ރިޕޯޓުއަލީ ވަހީދު ކުރިމަތީ ކުޑަކަކޫ؛ ދެން އޮތީ ޣައިރު ހާޒިރު؟

އަލީ ވަހީދު ކުރިމަތީ ކުޑަކަކޫ؛ ދެން އޮތީ ޣައިރު ހާޒިރު؟

އަލީ ވަހީދު ކުރިމަތީ ދައުލަތް ކުޑަކަކޫ ޖަހައި، އޭނާއަށް ރައްކާތެރިކަން ލިބޭ ގޮތަށް މުޅި ޝަރުއީ ނިޒާމް ދިޔައީ ބައްޓަން ކުރަމުންނެވެ. އެކަމަކީ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ނުބައި ނަތީޖާތަކެއް ނުކުމެ، ހިތުގައި ނުބައި ތަސައްވަރެއް ކުރެހިގެން ދާނެ ކަމެކެވެ.

އަލީ ވަހީދު: އޭނާގެ މައްސަލާގައި ސުޕްރީމް ކޯޓުން ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާނެ ކަމަށް ބެލެވޭ. - ފޮޓޯ: އަހުމަދު ޝުރާއު
އަލީ ވަހީދު: އޭނާގެ މައްސަލާގައި ސުޕްރީމް ކޯޓުން ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާނެ ކަމަށް ބެލެވޭ. - ފޮޓޯ: އަހުމަދު ޝުރާއު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިމަތީ ދައުލަތް ކުޑަކަކޫ ޖަހައި، އޭނާއަށް ރައްކާތެރިކަން ލިބޭ ގޮތަށް މުޅި ޝަރުއީ ނިޒާމް ދިޔައީ ބައްޓަން ކުރަމުންނެވެ. އެކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި، އޭގެ ސަބަބުން ނުބައި ނަތީޖާތަކެއް ނުކުމެ، ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވަރެއް ކުރެހިގެން ދާނެ ކަމެކެވެ.

ފަނޑިޔާރު ދެކެވަޑައިގެންނެވި ގޮތުގައި، އެހެންވާ ނަމަ ރާއްޖޭގައި ގާނޫނީ ވެރިކަމެއް ހިނގާ ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރާނެ އެވެ. ޝަރުއީ ކޯޓުތަކެއް ހުރުމުގެ ބޭނުމެއް ރައްޔިތުންނަށް ނުފެންނާނެ އެވެ.

"ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށްވާނަމަ ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަންތައްތައް ކުރާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނަމަ ކޯޓުތައް ހުރުމާމެދު ސުވާލު އުފެދޭނެ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެހާ ހަރުކަށިކޮށް މިހެން ބުނަން ޖެހުނީ އަލީ ވަހީދު، ޓޫރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާތައް އުފުލީއްސުރެ ކޯޓުތަކުން އަމަލުކުރަމުން ދިޔަ އަދި، އެ މައްސަލައަށް ހާއްސަކޮށް އުފަން ކުރަމުން ދިޔަ ކަންކަމާ ގުޅިގެންނެވެ.

އަލީ ވަހީދާއެކު މުޅި ޝަރުއީ ނިޒާމްގެ އޮތީ ހުއްޓިފައި

އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށައި، ސިއްރުން ކުރިއަށް ގެންދާ އަޑުއެހުންތަކުގައި އެންމެ ފުރަތަމަ ވެސް ކުރީ މީގެ ކުރިން އެހެން އެއްވެސް މީހަކަށްޓަކައި ކޯޓުން ކުރި ކަމެއް ނޫނެވެ. އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިއްޖެ ކަމަށް ބުނުމާއެކު، ކޯޓުން އަމިއްލަ އިސްނެގުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޝާން ޝަރީއަރަށް ހާޒިރުކުރި އެވެ. އަދި، އޭނާގެ ހެކި ބަސް އަލީ ވަހީދުގެ ފަރުވާއާ ގުޅޭ ގޮތުން ހޯދި އެވެ.

ޑރ. ޝާންގެ ބަހަށް ބަލައި، އަލީ ވަހީދަކީ ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހޭ ފަރާތެއް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި އެވެ. ގާޒީގެ އެ ނިންމުމާއެކު، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ވެސް އަމުރު ނެރުއްވީ އެވެ. އެއީ، އަލީ ވަހީދުގެ މައްޗަށް ޒިންމާ ގޮތަކަށް ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނު އެއްބަސްވުމުގައި ސޮއިކުރުމާއެކު އެވެ.

ޝަރީއަތް ކުރުމާ އިޖުރާއަތުގެ ގަވައިދުގެ މާއްދާއެއްގައި މިކަން ކުރެވެން އޮތްއިރު، މިއީ މީހަކު ޖާމިނުކޮށްފައި ޕާސްޕޯޓް ދޫކޮށްލި ވެސް ފުރަތަމަ އަދި ފަހު ފަހަރެވެ. މިއީ ގަވައިދުން ވަނީ އެ ބައި ސުޕްރީމް ކޯޓުން އުނިކޮށްފަ އެވެ.

އަސްއަދު ޖާމިނުވެ، އަލީ ވަހީދަށް ފުރުމުގެ ފުރުސަތު ދިންއިރު އޭނާ ދާ ތަނެއް، އުޅޭނެ ތަނެއް ދައުލަތަށް އަންގާފައެއް ނުވެ އެވެ. ކޯޓުގައި އަލީ ވަހީދު ބުނެފައިވަނީ އެކަން އަދި ހަމަނުޖެހޭ ކަމަށެވެ. ނަމަވެސް، އަމުރު ނެރުމާއެކު އެންމެ ފުރަތަމަ ފްލައިޓަށް އަރައި އަލީ ވަހީދު ރާއްޖެ ދޫކޮށްދިޔަ އެވެ. އޭގެ ފަހުން އަލީ ވަހީދު ވީނުވީއެއް ނޭނގުނެވެ.

ޕްރޮސިކިއުޓާ ޖެނަރަލަށް ޖެހުނީ އަލީ ވަހީދު ހޯދުމަށް އެކި ކޯޓުތަކުގައި ޓަކި ޖަހާށެވެ. ނަމަވެސް، ކޯޓުތަކުން ކޮންމެ ފަހަރަކު ވެސް ނެރުނީ ގާނޫނީ އިޖުރާއަތްތަކެވެ. ގާނޫނީ މާނަކުރުންތަކެވެ. އަލީ ވަހީދު ނެތީސް، އޭނާގެ މައްޗަށް މައްސަލައެއް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ. ޖާމިނުވި މީހާއަށް އޭނާ އުޅޭ ތަނެއް ނޭނގުމުން ވެސް ހެދޭނެ ގޮތެއް ނެތެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލް ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. އެ ދެ ކޯޓުން ވެސް ޕްރޮސިކިއުޓާ ޖެނަރަލަށް ހަރުކަށި ސުވާލުތަކެއްކޮށް، އެންމެ ފަހުން ބުނީ އެ ކޯޓުތަކަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އޭނާގެ ޕާސްޕޯޓާމެދު ގޮތެއް ނިންމާނެ ގޮތެއް ނެތް ކަމަށެވެ.

"މި މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ދައުލަތުން ބުނެބަލަ،" ހައިކޯޓުގެ ފަނޑިޔާރުންގެ ބަހަކަށްވި އެވެ.

އެންމެފަހުން އަނެއްކާވެސް ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓަށް ދިޔުމުން، ޕާސްޕޯޓް ހިފަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައެޅީ އެވެ.

އޭރު އެ ކޯޓުން ވަނީ އަލީ ވަހީދަށް ހާއްސަ ފޭރާމެއް، ނިޒާމުގެ ތެރެއަށް އުފަންކޮށްފަ އެވެ. ރާއްޖޭން ބޭރުގައި ހުރެގެން އަލީ ވަހީދަށް ޝަރީއަތުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި، އެގޮތުގެ މަތިން އަޑުއެހުންތައް ބާއްވަމުން ދިޔަ އެވެ. އެއީ، އަލީ ވަހީދު ކޯޓުގައި އެދުނު ގޮތެވެ. އޭނާ ކޯޓާ މުއާމަލާތް ކުރަން ފެށީ ވެސް އެ އިންތިޒާމް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ލިބުމާއެކު އެވެ. އޭގެކުރިން އޭނާގެ ފޯނު ނަންބަރެއް، އީމެއިލް އެޑްރެހެއް، ދިރިއުޅޭ ތަނެއް އެނގޭ ކަމަކަށް ނުވި އެވެ.

ބޮޑު ތުހުމަތުތަކެއްވާ މީހަކު ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިނުވެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ތަކުރާރުކޮށް ބުނުމުން ވެސް އެކަމަށް ކްރިމިނަލް ކޯޓުން ރިއާޔަތްނުކުރި އެވެ. އެހެންވެ، އެ މައްސަލަ ހިފައިގެން ހައިކޯޓަށް ދިޔަ އެވެ. އެކަމަކު އަނެއްކާވެސް ގާނޫނީ މާނަކުރުމެއްގެ ތެރެއިން މައްސަލަ ކޯޓުން ބޭރުކޮށްލީ އެވެ. މީގެކުރިން މިފަދަ ނިންމުމެއް އެ ކޯޓުގައި އިސްތިއުނާފުކޮށްފައިނުވާއިރު، އެއީ އިސްތިއުނާފު ކުރެވޭނެ ބާވަތުގެ ނިންމުމެއް ނޫން ކަމަށް ކަނޑައެޅި އެވެ.

ހައިކޯޓުން އެހެން ކަނޑައެޅި، ރާއްޖޭ ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް ނިންމުމެއް ނިންމައިގެން ވެސް މި އުޅެނީ އަލަށެވެ.

ސުޕްރީމް ކޯޓާ ހަމައަށް މި މައްސަލަ އައުމާއެކު، އެ ކޯޓުން އަލީ ވަހީދާއެކު ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ ކުޅިވަރަށް ނުނިމެއް ގެންނަން ބޭނުންވެ، ކޯޓަށް ހާޒިރުވާން އެންގި އެވެ. އެ އެންގުމާ އެއްގޮތަށް އޭނާ ކޯޓަކަށް ނުދިޔަ އެވެ. ފަހަރަކުގައި އޭނާގެ ޣައިރު ހާޒިރުގައި ނިންމުމެއް ނިންމާނެ ގޮތެއް ނެތް ކަމަށް މީގެކުރިން ކޯޓުތަކުން ކަނޑައަޅާފައި އޮތުމުންނެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ މި މައްސަލަ ބައްލަވާ ބެންޗުން ނިންމީ އަލީ ވަހީދު އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ނިންމައި ދެ މަހަށް ޖަލަށްލާށެވެ. އެ ހުކުމް އިއްވައި، ތަންފީޒު ކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާއިރު މިހާތަނަށް އަލީ ވަހީދު ގެނެވިފައެއް ނުވެ އެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނި ގޮތުގައި އަލީ ވަހީދު ރާއްޖެ ގެންނަން ފުލުހުންގެ ކިބައިން އެދޭނެ އެވެ. އެކަމުގައި ފުލުހުން ކުރާނީ ކޮން މަސައްކަތަކެއް ކަމެއް އެ މުއައްސަސާއިން ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު، ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ދެން އަމަލު ކުރާނެ ގޮތް ވެސް ބަޔާންކޮށްފަ އެވެ. އަލީ ވަހީދު ނެތަސް، އިސްތިއުނާފު މައްސަލަ ކުރިއަށް ގެންދާނެކަމެވެ. އެހެންވެއްޖެނަމަ، މައްސަލަ ކުރިއަށް ދާނީ ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ކުރިއަށްދާ މައްސަލައެއްގެ ގޮތުގަ އެވެ.

އެހެންވެއްޖެނަމަ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމުގެ ބަހުސް އަނެއްކާވެސް ހުޅުވިގެންދާނެ އެވެ.

ޣައިރު ހާޒިރުގައި ޝަރީއަތް ކުރުމުގެ ބަހުސް ހުޅުވަން ޖެހޭ

މީގެކުރިން ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގަށް އުނިކަމެއް ލިބޭނެ ފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަކަށް ލިބޭނެ ފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކުރުމަކީ ގާނޫނުއަސާސީގެ ސާފު، ސަރީހަ ނައްސުން މަނާކޮށްފައިވާ ކަމަށެވެ.

"ކަންމިހެން އޮތުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ޖިނާއީ މައްސަލައެއްގައި ކޯޓަކުން ނެރެފައިވާ އަމުރަކާ ގުޅިގެން ހިންގޭ އިސްތިއުނާފީ ޝަރީއަތުގެ މަޖިލީހެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދާނަމަ އެކަން މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ހުއްދަކޮށްފައި އޮންނަންވާނެ، މިއީ ގާނޫނީ މާއްދާތަކެއް މާނަކޮށްގެން ކުރުން ގާނޫނު އަސާސީ ހުއްދަކޮށްފައިވާ ކަމެއް ނޫން،" ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލައިގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހާލަތަކީ، އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގާއި އެމީހަކު އިހްތިޔާރު ކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދިނުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތާ އަޅައި ކިޔޭނެ ހާލަތެއް ނޫނެވެ.

"...ސަބަބަކީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުންނާ ގުޅޭ ހައްގުތައް ބަޔާން ކުރުމުގައި އެ މީހެއްގެ އިހްތިޔާރު އޮތުން އެ މާއްދާގައި ލާޒިމުކޮށްފައިވޭ. އަދި އެ ނޫން ހާލަތްތަކުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ލިބިގަތުގައި ވެސް ލިބިގަންނަ މީހާ އެފަދަ އެހީއަކަށް ބޭނުންވުން ޝަރުތުކޮށްފައިވޭ،" ނިންމުމުގައިވެ އެވެ.

އެއާ ހިލާފަށް އެ މީހެއް ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގަކީ އެ ހައްގު ބޭނުން ކުރުން އެއްވެސް ފަރާތެއްގެ އިހްތިޔާރަށް ދޫކޮށްލާފައިވާ ހައްގެއް ނޫން ކަމާއި އެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިހެފެއްޓޭނެ ހައްގެއް ނޫންކަން ނިންމުމުގައި ފާހަގަކުރި އެވެ.

މި މައްސަލާގައި ދައުލަތުގެ ވަކީލް ސުޕްރީމް ކޯޓުގައި ބުނެފައި އޮތީ، ކޯޓުން ޗިޓް ފޮނުވައި ނޯޓިސް ލިބުމުން ވެސް ހާޒިރު ނުވުމަކީ އޭނާ އެ ހައްގު އަމިއްލައަށް ދޫކޮށްލުން ކަމުގައި ބެލެވިދާނެ ކަމެވެ. އެއީ ލިބިގަންނަން ޖެހޭ ހައްގެއް ކަމެއް ހާޒިރު ނުވުމަކީ ހައްގަށް އިންކާރު ކުރުން ކަމުގައި މާނަ ކުރެވިދާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް މިސާލެއް ދައްކަވައި، އެ ނުކުތާ ވަރުގަދަ ވެސް ކުރެއްވި އެވެ. އެގޮތުން ވަކީލަކު އައްޔަން ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނަމަވެސް، ކޯޓުތަކުން ނޫނީ ތަހުގީގީ އިދާރާތަކުން ހަމައެކަނި ހޯދައިދެނީ އެ ފުރުސަތު ކަމާއި އޭނާ އެ ހައްގު ބޭނުންނަމަ އަމިއްލައަށް ދޫކޮށްލެވޭ ކަމަށް ވިދާޅުވި އެވެ. ހާޒިރުވުމަށް އިންކާރު ކުރުމަކީ ހަމަ އެގޮތަށް ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ދޫކޮށްލުން ކަމުގައި މާނަ ކުރެވިދާނެ ކަމެވެ.

ސުޕްރީމް ކޯޓުގެ ވިސްނުން މިހާރު ހުރީ މިގޮތަށް ކަމަށް ބެލެވެ އެވެ.

ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭނެ ހާއްސަ އުސޫލެއް

އަލީ ވަހީދުގެ މައްސަލަ ކަންހިނގާ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ މީހުންގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާއްސަ އުސޫލެއް އޮންނަން ޖެހޭކަން ފާހަގަކޮށްފަ އެވެ.

އެގޮތުން އެ އޮފީހުގެ ވަކީލް ވިދާޅުވި ގޮތުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެ އުސޫލެއް އޮތުމުގެ ވަރަށް މުހިންމު ސަބަބެއް ވެސް އެބަ އޮތެވެ. އެގޮތުން، މާލީ ތަނަވަސްކަން ހުރި މީހުން ކޮންމެ ވެސް ގޮތަކުން އަމުރެއް ހޯދައިގެން ރާއްޖެއިން ބޭރަށް ގޮސް ޝަރީއަތަށް ފިލައިގެން ތިބޭނީ ކަމާއި ޝަރީއަތް ކުރިއަށް ނުގެންދެވި އެންމެ ފަހުން ހެކިތައް ވެސް ގެއްލިގެންދާނީ ކަމަށެވެ. އޭނާ އެނބުރި އަޔަސް އަންނާނީ އޭގެ ފަހުން ކަމާއި އޭގެ ކުރިން ދައުލަތަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

"މުތުލަގު ގޮތެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމަށް އޮތުމުން މި ނަތީޖާ ނުކުންނާނެ،" ވަކީލް ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލައަށް ބަލާނަމަ، ވަކީލް ވިދާޅުވި ގޮތުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ޕާސްޕޯޓް ހިފަހައްޓައިފި ނަމަ، ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން އޭނާ ރާއްޖެ ގެނައުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. މިހާރު އޭނާގެ އަތުގައި ޕާސްޕޯޓް އޮތުމުން އެކަމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މިހާރު ވެސް އަލީ ވަހީދު ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވަމުން ވަކީލް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ދޫކޮށްފައި އޮތް އަމުރުގައި ވަކި މުއްދަތެއް ނެތްއިރު، ޕާސްޕޯޓް އެހެން ދޫކޮށްފައި އޮވެއްޖެ ނަމަ، ޝަރީއަތަށް ހާޒިރުކުރަން އުނދަގޫވާނެ ކަމަށެވެ. އޭގެ ސަބަބުން، އަނިޔާ ލިބުނު މީހުންގެ ހައްގުތައް ގެއްލިގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލާގައި އަނިޔާ ލިބިފައި މިވަނީ ވަރަށް ވަލްނަރަބަލް ބަޔަކަށް. ފެށުނީންސުރެ މި މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވަމުންދޭ، ގިނަ ދުވަސްވެގެން ދިޔަ މިންވަރަކަށް ހެކި ނައްތާލުމުގެ އިހްތިމާލު އެބަ އޮތް، އެހެންވެއްޖެނަމަ މި މައްސަލާގައި އިންސާފު ލިބިގެނެއް ނުދާނެ،" ވަކީލް ފާހަގަ ކުރެއްވި އެވެ.

އަދުލުއިންސާފު ލިބިގަތުމުގެ ހައްގު އެހެން އެންމެންނަށް، އަލީ ވަހީދުގެ ސަބަބުން ގެއްލުމަކީ ހަމަހަމަ އުސޫލަކަށް ނުވާނެ ކަމަށް ދައުލަތުން ދެކެ އެވެ.

"ގާނޫނު އަސާސީން ލިބޭ އެހެން ހައްގުތައް އެއް ފަރާތް ކުރަންވީތޯ، އެއް ހައްގެއްގެ ސަބަބުން އެހެން މީހުންގެ ހައްގު ގެއްލިގެން ނުވާނެ،" ޕީޖީން ނެރޭ ޕޮއިންޓަކީ މިއީ އެވެ.

އެހެންވެ، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައްގުތަކަކީ ހަމައެކަނި ދައުވާ ލިބޭ މީހާއަށް ބުރަވާ އެއްޗެއްގެ ގޮތުގައި ނުބަލައި، އަނިޔާ ލިބޭ މީހާގެ ހައްގުތަކާއެކު ބެލެންސްކޮށް މާނަކޮށްދިނުމަށެވެ.

ނަމަވެސް، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެ ވާހަކަތަކާ ގުޅިގެން ވިދާޅުވެފައިވަނީ އެކަމުގައި ދައުލަތަށް ގާނޫނީ ސަބަބުތަކެއް ނުދެއްކޭ ކަމާއި އެއީ ހަމައެކަނި ތިއަރީއެއް ކަމަށެވެ. ގާނޫނުތައް އޮތް ގޮތުން އެކަމަކީ ކޯޓުތަކަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުން ވެސް އައީ އެހެންނެވެ.

ނަމަވެސް، ފަނޑިޔާރު ސުއޫދު ދެކެވަޑައިގެންނެވި ގޮތުގައި، އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހުމުން ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ތަންތަން ކަމަށް ދޭހަވާ ގޮތަށް ގާނޫނާއި ގަވައިދުތައް މާނަކޮށް އިޖުރާއީ ބާގަނޑުތައް ފޭކޮށްގެން ނުވާނެ އެވެ.

އަދި، ގާނޫނުގެ ދިގު އަތް ބައެއް މީހުންނާމެދު ނުފޯރާ ކަމަށް ދޭހަވާ ގޮތަށް އެއްވެސް ކޯޓަކުން ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

އެހެންކަމުން، މިހާރު ސުޕްރީމް ކޯޓުގައި އޮތް އަލީ ވަހީދުގެ މައްސަލާގައި ނެރޭ ހުކުމް ވެގެން ދާނީ ބޮޑެތި ނިންމުންތަކާއެކު، ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުކުރަން ނެރޭނެ ނިންމުމަކަށް ވެގެންދާނެ އެވެ.

ފަނޑިޔާރު ވެސް ވިދާޅުވެފައިވާ ގޮތުގައި ވަކި މީހެއް ފަރަގު ނުވެ، އަދި ފަރަގު ކުރުމެއް ނެތި ހަމަހަމަކަމާއެކު ޝަރީއަތް ހިންގޭ ތަން ރައްޔިތުންނަށް ފެންނަން ޖެހެ އެވެ. އަލީ ވަހީދު ވުމުން، ގާނޫނީ ބާގަނޑުތަކުގެ ތެރެއިން ނުކުމެވެގެން ދެވޭނަމަ، ކޯޓުތަކުގެ ބޭނުމެއް ނެތެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox