ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އިލްމީ ބޭފުޅުންނާ، އެޓާނީ ޖެނެރަލް (އޭޖީ) އަލްއުސްތާޒް އިބްރާހީމް ރިފްއަތު މިއަދު ބައްދަލުކުރައްވައިފި އެވެ.
އޭޖީ އޮފީހުން ބުނީ މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސްކޮށްފައިވާ ބިލުގެ ޑްރާފްޓާ މެދު މަޝްވަރާކޮށް އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ބައްދަލުވުމުގެ ބައިވެރިންވަނީ ހުށަހަޅާފައިވާ ކަމަށެވެ.
"މިއީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެކެވެ،" އެ އޮފީހުން ބުނެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެ ބިލާ މެދު ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ބިލުގެ ދިރާސާކުރި އިރު މަޖިލީހުގެ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ހޯދައިފަ އެވެ. އަދި އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ވަނީ ހިޔާލު ހުށަހަޅައިފަ އެވެ. އެކަންކަމަށް ރިއާޔަތްކޮށް ކޮމިޓީން ވަނީ ބިލަށް ބޮޑެތި އިސްލާހުތައް ގެނެސްފަ އެވެ.

އެ ބިލަށް ބަދަލުތައް ގެންނާތީ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ބައެއް ސިޔާސީ ޕާޓީތަކުގެ އެދުމާ އެއްގޮތަށް ސަރުކާރުން ދީލާލުމުންނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ފޮނުވާ ކޮންމެ ބިލަކީ އެއޮތް ގޮތަށް ފާސްވާން ޖެހޭނެ ބިލެއް ނޫން ކަމަށެވެ
"ބިލުގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރެދާނެ. ނަފުރަތުގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވުމަށް ފަހު އެއާ ދޭތެރޭ ވިސްނިއިރު އާއްމުންގެ ވިސްނުން ހުރި ގޮތުން އިސްލާހު ގެންނަން ޖެހޭ ކަމަށް ފެނުނީ. އިސްލާހުތަކާ އެކު ފާސްވެގެން ދިއުމަށް އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވި އެވެ.













