ޓޯކިޔޯ (ޖުލައި 28) - މި ފަހަރުގެ އޮލިމްޕިކްސް އަށް އަލަށް އިތުރުކުރި ސާފިން އިވެންޓްގެ ތާރީހީ މެޑަލްތައް ބްރެޒިލްގެ އިޓާލޯ ފެރެއިރާ އާއި އެމެރިކާގެ ކެރީސާ މޯ ހޯދައިފި އެވެ.
އޮލިމްޕިކްސްގެ ރަން މެޑަލަކާ އެކު ފެރެއިރާ އާއި ކެރީސާ އަށް އޮލިމްޕިކް ޗެމްޕިއަނެއްގެ ޝަރަފްގެ އިތުރުން އޮލިމްޕިކްސްގެ ފުރަތަމަ ސާފް ޗެމްޕިއަންގެ ހައިސިއްޔަތު ވެސް ލިބުނީ އެވެ. މިއީ މި ދެ ތަރިންގެ ވެސް ކެރިއަރުގެ ބޮޑު އުސްއައްޔަކަށް ވާނެ ކާމިޔާބެކެވެ.
އުމުރުން 27 އަހަރުގެ ފެރެއިރާ ޗެމްޕިއަންކަން ހޯދީ ފިރިހެން އިވެންޓް ފައިނަލުގައި ޖަޕާނުގެ ކަނޯ އިގަރާޝީ އަތުން މޮޅުވެގެންނެވެ. އެ މެޗުގައި ފެރެއިރާގެ ފައިނަލް ސްކޯ އަކީ 15.14 އެވެ. އިގަރާޝީ އަށް ރިހި މެޑަލް ލިބުނުއިރު، ލޯ މެޑަލް ހާސިލްކުރީ އޮސްޓްރޭލިއާގެ ކުޅަދާނަ ރާޅާއެޅުންތެރިޔާ އޮވެން ރައިޓް އެވެ.
ލޯ މެޑަލް މެޗުން އޮވެން ވަނީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ގަބްރިއެލް މެޑީނާ ބަލިކޮށްފަ އެވެ. އެ މެޗުގައި އޮވެންގެ ސްކޯ އަކީ 11.97 އެވެ. އަދި ބްރެޒިލްގެ މެޑީނާ އަށް ހޯދުނީ 11.77 އެވެ.

ރަން މެޑަލް ހޯދި ފެރެއިރާ (މ)، ލޯ މެޑަލް ހޯދި އޮވެން (ކ) އަދި ރިހި މެޑަލް ހޯދި އިގަރާޝީ.-- ފޮޓޯ: އޭއެފްޕީ
މި ކާމިޔާބީ އޮވެން އަށް ވަރަށް ހާއްސަ އެވެ. އެއީ 2015 ވަނަ އަހަރު ރާޅާ އެޅުމުގެ ތެރޭގައި ދިމާވި ނުރައްކާތެރި ހާދިސާއަކުން އޮވެންގެ ސިކުނޑި އަށް ގެއްލުން ލިބުމުންނެވެ. އޭނާ އެނބުރި ސާފިން އަށް ނުކުތީ ބޮޑު ރިސްކެއް ނެގުމަށް ފަހު އެވެ.
ރަން މެޑަލް ހޯދި ފެރެއިރާ ވަނީ 2015 ވަނަ އަހަރު ސާފިންގެ ބޮޑު މުބާރާތްތަކުގައި ވާދަކުރަން ފަށައި ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި ރޭންކިންގެ ވެސް ކުރިއަށް ޖެހިލައިފަ އެވެ.
"މި ކާމިޔާބީ ހުރިހާ ކަމަކަށް ވުރެ ވެސް ހާއްސަ. އޮލިމްޕިކްސްގެ ރަން މެޑަލް ލިބުމަކީ އަބަދު ވެސް ފަހުރުވެރިކަމާ އެކު ދެއްކޭނެ ވާހަކައެއް،" ފެރެއިރާ ބުންޏެވެ.
އަންހެން އިވެންޓުން ރަން ވަނަ ހޯދި ކެރީސާ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވޯލްޑް ސާފް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ 2013، 2015 އަދި 2019 ވަަނަ އަހަރު އެވެ. ކެރީސާގެ ކެރިއަރުގެ ފެށުމަކީ އޭނާގެ އުމުރުން 18 އަހަރުގައި 2011 ވަނަ އަހަރުގެ ދުނިޔޭގެ ސާފް ލީގުގައި ހޯދި ކާމިޔާބީ އެވެ.
ސާފިންގެ އިތުރުން މި ފަހަރުގެ އޮލިމްޕިކްސް އަށް ދެން އިތުރުކުރި އިވެންޓްތަކަކީ ސްޓްރީޓް ސްކޭޓްބޯޑިން، ސޮފްޓްބޯލް، ކަރާޓޭ އަދި ސްޕޯޓްސް ކްލައިމްބިން އެވެ. މީގެ އިން ކޮންމެ އިވެންޓެއްގައި ވެސް ގިނަ އަދަދެއްގެ އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ.












