އިމްތިހާން ހެދުމަކާ ނުލައި 25 ގައުމެއްގެ ލައިސެންސްއަށް ދާއިމީ ލައިސެންސް ދޫކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު، ޓްރާންސްޕޯޓް މިމިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ހައްސަ ލައިސެންސެއް އޮތް މީހުންނަށް، އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދެވެ އެވެ.
އެ ގައުމުތަކުގެ ގޮތުގައި ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ 25 ގައުމުގެ ތެރޭގައި ގިނައީ އޭޝިއާގެ ގައުމުތަކެވެ.
އެ ގައުމުތަކުގެ ތެރޭގައި ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބްރުނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ޕިލިޕީސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޒަލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖާމަނީ ހިމެނެ އެވެ.
އަލަށް ދޫކުރާ ލައިސެންސްތަކަށް އާ އުސޫލަކުން އަމަލު ކުރަން ވެސް ޓްރާންސްޕޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.

އެގޮތުން އަލަށް ދޫކުރާ ކޮންމެ ލައިސަންސަކަށް 100 ޕޮއިންޓް ދީ, ގަވައިދާ ހިލާފުވާނަމަ އޭގެން ޕޮއިންޓް ކަނޑައި ލައިސެންސް ބާތިލު ކުރެވޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އަލަށް ހެދި ގަވައިދު ބުނާ ގޮތުން ޕޮއިންޓް ހުސްވެގެން ދެން އެ މީހާއަށް ލައިސެންސް ނެގުމަށް އެދެވޭނީ ހަ މަސް ފަހުންނެވެ. އެ މީހަކު ޖެހެނީ އަލަށް ލައިސެންސް ނަގާ މީހަކު ކަންކުރާ ގޮތަށް ހުރިހާ ޓެސްޓް މަރުހަލާތަކެއް ވެސް ފުރިހަމަ ކުރާށެވެ.
ލައިސެންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވައިފިނަމަ އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިތުރުން 15 ދުވަހަށް ވެހިކަލް ޓޯ ކުރުމުގެ ބާރު ވެސް ގަވައިދުން ވަނީ ދީފަ އެވެ.













