ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ދިވެހިން އެންމެ އުނދަގުލުން ހޯދި އެއް ހައްގެވެ. ނޫހެއްގައި ސިޔާސީ ވާހަކައެއް ލިޔެގެން އުމުރަށް ޖަލަށްލާފައި ތިބި ދިވެހިން އެބަ ތިއްބެވެ. ބުނެވުނު އެއްޗެއްގެ ސަބަބުން ސިފައިންގޭގައި ބަންދުކޮށް، އަނިޔާކޮށްފައި އެބަ ހުއްޓެވެ. އަދި މުޒާހަރާ ކުރުމަކީ ވެސް ކުރިން ހުއްދަ ކަމެއް ނޫނެވެ.
ގިނަ ޕާޓީ އެކުލެވޭ އިންތިހާބަކަށް 2008 ވަނަ އަހަރު ދިވެހިރާއްޖެ ދިޔަފަހުން ވެސް ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އެކި ފަހަރު މަތިން ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުރުގައި، ސިފައިންނާ ދިމާލަށް ބާގީ ގޮވާ މީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދިނެވެ. ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބޮޑު ދެ ނޫސް ބަންދު ކުރި އެވެ. އަދި ސަރުކާރަށް ނުރުހުން ފާޅުކޮށް ވާހަކަ ދެއްކި ކިތަންމެ ބަޔަކަށް ވަޒީފާ ގެއްލިފައި އެބަހުއްޓެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދަމަހައްޓައި، ބުނެވޭ ބަހެއްގެ ސަބަބުން ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާ އެކު އެވެ.
އެކަމަކު މިއަދު އަނެއްކާ ވެސް ދިވެހިން ވިސްނާލަންޖެހޭ ހިސާބަށް ކަންތައް ގޮސްފި ކަމަށް ތަޖުރިބާކާރުންނަސް ގަބޫލު ކުރެވެ އެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެކި ގޮތްގޮތުން އަންނަނީ ހުރަސް އެޅެމުންނެވެ.
އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފަރާތުން އާންމު ކުރި ސޯޝަލް މީޑިޔާ ޕޮލިސީއަކީ ޑިމޮކްރެޓިކް ގައުމެއްގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓިގެންވާނެ މިންވަރެއް ނޫން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
އެމްއެންޔޫގެ ސޯޝަލް މީޑިޔާ ޕޮލިސީ
ޔުނިވާސިޓީގެ ސޯޝަލް މީޑިޔާ ޕޮލިސީން ވަނީ ވަރަށް ފުޅާ ދާއިރާއަކަށް މުވައްޒަފުންގެ ހައްގުތައް ހިފަހައްޓައިފަ އެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ކުރުން މަނާ ކަމަށް ބުނާ ނުވަ ކަމެއް އެ ޕޮލިސީގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެމްއެންޔޫގެ މުވައްޒަފުންނަށް ސޯޝަލް މީޑިޔާގައި ލިޔުން މަނާ ބައެއް ކަންތައްތަކަކީ:
- ގައުމުގެ ހަމަޖެހުމާއި އަމަންކަން ގެއްލިދާނެ ނުވަތަ ޖަގަޑާއަކަށް ނޫނީ ގަޑުބަޑަކަށް މަގުފަހިވެދާނެ ފަދަ ކޮންޓެންޓް.
- އިސްލާމް ދީނުގެ އަސްލުތަކަށް ހަޖޫ ޖަހާ ނުވަތަ ފުރައްސާ ކުރާ ކޮންޓެންޓް.
- ރައްޔިތުންގެ ހޮވާފައިވާ ސިޔާސީ މަގާމެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމެއްގައި ހުރި މީހަކާމެދު ރުޅިވެރިކަން އުފެދޭ ކޮންޓެންޓް.
- ޔުނިވާސިޓީގެ އޮޕަރޭޝަނާއި އާންމު ހިދުމަތަށް ބުރޫއަރާނެ ފަދަ ކޮންޓެންޓް.
އެމްއެންޔޫގެ ޕޮލިސީއަށް މިި މަހުގެ 12 ވަނަ ދުވަހު އަމަލު ކުރަން ފެށުމާއެކު އޭގެ އަސަރު ވަރަށް ގިނަ މުވައްޒަފުންނަށް ވަނީ ކޮށްފަ އެވެ. ސޯޝަލް މީޑިޔާގައި ދިވެހިން އިންތިހާއަށް ހަރަކާތްތެރި މި ޒަމާނުގައި، ވަރަށް ފުޅާކޮށް މާނަ ކުރެވިދާނެ ފަދަ ގޮތަށް، އެފަދަ ޕްލެޓްފޯމްތަކުގައި ވާހަކަ ދެއްކުން މަނާ ކުރުން ވެގެންދިޔައީ ގިނަ މުވައްޒަފުންނަށް ލިބުނު ސިހުމަކަށެވެ.
ސޯޝަލް މީޑިޔާ ޕޮލިސީއާމެދު މުވައްޒަފުން ދެކެނީ ކިހިނެއް؟
އެމްއެންޔޫއަކީ ރާއްޖޭގައި އެންމެ ބޮޑު ޔުނިވާސިޓީކަމުން އެތަނުގެ ވަރަށް ގިނަ މުވައްޒަފުންނަކީ ދާއިމީ ނުވަތަ ވަގުތީ ލެކްޗަރާއިންނެވެ. އޮފީހުން ނެރުނު ސޯޝަލް މީޑިޔާ ޕޮލިސީއާމެދު އެމީހުންގެ ވަރަށް ބޮޑަށް ވިސްނައިފި އެވެ. އަދި ކަންބޮޑުވާ އެތައް ކަމެއް ފާހަގަކޮށްފި އެވެ.
"މީގައި އަހަރެންގެ އެންމެ ބޮޑު ކޮންސާނަކީ، ބައެއް މާއްދާތަކުގައި ހުރި އެއްޗެއްސަކީ، ވަރަށް ވޭގްކޮށް، ވަރަށް ބްރޯޑްކޮށް ހުރި އެއްޗެހި. އެއީ، މިސާލަކަށް ޕޮލިޓިކަލް މަގާމެއްގައި ހުރި މީހަކު އެކައުންޓަބަލް ކުރަން ކުރާ މަސައްކަތަކީ ހަމަ ވެދާނެ އެ މީހާދެކެ މީހުން ރުޅި އަންނާނެ ކަމަކަށް. މިސާލަކަށް ކޮރަޕްޝަންގެ ވާހަކަ،" ޔުނިވާސިޓީގެ އުސްތާޒަކު، ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި އެމްއެންޔޫގެ ޕޮލިސީން ހުރަސް އަޅަނީ ޑިމޮކްރަސީގެ ވަރަށް އަސާސީ ސިފައަކަށެވެ.
"ޕަބްލިކް އޮފިޝަލުން ސްކްރުޓިނައިޒް ކުރުމަކީ ޑިމޮކްރަސީގެ ވަރަށް ބޮޑު އަސާސެއް. އެއީ މީޑިޔާއިން ވެސް ކުރާ މަސައްކަތަކީ. އެކަން ކުރެވެންޖެހޭނެ އާންމުންނަށް ވެސް އަދި ޔުނިވާސިޓީގެ ސްޓާފުންނަށް އަދި ހާއްސަކޮށް އެކަޑެމިކް މީހުންނަށް އެފަދަ ކަންކަމުގައި ސައިޑެއް ނެގެންޖެހޭނެ،" އޭނާ ބުންޏެވެ. "މިހާ ބްރޯޑްވީމަ ނާޖާއިޒު ގޮތެއްގައި ބޭނުން ކުރެވިދާނެ. އެއީ އެންމެ ބިރުގަންނަ ކަމަކީ."
އެމްއެންޔޫގެ އޮޕަރޭޝަނަށް ބުރޫއަރާފާނެ ފަދަ ވާހަކައެއް ނުދެއްކުމަށް އެންގުމަކީ ވެސް ވަރަށް ބޮޑު ގޯހެއް ކަމަށް އެ އުސްތާޒް ގަބޫލު ކުރެ އެވެ.
"ހަޅުތާލު ކުރުމަކީ އަސާސީ ހައްގެއް. މިސާލަކަށް ސްޓްރައިކަކަށް ސަޕޯޓްކޮށްފަ ލިޔަނީ. އެކަހަލަ ކަންކަމުން ޔުނިވާސިޓީން ދޭ ހިދުމަތްތަކަށް އުނދަގޫވާނެ. އެކަމަކު ހަޅުތާލު ކުރުމަކީ މަސައްކަތްތެރިންނަށް އޮންނަ ހައްގެއް،" އޭނާ އޮޅުންފިލުވައިދިނެވެ.
އެހާ ހަރުކަށި ސޯޝަލް މީޑިޔާ ޕޮލިސީއެއް ނެރުމުގެ ބޭނުމަކީ އެ އުސްތާޒު ދެކޭ ގޮތުގައި، މުވައްޒަފުން ކޮންޓްރޯލްކޮށް ތަނުގެ އަނދިރި ފަރާތް ފޮރުވުމެވެ.
"ބޭސިކަލީ ލިޔެވެން މި އޮތީ ސަނާކިޔާފަ އެކަނި،" އޭނާ ބުންޏެވެ.
ގާނޫނީ ހަމަތަކަށް ޕޮލިސީ ފެތޭތަ؟
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެ ޕޮލިސީއާމެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ވެސް މި ނޫހާ ހިއްސާ ކުރެއްވި އެވެ.
"ގާނޫނު އަސާސީއާ މުޅިން ހިލާފު ޕޮލިސީއެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ ފުރަތަމަ ކަމަކަށް އެގޮތަށް އަސާސީ ހައްގެއް ހިފެހެއްޓޭނީ ގާނޫނަކުން. އެމްއެންޔޫގެ ޕޮލިސީއަކުން، ހިޔާލު ފާޅު ކުރުން ފަދަ އަސާސީ ހައްގެއް ހަނި ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެންޔޫގެ ޕޮލިސީއަކީ އަސްލަށް ބަލާއިރު ތަންފީޒު ނުކުރެވޭނެ ޕޮލިސީއެއް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
"ރެގިއުލޭޓް ވެސް ނުކުރެވޭނެ. އެމީހުންގެ މެންޑޭޓެއް ވެސް ނޫން. އަދި ޒިންމާއެއް ގާނޫނީ ހައިސިއްޔަތެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
މިފަދަ އުސޫލުތަކަށް ފުރުސަތު ދީފި ނަމަ ގައުމުގެ ކުރިމަގު ހަލާކުވެގެން ހިނގައިދާނެ ކަމަށް ވެސް މެމްބަރު ގަބޫލު ކުރައްވަ އެވެ.
"ޔުނިވާސިޓީން ބޭރުގަ އުޅޭއިރު އަމުދުން އެތަނުގެ މުވައްޒަފުންގެ ނަމަވެސް އެމީހުންގެ ސްޕީޗާއި މޫވްމަންޓާ މި އެއްޗެހި ނުހިފެހެއްޓޭނެ. މިކަފަދަ ޕޮލިސީތަކުގެ ނަތީޖާއަކަށް ވާނީ ވަރަށް ރިސްޓްރިކްޓިވް ސޮސައިޓީއެއް އުފެދުން އެކަމުގެ ސަބަބުން،" އޭނާގެ ހިޔާލު އަލީ ހުސެއިން ހިއްސާ ކުރެއްވި އެވެ.
ރާއްޖޭގައި އެންމެ ބޮޑަށް ވާހަކަ ދެއްކުމުގެ މިނިވަންކަމަށް ވަކާލާތު ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި މިފަދަ އަމަލުތައް ހިނގާއިރު، ހައްގުތަކަށް ނުވިސްނާ ޕާޓީއަކަށް ވެރިކަން ލިބިއްޖެ ނަމަ ކަންތައް ވާނެ ގޮތާމެދު ވެސް އަލީ ހުސެއިން ވިސްނާލެއްވި އެވެ.
"ބީރައްޓެހި ކަންތައްތަކެއް ހިނގަމުން މި ދަނީ. އެންމެ ބޮޑަށް ފްރީ ސްޕީޗަށް ފައިޓު ކުރި ބަޔަކީ އެމްޑީޕީ. އެ ޕާޓީގެ ސަރުކާރެއް އޮވެމެ ފްރީ ސްޕީޗް ރެސްޓްރިކްޓް ކުރާ ނަމަ ދެން މިފަދަ ހައްގުތަކަށް ކިރިޔާ ވެސް ނުބަލާ ސަރުކާރެއް އައިސްފި ނަމަ ރައްޔިތުންގެ އަސާސީ ހައްގުތައް ބޮޑުތަކުން ގެއްލުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފު
އެކުވެރި ދައުލަތްތަކުން އިރާނުގެ އިންސާނީ ހައްގުތައް ބެލުމަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދު ދެކިވަޑައިގަންނަވާ ގޮތުގައި އެމްއެންޔޫގެ ސޯޝަލް މީޑިޔާ ޕޮލިސީ "ވަރަށް ތާކުންތާކު ނުޖެހެ" އެވެ.
ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޝަހީދު ދެކިވަޑައިގަންނަވާ ގޮތުގައި އެ ޕޮލިސީގެ އެންމެ ބޮޑު އެއް މައްސަލައަކީ ވަކި ބަޔަކު ހިމާޔަތް ކުރުމެވެ. އަދި ޕޮލިސީ އޮތީ ބައިނަލްއަގްވާމީ ގާނޫނުތަކުން ބަލާ ނަމަ އޮންނަންޖެހޭ ގޮތާ ދިމާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަފްރަތު އުފައްދައިގެން ނުވާނެ އެއްވެސް މީހަކާ ދޭތެރޭގައި. ބައިނަލްއަގްވާމީ ގާނޫނުގައި ނަފްރަތު މި މާނަ ކުރެވެނީ ވެސް ނިކަމެތި ހާލަތެއްގައި ހުރި މީހަކާ ދިމާލަށް އުފައްދާ ނަފްރަތަށް. އެއީ އެކަމުގެ ސަބަބުން އެމީހާއަށްވެދާނެ އަނިޔާއަކަށް. އެންމެ މަތީ ފަޑީގައި ހުރި މީހާއަށް އެއްޗެހި ކިޔުމަކީ އަދި ނަފްރަތު އުފެއްދުމެއް ނޫން،" ޝަހީދު ވިދާޅުވި އެވެ.
ހަގީގަތުގައި ނަފްރަތު އުފެއްދުން މާނަ ކުރާ ގޮތް ޝަހީދު އޮޅުންފިލުވައިދެއްވި އެވެ.
"ހޭޓް ސްޕީޗަށް ހަގީގަތުގައި މި ވަނީ ބާރެއްގެ މަތީގައި ހުރި މީހަކު، ބާރެއް ނެތް މީހަކު ނިކަމެތިކޮށްލުމަށް ކުރާ ކަމަކަށް. އަދި އޭގެ ސަބަބުން އެމީހަކަށް ގެއްލުމެއް ލިބުން. މިއޮތީ ނަފްރަތުގެ ނަމުގައި ސަރުކާރު ހިމާޔަތް ކުރަން ހަދާފަ އޮތް އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "މިއީ ފްރީ ސްޕީޗާ މުޅިން މަނާ ކަމެއް. އަދި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް މުޅިން ހިލާފު ގަވާއިދެއް."
ހެޔޮ ގޮތުގައި، ހެޔޮ ނިޔަތެއް އޮވެގެން، ޔުނިވާސިޓީގެ އުސްތާޒުން ހިޔާލު ފާޅު ކުރުން ހަނި ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ޑރ. ޝަހީދު ދެކެވަޑައިގަންނަވަ އެވެ.
"ޔުނިވާސިޓީގެ އުސްތާޒުންނަށް ހިޔާލު ފާޅު ކުރުން ހަނިކޮށްލެވިދާނެ. އެއީ މައްސަލައެއް ނޫން. ސަބަބަކީ ޔުނިވާސިޓީގެ އުސްތާޒުންނަކީ އެމީހުން ބުނާ ބަހެއްގެ ސަބަބުން އެހެން މީހުން ސިކުނޑިތަކަށް އަސަރުކޮށްލަފާނެ،" އޭނާ ވިދާޅުވި އެވެ.
އެފަދަ ޕޮލިސީއަކުން ޔުނިވާސިޓީގެ ދަރިވަރުން އަދި ހާއްސަކޮށް އަންހެނުން ހިމާޔަތް ކުރުން މުހިންމު ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
"އެހެންނަމަވެސް ޔުނިވާސިޓީން ކޮށްފައި އެ އޮތް ކަމަކީ ސިޔާސީ ވެރިން ހިމާޔަތް ކުރުން. އޭގެ ބަދަލުގައި ލިޔުމުގައި އޮންނަންޖެހޭނީ އެއްވެސް މީހަކާ ދޭތެރޭގައި ނަފްރަތު އުފައްދައިގެން ނުވާނޭ. ހާއްސަކޮށް ޔުނިވާސިޓީގެ ދަރިވަރުންނާމެދު. މިސާލަކަށް އެންމެ ގިނައިން ދައްކާ ވާހަކައަކީ އަންހެނުންގެ ފީކަޅާ ވާހަކަ. އޭގެ އަސަރު ކުރާނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އަންހެން ދަރިވަރުންނަށް،" ޝަހީދު އޭނާގެ ހިޔާލު ހިއްސާ ކުރެއްވި އެވެ.
ޔުނިވާސިޓީގެ ބަސް
ގިނަ ބޭފުޅުންގެ ހިޔާލު އެމްއެންޔޫގެ ސޯޝަލް މީޑިއާ ޕޮލިސީއާ ދެކޮޅު ނަމަވެސް ޔުނިވާސިޓީން ގަބޫލު ކުރަނީ އެ ޕޮލިސީގައި މައްސަލައެއް ނެތް ކަމަށެވެ. އަދި ބުނީ އެ ޕޮލިސީ ތައާރަފްކޮށްފައި ވަނީ ހެޔޮ ނިޔަތެއްގައި ކަމަށެވެ.
"ސޯޝަލް މީޑިޔާ ޕޮލިސީ އުފެއްދުމުގެ މަގްސަދަކީ ނަފްރަތު އުފެއްދުމާއި ލާއިންސާނީ އަމަލްތަކަށް ހިތްވަރުދޭ ކޮންޓެންޓް ހާމަކުރުން ހުއްޓުވުން،" އެ ޔުނިވާސިޓީގެ ޑެޕިއުޓީ ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވި އެވެ.
އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވެސް ވިދާޅުވީ އެ ޕޮލިސީއަކީ ވަރަށް ގިނަބައެއްގެ ޝަކުވާ އެ ޔުނިވާސިޓީއަށް އަމާޒުވުމުން ތައާރަފް ކުރި ޕޮލިސީއެއް ކަމަށެވެ. އަދި އެއީ އެފަދަ ޕޮލިސީއަކުން ހިޔާލުފާޅުކުރުން ލިމިޓް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ދެކިވަޑައިގަންނަވަ އެވެ.
"ވަރަށް ގިނަ ވެސްޓާން ގައުމުތަކުގައި ވެސް އެކަޑެމިކް މުވައްޒަފުންނަށް މިކަހަލަ ޕޮލިސީ ހަދާފަ ހުރޭ. މިކަމުން ގާނޫނު އަސާސީއިން ލިބިދޭ ހައްގަކަށް އުނިކަން ލިބޭ ކަމަށް އަޅުގަނޑު ނުދެކެން،" ޝަރީފް ވިދާޅުވި އެވެ.












