ގައުމީ ޓީމުތަކުން ރާއްޖޭގެ އެކި ރަށްރަށަށް ޓްރެއިނިން ކޭމްޕްތަކާއި މެޗުތައް ކުޅެން ދިއުމުގެ އެއް ބޭނުމަކީ ހުނަރުވެރި ކުޅުންތެރިން ހޯދުން ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ ބ. އޭދަފުށީގައި މެޗެއް ކުޅެން އެ ރަށަށް ގޮސްފަ އެވެ. އިއްޔެ ގައުމީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވަނީ ޅ އަތޮޅަށް ޓްރެއިނިން ކޭމްޕަކަށް ގޮސްފަ އެވެ.
ތޭވީސް އަހަރުން ދަށުގެ ޓީމުން އަށް ވަރަކަށް ދުވަހުގެ މުއްދަތަށް ޅ އަތޮޅުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގައި ތިން އަތޮޅުން ފަސް ޓީމަކާ ކުޅޭނެ އެވެ. އެއީ ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ނ އަތޮޅުން ކުޑަަފަރީ އާއި ހޮޅުދޫ އަދި ރ އަތޮޅުން މީދޫ ޓީމާ ދެކޮޅަށެެވެ.
ޑުންގާ ވިދާޅުވީ ލިބޭ ފުރުސަތެއްގެ ބޭނުން ހިފައިގެން ގައުމީ ޓީމުތަކަށް މި ވަގުތު ޓްރެއިނިން ކޭމްޕެއް މި ވަގުތު ރޭވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެއީ ކޮވިޑްގެ ހާލަތުގެ ސަަބަބުން ގިނަ ކުޅުންތެރިންތަކެއް މާލޭގައި ކަމެއް ނުކުރެވި ތާށިވެގެން ތިބެން ޖެހުމުން ހަަމަޖެހިލައިގެން ޓްރެއިނިން ކުރިއަށް ގެންދަން މިހެން ބާއްވާ ކޭމްޕަކުން ވެސް ފުރުސަތު ލިބޭނެކަން ޑުންގާ ވަނީ ފާހަގަކުރައްވައިފަ އެވެ.
"މައިގަނޑު މަގްސަދަކީ، މި ހަމަ މާލޭގައި ތިބި ކުޅުންތެރިންނަށް އޮތް ފުރުސަތެއް އެކަންޏެއް ނޫން. އަތޮޅު ތެރެއިން ފޯކަސް ކޮށްފައި މި އޮތީ ޓެލެންޓް (ހުނަރު) ހުރި ކުޅުންތެރިން ހޯދަން. މައިގަނޑު ޕޮއިންޓަކީ އަތޮޅުތަކުން ކުޅުންތެރިން ސްކައުޓް ކުރުން،" އައްޑޫގައި ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ޑިވެލޮޕްކުރުމުގެ މުހިއްމު މަސައްކަތްތަކެއް މީގެ ކުރިން ކޮށްފައިވާ ޑުންގާ ވިދާޅުވި އެވެ.
ގައުމީ 23 އަހަރުން ދަށުގެ ޓީމުން ޅ. އަތޮޅުގެ ކޭމްޕްގައި ކުޅޭ އެ މެޗުތަކުން ފާހަގަކޮށްލެވޭ އެކި ރަށްރަށުގެ ކުޅުންތެރިން ވެސް ޓީމަށް ނަގާނެ ކަމަށް 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ ބުނެފަ އެވެ.
ޑުންގާ ވެސް ވަނީ ހުނަރު ހުރި ކުޅުންތެރިއަކު ފާހަގަކުރެވިއްޖެނަމަ ގައުމީ ޓީމުން އެ ކުޅުންތެރިއަކަށް ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޓާފް ދަނޑުތައް އަޅަމުން އަންނައިރު، މުސްތަގުބަލުގައި ގިނަ ގައުމީ ޓީމުތަކެއް ރަށްރަށަށް ޓްރެއިނިން ކޭމްޕް ދާނެ އެވެ. ގިނަ ރަށްރަށުގެ ދައުވަތު ވެސް ލިބެ އެވެ.
އިއްޔެ 23 އަހަރުން ދަށުގެ ޓީމު ޅ. ނައިފަރަށް ދިއުމުން ވަރަށް ފުރިހަމަ މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. ޑުންގާ ވިދާޅުވީ މުސްތަގުބަލުގައި ވެސް ރަށްރަށަށް ޓްރެއިނިން ކޭމްޕް ދިއުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ ކަމަށެވެ.
"100 ޕަސެންޓް ބޭނުން ހިފާނަން. އަޅުގަނޑުމެންގެ ފޯކަސް އެބަހުރި އެކަންކަން ކުރުމުގެ. ވަކި ރަށެއް ވަކި ދިމާލެއް ނެތް. އެ ވަގުތު އެ ހާލަތު ކަންދިމާވާ ގޮތަކުން އަޅުގަނޑުމެންގެ ކެޕޭސިޓީގައި އެ މަަސައްކަތް ކުރާނަން،" ޑުންގާ ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން މި ދުވަސްވަރު ރާއްޖޭން ބޭރަށް ޓްރެއިނިން ކޭމްޕަކަށް ދިޔަސް އަދި ރާއްޖޭގެ ރަށަކަށް ދިޔަ ކަމުގައި ވިޔަސް ވަރަށް ގިނަ ކަންކަމަށް ސަމާލުވާން ޖެހޭނެ އެވެ. އެފްއޭއެމްގެ ވިސްނުމަކީ އެ މާހައުލެއްގައި ހާލަތަށް ބަލާފައި ރައްކާތެރިކަމަށް އަޅާފައިވާ ހުރިހާ ފިޔަވަޅަކަށް ބޯލެނބުމެވެ.












