ރިޕޯޓުކަރަންޓު ބިލްބޮޑުކޮށްލަނީ އޭސީން!

ކަރަންޓު ބިލްބޮޑުކޮށްލަނީ އޭސީން!

"ވާރޭވެހި ޖައްވުތެރެ ފިނިވާން ފައްޓައިފިއްޔާ އަޅުގަނޑުމެންނަށް އޭތި އެނގޭނެ. ކުރީގައި ދެ އިންޖީނު ހިންގާފައި އިންނައިރު އެއް އިންޖީނަށް ބަދަލު ކުރާ ހިސާބަށް ވެސް އެބަދޭ. އެއީ މިބުނާ ގޮތަށް ރަށު ތެރެއިން ކަރަންޓް ބޭނުން ކުރާ ވަރު ދަށްވީމައި. އެކަމާ މިގުޅެނީ އޭސީ ބޭނުން ކުރާ ވަރާ،"

ކަރަންޓް ބިލްތައް ބޮޑުވާ މައިގަނޑު ސަބަބަކީ އޭސީ ކަމަށް ސްޓެލްކޯއިން ބުނޭ. --- އާޓް ވޯކް: އަބްދުﷲ ޝަފީއު (އަބޯ)
ކަރަންޓް ބިލްތައް ބޮޑުވާ މައިގަނޑު ސަބަބަކީ އޭސީ ކަމަށް ސްޓެލްކޯއިން ބުނޭ. --- އާޓް ވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ހޫނު ދުވަހެކެވެ. ސްޓެލްކޯގެ އެސިސްޓެންޓް އިންޖިނިއަރު އަލީ ނާއިފް ކޮންޓްރޯލް ރޫމަށް ވަތްއިރު މާލެއަށް ކަރަންޓް ބޭނުން ކުރަމުން ދިޔައީ ލޯޑް ބޮޑުކޮށެވެ. އެހެން ހުއްޓާ ކުއްލިއަކަށް މޫސުން ގޯސްވެ ވާރޭ ވެހެން ފަށައިފި އެވެ. އެއްކަލަ ކަރަންޓް ބޭނުން ކުރަމުން ދިޔަ މިންވަރު ހަވަރަކަށް މެގަވޯޓް ދަށްވި އެވެ. ޖައްވު ފިނިވުމާ އެކު ކަރަންޓް ލޯޑް ދަށްވީ އެވެ. އޭގެ ސަބަބެއް ކަމަށް ނާއިފް ބުނަނީ ވިއްސާރަ ވުމުގެ ސަބަބުން އޭސީ ބޭނުން ކުރާ މިންވަރު ދަށްވުމެވެ.

އޭގެ އަނެއްކޮޅު ވެސް ސްޓެލްކޯއަށް ފާހަގަކުރެވެ އެވެ. ހޫނުގަދަ ދުވަސްވަރެއް ނަމަ މާލެއަށް ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެ އެވެ.

"ވާރޭވެހި ޖައްވުތެރެ ފިނިވާން ފައްޓައިފިއްޔާ އަޅުގަނޑުމެންނަށް އޭތި އެނގޭނެ. ކުރީގައި ދެ އިންޖީން ހިންގާފައި އިންނައިރު އެއް އިންޖީނަށް ބަދަލު ކުރާ ހިސާބަށް ވެސް އެބަދޭ. އެއީ މިބުނާ ގޮތަށް ރަށު ތެރެއިން ކަރަންޓް ބޭނުން ކުރާ ވަރު ދަށްވީމާ. އެކަމާ މިގުޅެނީ އޭސީ ބޭނުން ކުރާ ވަރާ،" ސްޓެލްކޯގެ އެސިސްޓެންޓް އިންޖިނިއަރު އިސްމާއިލް ނިޝާރު ބުންޏެވެ.

ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާއަކީ ނުނިމޭ ކަމެކެވެ. ހާއްސަކޮށް މިދުވަސްވަރު އެކަން ބޮޑެވެ. މިދިޔަ މަހުގެ ބިލަށް ވުރެ މިމަހުގެ ބިލް ބޮޑުވެގެން ސޯޝަލް މީޑިއާ ހޫނުވެފައިވާތާ ދެތިން ދުވަސް ވެއްޖެ އެވެ. އެހެންވި ސަބަބަކީ މިދިޔަ މަހުގެ ކަރަންޓް ބިލަކީ ސަބްސިޑީގެ ގޮތުގައި 40 ޕަސެންޓް ދީފައިވާ ބިލަކަށް ވުމެވެ. މިމަހުގެ ބިލްގައި ސަބްސިޑީ ނުހިމެނޭތީ ކަރަންޓް ބިލް ބޮޑީ އެވެ.

އަލީ ޝިހާމްގެ ޝަކުވާއަކީ މި ދެ މަހެއް ނޫނެވެ. އޭނާ އާއި އަންހެނުން އެކަނި އުޅޭ އެއް ރޫމްގެ އެޕާޓްމަންޓަށް ކޮންމެ މަހަކު 400 އެއްހާ ރުފިޔާ ބިލަށް އަރާއިރު އޭނާގެ މަންމަ ގޭގައި ތިން ކޮޓަރީގައި މީހުން އުޅޭއިރު ބިލަށް އަރަނީ 600 އެއްހާ ރުފިޔާ އެވެ. އާއްމުކޮށް ގޭތެރޭގައި ގެންގުޅޭ ސާމާނު ފިޔަވާ އެހެން އެއްޗެއް ޝިހާމްގެ ދެމަފިރިން ވެސް ނުގެންގުޅޭއިރު އެ ގޭގެ ބިލް ބޮޑުވާން ޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެ އެވެ.

"ދުވާލުއެއްކޮށް ބޭރުގައި މި އުޅެނީ. ރޭގަނޑު ގޭގައި މިއުޅެވެނީ، އެކަމަކު ދެ މީހުން އުޅޭ ގެއަކާއި އަށް މީހުން އުޅޭ ގެއަކާ ބިލް ގާތްގަނޑަކަށް އެއްވަރު. އެހެންވީމައި މީގައި ގޯހެއް އެބައުޅެއެއްނު؟" ޝިހާމް އެހި އެވެ.

ސޯޝަލް މީޑިއާގައި ކަރަންޓް ބިލް ހިއްސާކޮށް ޝަކުވާ ކުރާ މީހުން ބުނަމުން އަންނަނީ ސްޓެލްކޯއިން ބިލް އޮޅުވާލަނީ ކަމަށެވެ. ގޭތެރޭގައި އެކައްޗެއް ބޭނުން ކުރަމުން އަންނަނިކޮށް އެކި މަހު އެކިވަރުގެ ބިލް އަންނާތީ އެކަން ބަލައިގަންނަން އެ މީހުންނަށް އުނދަގުލެވެ.

އޭސީ ހަރުކޮށްފައި ހުރީ ރަނގަޅަށްތަ؟

ނިޝާރު ބުނިގޮތުގައި ކަރަންޓް ބިލް ބޮޑުވެގެން އަންނަ ޝަކުވާތައް ބަލާއިރު އެކަންކަން ގިނައިން ގުޅިފައި ހުންނަނީ ފިނިހޫނުމިން ހިފެހެއްޓުމަށް ބޭނުންކުރާ އިކުއިޕްމެންޓްތަކާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ދަނީ އޭސީއަށެވެ. އަދި ފެން ހޫނު ކުރަން ބޭނުން ކުރާ ޖަގާއި ހީޓަރު ފަދަ ތަކެތި ވެސް ބޭނުން ކުރާ ގޮތުން ކަރަންޓް ބިލް ބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

އޭސީއަކީ މިހާރު އެއާ ނުލާ ގިނަ މީހުންނަށް ނޫޅެވޭ އެއްޗަކަށް ވާއިރު ކަރަންޓް ބިލް ބޮޑުވުމާ ގުޅިފައިވާ މައިގަނޑު ސަބަބަކީ އެއީ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ނިޝާރު ބުނިގޮތުގައި އެގޮތަށް ދިމާވަނީ ކޮންމެވެސް ސަބަބަކާ ހުރެ އޭސީ މައްސަލަ ޖެހިފައިވާ ނަމަ ކަމަށެވެ.

"އާއްމުކޮށް އޭސީއަކަށް ކަރަންޓް ބޭނުން ކުރާނީ 2.2 އެމްޕަޔަރު. މައްސަލަ ޖެހިފައި ހުންނަ އޭސީއެއް ވެއްޖެއްޔާ 10.8 ނޫނީ 11.3 އެމްޕަޔަރު އަރާނެ. ހަމަ ކޮންޓިނިއަސްލީ އޭތި ދާނެ. އެހެންވީމަ މަހަކު އެ އަރާވަރު ބޮޑު ވެގެންދާނެ،" ނިޝާރު ބުންޏެވެ.

ހީޓް ޓްރާންސްފާއިން މާސްޓާސް ހަދާފައިވާ ނާއިފް ބުނިގޮތުގައި އޭސީއެއް ހަރަދު ބޮޑުވާން ދިމާވާ މައިގަނޑު އުޅެނީ ތިން ސަބަބެކެވެ. އެއީ ތަނުގެ ސައިޒާ ނުގުޅޭ އޭސީ އެއް ހަރުކޮށްފައި ހުރުން ނުވަތަ އެތަނެއްގައި ފިނިހޫނުމިން އެއްވަރެއްގައި ނުހިފެހެއްޓޭ ގޮތަށް ހުރުން ނުވަތަ އޭސީ އިންސްޓޯލް ކުރުމުގައި މައްސަލަތަކެއް ހުރުމެވެ.

މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލެކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ އިތުރު-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލެކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ އިތުރު-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލެކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ އިތުރު-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އޭސީއަކުން ފިނިކޮށް ދެނީ ދެ ގޮތަކަށެވެ. އެއީ ވައި ފިނިކޮށްގެންނާއި ވައިގައި ހުންނަ ތެތްކަން ދަމައިގަނެގެންނެވެ. ނާއިފް ބުނިގޮތުގައި އެ ތަނަކަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު ނުވަތަ ކުޑަ އޭސީއެއް ހަރުކޮށްފައި ހުރިނަމަ ފިނި ކުރަން އޭސީގެ ކޮމްޕްރެސަރު އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ. އޭގެ ސަބަބުން އިތުރަށް ކަރަންޓް ހިނގައި ބިލްބޮޑުވާން ދިމާވެ އެވެ.

"އެހެންވީމާ ވަރަށް މުހިންމު ކަމެއް ތަނުގެ ސައިޒަށް ފިޓްވާވަރުގެ ރަނގަޅު އިންވާޓަރެއް ލައިފައި ހުންނަ ކަހަލަ އޭސީއެއް ހޯދުން. ހަމަ ރައްޓެއްސެއް އަގުހެޔޮކޮށް ދޭތީ އޭސީއެއް ނުލާށޭ،" ނާއިފް ބުންޏެވެ.

އެ ތަނެއް ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް އޭސީން ޓެމްޕަރޭޗާ ސެޓް ކުރުމުން އޭސީން އެ މަސައްކަތް ފަށަ އެވެ. އެ ޓެމްޕަރޭޗާއަކަށް އެތަނެއް ދަންދެން އޭސީން ފިނި ކުރަމުން ދާނެ އެވެ. ބައެއް ގެތަކުގެ ކޮޓަރިތަކާއި ރޫމްތައް ހުންނަނީ ބޭރުގެ ހޫނު ނުވަންވާނެހެން ރަނގަޅަށް ބަންދު ނުކޮށެވެ. އޭގެ ސަބަބުން އޭސީން ޓެމްޕަރޭޗާ ހިފެހެއްޓުމަށް އަބަދު ހުންނަނީ މަސައްކަތް ކޮށްލަކޮށްލަ އެވެ. އެއީ ވެސް ކަރަންޓް ބިލް ބޮޑުވާން ދިމާވާ ސަބަބެއް ކަމަށް ނާއިފް ބުންޏެވެ.

"ބައެއް މީހުން އެބަ ބުނޭ ފްރެޝް އެއާ ވައްދަން ޖެހޭ. އެހެންވީމައި ކުޑަ ދޮރެއް ހުޅުވާލަފާނެ. އޭގެ ސަބަބުން ހޫނު ވައި ބަރާބަރަށް ވަންނާނެ. ނޫނީ ފާހާނާ ދޮރު ހުޅުވާވާފައި ހުރެދާނެ ކޮޓަރީގެ. އެހެންވީމައި ވަރަށް މުހިންމު ކަމެއް ސީލް [ވައި ބޭރު ނުވާނެހެން ބަންދު ކޮށްފައި ހުރުން]،" ނާއިފް ބުންޏެވެ.

ދެން އޮތީ އޭސީ އިންސްޓޯލް ކުރުމުގައި ހަދާ ގޯސްތަކެވެ. އޭގެ ތެރެއިން ވެސް ހަދާ އެންމެ ބޮޑު ގޯހަކީ އައުޓްޑޯ ޔުނިޓް ރަނގަޅު ނޫންތަނެއްގައި ބެހެއްޓުމެވެ. އައުޓްޑޯ ޔުނިޓްގެ ވަޒީފާއަކީ އޭސީން ބޭރު ކުރާ ހޫނު ވައި ޖައްވަށް ދޫ ކުރުމެވެ. އެކަން ކުރެވޭނީ ރަނގަޅަށް ވައި ދައުރުވާ ތާކު އައުޓްޑޯ ޔުނިޓް ހަރުކޮށްފައި ހުރެގެންނެވެ.

މާލޭގެ ގިނަ ގޭގޭގެ އައުޓްޑޯ ޔުނިޓް ވައިގޮޅިތަކުގައި ހަރުކޮށްފައި ހުންނައިރު ނާއިފް ބުނިގޮތުގައި އޭގެ ސަބަބުން ހޫނު ވައި ބޭރު ކުރުމުގެ ފުރަސަތު ކުޑަވެ އެވެ. އެހެންވެ އޭސީން އިތުރަށް މަސައްކަތް ކުރަން ޖެހި ކަރަންޓް ބިލް ބޮޑުވާން މެދުވެރިވާ ކަމަށް އޭނާ ބުންޏެވެ.

"ވައިގޮޅިއެއް ފުރެންދެން އައުޓްޑޯ ޔުނިޓް އަޅާފައި ހުރެއްޖެއްޔާ މިވާގޮތަކީ އެންމެ ތިރީގައި އިންނަ އައުޓްޑޯއަށް ލިބިދާނެ ފިނިވައިކޮޅެއް ފައްޓާއިރު. އެކަމަކު މައްޗަށް ހޫނުވައި އަރަމުންދާ ވަރަކަށް މަތީގައި ހުންނަ އޭސީތަކަށް މިލިބެނީ ހުސް ހޫނުވައި. އެހެންވީމައި އެއްކަލަ ހީޓް އެކްސްޗޭންޖް ޕްރޮސެސް ކޮންޓިނިއު ކުރުމަށް ޖާގައެއް ނުލިބޭ. އެހެންވެއްޖެއްޔާ މަތީގައި ހުންނަ އޭސީތަކަށް ވަރަށް އުނދަގޫވާނެ އެ ވައިކޮޅުތައް ބޭރު ކުރަން،" އެކަން ހިނގާގޮތް ކިޔައިދެމުން ނާއިފް ބުންޏެވެ.

"އެހެންވީމައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެސްލޯން ހޮޅިއެއް ތިރިކޮށްގެން ނަމަވެސް ފްރެޝް އެއާ ވައިގޮޅިތަކަށް ޕަންޕު ކުރުން."

ފުރިޖަކީ ވެސް ބޭނުން ކުރެވޭ ގޮތުން ކަރަންޓް ހަރަދު ބޮޑުވާ އެއްޗެވެ. އެގޮތުން ގިނަ ވަގުތު ހުޅުވާފައި ހުންނަ ނަމަ ހަރަދު ބޮޑުވެ އެވެ. ނުވަތަ ހޫނު އެއްޗެއް ފުރިޖަށް ލާނަމަ އެ އެއްޗެއް ފިނި ކުރަން ފުރިޖުން ކުރަން ޖެހޭ މަސައްކަތާއެކު ކަރަންޓް ބިލް ބޮޑުވެ އެވެ.

"ހޫނު އެއްޗެއް ނުލާނަމަ ފުރިޖަކީ ވަރަށް ޕާފެކްޓް އެއްޗެއް. ހަރަދު ބޮޑެއް ނުވާނެ،" ނާއިފް ބުންޏެވެ.

ކޮފީ އާއި ސައި ހެދުމަށް ގެތަކާއި އޮފީސްތަކުގައި ވެސް ފެން ކައްކާ ޖަގު އާއްމުކޮށް ބޭނުން ކުރެ އެވެ. ނިޝާރު ބުނިގޮތުގައި ފެން ހޫނު ކުރަން ބޭނުން ކުރާ ޖަގު ވެސް ބޭނުން ކުރާގޮތުން ކަރަންޓްގެ ހަރަދު ބޮޑުވެ އެވެ. ކޮފީ ގިރުމަށް އެއް ފަހަރާ ގިނައިން ފެން ކައްކާނަމަ ކަރަންޓް ދާލެއް އިތުރެވެ.

"ޖަގު ފުރެންދެން ފެންއަޅާ މި ކައްކަނީ. ކައްކާފައި ކޮފީތައްޓެއް ގިރާފައި ބާކީ ފެން މިބަހައްޓަނީ. އެދެން ހުރެ އެ ހިހޫވާނީ. އަނެއްކާ ކޮފީ ގިރަންވީމާ ހޫނު ކުރަނީ. އޭގެ ބަދަލުގައި ދެ ކޮފީތަށި ގިރަންޏާ އެއަށް ވާވަރަށް ފެން ކައްކަން ވީ. އޭރަށް މަދު އެނާޖީ ދާނީ ހޫނު ކުރަން ވެސް،" ނާއިފް ބުންޏެވެ.

އޭސީން ހަރަދު ބޮޑުތޯ ބަލާނީ މިހެން

ކަސްޓަމަރުންގެ ޝަކުވާއަކީ ބިލް ލިބުމުގެ ކުރިން ކަރަންޓް ބިލް ބޮޑުވާކަން ނޭނގުމެވެ. މިހާރު މާލޭގައި ވަސީލަތްތައް ހުރިގޮތުން އެނގެނީ ޖުމުލަ ކަރަންޓް ބޭނުން ކުރެވޭ ވަރެވެ. ވަކިވަކި އެއްޗިއްސަށް ކަރަންޓް ހަރަދުވާވަރު ބަލަން ބޭނުން ނަމަ ޖެހެނީ އަމިއްލައަށް މަސައްކަތެއް ކޮށްލާށެވެ.

ނިޝާރު ބުނިގޮތުގައި އޭސީއެއް ނުވަތަ އެހެން އިކުއިޕްމެންޓަކުން ވެސް ގިނައިން ކަރަންޓް ބޭނުން ކުރާނަމަ އެކަން މީޓަރުން ބެލޭނެ އެވެ. ފަހުގެ މީޓަރުތަކުގައި އިންނަ ނިވި ދިއްލޭ ބޮތްކަކަށް ބަލައިގެންނެވެ. ކުރީގެ މީޓަރެއްނަމަ އެތެރޭގައި އިންނަ އެނބުރޭ ބޮޅަށް ބަލައިގެންނެވެ.

އެގޮތުން އެ އެއްޗެއް ބޭނުން ކުރަން ފަށާފައި އިރުކޮޅެއް ކޮށްފައި މީޓަރަށް ބެލުމުން ފަހުގެ މީޓަރުގެ ބޮކި ވަރަށް އަވަސް އަވަހަށް ނިވި ދިއްލޭނަމަ އޭގެ މާނައަކީ އެއެއްޗަކުން ވަރަށް ބޮޑަށް ކަރަންޓް ބޭނުން ކުރާކަމެވެ. ކުރީގެ މީޓަރެއްގައި ނަމަ ބޮޑަށް ކަރަންޓް ބޭނުން ކުރަންޏާ އެތެރޭގައި އިންނަ ބޮޅު މާބާރަށް އެނބުރޭނެ އެވެ.

ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާއަށް ނިމުމެއް ގެނެވެން އޮތީ ކަރަންޓް ބޭނުން ކުރާ ގޮތްތަކަށް ބަދަލުތަކެއް ގެނެސްގެންނެވެ. ސްޓެލްކޯގެ ކޮންޓްރޯލް ރޫމުން އެ ފެންނަނީ އޭގެ ބޮޑު މަންޒަރެވެ. ޖަށްވު ފިނިވެ އޭސީތައް މަޑުޖެހުމާއެކު ކަރަންޓް ލޯޑް ކުޑަވާތީ އެވެ. ސްޓެލްކޯއިން ބުނާގޮތުގައި ބޮޑެތި ބިލްތަކުގެ ފަހަތުގައި ވަނީ އޭސީ އެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox