ރިޕޯޓުބިޔަ ޒިންމާއެއް؛ އިންތިގާލީ އިންސާފުން ތަސައްލީ އާއި ހަމަޖެހުން

ބިޔަ ޒިންމާއެއް؛ އިންތިގާލީ އިންސާފުން ތަސައްލީ އާއި ހަމަޖެހުން

އިންތިގާލީ އިންސާފުގެ އޮފީސް ހިންގެވުމަށް އައްޔަން ކުރައްވާފައިވާ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފާއި އޮމްބަޑްސްޕާސަނުން ކަމަށްވާ ޖިހާދާ އަނީސް އަދި މަރިޔަމް ލައިސާ ދެ އަހަރު ދުވަހުގެ މުއްދަތު ނެންގެވީ ވަރަށް ޕޮޒިޓިވްކޮށް. ދެ އަހަރު ތެރޭ ފުރިހަމަ މަސައްކަތެއް ކުރެވޭނެ.

2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އޮތް މުޒާހަރާއެއްގައި ފުލުހުން، މުޒާހަރާގެ ބައިވެރިޔަކަށް ހުރަސްއަޅަނީ. --ފޮޓޯ: މުންޝިދު (މުންޗި)/ ފްލިކާ
2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އޮތް މުޒާހަރާއެއްގައި ފުލުހުން، މުޒާހަރާގެ ބައިވެރިޔަކަށް ހުރަސްއަޅަނީ. --ފޮޓޯ: މުންޝިދު (މުންޗި)/ ފްލިކާ

އަމިއްލަ ނަން މަތީ އޮތް ގޯތި، ހެދި ނުހެދިއެއް ނޭނގި ބަޔަކު ފޭރިގަތީ އެވެ. ޝަރުތު ހަމަވެ، ޕޮއިންޓް ލިބުމުން ވެސް ފްލެޓެއް ނުދިނީ އެވެ. އުސޫލެއް، ހަމައެއް ނެތި ވަޒީފާއިން ވެސް ވަކިކޮށްލީ އެވެ. ކޯޓުގައި ޝަރީއަތް ލަސްކޮށް، ހުކުމް ތަންފީޒުކުރުން ވެސް ލަސްކުރީ އެވެ. ބަންދުގައި ބެހެއްޓީ، "ވާނުވާ"އެއްގަ އެވެ.

މިފަދަ އެތައް ހާލަތެއް ދިމާވެފައިވާ މީހުން އެބަ ތިއްބެވެ. އެތައް ދޮރެއްގައި ޓަކި ޖަހައިގެން ވެސް އިންސާފެއް ނުލިބުނެވެ. އިންސާފެއް ލިބޭނެ މަގެއް، ދޮރެއް ނުފެނި މާޔޫސްވެ، ގޮތް ހުސްވެފައި އެ ބަޔަކު އެ ތިބީ އެވެ.

އެކަމަކު، އެމީހުންނާ ހަމައަށް ރިޔާސީ ވައުދެއްގެ ތެރެއިން އިންތިގާލީ އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ. އެގޮތުގެ މަތިން ގާނޫނެއް ވުޖޫދުކޮށް އިންތިގާލީ އިންސާފުގެ އޮފީސް ވެސް މިހާރު އެހުރީ އުފައްދާފަ އެވެ. އެ އޮފީހަށް މައްސަލަ ހުށަހަޅަން ވެސް ހުޅުވާލައި، އޮފީހުގެ މަސައްކަތްތައް ވަނީ ހިނގައިގެންފަ އެވެ.

Advertisement

ނަމަވެސް، ދިގު ދެމިގެން ގޮސްފައިވާ ބޭއިންސާފަށް އެ އޮފީހަށް ވެސް ތަސައްލީއެއް ހޯދައިދެވިދާނެ ކަމާމެދު އުފެދޭ ސުވާލުތައް ގިނަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 ވަނަ އަހަރުގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން ހިނގާފައިވާ ބޭއިންސާފުގެ މައްސަލަތައް ބެލުމަށް ހެދި އޮފީހެކެވެ. އެ އޮފީހަށް ދިގު މުއްދަތެއްގެ ބޮޑެތި، ގިނަ މައްސަލަތަކެއް ބެލުމުގެ ޒިންމާއާއެކު ދީފައިވަނީ ދެ އަހަރު ދުވަހުގެ ކުރު މުއްދަތެކެވެ.

"އެންމެ ދެ އަހަރުން ރައީސް މުހައްމަދު އަމީނު ދުވަސްވަރުން ފެށިގެން އިހަށް ދުވަހާ ހަމައަށް ހިނގި ކަންކަން ބަލާ ނިންމާނީ ކިހިނެއް ހެއްޔެވެ؟ އެވަރު ގާބިލުކަމެއް އޮމްބަޑްސްޕާސަންގެ އޮފީހަށް ލިބިގެންވޭ ހެއްޔެވެ؟" މައްސަލަތައް ބަލާ ނިންމުމަށް ދެ އަހަރުގެ މުއްދަތެއް ގާނޫނުގައި ކަނޑައަޅާފައި އޮތުމުން އުފައްދާ ސުވާލަކީ މިއީ އެވެ.

ދެ އަހަރު ރަނގަޅު: މައްސަކަތް ފޯރީގައި ކުރެވޭނެ

އިންތިގާލީ އިންސާފުގެ އޮފީސް ހިންގެވުމަށް އައްޔަން ކުރައްވާފައިވާ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފާއި އޮމްބަޑްސްޕާސަނުން ކަމަށްވާ ޖިހާދާ އަނީސް އަދި މަރިޔަމް ލައިސާ ދެ އަހަރު ދުވަހުގެ މުއްދަތު ނެންގެވީ ވަރަށް ޕޮޒިޓިވްކޮށެވެ.

"ދެ އަހަރުގެ ކުރު މުއްދަތު އަޅުގަނޑުމެން ދެކެނީ އަޅުގަނޑުމެންގެ މަސައްކަތަށް ފަސޭހަވެގެންދާނެ ކަމެއްގެ ގޮތުގައި، އެއީ އެހެން މުއައްސަސާތަކުގައި މި އޮންނަ ގޮތަކީ ޕެންޑިންގައި. ރިލެކްސް މޯޑެއްގަ މަސައްކަތް ކުރުމުގެ ބަދަލުގައި ވަރަށް ފޯރީގައި މަސައްކަތް ނިންމާލެވޭނެ ގޮތަށް މިއޮތީ، އެގޮތަށް އޮތީމަ ކަމާވެގެން މަސައްކަޔް ކުރެވޭނެ،" ލައިސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގިނަ ދުވަސްތަކެއްވީ މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ ބައެއްގެ މަސައްކަތް ވެސް ދިގުލައިގެންދާނަމަ، އެއީ އަނިޔާ ލިބިފައިވާ މީހާއަށް އިތުރު ބުރައެއް އަދި ނުތަނަވަސްކަމަކަށް ވާނެ އެވެ.

"ކުރު މުއްދަތެއް އޮތުމަކީ މާބޮޑު މައްސަލައެއް ނޫން،" ލައިސާ ވިދާޅުވި އެވެ.

ޖިހާދާ ވިދާޅުވި ގޮތުގައި، އޮފީހުގެ މަސައްކަތްތައް ބައްޓަންކޮށް، މުވައްޒަފުންނަށް މަގު ދައްކައިދީފައި ވާނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ގޮންޖެހުންތަކާއެކު ވެސް މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތަކަށެވެ.

އަދިވެސް އެ އޮފީހަށް ހުރިހާ މުވައްޒަފުން ހަމައެއް ނުވެ އެވެ. އިންވެސްޓިގޭޝަނަށް ވެސް އަދި ތިބީ ނިސްބަތުން މަދު މުވައްޒަފުންނެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކަމަކާމެދު ވެސް ވިސްނައި ދުރާލައި އުސޫލުތައް ވަނީ ހަދައި ތަރުތީބުކޮށްފަ އެވެ.

"މަސައްކަތް ފެށީމަ ދިމާވާ ކޮންމެ ކަމަކަށް ހައްލެއް ހޯދަން އުސޫލުތައް މިހާރުއްސުރެ ވާނީ ހަދާފައި، މަސައްކަތް ފެށުމުގެ ކުރިން ދިމާވާނީ ކޮން ކަހަލަ ކަންތައްތަކެއްތޯ ބަލައި، މައްސަލަތަކަށް އެޕްރޯޗުކުރާނީ ކިހިނެއްކަން އެ އެސްއޯޕީތަކުގައި ވާނީ ހިމަނާފައި،" ޖިހާދާ، އެ އޮފީހުގެ ތައްޔާރީތަކުގެ ތަފްސީލެއް ދެއްވި އެވެ.

"މުއައްސަސާ ރެޑީކުރަން އެންމެ މުހިންމު ކަމެއް ދިނީ، މުވައްޒަފުން ތަމްރީނު ކުރުމާއި މަސައްކަތަށް ދޭން ޖެހޭ ފަރުވާތެރިކަން ދިނުމަށް. މުވައްޒަފުންނަށް ދެއްކީ ޕްލޭނެއް، ދެއްކީ ޓާގެޓެއް، ކުރިއާލައި މަގެއް ކޮށައިދީފައި އޮތީމަ، މަސައްކަތް ވަރަށް ފަސޭހަވި."

ޖިހާދާ ވިދާޅުވި ގޮތުގައި ދެ އަހަރުގެ ތެރޭގައި ކާމިޔާބުކަމާއެކު މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތީ، ހުރިހާ ކަމެއްގެ ހައްލު، އެ އޮފީހުގައި އޮތުމުންނެވެ.

"ވަރުގަދަ ޕްލޭނާއެކު މުވައްޒަފުންނަށް ޑައިރެކްޝަން ދީފައި މިވަނީ، ހުރިހާ ކަމަކަށް އެޕްރޯޗުކުރާނެ ހައްލު އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ޖިހާދާ ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން: އެ ބޭފުޅުން ތިބީ އުއްމީދަކާއި އަމާޒަކާއެކު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން: އެ ބޭފުޅުން ތިބީ އުއްމީދަކާއި އަމާޒަކާއެކު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން: އެ ބޭފުޅުން ތިބީ އުއްމީދަކާއި އަމާޒަކާއެކު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޗީފް އޮމްބަޑްސްޕާސަން ވެސް ތަކުރާރު ކުރެއްވީ ހަމަ އެފަދައިންނެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ އަހަރު ދުވަހުގެ ތެރޭ އެ އޮފީހާ ހަވާލުވެފައި އޮތް ބޮޑު ޒިންމާގެ މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.

"ޗެލެންޖުތައް އެބަހުރި، އެކަމަކު އިންޕޮސިބަލް ޓާސްކެއް ކަމެއް ކަމަށް ގަބޫލެއް ނުކުރަން،" ސަލާމް ވިދާޅުވި އެވެ.

ދެ އަހަރުގެ މުއްދަތުގެ ތެރޭ އިންތިގާލީ އޮފީހަށް ބަލަން މި ޖެހެނީ ނިޒާމީ ސިފައެއްގައި ރޭވިގެން ކުރި ކަމެއް ނުވަތަ އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގެން ގޮސްފައިވާ މައްސަލަތަކެވެ. އެހެންކަމުން، ހުށަހެޅޭ ޝަކުވާއެއްގެ އަމަލު ހިންގާފައި އޮތީ ނިޒާމީ ސިފައެއްގައި ރޭވިގެންތޯ ކަނޑައެޅުމުގައި ގެންގުޅޭނީ ކޮން މިންގަނޑެއްތޯ ސުވާލު އުފެދެ އެވެ.

ހައްގެއް، މިނިވަން ކަމެއް ގެއްލުވާލީތަ؟ އަވަހަށް ހުށަހަޅާ

ސަލާމް ވިދާޅުވި ގޮތުގައި، "ނިޒާމީ ސިފައެއްގެ ރޭވިގެން" ހިންގި އަމަލެއް ކަމަށް ގާނޫނުގައި ބުނާ ބުނުން މާނަ ކުރަނީ ވަރަށް ލިބަރަލްކޮށެވެ. އޭގެ މާނަ އެ އޮފީހުން ހެދި ގަވައިދުގައި ބުނެދީފައިވެ އެވެ.

"ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އިދާރާއެއްގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކުގެ ބޭނުންކޮށްގެން ކޮށްފައި ހުންނަ ކަންކަން،" އެއީ "ނިޒާމީ ސިފައެއްގައި ރޭވިގެން" ހިންގާފައި ހުންނަ އަމަލުތައް ކަމަށް އެ ގަވާއިދުން މާނަކޮށްދީފައި ވެއެވެ.

އޭގެ ތަފްސީލު ދެއްވަމުން ޖިހާދާ ދެއްކެވީ މިސާލުތަކެކެވެ. އެގޮތުން މީހަކު ވަޒީފާއަކުން ކަނޑާލިއިރު ގަވައިދަށް ނުބަލައި، އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވުން އެއީ އެފަދަ ހާލަތެއް ކަމަށް ޖިހާދާ ސިފަ ކުރައްވަ އެވެ. އޭގެ ސަބަބުން އެމީހާގެ ހައްގެއް ގެއްލުނީ އެވެ. އެފަދަ ކަންކަމަކީ، ނިޒާމީ ސިފައެއްގައި ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާނޭ ކަންކަމެވެ.

"އެހެން މިސާލަކަށް ބަލާނަމަ ބޯހިޔާވަހިކަން ދިނުމުގައި ވެސް ހެދިފައި ހުންނަ އުސޫލެއްގެ ސަބަބުން ތިމަންނަގެ ހައްގެއް ނިގުޅައިގެންފައޭ މިއޮތީ އެބަ ހީވޭ. ގަސްތުގައި ތިމަންނައަށް ނުދޭން ހަދާފައި ހުރި އުސޫލަތަކެއް ކަމަށް އެބަ ފާހަގަވޭ، ވަކި ބަޔަކަށް ޓާގެޓްކޮށްފައޭ،" ޖިހާދާ ވިދާޅުވި އެވެ.

"ހަމަ އެގޮތަށް އެބަ ހުރޭ މަސައްކަތަށް ނުނުކުމެވޭ ގޮތަށް ގޭގައި މަޑުކުރުވާފަ، އޭގެން މާލީ ގޮތުން ގެއްލުންތަކެއް ނުލިބުނަސް ނަފްސާނީ ގެއްލުންތަކެއް ލިބިދާނެ، އެއީ ހައްގެއް ގެއްލިގެންދާ، އެކަމަށް ހައްލު ހޯދައިދެވޭނެ. ހަމަ އެގޮތަށް ކޯޓުތަކުގައި މައްސަލަތައް ލަސްކޮށް، ތަންފީޒީ މަރުހަލާ ވެސް ލަސްކޮށްފައި އެބަ ހުރޭ، އެއީ ވެސް ހައްގެއް ނިގުޅައިގަނެވޭ (ހާލަތެއް)."

އެހެންކަމުން، ޖުމްލަ ގޮތެއްގައި ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގަކަށް އުނިކަން ލިބޭ ގޮތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން އަމަލުކޮށްފައިވާ ކޮންމެ ހާލަތެއްގައި ވެސް އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅޭނެ ކަމަށް ޖިހާދާ ވިދާޅުވި އެވެ. އެއިން ކޮންމެ މައްސަލައަކަށް ވެސް ހައްލެއް ހޯދައިދޭން އެ އޮފީހުން މަސައްކަތް ކުރާނެ އެވެ.

އޮމްބަޑްސްޕާސަން ޖިހާދާ: އިންސާނީ ހައްގެއް ނުވަތަ މިނިވަންކަމެއް ގެއްލިފައިވާނަމަ މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންނެވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
އޮމްބަޑްސްޕާސަން ޖިހާދާ: އިންސާނީ ހައްގެއް ނުވަތަ މިނިވަންކަމެއް ގެއްލިފައިވާނަމަ މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންނެވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އޮމްބަޑްސްޕާސަން ޖިހާދާ: އިންސާނީ ހައްގެއް ނުވަތަ މިނިވަންކަމެއް ގެއްލިފައިވާނަމަ މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންނެވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ބޮޑު މަސައްކަތެއް؛ ތަހުގީގީ ދިރާސާތަކެއް

އެކަމަކު، ދެން އުފެދޭ ސުވާލަކީ މިއީ ކުރެެވޭވަރުގެ ކަމެއް ހެއްޔެވެ؟ އެހާ ކުރީގެ މައްސަލަތައް ވެސް ހުށަހެޅޭ ގޮތަށް އޮތްއިރު، އެކަމުގެ ހެކި ހޯދާނީ ކިހިނެއް ހެއްޔެވެ؟

"ހިނގާށޭ ޕްޒިޓިވްކޮށް ވިސްނަން،" ސަލާމް ދެއްވީ މި ޖަވާބެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިހުގެ ކަންކަން ހިނގައިދިޔަ ގޮތް ވެސް ބެލޭނެ އެވެ. އެކަންކަން އެނގޭނެ މީހުން އަދިވެސް ދުނިޔޭގަ އެބަ ތިއްބެވެ. ހިސްޓޯރިކަލް ފެކްޓްސްގެ ގޮތުގައި ކަންކަން ލިޔެފައި އެބަ ހުއްޓެވެ. ކޯޓުތަކުގެ ގަޒިއްޔާތަކާއި ގަރީނާތައް ވެސް ހުންނާނެ އެވެ.

"އާދައިގެ އިންވެސްޓިގޭޝަނެއް ނޫން އަޅުގަނޑުމެން މި ކުރަނީ، ރިސާޗު ބޭސްޑް އިންވެސްޓިގޭޝަނެއް، އިންވެސްޓިގޭޝަނަށް ހުށަހެޅޭ މައްސަލަތަކުގައި ކަން ހިނގައިދިޔަ ގޮތަށް ބަލައި ރިސާޗު ހަދައި ކަން ހިނގައިދިޔަ ގޮތް އާންމުންނަށް ގެނެސްދޭނަން،" ޖިހާދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިހުގެ މައްސަލަތައް ބެލުމުގައި މަގުސަދަކަށް ވާނީ ކަން ހިނގައިދިޔަ ގޮތް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. އެއީ ވެސް އަނިޔާ ލިބުނު މީހުންނަށް ލިބޭ އިންސާފެއް ކަމަށް ވެގެންދާނެ އެވެ. އެހެންނަމަވެސް އެފަދަ މައްސަލަތަކުގައި އެޅޭނެ މާބޮޑު ފިޔަވަޅެއް، އަދި ހޯދައިދެވޭނެ މާބޮޑު ބަދަލެއް އޮންނާނެ ކަމަކަށް އެ ބޭފުޅުން ވެސް ގަބޫލެއް ނުކުރައްވަ އެވެ.

"ލިޔެކިޔުންތައް ހޯދައިގެން ބަޔަކު މީހުން ކުށްވެރިކުރުން އެއީއެއް ނޫން ހަމައެކަނި އަޅުގަނޑުމެންގެ މަގުސަދަކީ، ހަގީގަތް ހޯދައި އާންމުންނަށް ހާމަކުރުން. އަނިޔާ ލިބުނު މީހުންނަށް ނަފްސާނީ ހައްލެއް ހޯދައިދިނުން،" ޖިހާދާ ވިދާޅުވި އެވެ.

"ކޮންމެ ވެސް ކަހަލަ ރިލީފެއް މި ހޯދައިދެނީ، އިންވެސްޓިގޭޝަންތަކުން ގިނަ ފަހަރަށް މާބޮޑު ނަތީޖާއެއް ނުނުކުމޭ ދެއްތޯ، އިންވެސްޓިގޭޝަނަށް ފަހު ޖަލަށް ވެސް ލެވިދާނެ އެކަމަކު ގިނަ ފަހަރަކަށް މާބޮޑު ނަތީޖާއެއް ނުނުކުމޭ. ވިކްޓިމްއަށް އެ ލިބެންޖެހޭ ތަސައްލީއެއް ނުލިބޭ."

އިސްކަން ދޭނީ ސުލްހަކޮށްގެން ހައްލެއް ނެރެން

އޮމްބަޑްސްޕާސަނުން ދެން ފާހަގަ ކުރައްވާ މުހިންމު ކަމަކީ ގާނޫނުގެ މަގުސަދެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނުގެ މަގުސަދަކީ ލިޔެކިޔުންތަކެއް ހޯދައިގެން ނުވަތަ ހެކިތަކެއް ނެރެގެން ބަޔަކު ކުށްވެރިކުރުމެއް ނޫނެވެ. ނަމަވެސް، އަނިޔާ ލިބިފައިވާ މީހުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދިނުމެވެ.

އެ އޮފީހުން އެކަމަށް ގެންގުޅޭނެ މައިގަނޑު އެޕްރޯޗަކީ ސުލްހަކުރުވުމެވެ.

ޖިހާދާ ވިދާޅުވި ގޮތުގައި، އެ ބޭފުޅުން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރާނީ އަނިޔާ ލިބުނު މީހާ އާއި މައްސަލަ ރައްދުވާ ފަރާތް ހާޒިރުކޮށް، ދެ ފަރާތާ ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށެވެ.

"އަނިޔާތަކަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ހޯދުމަށް މަޝްވަރާ ކުރެވޭނެ. ދެ ފަރާތުގެ ދެމެދު ވަރަށް ގިނަ ވާހަކަތަކެއް ދެކެވިގެންދާނެ، މާފު ކުރުމާ ހަމައަށް ވެސް ދާނެ. ސުލްހަކުރުމުގެ ސަބަބުން މައްސަލަ ހުށަހަޅާ މީހާއަށް ހިތްހަމަޖެހުމެއް ވެސް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސަލާމް ވިދާޅުވި ގޮތުގައި، ކޮންމެ މައްސަލައެއްގައި މާލީ ބަދަލެއް އެއީ ނަގައިދެވޭނެ އެއްޗެއް ނޫނެވެ. އެ ތަކުލީފު ދައުލަތަށް ވެސް ނުއުފުލޭނެ އެވެ. ނަމަވެސް، މާފަށް އެދުމަކީ ވެސް އަނިޔާ ލިބުނު މީހާއަށް ދެވޭނެ ހައްލެކެވެ. ނުވަތަ ހަނދާނީ ބިނާއެއް ހެދުމާއި އާންމު އަޑުއެހުމެއް ބާއްވައިގެން މުޅި ގައުމަށް އަނިޔާ ލިބުނު މީހާގެ ވާހަކަތައް ހިއްސާކުރަން ފުރުސަތު ދިނުމަކީ ވެސް ހައްލެއް ކަމަށް އޮމްބަޑްސްޕާސަނުން ދެކެ އެވެ.

"މީގެން ބޭނުންވާ ބަދަލެއް ނުވަތަ ހައްލެއް ކަނޑައަޅާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން، ދެ ފަރާތުން ބޭނުންވާ، އެއްބަސްވެވޭ ހައްލެއް އަޅުގަނޑުމެން ނެރެދޭނީ،" ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވި ގޮތުގައި، މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ނުވަތަ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނީ ސުލްހަވެރި ހައްލަކަށް އެއްބަސްނުވެވޭ ހާލަތްތަކުގައި އެކަންޏެވެ. ވީހާވެސް ބޮޑަކަށް ބަލާނީ އެހާ ހިސާބަށް ނުގޮސް ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ހަމަޖެހުމާއި އަމާންކަމަށް؛ ތާރީހު އިޔާދަނުކުރުން

ޗީފް އޮމްބަޑްސްޕާސަން ވިދާޅުވި ގޮތުގައި ދެ އަހަރު ދުވަހުން އެ އޮފީހުން ކުރަން ބޭނުންވާ ކަމަކީ ގައުމުގަ ހަމަޖެހުން ގާއިމްކުރުމެވެ.

"މި މަސައްކަތާއެކު ޖަސްޓިސްގެ އިތުރުން ޕީސް، ހަމަޖެހުން ގާއިމް ކުރެވިގެން ދާނެ، އެއީ ކަންނޭނގެ މީގެން ހާސިލުކުރަން ބޭނުންވާ ކަމަކީ ވެސް،" ސަލާމް ވިދާޅުވި އެވެ.

"މައްސަލަތައް ނިމިގެން އަންނައިރު ގާނޫނީ ވެރިކަން ހިނގާ ދައުލަތެއް ގާއިމް ވެގެން ދާނެ."

ޖިހާދާ ވެސް ވިދާޅުވި ގޮތުގައި މައްސަލަތަކުން ނެރޭނެ ހައްލަކީ އިތުރަށް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދީ ހަމަޖެހިގެން އުޅެވޭނީ ކިހިނެއްތޯ ބެލުމެވެ. އެންމެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ދެވޭނީ ކޮން އުސޫލުތަކަކުން ކަމާއި މުއައްސަސާތަކުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމަކީ ކޮބައިކަން ދެނެގަނެ ފާހަގަކުރުމެވެ.

"މުއައްސަސާއެއްގެ އުސޫލުގައި ނުވަތަ ގަވައިދެއްގައި ބަދަލު ކުރަން ޖެހޭ ކަމެއް އަޅުގަނޑުމެންނަށް ފާހަގަވާނަމަ އެކަމެއް ކުރުމަށް ވެސް އަންގާނަން،" ޖިހާދާ ވިދާޅުވި އެވެ.

ޖިހާދާ ފާހަގަ ކުރެއްވި ގޮތުގައި ކަމެއް އިސްލާހު ކުރެވޭނީ ކަމެއް ގޯސްކޮށް ހިނގައިފި ކަމަށް ގަބޫލުކޮށްގެންނެވެ. ކުށެއް ކުރެވިއްޖެނަމަ މުއައްސަސާތަކުން އެެކަން ގަބޫލުކޮށް އެކަން ތަކުރާރު ނުކުރާނެ ގޮތްތައް ހޯދަން ޖެހޭނެ ކަމާއި ކުރިއަށް އޮތް ޖީލުތަކަށް ރަނގަޅު މުއައްސަސާތަކެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޖިހާދާ ވިދާޅުވި އެވެ.

"ގޯސްކޮށް ކަންކަން ކުރުމުގައި ދެމިތިބުމުގެ ކަލްޗާ ނެތިގެން އެބަ ދާން ޖެހޭ. އެކީގަ ނެތެން އެބަ ޖެހޭ،" ޖިހާދާ ވިދާޅުވި އެވެ.

ލައިސާ ވެސް ވިދާޅުވި ގޮތުގައި، ތާރީހުގައި ކަންކަން ހިނގި ގޮތުން ފިލާވަޅު ލިބިގެން އެކަން ތަކުރާރު ނުވާނެ ގޮތަށް، އެންމެންނަށް ވެސް ހަމަޖެހިގެން އުޅެވޭނެ ގޮތެއް، އެ އޮފީހުގެ މަސައްކަތްތަކުން ހޯދައިދެވޭނެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ 13 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިހާތަނަށްވެސް އެ އޮފީހަށް ޖުމްލަ 59 މައްސަލަ ހުށަހެޅިފައިވާ ކަމަށް މީގެ ކުރިން އެ އޮފީހުން ބުނެފައި ވެއެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox