ރޯމް (އޮގަސްޓް 16) - އިޓާލިއަން ލީގުގައި މި ސީޒަނުގައި ފެންނާނެ އެންމެ ބޮޑު ތަފާތަކީ ކޯޗުންގެ ފެންވަރު ރަނގަޅުވުން ކަމުގައި މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.
މި ހަފްތާ ބަންދުގައި އިޓާލިއަން ލީގު ފަށާއިރު، މަޝްހޫރު ގިނަ ޓީމުތަކުގެ ބެންޗުން އާ ކޯޗުން ފެންނާނެ އެވެ.
ކުރިން ބޮޑެތި ޓީމުތަކުން ފެނުނު ހޯސޭ މޮރީނިއޯ ރޯމާއާ ހަވާލުވިއިރު، ލާޒިއޯ އިން ވަނީ މައުރީޒިއޯ ސާރީ ގެނެސްފަ އެވެ. ޔުވެންޓަސްގެ ކޯޗުކަމާ އަލުން މެސިމޯ އަލެގްރީ ހަވާލުވިއިރު، ލޫޝިއާނޯ ސްޕަލެއްޓީ ވަނީ ނަޕޯލީއާ ހަވާލުވެފަ އެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަން އިންޓަ މިލާން މި ފަހަރު ނުކުންނާނީ ސިމޯން އިންޒާގީގެ ކޯޗުކަމުގަ އެވެ.
އިޓަލީގެ ގިނަ ކްލަބްތަކެއްގައި ކުރިން މަސައްކަތްކުރި ކަޕެއްލޯ ބުނީ އިޓަލީގެ ކްލަބް ފުޓްބޯޅައިގައި މި ފަހަރަކީ ކުޅުންތެރިންނަށް ވުރެ ބޮޑަށް ކޯޗުންނަށް ސަމާލުކަން ލިބޭނެ އަހަރެއް ކަމަށެވެ.
"މިއީ ވަރަށް ތަފާތު ވާނެ ސީޒަނެއް. ކޯޗުން ގިނައިން މީޑިއާގައި ހިނގާނީ. އެއީ ވަރަށް ތަފާތު މޮޅު ވިސްނުންތޫނު ކޯޗުން ޓީމުތަކުގައި މި ހުރީ. އަހަރެން ވަރަށް ޝައުގުވެރިވޭ މި ފަހަރުގެ ލީގަށް،" އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަޕެއްލޯ ބުންޏެވެ. "އެހެން ލީގުތަކާ އަޅާކިޔާއިރު ވެސް އިޓާލިއަން ލީގުގައި ކޯޗުންގެ ފެންވަރު ކުރިއަށް އޮތް ސީޒަނުގައި ތަފާތުވާނެ،"
ޓްރާންސްފާ މާކެޓްގައި ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ގޮތަށް ބަލާއިރު ކަޕެއްލޯ އެންމެ ހައިރާންވީ އިންޓަ މިލާނުން ރޮމެލޫ ލުކާކޫ ޗެލްސީ އަށް ވިއްކާލުމަށް ފަހު އޭނަގެ ބަދަލުގައި ރޯމާގެ ފޯވާޑް އެޑިން ޒެކޯ ގެންދިއުމުންނެވެ.
"މޮރީނިއޯގެ އެބަހުރި ރޯމާ ގޮވައިގެން ކުރިއަށްދެވޭނެ ފެންވަރު. އެ މީހުން ވަރަށް ރަނގަޅު ކުޅުންތެރިންގެ ސޮއި ވެސް ހޯދައިފި. އެކަމަކު އަހަންނެއް ހިއެއްނުކުރަން އިންޓަ އިން ލުކާކޫ ދޫކޮށްލާފައި ރޯމާ އިން ޒެކޯ ވިއްކާލާނެ ކަމަށް. އެކަމަކު އެކަން ވެސް އެ އޮތީ ނިމިފައި،" ކުރިން ޔުވެންޓަސް އާއި އޭސީ މިލާން އަދި ރޯމާ އަށް ވެސް ކޯޗުކޮށްދިން ކަޕެއްލޯ ބުންޏެވެ.
ޒެކޯ ނެތްތަނަށް ރޯމާ އިން ގެންނާނެ ކުޅުންތެރިއަކީ ޗެލްސީގެ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އެވެ. އަބްރަހަމްގެ ސޮއި ހޯދަން ރޯމާ އިން 40 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.












