރީ ވެއްޖެ އެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ގަވައިދު ތަންފީޒުކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީންނެވެ.
އެއީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމުގެ ގޮތުން ހެދި ގަވައިދެކެވެ.
އެ ގަވައިދުގެ ދަށުން ތައުލީމީ ސެޓްފިކެޓް ނެތް މީހުން ރަޖިސްޓްރީވާން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސާ އަހުމަދު ނާސިހު "އަދަދު" އަށް ވިދާޅުވީ މިހާތަނަށް 64 މީހުން ރަޖިސްޓާ ވެފައިވާ ކަމަށެވެ. އަދި ރަޖިސްޓާވުން މެދުކަނޑާލުމަށްފަހު މި މަސް ތެރޭ އެސަސްމެންޓު ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށްވެސް ނާސިހު ވިދާޅުވި އެވެ.

"މިހާރު ރަޖިސްޓާ ވެފައިވާ މީހުންގެ ތެރޭގައިވެސް ގިނައީ މާލޭގަ ތިބި މީހުންނަށްވުރެ ރަށްރަށުގެ މީހުން. އޭގެ ތެރޭގައި ރިސޯޓުތަކުގައި އުޅޭ މީހުންވެސް ހިމެނޭ،" ނާސިހު ވިދާޅުވި އެވެ.
ރަޖިސްޓާވާން އެދޭ ފަރާތްތަކުން ޓެސްޓަށް ތައްޔާރުތޯ ބަލާނެ އެވެ. އެގޮތުން ޓެސްޓަށް ތައްޔާރު ވުމަށް ވާން ޖެހޭ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ވެސް ދޭނެ އެވެ.
އެ ގަވައިދުގެ މަގްސަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން ހުނަރުތައް ހާސިލުވެފައިވާ ކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އެގޮތުން ގައުމުގެ އިގްތިސޯދު ބާރަށް ހިންގުމުގެ ގޮތުން ފަންނީ ހުނަރުވެރި މަސައްކަތުގެ ދާއިރާއަކުން ސަނަދު ލިބިފައިވާ ދިވެހީން ވަޒީފާގެ ބާޒާރަށް އިތުރުކުރުމުގެ މަގްސަދުގައި ފެށި ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.











