ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި ސަރުކާރާއި ބައިއަތު ހިފާފައިވާ ވާދަވެރި ސިޔާސީ ފަރާތްތައް އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދައިގެން ހާޒިރުކުރަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގު އިއްޔެ ޔާމީން ހާޒިރުކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރުންނާއި އެކި ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަދައްކަމުންދާ ކަމަށް ބުނެ އެ ޓީމުން ނެރުނު ބަޔާނުގައި ބުނީ ޔާމީން ކޮމިޝަނަށް ހާޒިރުކުރީ އެއްވެސް ހަރުދަނާ ހެއްކެއް ހުރެގެން ނޫން ކަމަށެވެ.
އެ ޓީމުން ބުނީ ޔާމީނުގެ މައްޗަށް ކުރާ ތުހުމަތަކީ ރިލްވާން ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތު ކަމަށްވީ ނަމަވެސް އެމަނިކުފާނު އެޅުއްވީ ކޮން ހުރަހެއް ކަމެއް ކޮމިޝަނަށް ބުނެދެވިފައިނުވާ ކަމަށެވެ.

އެހެންވެ ޖުމުލަގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާއި އަދި އެ މައްސަލައިގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތެއް ނުވަތަ ދައްކަންޖެހޭ ވާހަކައެއް ނެތްކަމުގައި ތަހުގީގުގައި އެމަނިކުފާނު ދަންނަވާފައިވާނެ ކަމަށް އެ ޓީމުން ބުނެ އެވެ.
ވަކީލުން ބުނީ ޔާމީނުގެ މައްޗަށް އަސްލެއް ނެތް ތުހުމަތުތަކެއްކޮށް ސިޔާސީ ގޮތުން ގޯނާ ކުރުން ފަދަ ނޭއްގާނީ އަދި ގާނޫނާއި ހިފާލު އަމަލުތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހުގީގު އިދާރާތަކުގެ އޮފިޝަލުން ބައިވެރިވާ ކަމަށާއި އެއީ މުސްތަގުބަލުގައި ޒިންމާނަގަންޖެހޭނެ އަމަލުތަކެއްކަން އެ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށެވެ.
"ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަދަކުރެއްވި ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު ވެރިކަން ކުރައްވާފައިވާނީ ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްކަމާއި، އަދި އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ގަވާއިދާިއ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދެއްދީ އެންގުމެއް އަންގާފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.










