އިސްލާމް މާއްދާ ކިޔަވައިދޭން ރާއްޖޭން ބޭރުން ޓީޗަރުން ގެނެސް، އެއީ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާއަކަށް ހެދުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން އުފައްދާފައިވާ މެއިހައެއް ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އަފީފް ވިދާޅުވީ އިސްލާމް މުގައްރިރުގައި ނަފުރަތު އުފެދޭ ފަދަ ފިލާވަޅުތައް އެބަހުރި ކަމާއި އެ ކަންބޮޑުވުންތަކާއެކު މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އިސްލާމް މާއްދާގެ މުގައްރިރުގައި ނަފުރަތު އުފެދޭ ފަދަ ބައެއް ވާހަކަތައް ހުރިކަން މިނިސްޓްރީން ވެސް ގަބޫލުކުރާ ކަމާއި އެކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ބައްދަލުވުމުގައި ފާހަގަ ކުރެއްވި ކަމަށް އަފީފް ވިދާޅުވި އެވެ.
މެއިހައެއް ކޮމިޓީއާއެެކު ބޭއްވި ބައްދަލުވުމުގައި އިސްލާމް މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމަށް ކޮންމެ ވެސް ވަރަކަށް ވިސްނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އަފީފް ރޭ ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި އެ ވާހަކަތައް ދޮގުކުރި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އިނގިރޭސި ބަހުން އިސްލާމް ކިޔަވައިދިނުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު އެވެ. ނަމަވެސް، ބޭރުން ޓީޗަރުން ގެނައުމުގެ ވާހަކައެއް ނުދައްކަ އެވެ.
"އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހި ބަހުން ކަމަށްވެފައި، އަދި އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީނު ކުރެވިފައިވާ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވުމުން އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް މި މިނިސްޓްރީން ވިސްނާފައި ނުވާ ކަމުގައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
އަދި، އިސްލާމް މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.











