އެމެރިކާ ސަރުކާރުން ހަދިޔާކުރި ފައިޒާ ވެކްސިން ބޭނުންކުރާނީ ރާއްޖޭގެ 12-18 އަހަރާ ދެމެދުގެ އާބާދީއަށް ޖަހަން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ހަދިޔާކުރި ފައިޒާ ވެކްސިންގެ 128،000 ޑޯޒަކީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ދެކުނު އޭޝިއާ ގައުމުތަކަށް ހާއްސަކުރި ވެކްސިންގެ ތެރެއިން ރާއްޖެއަށް ލިބުނު ވެކްސިނެވެ.
މި ވެކްސިނާ ހަވާލުވާން ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަސީމް ވިދާޅުވީ، މިއަދު މި ލިބުނު ވެކްސިން ބޭނުންކުރާނީ ރާއްޖޭގެ މުޅިން އާ އުމުރުފުރާއަކަށް ވެކްސިން ޖަހަން ކަމަށެވެ. އަދި މިކަން ފަހިކޮށްދެއްވި ކަމަށްޓަކައި އެމެރިކާ ސަރުކާރަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އެމެރިކާއިިން ހަދިޔާކުރި ވެކްސިނާ ހަވާލުވާން ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަަރު ނަސީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު
މީގެ ކުރިން ރާއްޖޭގައި މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހާފައެއް ނުވެ އެވެ. އަދި މިހާތަނަށް ޑަބްލިޔުއެޗްއޯއިން ކުއްލި ބޭނުމަށް ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން، ކުޑަކުދިންނަށް ރައްކާތެރި ހަމައެކަނި ވެކްސިނަކީ ވެސް ފައިޒާ ވެކްސިނެވެ.

މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހާނެ ކަން ހާމަކުރެއްވި ނަމަވެސް، ސީދާ ފަށާނެ ތާރީހެއް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަރަށް އަވަހަށް މީޑިއާއާ އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
މި ލިބުނު ވެކްސިނާއެކު މިހާރު ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީއަށް ބޭނުންވާ ވެކްސިންގެ އިތުރުން، ކުޑަކުދިންގެ އާބާދީގެ ބޮޑު ބަޔަކަށް ޖެހޭނެ އަދަދަށް ވެކްސިން ހަމަޖެހުނީ އެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް ކުޑަކުދިން ހިމެނޭގޮތަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހޭނެ އެވެ.













