ރޯމް (އޮގަސްޓް 28) - އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން އިންޓަ މިލާނުން ފަހަތުން އަރައި 3-1 އިން ހެލަސް ވެރޯނާ އަތުން މޮޅުވެއްޖެ އެވެ.
ލީގުގައި އިންޓަ ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގައި ޖެނޯއާ އަތުން ވަނީ ފަސޭހަކަމާ އެކު 4-0 އިން މޮޅުވެފަ އެވެ. އެކަމަކު، ރަށުންބޭރުގައި ރޭގެ މެޗު ފަށަން ޖެހުނީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.
ރޯމާގެ ކުރީގެ ކޯޗު އުސޭބިއޯ ޑި ފްރެންސެސްކޯގެ ކޯޗުކަމުގައި ކުޅޭ ވެރޯނާ އިން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޯވިޗް އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ވެރޯނާ އިން ޖެހި ގޯލެކެެެވެ. އޭރިއާތެރެއިން ވެރޯނާގެ އިވާން އިލިޗަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަަމަ ހާފުގައި ގޯލެއް ޖަހަން އިންޓަ އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެ ޓީމުގެ ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފްގަ އެެވެ.
އިންޓަ އިން އެއްވަރުކުރީ ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒް އެވެ. ދިގު އެއްލުމަކުން އޭރިއާތެރެއިން މާޓިނޭޒަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މާޓީނޭޒް އިންޓަ އަށް ޖަަހައިދިން 50 ވަނަ ގޯލެވެ.
މެޗުގައި އިންޓަ މޮޅުކޮށްދޭން އެހީވި ޔަކީން ކޮރޭއާ ކުޅެން އެރީ ފަހު 15 މިނިޓަށެވެ. އޭނާ އަކީ ލާޒިއޯ ދޫކޮށް ދާދި ފަހުން ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް ބަދަލުވި ކުޅުންތެރިއެކެވެ.
އިންޓަ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 83 ވަނަ މިނިޓްގައި ކޮރޭއާ ޖެހި ގޯލުންނެވެ. މަޓެއޯ ޑާމިއަން ނަގައިދިން ހުރަހަކުން ކޮރޭއާ މި ގޯލު ޖެހީ ބޮލުންނެވެ. އަދި އޭނާ ވަނީ އިތުރު ވަގުތުގައި އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އިންޓަގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ކޮރޭއާ އަކީ މިދިޔަ 10 އަހަރު ތެރޭ އިންޓައާ އަލަށް ގުޅުމަށް ފަހު ފުރަތަމަ މެޗުގައި ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ކޮރޭއާ އަކީ މިދިޔަ ސީޒަނުގައި ސިމޯން އިންޒާގީގެ ކޯޗުކަމުގައި ލާޒިއޯގައި ވެސް މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. އިންޓައާ މި ވަގުތު ހަވާލުވެ ހުރި އިންޒާގީ ވަނީ ކޮރޭއާ އެ ޓީމުގައި ވެސް ތަފާތު ދައްކާނެ ކަމަށް ބުނެފަ އެވެ.












