ރިޕޯޓުސިނގިރޭޓް އެތެރެ ކުރާ މިންވަރު ދަށަށް: ބުއިން މަދުވީތަ؟

ސިނގިރޭޓް އެތެރެ ކުރާ މިންވަރު ދަށަށް: ބުއިން މަދުވީތަ؟

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި ބަދަލަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އަމަލު ކުރަން ފެށުމާއެކު ސިނގިރޭޓު ފޮއްޓަކުން 25 ޕަސެންޓު ޑިއުޓީ ނަގަ އެވެ. އެއީ ސިނގިރޭޓަކަށް ތިން ރުފިޔާ އެވެ. އެއާއެކު މިހާރު ސިނގިރޭޓް ފޮއްޓެއް ލިބެނީ 95 ރުފިޔާ އާއި 110 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

ސިނގިރޭޓް އެތެރެ ކުރާ މިންވަރު ދަށަށް: ބުއިން މަދުވީތަ؟

ސިނގިރޭޓް އަގު ބޮޑުވުމާއެކު އުފެދުނު ސުވާލަކީ އެ ބޯ މިންވަރު މަދުވާނެތޯ އެވެ؟ ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓާނެތޯ އެވެ؟ ނޫނީ އެކަމުގެ ތެރެއަށް ވަންނަ މީހުން މަދު ކުރެވޭނެ ތޯ އެވެ؟ އަގު ބޮޑުކޮށް ސިނގިރޭޓް ވިއްކާތާ އަހަރެއްވީއިރު ތަފާސް ހިސާބުން ބުނެދެނީ އުފާވެރި ވާހަކަތަކެކެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި ބަދަލަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އަމަލު ކުރަން ފެށުމާއެކު ސިނގިރޭޓު ފޮއްޓަކުން 25 ޕަސެންޓު ޑިއުޓީ ނަގަ އެވެ. އެއީ ސިނގިރޭޓަކަށް ތިން ރުފިޔާ އެވެ. އެއާއެކު މިހާރު ސިނގިރޭޓް ފޮއްޓެއް ލިބެނީ 95 ރުފިޔާ އާއި 110 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. ވަކި ސިނގިރޭޓް ވިއްކުން 2019 ވަނަ އަހަރު މަނާ ކޮށްފައިވާއިރު މިހާރު ސިނގިރޭޓް ގަނެވޭނީ ފޮއްޓެވެ.

އެ ބަދަލު ތަންފީޒު ކުރަން ފެށިތާ އަހަރެއް ވެފައިވާއިރު ތަފާސް ހިސާބުތަކުން ފެންނަނީ އުފާވެރި މަންޒަރެކެވެ. ކަސްޓަމްސްއިން "އަދަދު" އާ ހިއްސާ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފެންނަނީ ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ މިންވަރު ބޮޑު ތަނުން ދަށަށް ގޮސްފައިވާ މަންޒަރެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރި މިންވަރު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު މަދުވެފަ އެވެ. އެއީ 68 މިލިއަން ސިނގިރޭޓްގެ މަދުވުމެކެވެ.

މީހަކު ސިނގިރޭޓެއް ހިފައިގެން: ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ މިންވަރު ވަނީ ދަށް ވެފައި---
މީހަކު ސިނގިރޭޓެއް ހިފައިގެން: ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ މިންވަރު ވަނީ ދަށް ވެފައި---

މީހަކު ސިނގިރޭޓެއް ހިފައިގެން: ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ މިންވަރު ވަނީ ދަށް ވެފައި---

ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާ މިންވަރު

  • 2016 ވަނަ އަހަރު 498 މިލިއަން ސިނގިރޭޓް
  • 2017 ވަނަ އަހަރު 428 މިލިއަން ސިނގިރޭޓް
  • 2018 ވަނަ އަހަރު 457 މިލިއަން ސިނގިރޭޓް
  • 2019 ވަނަ އަހަރު 475 މިލިއަން ސިނގިރޭޓް
  • 2020 ވަނަ އަހަރު 407 މިލިއަން ސިނގިރޭޓް
  • މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެތެރެ ކޮށްފައިވަނީ 162 މިލިއަން ސިނގިރޭޓް

އަގަށް ބަލާއިރު 2016 ވަނަ އަހަރު މަހަކު 41 މިލިއަން ރުފިޔާގެ ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވެ އެވެ. މިދިޔަ އަހަރު މަހަކު އެތެރެކޮށްފައިވަނީ އެވެރެޖުކޮށް 34 މިލިއަން ރުފިޔާގެ ސިނގިރޭޓެވެ. މިއަހަރު އެތެރެކުރަނީ މަހަކު ހަތް މިލިއަން ރުފިޔާގެ ސިނގިރޭޓެވެ. މިއީ 27 މިލިއަން ރުފިޔާގެ ދަށް ވުމެކެވެ. އެވެރެޖުކޮށް ބަލާއިރު މިއީ 10 ޕަސެންޓްގެ ދަށްވުމެކެވެ.

"ގާނޫނަށް އެ ގެނައި ބަދަލާ ގުޅިގެން ސިނގިރޭޓް އެތެރެ ކުރާ މިންވަރު ދަށްވެފައި މިހިރީ. އެވްރެޖުކޮށް ހަމަ ދުވަހުން ދުވަހަށް ވެސް. ލިބޭ ޑިއުޓީ އާއި ޖުމްލަ އަހަރެއްގެ މައްޗަށް އެތެރެ ކޮށްފައި ހުންނަ ކުއަންޓިޓީގެ އަދަދަށް ބަލާއިރު ދަށް ވެފައި ހުރީ،" ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު ދަށްވީތަ؟

އެއީ ތަފާސް ހިސާބުތަކުން ބުނާ ވާހަކަ އެވެ. ރާއްޖޭގެ އާބާދީގެ 34 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު ސުވާލަކީ ސިނގިރޭޓް ބޯ މީހުން މަދުވީތޯ އެވެ؟ އެ މަދުވުމާ ގުޅިފައި ވަނީ ކޮންކޮން ކަމެއް ތޯ އެވެ؟ ނޫނީ ސިނގިރޭޓްގެ ބަދަލުގައި ދުންފަތުގެ އިސްތިއުމާލު ކުރަން އެހެން އެއްޗެއް ބޭނުން ކުރަން ފެށީ ތޯ އެވެ؟

ދުންފަތް ކޮންޓްރޯލްބޯޑުގެ މެންބަރު އަދި އޭޑީގެ މެނޭޖިން ޑިރެކްޓާ އަހްމަދު އައްފާލް ދެކެވަޑައިގަންނަވާ ގޮތުގައި މި ހިސާބުތަކަށް ބަލައި ސިނގިރޭޓް ބޯ މީހުން މަދުވީ ކަމަށް ބަލަން އަދި މާ އަވަހެވެ. އެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވަނީ ސިނގިރޭޓް ބުއިމަށް ގިނަ ބަޔަކު ގޮސް އުޅޭ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ރިސޯޓްތައް ގިނަ ދުވަސްތަކަކަށް ކޮވިޑްގެ ސަބަބުން ބަންދު ކުރުމެވެ.

"އަހަރެމެންނަށް ޑޮލަރު ނުލިބުމާއި ދަތުރުފަތުރުގެ ދަތިތައް ހުރުމާއި ދުނިޔޭގެ ހުރިހާ ތަނެއްގެ ޕްރޮޑަކްޝަން ދަށް ވުމާއި މިކަހަލަ ހުރިހާ ފެކްޓާސްއެއް ތިކަމަށް ކޮންޓްރިބިއުޓް ކުރާތީ އަހަރެމެންނަށް މިވަގުތު ނުބުނެވޭނެ ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ މިންވަރު މަދުވެއްޖެއެކޭ. މީގައި އެބައުޅޭ އެހެން ސަބަބުތައް ވެސް،" ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އައްފާލް ވިދާޅުވި އެވެ.

އަގު ބޮޑުވެގެން ސިނގިރޭޓް ބޯ މީހުން މަދުވި އެހެން ފަހަރުތަކުން މިސާލު ދައްކަވަމުން އަފްއާލް ވިދާޅުވީ 1998 ގައި ސިނގިރޭޓް އަގު ބޮޑު ކުރުމުން ޖެހިގެން އައި އަހަރު އިމްޕޯޓްސް ދަށްވި ދަށްވުމެވެ. ނަމަވެސް އަހަރަކަށް ފަހު އަހަރެއް ސިނގިރޭޓް ބޯ މިންވަރު އިތުރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްފާލް ދެކެވަޑައިގަންނަވާ ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ މީހުންނަށް މިއީ ރަނގަޅު ފުރުސަތެކެވެ. ސިނގިރޭޓްގެ އަގު ބޮޑުވެގެން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި މީހުން އުޅޭ އެ މީހުން އަނެއްކާ އެ އިސްތިއުމާލުގެ ތެރެއަށް ދިޔަ ނުދިނުމަށް މި ދަނޑިވަޅުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އައްފާލް ގަބޫލު ކުރައްވަ އެވެ.

ސިނގިރޭޓް ހުއްޓާލާފައި ވޭޕަށް

ސިނގިރޭޓާ ދެކޮޅަށް ގައުމުތަކުން ފާސްކުރާ ގާނޫނުތަކާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނާތީ ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުން އެ މީހުންގެ ވިޔަފާރިއަށް ބަދަލުތަކެއް މިވަނީ ގެންނަން ފަށައިފަ އެވެ. ދުންފަތުގެ ބާވަތްތައް އުފައްދާ މަންޓި ނޭޝަނަލް ކުންފުނި ޕިލިޕް މޮރިސް ފަދަ ބިޔަ ބޮޑު ކުންފުނިތަކުން ވެސް ސިނގިރޭޓްގެ ބަދަލުގައި ދުންފަތުގެ އިސްތިއުމާލު ކުރާނެ އާ ޕްރޮޑަކްޓްތައް މިވަނީ ތައާރަފުކޮށް ބާޒާރަށް ނެރެފަ އެވެ. އޭގެ އަސަރު ރާއްޖޭން ވެސް މިވަނީ ފެންނަން ފަށައިފަ އެވެ.

"ވަރަށް ގިނަ ރައްޓެހިން ވެސް ވޭޕަށް ހަމަ ބަދަލުކޮށްލީ. މާ ހަރަދު ކުޑަ. އަނެއްކާ އޭސީގައި ވެސް ބޮވޭ. އެހެންވެ ވަރަށް މަދުން ސިނގިރޭޓް ބޮނީ،" ކުރިން ދުވާލަކު ސިނގިރޭޓް ފޮއްޓެއް ހުސްކުރާ އަހުމަދު ހުސައިން ބުންޏެވެ.

މީހަކު ވޭޕް ކުރަނީ: ސިނގިރޭޓްގެ ބަދަލުގައި ގިނަ ބަޔަކު ދަނީ ވޭޕް ކުރަމުން---
މީހަކު ވޭޕް ކުރަނީ: ސިނގިރޭޓްގެ ބަދަލުގައި ގިނަ ބަޔަކު ދަނީ ވޭޕް ކުރަމުން---

މީހަކު ވޭޕް ކުރަނީ: ސިނގިރޭޓްގެ ބަދަލުގައި ގިނަ ބަޔަކު ދަނީ ވޭޕް ކުރަމުން---

ވޭޕް ކުރުމާއި އީ ސިނގިރޭޓް ދެމުމަކީ މިހާރު ރާއްޖޭގައި ވެސް ފެޝަނަކަށް މިވަނީ ވެފަ އެވެ. ހާއްސަކޮށް ސިނގިރޭޓްގެ އަގު ބޮޑުވުމުން ގިނަ ބަޔަކު ވޭޕް ދެމުމަށް ބަދަލުކޮށްލި އެވެ. އޭގެ ހަރަދު ކުޑަވެފައި ގިނަ ދުވަހަކަށް ބޭނުން ކުރެވޭތީ އެވެ. އަދި ގިނަ ބަޔަކު އެއަށް ހިތް ޖެއްސުވުމަށް އެކި ފްލޭވާތަކާއެކު ވޭޕްގެ ވިޔަފާރި ރާއްޖޭގައި ވެސް ފުޅަލެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހަސަން މުހައްމަދު ވެސް ވިދާޅުވާގޮތުގައި ސިނގިރޭޓް އެތެރެ ކުރާ މިންވަރު ދަށްވި ނަމަވެސް އީ ސިނގިރޭޓާއި އެހެން ދުންފަތުގެ ބާވަތްތައް ބޭނުން ކުރާތީ ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު ދަށްވި ކަމަށް ބުނަން އަދި އަވަހެވެ.

ވޭޕާއި އީ ސިނގިރޭޓްގެ ޑިމާންޑް ބޮޑުވާ އަނެއް ސަބަބަކީ އެއީ ސިއްހީ ގޮތުން ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމެވެ. ޒުވާން ދެ ޖިންސުގެ މީހުންގެ މެދުގައި އެ އިސްތިއުމާލު އާއްމުއިރު އިސްތިހާރު ކޮށްފައި ހުންނަނީ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގަ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނާ ގޮތުގައި ވޭޕް ކުރާ މީހުންނަށް ނުރައްކާތެރި ފުއްޕާމޭގެ ބައްޔެއް ދަނީ ޖެހެމުންނެވެ. އަދި ވޭޕާއި ވޭޕް ކުރުމާ ގުޅުންހުރި މަރުތަކެއް ހިނގާފައިވާތީ ވޭޕް ކުރުން ހުއްޓާލުމަށާއި އީ-ސިނގިރޭޓް ބާވަތްތައް ބޭނުންނުކުރުމަށް ސީޑީސީއިން އިލްތިމާސް ކުރެ އެވެ.

ތަފާސް ހިސާބުތައް ދައްކައިދޭ މަންޒަރު ސާފެވެ. ސާފު ނުވަނީ މަދުވީ ކީއްވެގެން ކަމެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިގެން ވި މަދެއް ނަމަ ރަނގަޅެވެ. ނަމަވެސް ފަހުން އީ-ސިނގިރޭޓަށް ގިނަ ބަޔަކު ބަދަލުވުމާ ގުޅިގެން މިއީ އޭގެ ސަބަބުން އައި ބަދަލަކަށް ވެސް ވުން ގާތެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox