ޕެރިސް، ފްރާންސް (އޯގަސްޓު 10) - މޫސުމީ ބަދަލާއި ފަގީރުކަމާއި ވެކްސިނާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވަން ސެޕްޓެމްބަރު 25 ވަނަ ދުވަހު ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ބާއްވަން ރާވާފައިވާ ކޮންސެޓުތަކުގައި ކޯލްޑްޕްލޭ، ބިލީ އެއިލިޝް އަދި އެޑް ޝީރަން ފަދަ ތަރިން ފެނިގެން ދާނެ ކަމަށް އިއުލާނުކޮށްފި އެވެ.
ސައުވީސް ގަޑިއިރު ވަންދެން މެދުކެނޑުމެއް ނެތި ކުރިއަށްދާ ގޮތަށް ރާވާފައިވާ "ގްލޯބަލް ސިޓިޒެން ލައިވް" ކޮންސެޓުތައް އޮންނާނެ ކަމަށް ކަނޑައެޅި އެންމެ ފުރަތަމަ ސިޓީތަކަކީ ނިއު ޔޯކް، ޕެރިސް އަދި ލާގޯސް އެވެ. ކޮންސެޓުތައް ކުރިއަށްދާ ވަގުތު ޓީވީ އާއި ސޯޝަލް މީޑިއާއިން ވަގުތުން ދުރަށް ދައްކާނެ އެވެ.
ނިއު ޔޯކްގެ ސެންޓްރަލް ޕާކުގައި އޮންނަ ކޮންސެޓުން އެއިލިޝް އާއި ކޯލްޑްޕްލޭގެ އިތުރުން ފެނިގެން ދާނީ ޖެނިފަ ލޮޕޭޒް، ކެމިލާ ކަބެލޯ، ޝޯން މެންޑޭޒް، ބާނާ ބޯއި އަދި އެހެން ފަންނާނުންނެވެ.
ޕެރިސްގައި ބާއްވާ ޝޯގައި ޝީރަން އާއި ޑޯޖާ ކެޓް، ހާ އަދި ބްލެކް އައިޑް ޕީޒް ފެންނާނެ އެވެ. ނައިޖީރިއާގެ ލާގޯސްގެ ޝޯގައި ލީޑު ފަންނާނަކަށް އުޅޭނީ ފޭމާ ކޫތީ އެވެ.
ކޮންސެޓުތައް ބާއްވާނެ އިތުރު ސިޓީތަކާއި ބައިވެރިވާނެ އެހެން ތަރިންގެ ނަންތައް ކުރިއަށް އޮތް ހަފްތާތަކުގައި އާއްމު ކުރަމުން ދާނެ އެވެ.

"ހަ ބައްރުގައި، އާޓިސްޓުން ރައްޔިތުންނަށް ހިތްވަރު ދޭނީ ސަރުކާރުތަކާއި، ބޮޑެތި ކުންފުނިތަކާއި، މަހުޖަނުން އެކުގައި މަސައްކަތްކޮށް ދުނިޔެ ހިމާޔަތް ކުރުމަށާއި ފަގީރުކަން ނައްތާލުމަށް،" ގްލޯބަލް ސިޓިޒެން ޖަމިއްޔާގެ ބަޔާނެއްގައި ބުންޏެވެ.
ކޮންސެޓުތަކުގައި ބައިވެރިވާނެ ކަން ޔަގީންވެފައިފާ އިތުރު އާޓިސްޓުންގެ ތެރޭގައި ބީޓީއެސް، ލޯޑް، މެޓަލިކާ އަދި ދަ ވީކެންޑް ހިމެނެ އެވެ. ލައިވް އަދި ރިކޯޑުކޮށްފައިވާ ހުށަހެޅުންތައް ވެސް ދައްކާނެ އެވެ.
ކޮންސެޓުތައް އޮންނަ ދުވަސް ހަމަޖައްސާފައި ވަނީ އދ. ގެ އާއްމު މަޖިލިސް ސެޕްޓެމްބަރުގައި ފަށާތީ އެކަމާ ދިމާކޮށެވެ. އޭގެ ބޭނުމަކީ އޮކްޓޯބަރުގައި އޮންނަ ޖީ20 ގައުމުތަކުގެ ބައްދަލުވުމުގައި އަދި ނޮވެމްބަރުގައި އޮންނަ ކޮޕް26 ބައްދަލުވުމުގައި ފިޔަވަޅު އެޅުމަށް ބާރު އެޅުމެވެ.
ގްލޯބަލް ސިޓިޒެން އިން ބުނެފައިވާ ގޮތުގައި މި ވަގުތު ކޮންމެހެން ކުރަން މަޖުބޫރު ކަންކަމުގެ ތެރޭގައި އެއް ބިލިއަން ގަސް އިންދުމާއި، އެންމެ ފަގީރު ގައުމުތަކަށް އެއް ބިލިއަން ވެކްސިން ޑޯޒް ދިނުމާއި ބަނޑުހައި ހޫނުކަމުގައި އުޅޭ 41 މިލިއަން މީހުންނަށް ކެއުން ލިބުން ހިމެނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ އެ ކެމްޕެއިނަށް ތާއީދު ކުރައްވާފަ އެވެ.
"މިހާތަނަށް ޖަހާފައިވާ ކޮވިޑް ވެކްސިންގެ ހަތަރު ބިލިއަން ޑޯޒްގެ 75 ޕަސެންޓު ޖެހީ އެންމެ 10 ގައުމެއްގައި. މިކަމުގެ ނަހަމަކަން ނޭނގޭ ކަމަށް ހަދައިގެން އެ ނަހަމަ ކަމުގައި ބައިވެރިވެގެން ތިބެވޭކަށް ނެތް،" ޓެޑްރޯސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.







