މެލޭޝިއާގެ އާ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ އަކީ ކާކު؟

މެލޭޝިއާގެ އާ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ.-- ފޮޓޯ: އޭއެފްޕީ

މެލޭޝިއާގެ އާ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ.-- ފޮޓޯ: އޭއެފްޕީ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޯގަސްޓު 20) - މެލޭޝިއާގެ އާ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ އަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ސިޔާސީ ޕާޓީގެ ތަޖުރިބާކާރު ލީޑަރެކެވެ. އެކަމަކު އެނެލިސްޓުން ދެކޭ ގޮތުގައި މެލޭޝިއާ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް ގެނައުމުގެ މާ ބޮޑު އުއްމީދެއް އެމަނިކުފާނަކަށް ނެތެވެ.

މިދިޔަ ހަފްތާގައި ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވުމާއެކު އުމުރުން 61 އަހަރުގެ ސަބްރީ އެ މަގާމަށް އައްޔަނު ކުރެއްވި ހުކުރު ދުވަހު އެވެ. އެމަނިކުފާނަކީ ހަތަރު އަހަރުގެ ތެރޭގައި މެލޭޝިއާގެ ތިން ވަނަ ބޮޑު ވަޒީރެވެ.

ސަބްރީ ނިސްބަތްވެވަޑައިގަންނަވަނީ ޔުނައިޓެޑް މެލޭޒް ނޭޝަނަލް އޯގަނައިޒޭޝަން (ޔޫއެމްއެންއޯ) އަށެވެ. މެލޭޝިއާ އަށް މިނިވަންކަން ލިބުނު ފަހުން ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި ކޯލިޝަން ސަރުކާރުގެ މައި ޕާޓީއަކީ އެއީ އެވެ.

ކެރިއަރުގައި މިހާތަނަށް "ލޯ ޕްރޮފައިލެއް" ގެންގުޅުއްވި ސަބްރީ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެން ފެށީ އިސްތިއުފާ ދެއްވި ޔާސީންގެ 17 މަސް ދުވަހުގެ ސަރުކާރުގައި ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ސަބްރީ ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅޭ މައުލޫމާތު ކޮންމެ ދުވަހަކު އާއްމުކޮށް ހިއްސާ ކުރައްވާފަ އެވެ. އެ ސަރުކާރު ނިމެން ގާތްވިއިރު، އެމަނިކުފާނު ވަނީ ޑެޕިއުޓީ ބޮޑު ވަޒީރުގެ މަގާމަށް ޕްރޮމޯޓު ކުރައްވާފަ އެވެ.

ސަބްރީ އަކީ މެލޭޝިއާގެ އެކި ސިޔާސީ ފެކްޝަންތަކާ ގުޅުން އޮންނަ ބޭފުޅެކެވެ. އެހެންކަމުން ޔާސީންގެ ސަރުކާރަށް ޕާލިމެންޓުން ނުލިބުނު ތާއީދު، ސަބްރީގެ ސަރުކާރަށް ލިބުމުގެ ފުރުސަތު ބޮޑެވެ.

"އިސްމާއިލް ސަބްރީ އަކީ ޔާސީންގެ ޕާޓީގެ އެކި ފެކްޝަންތަކާއި ޔޫއެމްއެންއޯ އާ ދެމެދުގައިވާ ފާލަމެއް. އެއީ އެންމެ ރަނގަޅު ތަނުގައި ހުރި ބޭފުޅެއް،" ނޮޓިންގްހަމް ޔުނިވާސިޓީގެ މެލޭޝިއާއާ ގުޅޭ ތަޖުރިބާކާރު ބްރިޖެޓް ވެލްޝް ވިދާޅުވި އެވެ.

ނަމަވެސް ސަބްރީގެ ސަރުކާރާއި ޔާސީންގެ ސަރުކާރާ މާ ބޮޑު ތަފާތެއް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. ޔާސީން އާއި އެހެން ފެކްޝަންތަކުން ސަބްރީ އަށް ތާއީދު ކުރާއިރު، ޔާސީން ފަދައިން ސަބްރީ ވެސް މަގާމަށް ވަޑައިގެންނެވީ އިންތިހާބަކާ ނުލަ އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި އިންތިހާބު ނުބާއްވަން ނިންމެވީ ރަސްގެފާނެވެ. އެހެންކަމުން މެލޭޝިއާގެ ގާނޫނު އަސާސީގެ ދަށުން، ޕާލިމެންޓުގައި އެންމެ ބޮޑު ތާއީދު އޮތް ބޭފުޅެއް ބެލުމަށް ފަހު، ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ބާރު ރަސްގެފާނަށް ލިބިވަޑައިގަންނަވަ އެވެ.

ބެލެވޭ ގޮތުގައި އިދިކޮޅުގެ ފަރާތުން ސަބްރީ އަށް ތަކުރާރުކޮށް ގޮންޖެހުމާ ދިމާވާނެ އެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަންނާނީ، ނިމުނު ސަރުކާރުގައި ކޮވިޑްގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކީ ސަބްރީ އަށް ވާތީ، ބަލިމަޑުކަމާ ގުޅުން ހުރި ކަންކަމުގަ އެވެ.

"ކޮވިޑް ރަނގަޅަށް މެނޭޖް ނުކުރެވި މެލޭޝިއާ އަށް ދިމާވެފައިވާ ހާލަތުގެ ފަހަތުގައި ހުރި އެއް ލީޑަރު ސަބްރީ އަކީ. އޭރުގެ ސިޔާސަތުތައް މާ ކާމިޔާބެއް ނޫން،" ވެލްޝް ވިދާޅުވި އެވެ.

އެތައް އަހަރެއް ވަންދެން ވެރިކަން ކުރި ޔޫއެމްއެންއޯ ގެ ސަރުކާރު 2018 ވަނަ އަހަރުގެ އިންތިހާބުގައި ބަދަލުވީ ކޮރަޕްޝަންގެ ތުހުމަތުތަކާ ހެދި ރައްޔިތުންގެ ވޯޓު ނުލިބިގެންނެވެ. ނަމަވެސް ޔާސީންގެ ކޯލިޝަނަށް ތާއީދުކޮށް، ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޭގެ ފަހުން ވެސް އޮތެވެ.

އެނެލިސްޓުން ބުނާ ގޮތުގައި އިންތިހާބަކާ ނުލައި އަލުން ބޮޑު ވަޒީރު ކަމަށް އެ ޕާޓީގެ ލީޑަރަކު ވަޑައިގެންނެވުމުން ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު ބޮޑު ރުޅިވެރިކަމެއް އުފެދުން އެކަށީގެންވެ އެވެ.

އިރުމަތީގައި އޮންނަ ޕަހާންގް ސްޓޭޓަށް ނިސްބަތްވެވަޑައިގަންނަވާ ސަބްރީ ސިޔާސީ މަސައްކަތް ފެއްޓެވުމުގެ ކުރިން އުޅުއްވީ ގާނޫނީ ވަކީލަކަށެވެ. އޭގެ ފަހުން ވަނީ އެގްރިކަލްޗާ މިނިސްޓަރު އަދި ރޫރަލް ޑެވެލޮޕްމަންޓް މިނިސްޓަރު ފަދަ ކެބިނެޓުގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.

މެލޭޝިއާގެ މުސްލިމް މެޖޯރިޓީ ގައި ހިމެނިވަޑައިގަންނަވާ ސަބްރީގެ މީގެ ކުދިން ނަސްލީ އަދި ދީނީ ތަފާތު ކުރުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާތީ ފާޑުކިޔުން އަމާޒުވި އެވެ.

އެގޮތުން 2019 ވަނަ އަހަރު އިދިކޮޅު ޕާޓީގެ ގޮތުގައި ޔޫއެމްއެންއޯ އޮތް އިރު، އޭރު ސަރުކާރުގެ މެމްބަރުންނާ ދެކޮޅަށް "ޖިހާދަށް" ތެދުވުމަށް ގޮވާލެއްވި އެވެ. އޭރުގެ ސަރުކާރުގައި މުސްލިމް ނޫން ގިނަ ބަޔަކު ހިމެނޭތީ، އެފަދަ ގޮވާލުމެއް ގޮވާލެއްވުމުން ވަރަށް ބޮޑު ފާޑުކިޔުމެއް ސަބްރީ އަށް އަމާޒުވި އެވެ.

ދީނާއި ނަސްލަކީ މެލޭޝިއާގައި "ސެންސިޓިވް" މައުޟޫއުތަކެވެ. މެލޭޝިއާގެ 32 މިލިއަން މީހުންގެ ތެރެއިން 60 ޕަސެންޓަކީ މެލޭ ދަރިކޮޅުގެ މީހުންނެވެ. ނަމަވެސް ޗައިނާ އަދި އިންޑިއާ ދަރިކޮޅު ހިމެނޭހެން ގިނަ ނަސްލުތަކެއްގެ މީހުން މެލޭޝިއާ ރައްޔިތުން ތެރޭގައި ހިމެނެ އެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި ގައުމުގެ ހާލަތު ބަދަލު ނުކުރެވޭ ނަމަ ސަބްރީ އަށް ވެސް ބޮޑު ވަޒީރުކަމުގައި ހުންނެވޭނީ ކުޑަ ދުވަސްކޮޅަކަށެވެ.

"މިއީ އާއްމު ހާލަތެއް ނަމަ، ސަބްރީ އަށް އެ މަގާމަށް ނާދެވުނީސް،" ޓެސްމޭނިއާ ޔުނިވާސިޓީގެ މެލޭޝިއާއާ ގުޅޭ ތަޖުރިބާކާރު ޖޭމްސް ޗިން ވިދާޅުވި އެވެ.

"މަގާމުގައި ހުންނަވައި ކުރިއެރުމެއް ނުފެންނަ ނަމަ، ސަބްރީ އަށް ބޮޑު ވަޒީރުކަން ކުރެއްވޭނީ އަންނަ އާއްމު އިންތިހާބާ ހަމައަށް އެކަނި."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox