ކެންޑިޑޭޓުންނަށް އާ ޝަރުތެއް ކަނޑައެޅޭނީ ގަވައިދު އިސްލާހުކޮށްގެންކަން އެމްޑީޕީއަށް އަންގައިފި

އެމްޑީޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އާ ޝަރުތެއް ކަނޑައެޅޭނީ ގަވައިދު އިސްލާހުކޮށްގެންކަން އީސީ އެންގި

އެމްޑީޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އާ ޝަރުތެއް ކަނޑައެޅޭނީ ގަވައިދު އިސްލާހުކޮށްގެންކަން އީސީ އެންގި

ޕާޓީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް އާ ޝަރުތަކެއް ކަނޑައަޅާނަމަ، އެކަން ކުރެވޭނީ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނެސްގެން ކަމަށް އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް އަންގައިފި އެވެ.

އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް އެގޮތަށް އެންގީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާދަކުރުމަށް ފުރުސަތު ނުދޭން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާތީ އެވެ.

އެ ޝަކުވާއާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އިންތިހާބުތަކެއް ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސިޓީގައި ބުނި ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެންބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ، އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ އަސާސީ ގަވައިދަށް ގެނެވޭ އިސްލާހަކުން ނުވަތަ އެ ގަވައިދުން ބާރުލިބިގެން ހަދާ ގަވައިދަކުން ކަމަށެވެ.

އެ ނޫން ގޮތަކަށް ކެންޑިޑޭޓެއްގެ ޝަރުތުތައް ކަނޑައެޅުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ އިޖުރާއަތްތަކާ ހިލާފު ކަމެއްކަން އިލެކްޝަން ކޮމިޝަނުގެ ސިޓީގައި އެމްޑީޕީއަށް ވަނީ ސާފުކޮށްދީފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެޝަރުތަކަށެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައި، ބައެއް ކެންޑިޑޭޓުން ފޯމް ވެސް ހުށަހެޅި ފަހުން ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވާދަ ނުކުރެވުމެވެ.

އެ ޝަރުތުގެ މަތިން މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް، އެމްޑީޕީގެ ނިންމުން މަހުލޫފް ބަލައެއްނުގަނެވެ. އެހެންވެ، އެ މައްސަލަ ރިވިއުކޮށްދޭން އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅުއްވި އެވެ. މަހުލޫފު ދެކަވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުމެކެވެ.

އެކަމަކު، އެ ކޮމިޓީން ވެސް ނިންމާފައިވަނީ މަހުލޫފަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ތަނެއް ނެތް ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މަގާމުތަކަށް ޝަރުތު ކަނޑައާޅާނަމަ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އިންތިހާބުތަކާބެހޭ ގަވާއިދު އިސްލާހުކޮށް އެފަދަ ޝަރުތުތަށް އިންތިހާބަށް އިއުލާންކުރުމުގެ ކުރިން ކަނޑައަޅުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާނަމަ ކުރަންޖެހޭ ގޮތެވެ.

އަދި އެފަދަ ހާލަތެއްގައިވެސް ވަކި ބަޔަކު އިންތިހާބަށް ވާދަކުރުން މަހްރޫމު ކުރުމުގެ ނިޔަތުގައި ޝަރުތު ކަނޑައެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހިކަމެއް ކަމަށެވެ. މަހުލޫފް އިލެކްޝަން ކޮމިޝަނަށް ޝަކުވާ ހުށަހެޅުއްވީ އެ ސަބަބުތައް ހުރުމުންނެވެ.

އިލެކްޝަން ކޮމިޝަނުން އެމްޑީޕީގެ އިތުރުން މަހުލޫފަށް ވެސް ސިޓީއެއް މިއަދު ފޮނުވި އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ވަކި ފަރުދަކަށް ނުވަތަ ވަކި ދަނޑިވަޅަކަށް އަމާޒުނުކޮށް ޕާޓީގެ މަގާމުތަކަށް ކުރިމަތިލާ މެންބަރުންގެ ނަޒާހަތްތެރިކަމާއި ޕާޓީގެ އާންމު މަސްލަހަތު ރައްކާތެރިކޮށް ދިނުމަށް ޝަރުތުތަކެއް ކަނޑައެޅުމުގެ ހައްގު ޕާޓީތަކަށް އޮންނާނެ ކަމަށެވެ.

ނަމަވެސް، އެކަން ކުރެވޭނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އިޖުރާއަތްތަކުގެ މަތިން ކަމަށް އެ ސިޓީގައިވެސް ފާހަގަކުރި އެވެ. އަދި ޝަރުތައް ވާން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މުއާހަދާތަކަށް ފުށުނާރާ ޝަރުތުތަކަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox