ސްރީ ލަންކާގައި ކުޑަ އަންހެން ކުއްޖަކު އިޝްތިހާރުކޮށް، އެ ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލުކުރި އަޑުއެހުން އަންނަ މަހަށް ފަސްކޮށްފި އެވެ.
ލަންކާގެ ފުލުހުން މިހާތަނަށް އާއްމުކޮށްފައި ވަނީ އެ ކުއްޖާ ލައްވައި ޖިންސީ ކުށްތަކެއް ހިންގުވި ނެޓްވޯކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމެވެ. އެ މައްސަލައިގައި އަޝްމަލީއާ އެކު 34 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެތެރޭގައި، އެ ނެޓްވޯކަށް ފައިސާދީގެން އެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުވާ 22 މީހުންނާއި ނެޓްވޯކް ހިންގާ ކަމުގެ ތުހުމަތު 10 މީހަކަށް ކުރެ އެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަޝްމަލީ ވެސް ވަނީ އައިޑެންޓިފިކޭޝަން ޕެރޭޑެއްގައި ބައިވެރި ކުރުވައިފަ އެވެ.
އެއީ ކުށެއްގެ މަންޒަރު ފެނުނު ހެއްކަށް، އެ ކުށުގެ ތުހުމަތުވާ ގިނަ ބަޔެއްގެ ތެރެއިން، ސީދާ އެ ކުށް ކުރި މީހާ ދެނެގަންނަން ކުރާ ކަމެކެވެ.

އެގޮތުން، އަޝްމަލީއާއެކު އެ ކުއްޖާއާ ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ހިމެނޭގޮތަށް ޖުމްލަ 32 މީހެއް އެ ޕެރޭޑުގައި ބައިވެރިކުރުވި އެވެ.
އެ ޕެރޭޑުގައި ތިބި މީހުންގެ ތެރެއިން، އަޝްމަލީގެ އިތުރުން އަނެއް ތިން މީހުންނާއެކު ވެސް ޖިންސީ އަމަލު ހިންގާފައިވާ ކަމަށް އެ ކުއްޖާ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ކޯޓުގައި ބުނެފައިވެ އެވެ.
ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތަކުގައި އާންމު ގޮތެއްގައި ކަފާލާތުގެ ދަށުން ދޫނުކުރި ނަމަވެސް، ޝަރީއަތް ނިންމެންދެން ބަންދުކުރާ މީހުންގެ އަދަދު އިތުރުވާތީ ލަންކާގެ ދަށު ކޯޓުތަކަށް މި ފަހުން ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އެއާއެކު، އަޝްމަލީ ވަނީ 25،000 ލަންކާ ރުޕީސް (125 އެމެރިކާ ޑޮލަރު) ކަފާލެއްގެ ގޮތުގައި ދެއްކުމަށްފަހު ބަންދުން ދޫކޮށްލައިފަ އެވެ. ކަފާލާތުގެ އިތުރުން، ފަސް މިލިއަން ލަންކާ ރުޕީސް (25،000 އެމެރިކާ ޑޮލަރު) ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސް ވެސް ބަހައްޓަންޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމުގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށް އޭނާގެ ވަކީލު އެ ދުވަހު ބުންޏެވެ.
އެހެންކަމުން، އެގޮތަށް އުމުރު އޮޅުވާލުމުގެ ސަބަބުން އެއީ ކުޑަކުއްޖެއް ކަމެއް އޭނާއާއެކު ގުޅުން ހިންގި މީހުންނަށް ނޭނގުމުގެ ފުރުސަތު އޮތުމަކީ ވެސް ކަފާލާތް ލިބުމަށް މަގުފަހިވި އެއް ސަބަބެވެ.
އެ ދުވަހުގެ އަޑުއެހުން ނިންމައިލީ މިދިޔަ ބުރާސްފަތި ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ނަމަވެސް، އެ މައްސަލައިގެ ފޮރެންސިކް ރިޕޯޓުތަކެއް ނުލިބޭތީ ބުރާސްފަތި ދުވަހުގެ އަޑުއެހުން ކޯޓުން ވަނީ ފަސްކޮށްފަ އެވެ.
އެގޮތުން، އެ އަޑުއެހުން އަންނަ މަހުގެ 18 އަށް ފަސްކޮށްފައިވާކަމަށް އަޝްމަލީގެ ވަކީލު ބުންޏެވެ.
އަދި އަޝްމަލީގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާ މިވަގުތު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާކަމަށް ވެސް ބުންޏެވެ.
އަޝްމަލީގެ އިތުރުން އެ މައްސަލައިގައި ދެން ހިމެނޭ 34 މީހުން ވެސް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާކަމަށް އެނގިފައި ވެ އެވެ.
އަޝްމަލީ މީގެ ކުރިން ބުނެފައިވަނީ އޭނާ ދިޔައީ އޮންލައިންކޮށް އޮއިލް މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކޮށްގެން ކަމަށެވެ.
އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔައީ ކަމަށެވެ.
އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ ވަނީ ބުނެފަ އެވެ.
ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި މައުންޓް ލެވީނިއާ ސަރަހައްދުގައި ތިން މަސް ވަންދެން އެ ކުއްޖާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަންމަ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް އެކަމުގައި ބައިވެރިވި އެކި މީހުން ހައްޔަރުކޮށްފައިވާ އިރު އަދިވެސް ތުހުމަތުކުރާ މީހުންތަކެއް ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުޅާދާއިރާއެއްގައި އެކަން ކުރަމުން ދިޔައީ، ލަންކާ ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ވިއްކުމަށް ވެބްސައިޓެއް ވެސް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ އަޝްމަލީގެ އިތުރުން ކުއްޖާ އިޝްތިހާރުކުރަން ވެބްސައިޓު ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެވެ.
ސަރުކާރުގައި އިސް މަގާމްތަކެއް ފުރުއްވި އަޝްމަލީ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. އޭނާ ވަނީ ދިރާގުގެ ޗެއާމަންކަމާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިދިކޮޅު (ވެރިކަމުގައި މިހާރު އޮތް ކޯލިޝަން ޕާޓީތަކުން) އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެއީ އިންތިހާބު އޮޅުވާލުމަށް ބައެއް ސާމާނުތައް ރާއްޖެ އިން ބޭރުން ގެނައީ އޭނާ އިސްވެ ހުންނަވައިގެން ކަމަށެވެ.
އެކަމަކު، ފަހުން އޭނާ ރާއްޖެ ދޫކޮށް ދިޔައީ ޕީޕީއެމަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހު އެވެ.













