މި އަހަރުގެ ފާއިތުވެ ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް 140 މީހަކަށް ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރާ ކުޑަ ކުދިން އަމިއްލައަށް ވަކީލަކު ހަމަޖެއްސެން ނެތް ނަމަ ވަކީލު ހަމަޖައްސައިދެނީ ދައުލަތުންނެވެ. ހަމަ އެގޮތަށް، ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ވެސް ދައުލަތުން ވަކީލުން ހަމަޖައްސަންޖެހެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 18 އަހަރުން ދަށުގެ 74 ކުޑަކުދިންނަށް ދައުލަތުން ވަކީލުން ހަމަަޖައްސައިދިނެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު 28 މީހުންނާއި 31 އަހަރާއި 50 އަހަރާ ދެމެދު 31 މީހަކާއި 50 އަހަރުން މަތީގެ ހަތް މީހެކަށް ވެސް ވަކީލުން ހަމަޖައްސައިދީފައިވެ އެވެ.
ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ތުހުމަތު ކުރެވޭ ކުއްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ސަބަބުން ވަކީލުން ހަމަޖެއްސި ކުދިންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި 40 ކުޑަކުއްޖަކަށް އެ އޮފީހުން ވަކީލުން ހަމަޖެއްސި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ ހިސާބުތަކަށް ބަލާއިރު 12 ކުއްޖަކަށް ވަނީ މާރާމާރީ ހިންގުމާއި އަނިޔާގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސާފަ އެވެ. ވައްކަން ކުރުމާއި މަކަރާ ހީލަތުން ފައިސާ ހޯދައިގެން އަށް ކުއްޖަކަށް ވަކީލުން ހަމަޖައްސާފައި ވާއިރު މުދަލަށް ގެއްލުން ދީގެން ހަތަރު ކުއްޖަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ ތުހުމަތުވި ތިން ކުއްޖަކާއި މީހުން މެރުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުއްޖަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ދެ ކުއްޖެއްގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ މަރުގެ އިންޒާރުދިން ދެ ކުއްޖަކަށް ވެސް ވަނީ ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.













