ޑރ. އާއިޝަތު އަލީގެ ދިރާސާއިން ގަރުނެއްގެ ތައުލީމީ ތަޖުރިބާ

ޑރ. އާއިޝަތު އަލީގެ ދިރާސާއިން ގަރުނެއްގެ ތައުލީމީ ތަޖުރިބާ

މާޗު 26، 2018 ވަނަ ދުވަހުގެރޭ އާއިޝަތު އަލީ ދިވެހިރާއްޖޭގެ ތާރީހުން ޖާގަ ހޯއްދެއްވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރި ދެ ދަރިވަރުންގެ ތެރޭ ހިމެނިގެންނެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވެ، އެ އަހަރުގެ ފަހުކޮޅު އޭނާ އަށް ރާއްޖޭގެ ތައުލީމީ ވަޒީރުކަން ލިބިވަޑައިގަތެވެ. ބުރަ ޒިންމާއެކެވެ. އެކަމަކު، މިދިޔަ ގަރުނުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް ތަންފީޒުކުރެވުނު ރާއްޖޭގެ ތައުލީމީ ސިޔާސަތުތަކުގެ މައްޗަށް ލިޔުއްވި ތީސީސް، މަތިން ހަނދުމަ ނައްތައެއްނުލައްވަ އެވެ. އެ ދިރާސާގެ މުހިއްމުކަން، ސިޔާސަތުތައް އެކުލަވާލާ މީހުންނާއި ތަންފީޒުކުރާ މީހުންނާއި ދިރާސާކުރާ މީހުންނަށް އަދި ދިވެހި ތާރީހަށް ވެސް ނުހަނު ބޮޑެވެ. އެހެންކަމުން، ޑރ. އާއިޝަތު އަލީ ނިންމެވީ އެ ތީސީސްގެ އޮއްޓަރުން ފޮތެއް އުފަންކުރައްވާށެވެ.

އެކަމަށްޓަކައި، އޭނާގެ ޕީއެޗްޑީ ދެ ސުޕަވައިޒަރުން ކަމަށްވާ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އާއި ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާގެ ތައުލީމީ ދާއިރާގެ ޕްރޮފެސަރެއް ކަމަށްވާ ލެސްލީ ވިޑޮވިޗްގެ އެހީތެރިކަން ހޯއްދެއްވި އެވެ. މީގެ ތެރެއިން ލެސްލީ އަކީ ޑރ. އާއިޝަތު އަލީ ތައުލީމީ ދާއިރާ އިން އޮސްޓްރޭލިއާގައި މާސްޓާސް ޑިގްރީ ނެންގެވިއިރު ތައުލީމީ ސިޔާސަތުތައް ކިޔަވައި ދެއްވި ޕްރޮފެސަރު ވެސް މެ އެވެ.

ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެ ދެ ބޭފުޅުންގެ މަދަދާ އެކު އޭނާ އިނގިރޭސި ބަހުން ލިޔުއްވި ފޮތް ގައުމީ ޔުނިވާސިޓީން ޝާއިއުކޮށްދޭން ނިންމައި، މިހާރު ވަނީ ޗާޕުކޮށް އަންނަ މަހު ނެރެން ހަމަޖައްސައިފަ އެވެ. ދަރިވަރެއްގެ ގޮތުގައި، ލެކްޗަރާއެއްގެ ގޮތުގައި އަދި ރަޖިސްޓްރާއެއްގެ ގޮތުގައި ޑރ. އާއިޝަތު އަލީ 14 އަހަރު ހޭދަކުރެއްވި އެ ޔުނިވާސިޓީން މި ފޮތް ޝާއިއުކޮށްދޭކަމީ އޭނާ އަށް ހާއްސަކަމަކަށްވާނެ އެވެ.

"ދިވެހިރާއްޖޭގެ ތައުލީމާ ބެހޭގޮތުން މިހާތަނަށް ލިޔެފައިވާ އެންމެ މުހިއްމު ފޮތް" ގެ ގޮތުގައި އެ ޔުނިވާސިޓީން ޕްރޮމޯޓްކުރާ 430 ސަފުހާގެ މި ފޮތުގެ ނަމަކީ "އެޑިއުކޭޝަން އިން ދަ މޯލްޑިވްސް: 1990-2015 – ޕޮލިސީސް، ތީމްސް އެންޑް އައުޓްކަމްސް" އެވެ. 1900 އިން ފެށިގެން ވޭތުވި 115 އަހަރުގެ ތެރޭގައި ރާއްޖޭގައި ލިޔެވުނު ތައުލީމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ކިޔައި ދިރާސާކޮށް އަދި އެތައް ބަޔަކާ އިންޓަވިއުކޮށްގެން ޑރ. އާއިޝަތު އަލީ ހެއްދެވި ތީސީސްގެ ބުރަދަން ފޮތުގެ ބަރު ނަމުން އިހުސާސްކުރެވެ އެވެ. އެކަމަކު މިއީ ކިޔާލަން ފަސޭހަ ބަސްމަގު ލުއިފޮތެކެވެ.

ތިރީގައި އެވަނީ ފޮތާ ބެހޭގޮތުން ޑރ. އާއިޝަތު އަލީ "އަދަދު" ނޫހަށް ދެއްވި ބަސްދީގަތުމެކެވެ.

.....

މި ފޮތުގެ މަގުސަދަކީ ކޮބައިތޯ؟

މިފޮތުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި ކިޔަވައިދޭން ފެށީއްސުރެ، 2015 ވަނަ އަހަރާ ހަމައަށް ތަޢުލީމު ދިނުމުގެ ކަންތައްތައް ތަރުތީބުކުރި ސިޔާސަތުތަކާއި ފިކުރުތައް ބަޔާންކޮށް، އެ ސިޔާސަތުތައް އުފެދޭން ދިމާވި ނުފޫޒުތައް ފާހަގަކޮށް، ސިޔާސަތުތައް ތަންފީޒުކުރުމުން ނުކުން އަސަރުތައް ތަހުގީގީ ނަޒަރަކުން ބަޔާންކުރުން.

މައިގަނޑު ދިރާސީބައި ފަށައިފައިވާނީ 1900 ވަނަ އަހަރުން ފެށިގެން. ނަމަވެސް، ފަސް މަންޒަރާއި އޭރުގެ ހާލަތު ދެނެގަތުމަށްޓަކައި، 1900 ވަނަ އަހަރުގެ ކުރީން ތައުލީމާ ބެހޭ ކަންކަން ހިނގަމުން ދިޔަ ގޮތް ލިޔެފައިވާ މައިގަނޑު ހުރިހާ ލިޔުމެއް މިފޮތުގައި ނަކަލުކޮށް ޝަރަހަކޮށްފައިވާނެ.

މިގޮތުން އިބްނު ބަތޫތާ އާއި ޕިރާޑާއި ޔަންގް އެންޑް ކްރިސްޓަފާގެ ލިޔުންތައް ހިމެނޭނެ. އަދި، އިނގިރޭސި ވިލާތާއި ޔޫއެސް އާއި އުތުރުކަރަ (އިންޑިއާ) އާއި ސްރީ ލަންކާގައި ތައުލީމު ފެތުރިގެން އައިގޮތް، ބެކްސްޓޯރީއެއްގެ ގޮތުގައި ހުލާސާކޮށްފައިވާނެ. މި ކަމުގެ ބޭނުމަކީ ހޯދަން ދަތި ލިޔުންތައް އެއްފޮތަކުން ކިޔުންތެރީންނަށް ގެނެސްދިނުން.

މި ފޮތުގެ ދިރާސާ ބިނާވަނީ، ކަމަނާގެ ޕީއެޗްޑީ ތީސީސްއަށްތޯ؟

ފޮތުގެ ވަރަށް ބޮޑު ބަޔަކީ، ތީސިސްގައި ހިމެނޭ އޮށްޓަރު. ނަމަވެސް، ތީސީސްއެއް ވީމާ، ހިފަހައްޓަންޖެހޭ އުސޫލުތައް، ފޮތެއް ލިޔާއިރު ބޭނުންކުރާކަށް ނުޖެހޭ. އެހެންކަމުން، ފޮތުގައިވާނީ، އިތުރު ބައިތަކެއް ހިމަނައި، ފޮތަކާ ނުގުޅޭ ބައިތައް އުނިކޮށްފައި. ކުރިން ލުއިކޮށް ބުނެފައިވާ ބައެއް ތަކެއްޗަށް މަސްއަރުވާފައި. މިސާލެއްގެ ގޮތުން، ފަސްމަންޒަރުގެ ވާހަކަތައް ތީސިސްގައި ހިމެނޭނީ ވަރަށް ހުލާސާކޮށް.

ފޮތް ލިޔުއްވުމުގައި ޑރ. ހަސަން އަދި ލެސްލީ ވިޑޮވިޗްގެ ދައުރަކީ ކޮބައިތޯ؟

ފޮތް ލިޔުމަށް ބޭނުންވާ ހުރިހާ ދިރާސާތަކެއް ކޮށްފައިވަނީ އަޅުގަނޑު އެކަނި. އެކަމަށް ދެތިން ހަތަރު އަހަރު ހޭދަވި. ފޮތުގައިވާ ގާތްގަޑަކަށް ކޮންމެ ޖުމުލައެއް އެ ދެބޭފުޅުން މަދުވެގެން ހަތަރުވަރަކަށް ފަހަރު ވާނީ ކިޔުއްވާފައި. އަދި އެބޭފުޅުންނާއި އަޅުގަނޑު އެއްބަސްވާ އިސްލާހުތައް ވާނީ ގެނެސްފައި. އެބޭފުޅުންގެ ދައުރު ވަރަށް މުހިއްމު. އިނގިރޭސި ހަރުބަހެއްގައި ބުނާފަދައިން، ކުރުމީހުންނަށް ދުރު ފެންނާނީ ދިގު މީހުންގެ ކޮޑަށް އެރީމާ.

މި ފޮތުގެ ބޭނުން ރާއްޖޭގެ ތައުލީމީ ސިޔާސަތުތައް ކަނޑައަޅާ މީހުންނާއި ތަންފީޒުކުރާ މީހުން އަދި ދިރާސާކުރާ މީހުންނަށް ހިފޭނީ ކޮން ގޮތްތަކަށްތޯ؟

އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގެ ތައުލީމު ފެށިގެން އައިގޮތާއި އެކިކަންކަން ބަދަލުވާން ދިމާވި ސަބަބުތަކާއި ގެނައިބަދަލުތަކުން ކަންކަން ދެންވީގޮތް ވަރަށް ބޮޑަށް މިފޮތުން ސާފުވެގެން ދާނެއޭ. މިއާއެކު ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީހު ވަރަށް ބޮޑަށް އޮޅުން ފިލާނެ. ފޮތް ކިޔުމުން އޮޅުން ފިލާނެ އެއްކަމަކީ، ތައުލީމީ ދާއިރާގައި އެތައް ތަޖުރިބާތަކެއް ކުރިން ވަނީ ކުރެވިފައިކަން. ދައުރުތައް ބަދަލުވަމުން ދާއިރު، އަލުން ޕެކެޖްކޮށް ރީބްރޭންޑްކޮށްގެން ނެރެވެނީ ކޮންމެވެސް މާޒީއެއްގައި ތަންފީޒުކޮށް ތަޖުރިބާކޮށްފައިވާ ކަންކަންކަން. ތަފާތުވަނީ މައިގަނޑުގޮތެއްގައި ވަސީލަތްތަކާއި މާހައުލުގެ ތަފާތުތަކުގައި. އެހެންކަމުން ތާރީހީ ކޮންމެ ފޮތަކީ މުސްތަގުބަލްގައި އައު ކަންކަން ކުރަން ބޭނުންވާ މީހުންނަށް މަގުދައްކާ ޗާޓެއް. އެކި މަގުން ދުއްވީމާ ނުކުމެދާނެ ނަތީޖާ އަންދާޒާކޮށްދޭ ފާލެއް.

މި ފޮތުގެ މައިގަނޑުތައް ބެހިފައިވަނީ ކޮން ގޮތަކަށްތޯ؟

މިފޮތުގައި، 1900 ވަނަ އަހަރުން ފެށިގެން 2015 އަހަރާ ހަމައަށް ތައުލީމުގެ ކަންކަން ބައިކޮށްފައިވާނީ ފަސް ބަޔަކަށް. އެއީ އެ ދައުރުގެ މުހިއްމު ޝަހުސިއްޔަތަކަށް ނިސްބަތްކޮށް. އެންމެ ފުރަތަމަ ދައުރަކީ ފަޟީލަތުއްޝައިހު ޙުސައިން ސަލާހުއްދީނުގެ ދައުރު. ދެން މުހައްމަދު އަމީންގެ ދައުރު. މިއަށް ފަހު، އިބްރާހިމް ނާސިރުގެ ދައުރާއި މައުމޫން އަބްދުލްގައްޔޫމްގެ ދައުރު. އެންމެ ފަހު ދައުރެއްކަމަށް ފާހަގަކޮށްފައިވާނީ މައުމޫންގެ ދައުރަށް ފަހު އައި ދައުރު. އެއީ 2008 އިން 2015 އަށް. އެހެންކަމުން 115 އަހަރުގެ ތައުލީމީ ތާރީހު މި ފޮތުގައި ހުލާސާކޮށްފައިވާނެ. އަރިމަތީ ސުރުހީތަކަށް އެކި ބައިތައް ބަހައިފައިވާނީ ފަހުމްވާން ފަސޭހަވާނޭ ހެން.

އަޅުގަނޑު ދަންނަވާ ހިތް އޮތީ، ތައުލީމީ ދިރާސާތައް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ހާއްސަކޮށް މާޒީގެ ކަންކަން ދިރާސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއީ ޒަރޫރީ ފޮތެކޭ. ލޮނު ނުލައި ކާތަކެތި ސުލްހަ ނުވާފަދައިން، މިފޮތް ހަވާލާ ލިސްޓްގައި ނުހިމެނޭނަމަ، ދިރާސާ ފުރިހަމަ ނުވާނޭ ފޮތެކޭ. އެހެނީ މީގައި އޮށްޓަރުކުރެވިފައިވަނީ 115 އަހަރުގެ ތައުލީމީ ތަޖުރިބާ.

މި ފޮތް ރާއްޖޭން ބޭރުގައި މާކެޓްކުރާނެތޯ؟

މިފޮތް ޝާއިއުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން. ބޭރު ބަޔަކު މެދުވެރިކޮށް ފޮތް ޝާއިއުނުކުރީ ދިވެހީންނަށް އެ ގަންނަން އަގުބޮޑުވާނެތީ. ބޭރުގެ ފޮތްތަކަކީ ވަރަށް އަގުބޮޑު ފޮތްތަކެއް. އެހެންކަމުން ބޭރުން ޗާޕުކޮށްފިނަމަ، މިހާރު ހަތަރު ފޮތް ލިބޭ އަގަށް އެންމެ ފޮތެއް ގަންނަން ލިބޭނީ. މިއާއެކު، މިފޮތުގެ ބޭނުންތެރިކަން އޮންނާނީ ބޮޑަށް ދިވެހީންނަށް. ބޭރު ބަޔަކު ބޭނުން ވެއްޖެނަމަ، ފޮތް ވިއްކުމަކީ ޔުނިވާސިޓީގެ ކަމެއް.

މި ފޮތުގެ ދިވެހި ތަރުޖަމާއެއް ޝާއިއުކުރާނެތޯ؟

ފޮތުގެ ދިވެހި ތަރުޖަމާއެއް ނޫން (އެކަމަކު ދިވެހި ބަހުން ފޮތެއް ނެރޭނަން). އަޅުގަނޑު ދިރާސާ ހަދަމުން ދިޔައިރު ރާއްޖޭގެ ތައުލީމީ ކަންކަމާމެދު އެހާރާއި މިހާރުގެ ވަރަށް ގިނަ މައުލޫމާތު އެއްކުރެވިފައިވޭ. މި ފޮތުގައިވާ މައުލޫމާތާއި އަދި އިތުރަށް އެއްކޮށްފައިވާ މައުލޫމާތާއި ކޮށްފައިވާ ފިކުރު ހިމެނޭ އެހެން ފޮތެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. ދިވެހިބަހުން ލިޔާފޮތް، ދިވެހީންނަށް މާ ފަސޭހަވެފައި އޮށްޓަރު ގިނަވާނެ. މިހާތަނަށް ތައުލީމުގެ ފަސް މަންޒަރާއި 1900 ވަނަ އަހަރުން ފެށިގެން 1953 ވަނަ އަހަރާ ހަމައަށް ހިނގާދިޔަ މައިގަނޑު ތައުލީމީ ކަންތައްތަކާއި ތަންފީޒުކުރެވުނު ސިޔާސަތުތަކާއި އަސަރުތައް މިހާރުވަނީ ލިޔެ ނިމިފައި. ދެން ލިޔަން އޮންނާނީ މައިގަނޑު ހަތަރު ބާބު. އުއްމީދަކީ އެމަސައްކަތް ވަރަށް އަވަހަށް ނިންމާ ފޮތެއްގެ ގޮތުގައި އެކުލަވާން.

މި ފޮތް ޝާއިއުކުރުން ފިޔަވައި، ފޮތުގައި ގައުމީ ޔުނިވާސިޓީގެ ރަސްމީ ދައުރެއް އޮންނާނެތޯ؟

މި ފޮތް ޝާއިޢުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން އަލަށް ތަންފީޒުކުރަމުންދާ ފޮތް ޝާއިއުކުރުމާ ބެހޭ އުސޫލެއްގެ ދަށުން. މި ފުރުސަތަކީ ކޮންމެ ދިވެއްސަކަށް ވެސް އޮތް ފުރުސަތެއް. އެ ތަނުން ބަލާގޮތަކަށް ބެލުމަށް ފަހު، ވިކޭނެކަމަށް ލަފާކުރާ، އިލްމު ފެތުރުމާ ބެހޭ ކޮންމެ ފޮތެއް އެ ފަރާތަށް ގެއްލުން ނުވާގޮތެއްގެ މަތިން ޝާއިއުކޮށްދޭނެ. ޝާއިއުކޮށްދޭ ޝަރުތުތައް އެތަނުން އޮޅުން ފިލާނެ. ފޮތުގެ އެތެރޭގައި، ފޮތުގައިވާ އެއްޗަކާ މެދު ޔުނިވާސިޓީ މަސްއޫލިއްޔަތެއް ނޯންނާނެކަމަށް ޑިސްކްލެއިމާއެއް ބަޔާނެއްގައިވޭ. އެހެންކަމުން، ފޮތް ގުދަންކޮށް ވިއްކުން ފިޔަވައި އެހެން ދައުރެއް އެފަރާތަކުން ނުނަގާނެ.

މިއީ "ދިވެހިރާއްޖޭގެ ތައުލީމާ ބެހޭގޮތުން މިހާތަނަށް ލިޔެފައިވާ އެންމެ މުހިއްމު ފޮތް" ކަމަށްވަނީ ކީއްވެތޯ؟

މިއީ އަޅުގަނޑު ބުނެގެން އުޅޭ އިބާރާތެއް ނޫން. އެއީ، ޔުނިވާސިޓީ މާކެޓިން އިން ބުނާ އެއްޗެއް. ފޮތެއް ޝާއިއުކުރާ ކޮންމެ ތަނަކުން އެދޭނީ އެފޮތެއް އަވަހަށް ވިކި ހުސްވާން. އެއީ ފޮތް ގުދަންކޮށް ބެލެހެއްޓުމަކީ ވެސް ހަރަދެއް ހިނގާނެ ކަމަކަށްވާތީ. އެ އިބާރާތް ތެދުކަން ނުވަތަ ދޮގުކަން އެނގިވަޑައިގަންނަވާނީ ފޮތަށް އިންސާފުކުރެއްވުމުން ކަމަށް ލަފާކުރެވޭ. އަޖުމަ ބެއްލެވުމަށް ފޮތް ކިޔުއްވުން އެދެން.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox