އަފްގާނިސްތާނުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ދަރިން ޖަލުން މިނިވަން ވެއްޖެ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
އަފްގާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ ކުރީގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެމީހުންގެ ހަތަރު ކުދިންނެވެ.
މީގެ ތިން އަހަރު ކުރިން ނޮވެމްބަރު 11، 2018 ގައި އަފްގާނިސްތާނުގެ އަންގަރްހާރު ޕްރޮވިންސުން އެމީހުން ހައްޔަރުކޮށް 21 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކުރި އެވެ.
ޝާފިއުގެ ބޭބެ ހުސައިން ޝާހިދު، މިރޭ "އަދަދު" އަށް ބުނީ ޝާފިއުގެ އާއިލާ ޖަލުން މިނިވަންވީ ތޯލިބާން ކޯޓަކުން އެމީހުންގެ މައްސަލަ ބެލުމަށް ފަހު އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ހުކުމް ބާތިލް ކުރުމުން ކަމަށެވެ. އެމީހުން މިނިވަންވިކަން އާއިލާއަށް އެންގީ މިއަދު ކަމަށް ވެސް އޭނާ ބުންޏެވެ.
އަފްގާނިސްތާންގެ މިހާރުގެ ހާލަތުންނާއި އެގައުމުގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އެ މީހުން އަނބުރާ ރާއްޖެ ގެނައުމަށް ދަތިތަކެއް އެބަހުރި ކަމަށް ޝާހިދު ބުންޏެވެ.

"އަޅުގަނޑުމެން މިހާރު ވެސް މިދަނީ ސަރުކާރާ ވާހަކަ ދައްކަމުން މިކަމުގައި ހެދޭނެ ގޮތަކާ މެދު،" އުފަލުން ހުރި ޝާހިދު ބުންޏެވެ.
ޝާފިއު އޮކްޓޯބަރު، 2018، ގައި އަފްގާނިސްތާނަށް އެތެރެވީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އެ ގައުމުންނެވެ. ޝާފިއު ހައްޔަރުކޮށް އޭނާގެ މައްޗަށް ހުކުމް އިއްވީ އޭނާ އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށް ކަމަށް ތުހުމަތުކޮށެވެ.
އޭގެ ކުރިން 2015 ވަނަ ޖިހާދު ކުރަން ދާން ކަމަށް ބުނެ ކުރީގެ އަނބިމީހާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅޭ ކަމުގެ ތުހުމަތަށް ރާއްޖޭގެ އެއާޕޯޓުން ވެސް ޝާފިއު ހިފަހައްޓައިފައިވެ އެވެ.
އޭގެ އިތުރުން، ޝާފިއުއަކީ 2015 ވަނަ އަހަރު ބ. ހިބަޅިދޫ ފަޅުތެރެއިން ފެނުނު ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނުނު ކަމުގެ ތުހުމަތަށް ވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ހެކި ނެތިގެން ހަތަރު މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.












