ރިޕޯޓުކޯޓާއި މަޖިލީހާ ދެމެދު ހަނި ރޮނގެއް؛ މައްސަލައެއް ބެލޭނީ މި ހާލަތުގައި!

ކޯޓާއި މަޖިލީހާ ދެމެދު ހަނި ރޮނގެއް؛ މައްސަލައެއް ބެލޭނީ މި ހާލަތުގައި!

މަޖިލީހުން ނިންމާ ނިންމުންތައް މަޖިލީހުގެ މެންބަރެއް ނޫން ފަރާތަކަށް ރައްދުވާ ހާލަތުގައި އެފަދަ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވާނަމަ ކޯޓަށް ހުށަހެޅޭނެ. އެއީ، ގާނޫނުއަސާސީގައި ބުނާ އިޖުރާއަތަކާ ހިލާފުވުން އަދި އަސާސީ ހައްގެއް ގެއްލިގެން ދިޔުން.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ: މަޖިލީހުގެ ނިންމުމެއް ސުޕްރީމް ކޯޓަށް ބެލޭނެ ހާލަތްތައް ވަނީ ތަފްސީލްކޮށް ދީފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: މަޖިލީހުގެ ނިންމުމެއް ސުޕްރީމް ކޯޓަށް ބެލޭނެ ހާލަތްތައް ވަނީ ތަފްސީލްކޮށް ދީފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ދެ ސުވާލެކެވެ؛ ރައްޔިތުންގެ މަޖިލީހަށް އޮތް ބަރުލަމާނީ އިމްތިޔާޒުގެ ހުދޫދަކީ ކޮބާ؟، މަޖިލީހުގެ ނިންމުމަކާ މެދު ޖަދަލު ނުކުރެވޭނެ ހާލަތަކީ ކޮބާ؟

މިއީ ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމެވި ދުސްތޫރީ މައްސަލައިގެ ހުކުމްގައި އުފެއްދި ބޮޑު ދެ ސުވާލެވެ.

ޑރ. މުހައްމަދު ޖަމީލު ނައިބު ރައީސް ކަމުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ، ހުށަހެޅި މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ލިޔުއްވި ރައުޔުގައި ދެ ސުވާލަށް ތަފްސީލީ ޖަވާބުތަކެއް ވަނީ ދެއްވައިފަ އެވެ.

ދެ ސުވާލު ވެސް ގުޅިފައިވަނީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާއާ އެވެ.

titledesc

މާއްދާއާ ގުޅޭ ގޮތުން މި ބަހުސް، ދުސްތޫރީ މައްސަލާގައި އުފެދުނީ ދައުލަތާއި ޑރ. ޖަމީލާ ދެމެދު އެ މާއްދާއާ ގުޅޭ ހިޔާލު ތަފާތުވުންތަކެއް އުފެދުމުންނެވެ.

އެގޮތުން ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި ކޯޓުތަކަށް ބެލޭނެ މައްސަލަތަކަކީ ގާނޫނުއަސާސީގައި އެކަމާ މެދު ކޯޓަށް ހުށަހެޅޭނެ ކަމަށް ބުނެފައިވާ މައްސަލަތައް އެކަންޏެވެ.

އެއީ، ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ނިންމުންތަކާ މެދު ހިލާފެއް އުފެދޭ ހާލަތުގައި އަންނަ މައްސަލަތަކެވެ.

ނަމަވެސް، ޑރ. ޖަމީލު ކޯޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އޮތީ ކޮންސްޓިޓިއުޝަނަލް ސުޕްރިމަސީއެއް ކަމާއި އެހެންކަމުން ޕާލަމެންޓަރީ ސުޕްރިމަސީ އޮންނަ ގައުމުތަކުގެ އިޖުރާއަތްތަކަށް ތަބާވާން ނުޖެހޭ ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ.

ޖަމީލުއާ ދެކޮޅަށް ދައުލަތުގެ ނުކުތާ ވަރުގަދަ ކުރުމުގެ ގޮތުން ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގެ ގަޒިއްޔާއެއް ކަމަށް ވޯލްޓާ ނިކްސަން ވ. ޔުނައިޓެޑް ސްޓޭޓްސްގެ ނުކުތާތައް ހުށަހެޅި އެވެ. މިއީ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލައެކެވެ.

އެ މައްސަލާގައި ތަފާތު ރައުޔުތަކެއް ހުރިއިރު އަގުލަބިއްޔަތު ރައުޔުގައި ބުނެފައިވަނީ ފަނޑިޔާރެއް އަޒުލުކުރުމުގެ މައްސަލަތައް ކޯޓުތަކުން އަލުން ބެލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ.

އެއީ، ފަނޑިޔާރުން އަޒުލުކުރުމުގެ ބާރު ސެނެޓަށް ދީފައިވަނީ ތިން ބާރު ވަކިވެ، އެއް ބާރު އަނެއް ބާރާ ފާރަވެރިވުމުގެ މަފްހޫމްގެ ދަށުން ކަމުގައިވާތީ އެވެ. ފަނޑިޔާރުން ވަކިކުރުމުގައި ކޯޓުތަކުން ބަސްބުނުމަކީ ޗެކްސް އެންޑް ބެލެންސް ސިސްޓަމްއާ ހިލާފު ކަމަކަށް ވާނެތީ އެވެ.

ނަމަވެސް، ތަފާތު ރައުޔުތަކުގައި ބުނެފައިވަނީ އެމެރިކާގެ ގާނޫނު ހަދާ ބާރުން ވެސް ނިންމާ ނިންމުންތައް ރިވިއު ކުރެވޭނެ ހާލަތްތަކެއް ހުންނަންވާނެ ކަމަށެވެ. ރިވިއު ކުރުމުގެ ދޮރު އެއްކޮށް ބަންދުވެގެން ގޮސްގެން ނުވާނެ ކަމަށެވެ.

ދައުލަތާއި ޑރ. ޖަމީލާ ދެމެދު ހިނގި ބަހުސްއަށްފަހު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައިވާ ގޮތުން، ބަރުލަމާނީ ނިޒާމެއް އޮންނަ އިނގިރޭސިވިލާތުގައި ވެސް ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައި ވެސް ޒަމާންވީ ވިސްނުމަކީ ގާނޫނު ހަދާ ބާރުން ނިންމާ ނިންމުންތަކަކީ ކޯޓުތަކަށް ހުށަހެޅި އިތުރަށް އެ ނިންމުންތަކާމެދު ގޮތް ކަނޑައެޅޭނެ ނިންމުންތަކެއް ނޫން ކަމުގައިވުމެވެ.

ނަމަވެސް، ޒަމާނަށް އަންނަ ބަދަލާ އެކު އެ ވިސްނުމާ މަޑުމަޑުން ދުރުވާތަން ފެންނަ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

"އެއީ ގާނޫނު ހަދާ ބާރުގެ މައްޗަށް ގޮތް ކިޔުމުގެ މަގުސަދުގައި ކުރެވޭ ކަމަކަށް ވުރެ އަސާސީ ހައްގެއް ނުވަތަ ދުސްތޫރީ ނިޒާމް ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރެވޭ ކަމެއް،" ހުކުމްގައިވެ އެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހުދޫދާއި ބާރު

ހުކުމްގައި ބުނި ގޮތުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ބޭނުމަކީ މަޖިލީހުގެ ބާރާއި އިހްތިޔާރުގައިވާ ކަންކަމަށް އެހެން އެއްވެސް ފަރާތަކުން ޖަދަލުކޮށް އެކަމެއް ބަދަލު ކުރުމަށް ފުރުސަތު ނުދިނުމެވެ.

އެހެންވެ، އެ މާއްދާގެ ބޭނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ގާނޫނުއަސާސީން ތަންދޭ ގޮތަށް މެނުވީ އެއްވެސް ކޯޓަކަށް ހުށަހަޅައިގެން ނުވާނެ ކަމަށް ހުކުމްގައިވެ އެވެ.

ނަމަވެސް، މަޖިލީހުން ނިންމާ ނިންމުންތައް މަޖިލީހުގެ މެންބަރެއް ނޫން ފަރާތަކަށް ރައްދުވާ ހާލަތުގައި އެފަދަ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވާނަމަ ކޯޓަށް ހުށަހެޅޭނެ އެވެ.

ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން ނިންމާ ނިންމުމެއް ވާނީ ދެ ހާލަތެއްގަ އެވެ. އެއީ، ގާނޫނުއަސާސީގައި ބުނާ އިޖުރާއަތަކާ ހިލާފުވުން އަދި އަސާސީ ހައްގެއް ގެއްލިގެން ދިޔުމެވެ.

އެހެންކަމުން، މަޖިލީހުގެ ނިންމުމަކާ ގުޅޭ ހުށަހެޅުމެއް ކޯޓުން ބަލައިގަންނަ ނަމަ މަތީގައިވާ ދެ ހާލަތުން ކުރެ ހާލަތެއް އޮތްތޯ ބަލަން ޖެހޭނެ އެވެ. ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހަޅާ މައްސަލައެއް ކޯޓުތަކުން ބަލައިގަނެގެން ނުވާނެ އެވެ.

"ނުވަތަ މައްސަލައަކީ އެއީ ކޯޓުތަކަށް ހައްލެއް ނުދެވޭނެ، ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވެގެން ނުވާނެ،" ޑރ. އަޒްމިރަލްދާ ލިޔުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓު: މަޖިލީހުގެ ނިންމުމެއް ކޯޓަށް ބެލޭނީ ގާނޫނުއަސާސީއާހިލާފުވާ ކަމަށް ތުހުމަތުވާނަމަ އެކަނި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ސުޕްރީމް ކޯޓު: މަޖިލީހުގެ ނިންމުމެއް ކޯޓަށް ބެލޭނީ ގާނޫނުއަސާސީއާހިލާފުވާ ކަމަށް ތުހުމަތުވާނަމަ އެކަނި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓު: މަޖިލީހުގެ ނިންމުމެއް ކޯޓަށް ބެލޭނީ ގާނޫނުއަސާސީއާހިލާފުވާ ކަމަށް ތުހުމަތުވާނަމަ އެކަނި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހުކުމްގައި ދެން ސުވާލު އުފެއްދި ކަމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލު ކަމަށް ބުނެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ހުދޫދު ކަނޑައެޅޭނެ މިންގަނޑާމެދު އެވެ.

އެ ސުވާލަށް ޖަވާބު ތަފްސީލް ކުރުމުގެ ގޮތުން މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ދުރަށް ދާން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެއީ، މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގައި ފަހު ބަސް ކިޔަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުގެ ކުރީގެ ބެންޗުން ކަނޑައަޅާފައި އޮތް އޮތުމެވެ.

އަޒްމިރަލްދާ ލިޔުއްވާފައިވާ ހުކުމްގައި ބުނި ގޮތުގައި އެ ނިންމުމަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)ގެ ރޫހާ އެއްގޮތްވާ ނިންމުމެއް ކަމަށް ބުނަން އުނދަގުލެވެ.

އެއީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމަލެއްކޮށްފައި ނުވި ނަމަވެސް، އެ ނިންމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހުގެ ބާރުތައް ހަނިވާ ގޮތަށް މުސްތަގުބަލުގައި ގާނޫނުއަސާސީއާ ހިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެ ކަމަށް ބަލައި އެ އިހުތިމާލުތަކުގެ މައްޗަށް ކަމަށްވާތީ އެވެ.

"ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުތަކާއި އިހްތިޔާރުތައް ހަނި ކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ގާނޫނުއަސާސީން ދީފައި ނުވޭ،" ހުކުމްގައިވެ އެވެ.

ހުކުމްގައިވާ ގޮތުގައި، ރާއްޖޭގެ ދުސްތޫރީ ނިޒާމް ބިނާވެފައިވަނީ އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމުގެ މަފްހޫމްގެ މައްޗަށެވެ. ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން ވާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދެން ހުކުމްގައި ވާހަކަ ދައްކާފައިވަނީ ސުޕްރީމް ކޯޓުގެ މީގެކުރީގެ ނިންމުމެއް ކަމަށްވާ ކުރީގެ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ވަކިކުރި މައްސަލާގައި މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ހިނގި މައްސަލާގެ ނިންމުމާ ގުޅޭ ގޮތުންނެވެ.

އެ ނިންމުމުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)އަކީ މަޖިލީހުގައި ހިނގާ ހުރިހާ ކަންތަކެއް ނުވަތަ އިހްތިޔާރީ ބާރު ބޭނުން ކުރާ ހުރިހާ ކަންތަކެއް ޖުޑީޝަލް ރިވިއު ނުކުރުމަށް އޮތް އާންމު ގާއިދާއެއް ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޑރ. އަޒްމިރަލްދާ ވެސް ވަނީ ޖުމްލަ ގޮތެއްގައި އެކަމަށް ތާއިދު ކުރައްވައިފަ އެވެ.

އެގޮތުން، ހުކުމްގައި ބުނި ގޮތުގައި 88 ވަނަ މާއްދާގެ (ށ)ން އިސްތިސްނާ ވަނީ ހަމައެކަނި ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސޯސް ލިބޭ މައްސަލަތައް ބެލުން އެކަނި ކަމަށް މާނަ ކުރަންވެއްޖެނަމަ، ގާނޫނުއަސާސީގެ ބައެއް އެހެން މާއްދާތަކާ ހިލާފުވުމުގެ ފުރުސަތު އޮންނާނެ އެވެ.

"މިސާލަކަށް، ގާނޫނުއަސާސީގެ ދަވަނަ ބާބުގައި ބުނާ އަސާސީ ހައްގުތަކާ މިނިވަން ކަމަށް އުނިކަން ލިބޭނެފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބޭ ގޮތަކަށް ގާނޫނުއަސާސީ މާނަކޮށް، ތަރުޖަމާކޮށްގެން ނުވާނެ،" ހުކުމްގައިވެ އެވެ.

މިކަމުން ރައްޔިތުންގެ މަޖިލިސް ވެސް އިސްތިސްނާއެއް ނުވެ އެވެ.

ހުކުމްގައި ބުނި ގޮތުގައި، ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތުން އަމަލުކުރުން ލާޒިމްކުރާއިރު އެއް ބާރުން ކުރާ ކަމެއް ގާނޫނުއަސާސީއާ ހިލާފުވާނަމަ، އެ މައްސަލައެއް އެހެން އެއްވެސް ފަރާތަކަށް ނުބެލޭނެ ކަމަށް މާނަ ކުރުމަކީ ގާނޫނުއަސާސީއެއް އޮތުމުގެ މަގުސަދާ ހިލާފު، ދެކޮޅު ނުޖެހޭ ކަމެކެވެ.

އެހެންކަމުން ހުކުމްގައި ބުނި ގޮތުގައި، 88 ވަނަ މާއްދާގެ (ށ)އަކީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގައި ހިނގާ ކަމެއް ކޯޓަށް ހުށަހެޅުން ހުރަސްއަޅާ މާއްދާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ގެންގުޅިފައިވާ ވިސްނުން ރަނގަޅު ކަމަށް ފަހުގެ ދުސްތޫރީ ހުކުމްގައި ކަނޑައެޅި އެވެ.

ހަމައެފަދައިން، 88 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުދޫދެއްވެ އެވެ. އެއީ، ހުކުމްގައި ބުނި ގޮތުގައި 88 ވަނަ މާއްދާގެ (ށ)ގެ ދަށުން މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒު ހިމާޔަތް ކުރެވިފައިވަނީ ގާނޫނުއަސާސީގައި އެކަމަށް ތަންދޭ މިންވަރަށެވެ.

"ފަރުދީ އަސާސީ ހައްގެއް ނިގުޅައިގަނެވިގެންދާ މޭރުމަކުން އަމަލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަކަށް ނެތް،" ހުކުމްގައިވެ އެވެ.

އަސާސީ ހައްގެއް ނުވަތަ މިނިވަން ކަމެއް މަޖިލީހަށް ހަނި ކުރެވޭނީ ފާސްކުރާ ގާނޫނަކުން ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެހެން ގޮތަކަށް ބުނާނަމަ، ފަރުދެއްގެ މައްޗަށް މަޖިލީހުން ނިންމާ ނިންމުމެއްގައި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ހުކުމްގައިވެ އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox