ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ޖޫން މަހު ހަތް ވަނަ ދުވަހު ބަންގްލަދޭޝް ގައުމީ ޓީމު އަތުން އިންޑިއާ މޮޅުވީ ފަހު 11 މިނިޓް ތެރޭ ސުނިލް ޗެތުރީ ޖެހި ދެ ގޯލާ އެކު އެވެ. އެ ދުވަހު ބަންގްލަދޭޝްގެ ފަހަތުގައި ބަޝުންދަރާ ކިންގްސް އަށް ނިސްބަތްވާ ދެ ކުޅުންތެރިން ކުޅުނެވެ.
އޭއެފްސީ ކަޕްގެ މެޗެއްގައި މާދަމާ ހަވީރު ޗެތުރީ ކުޅެމުން އަންނަ އިންޑިއާގެ ބެންގަލޫރު ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނައިރު ގައުމީ ރޫހެއްގައި ބަޝުންދަރާ ޓީމުގައި ތިބި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ވިސްނުން ހުރީ ޗެތުރީ ހުއްޓުވުމަށެެވެ.
މާދަމާ ހަވީރު ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި ޗެތުރީ ހުއްޓުވަން ހާއްސަ ސަމާލުކަމެއް ދޭނެތޯ ބަޝުންދަރާގެ ކެޕްޓަން ޓޯޕޫ ބަރްމަން ގާތުގައި އެހުމުން އޭނާ ބުނީ ޗެތުރީ އަކީ މޮޅު ކުޅުންތެރިއެއްކަން އެނގޭ ކަމަށާއި ސަމާލުވެގެން ހުންނާނެ ކަމަށެވެ. އޭނާ އަކީ ބަންގްލަދޭޝް ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރެވެ.
"ވަރަށް އެލާޓްކޮށް އަހަރެމެން ތިބެން ޖެހޭނީ. އޭނަ (ޗެތުރީ) އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެންގެ އެބައޮތް ގޭމްޕްލޭނެއް. ކޯޗިން ސްޓާފުން ކިޔައިދޭ ގޮތަށް އަހަރެމެން ކުޅޭނީ. ޗެތުރީއާ މެދު ސަމާލުވާނަން،" މެޗުގެ ކުރިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޯޕޫ ބުންޏެވެ.

ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ތެރެއިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކައިރިން ޗެތުރީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ބެންގަލޫރާ ދެކޮޅަށް ބަޝުންދަރާ ކުޅޭ މެޗުގެ ތައްޔާރީތަކުގައި ބަންގްލަދޭޝްގެ މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ ޗެތުރީ އަށެވެ. އެކަމަކު އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އީގަލްސްއާ ދެކޮޅަށް ބެންގަލޫރުން މޮޅުވި މެޗާއޮ ގްރޫޕް ސްޓޭޖުގައި މޯހަން ބަގާން އަތުން ބެންގަލޫރު ބަލިވި މެޗުގައި ޗެތުރީ ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ބެންގަލޫރުގެ ކޯޗު މާކޯ ޕެޒޯލީ ހުރީ ޗެތުރީގެ މޮޅު ކުޅުން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.
ޗެތުރީ މޮޅު، އެކަމަކު މިދިޔަ ދެ ސީޒަނުގައި ފެނުނީ ދަށްކޮށް: އޮސްކާ
މިހާރު އުމުރުން 37 އަހަރުގެ ޗެތުރީ، މީގެ ހަ އަހަރު ކުރިން އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ގަދަބާރު މުމްބާއީ ސިޓީ އަށް ކުޅުނުއިރު، އެ ކްލަބްގެ ކޯޗިން ޓީމުގައި އޮސްކާ ވެސް ހުއްޓެވެ. މާދަމާ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ޗެތުރީއާ އެކު މަސައްކަތްކޮށްފައި ވުމުން އޭނާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއް ކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"ސުނިލް (ޗެތުރީ) އަކީ ވިސްނުންތޫނު ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް. އެކަމަކު މިދިޔަ ދެ އަހަރު އަހަންނަށް ސުނިލްގެ އެންމެ މޮޅު ކުޅުމެއް ނުފެނޭ. އެކަމަކު އެހެން ކިޔާފައި އަހަރެމެން އޭނަ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭނަން. އޭނާ އަށް ސަމާލުވެގެން ރަނގަޅަށް ކުޅެން ޖެހޭ،" އޮސްކާ ބުންޏެވެ.
ޗެތުރީ އަކީ ފެންވަރު ރަނގަޅު ލީޑަރެއްކަން ފާހަގަކޮށް، އޮސްކާ ބުނީ ޗެތުރީ އަށް އެހީވެދޭން ބެންގަލޫރުގައި އިންޑިއާގެ ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިންތަކަކާއި މޮޅު ބިދޭސީ ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެ ކުޅުންތެރިން ގޮވައިގެން ޗެތުރީ ނުކުންނާނީ ލީޑަރެއްގެ ގޮތުގައި ތަފާތު ދައްކައި ނަތީޖާ ނެރެންކަން އޮސްކާ ވަނީ ފާހަގަކޮށްފަ އެވެ.
"ފުރަަތަމަ މެޗުގައި ބަލިވެފައި އޮތީމަ. ބެންގަލޫރަށް އޮތީ މޮޅުވުން މަޖުބޫރުވެފައި. އެކަން ހަމައެކަނި ސުނިލް (ޗެތުރީ) އަށް ބަލައިގެން ނުކުރެވޭނެ. އަހަރެމެން އެ އަށް ވުރެ ރަނގަޅަށް ޕްލޭނެއް ރާވައިގެން ނުކުންނާނީ. ބެމްގަލޫރު މިހާރު އޮތް ޓީމު ޓީމު ރާވާނީ ސުނިލް (ޗެތުރީ) އަށް އިސްކަންދީގެން އޭނަ ބަހައްޓައިގެން،" ރާއްޖޭގެ ނިއު ރޭޑިއަންޓްގައި ވެސް ރަނގަޅު މަސައްކަތްތަކެއްކުރި އޮސްކާ ބުންޏެވެ.
"ސުނިލް (ޗެތުރީ) އަކީ އަރިމަތިން ކުޅޭ ކުޅުންތެރިއެއް. އެތެރަށް ވަދެ އެޓޭކްގައި ބައިވެރިވެ ގޯލު ޖަހާ ގޯލާ ރަށްޓެހި ކުޅުންތެރިއެއް. އޭރިއާތެރެއިން ކުޑަ ޖާގައެއް ލިބުނަސް ސަމާލުވާން ޖެހޭނެ. އެހެންވީމަ އަހަރެމެން ރަނގަޅަށް ތައްޔާރުވާނަން،"
ޕްލޭއޮފްގައި އީގަލްސްއާ ދެކޮޅަށް ނުކުން މެޗުގެ ކުރިން ޗެތުރީ ދިން އިންޓަވިއުއެއްގައި ވަނީ މި ފަަހަރުގެ މުބާރާތުގައި ކުރިން ފަހަރުތަކަށް ވުރެ ރަނގަޅަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފުން ބެންގަލޫރު ކެޓީ އެވެ. އެހެންވެ، ގްރޫޕް ސްޓޭޖުގައި ވާދަނުކުރެ އެވެ. މި ފަހަރު އެ ޓީމުން ގްރޫޕް ސްޓޭޖުގައި އެ ކުޅެނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބެންގަލޫރު ވަނީ 2-0 އިން އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މާދަމާ ހަވީރު ބަޝުންދަރައާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 4 ޖަހާއިރު އެވެ.












