މިފަހަރު ހިއްކުމުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫ ހިއްކަން ނުޖެހޭނެ: މޭޔަރު

އައްޑޫ ސިޓީ: މިފަހަރު ހިއްކުމުން ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ބިން ހަމަޖެހޭނެ ކަމަށް މޭޔަރު ވިދާޅުވޭ--

އައްޑޫ ސިޓީ: މިފަހަރު ހިއްކުމުން ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ބިން ހަމަޖެހޭނެ ކަމަށް މޭޔަރު ވިދާޅުވޭ--

އައްޑޫ ސިޓީން އަލަށް ހިއްކާ 228 ހެކްޓަރުގެ ބިން ރަނގަޅަށް މެނޭޖު ކުރެވިއްޖެ ނަމަ ކުރިއަށް އޮތް 50 އަހަރު ތެރޭގައި ބިން ހިއްކަން ނުޖެހޭނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫން ބިން މިފަހަރު ހިއްކަނީ ދެ ރިސޯޓެއް ތަރައްގީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްގެންނެވެ. ހިއްކަނީ ހިތަދޫ އާއި ހުޅުދޫ/މީދޫގެ އިތުރުން މަރަދޫ އާއި މަރަދޫފޭދޫންނެވެ.

އައްޑޫ އެތެރެވަރިން ވެލި ނަގައިގެން ބިން ހިއްކަން ނިންމާފައިވާއިރު އޭގެ ސަބަބުން އެ ސިޓީގެ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"އަދަދު" އަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ ދޭތެރެދޭތެރެއިން އައްޑޫ ހިއްކުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށާއި ތިމާވެއްޓަށް ވެސް ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

"ފަންސާހަކަށް އަހަރު ދެން ހިއްކަން ނުޖެހޭނޭ އަޅުގަނޑު މިދަންނަވަނީ އޭގެ ރިކަވާވާން ހާއްސަކޮށް އެތެރެވަރީގެ މިހެން ހުންނަ ކަންކަން ރިކަވާ ވާން ވެސް ވަގުތު ދޭން ޖެހޭ. އެހެން ވިއްމާ އަޅުގަނޑު ގަބޫލު ކުރަނީ މިހާރު މިހިއްކާ ހިއްކުމަށް ފަހު 50 އަހަރަށް ވުރެން ދިގު މުއްދަދަތަކަށް ވެސް ނުހިއްކާ ތިބެވިދާނެ ކަމަށް،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އެ ސިޓީގެ އާބާދީ ބޮޑުވަމުން އަންނަ ގޮތަށް ބަލައި ބިން ދިނުން ޕްލޭން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގޯތިދީ ބިން ހުސްކުރުމުގެ ބަދަލުގައި ޒަމާނީ ގޮތްތައް ބޭނުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްލެޓް އެޅުމާއި ހައުސިން ޕްރޮޖެކްޓްތަކުގެ ތެރެއިން މީހުންނަށް ގެދޮރުވެރިކަން ދިނުމަށް މަސައްކަތް ކުރުމަކީ މާ މުހިންމުކަމެއް،" ނިޒާރު ވިދާޅުވި އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން އައްޑޫ ވަނީ ހިއްކައިފަ އެވެ. އެފަހަރުތަކުގައި ވެސް ވެލި ނެގީ އެތެރެވަރިންނެވެ.

ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ނިޒާރު ވިދާޅުވީ ގެއްލުން ކުޑަކޮށް ބިން ހިއްކޭނެ ގޮތްތަށް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އީއައިއޭ ހަދާއިރު އެކަމަށް ބެލުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އެ މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެ އެވެ. މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު އެކަން ކުރާނެ ބައެއް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox