ހޮނުގުގުރި އެޅި ހާދިސާ 22 އަހަރަށް ފަހު އަލީ ރަމީޒުގެ ދުލުން

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު: ގުގުރި އެޅި ހާދިސާ ކިޔައިދީފައި މި ވަނީ ފުރަތަމަ ފަހަރަށް. -- ފޮޓޯ: ފައިލް

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު: ގުގުރި އެޅި ހާދިސާ ކިޔައިދީފައި މި ވަނީ ފުރަތަމަ ފަހަރަށް. -- ފޮޓޯ: ފައިލް

"ބާރޭ ދަންނަވާކަށް ބާރު ގުގުރިއެއް އެއީ. ސުބްހާނަﷲ. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް އަދި ވެސް މިހާތާކަށް އެވަރުގެ ބާރު ގުގުރިއެއް އަދި ނާހަން އިނގޭތޯ! ވަރަށް ބާރު، ވަރަށް ބާރު، އިނގޭތޯ! އަދި އެއްފަހަރަކު ނޫން ޑަބަލްކޮށް ވަރަށް ބާރަށް ޖަހާލީ، ހަމަ ހޮނު ގުގުރިއެއް."

އެއީ މި ރާއްޖެ އެއްތަންކުރި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު، އޭނާގެ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ ބިރުވެރި އެއް ހާދިސާގެ ހަނދާން އާ ކުރަމުން، އޭނާ ހުކުރު ދުވަހުގެ މެންދުރު ގެނެސްދޭ ޝޯއެއްގައި ބުނި ވާހަކައެކެވެ.

މިހާރު ލަވަކިޔުން ހުއްޓާލައިގެން ހުރި ނަމަވެސް އަލީ ރަމީޒު، 49، އަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަދި ހުނަރުވެރި ފަންނާނު ކަމަށް އަދިވެސް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. އެހެންވެ އޭނާ ލަވަ ކިޔުން ހުއްޓާލުން ވެގެން ދިޔައީ ބައެއް މީހުންނަށް ލިބުނު ދެރައަކަށެވެ.

އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ އޭނާއަށް ދިމާވި ހާދިސާއެއްގެ ސަބަބުން ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. އެކަމުގައި ދެތިން ގޮތަކަށް ވާހަކަ ފެތުރިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައަކީ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ ލަަވަކިޔަން ހުއްޓާ ސްޓޭޖަށް ގުގުރިއެއް ޖެހުމުން ކަމަށެވެ.

އެކަމަކު އެއީ މުޅިން ތެދެއް ނޫން ކަމަށް އަލީ ރަމީޒު ބުނެ އެވެ. އެކަމަކު ސްޓޭޖުގައި ޝޯއެއް ދޭން ހުއްޓާ ގުގުރިއެއް ޖެހި ހާދިސާއަކީ ހަގީގަތެކެވެ. މީގެ 22 އަހަރު ކުރިން، ޅ. ހިންނަވަރުގައި، 1999 ވަނަ އަހަރުގެ ކުޑައީދުގައި ބޭއްވި މިޔުޒިކް ޝޯގައި ދިމާވި އެ ހާދިސާ ފުރަތަމަ ފަހަރަށް އޭނާ ވަނީ އިއްޔެ އާންމުންނާ ހިއްސާކޮށްފަ އެވެ.

"ހިންނަވަރަކީ އެ ޒަމާނުގައި މިޔުޒިކާއި ލަވަޔާއި ނެށުމަށް ވަރަށް ފޯރި އަރުވާ ރަށެއް. މިފަދަ ޝޯތަކާއި މިފަދަ އިވެންޓުތައް އެމީހުން ބާއްވާއިރުގައި އެއްގޮތަކަށް ވެސް ހަރަދަކަށް ނުބަލާނެ. މާނައަކީ އެ ކަމެއް ޖެހޭނީ ބާއްވަން، އެކަމެއް ޖެހޭނެ އޮންނަން. އެކަމަށް ދާ ހަރަދު އެއީ އެމީހުންގެ މައުލޫއެއް ނޫން. ވާހަކައަކީ އެހާ ވެސް ފޯރި އެމީހުންގެ ހުރެޔޭ އެފަދަ ކަންކަމަށް،" ވާހަކަ ފަށަމުން އަލީ ރަމީޒު، އެއިރު ހާލަތު ކިޔައިދިނެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާލެ ފިޔަވައި އެންމެ ގިނައިން އަލީ ރަމީޒު ވެސް ލަވަ ކިޔާފައި ހުރީ ހިންނަވަރުގަ އެވެ. އެ ރަށުގައި އެކި ފަހަރު މަތިން ޖުމްލަ ނުވަ ޝޯ އަލީ ރަމީޒު ދިނެވެ.

"އެއީ ދެން ސްކޫލުގައި އުފެދުނު ބޭންޑު ވެސް އެތަނުގައި [ހިންނަވަރުގައި] މިޔުޒިކް ކުޅުނު ޓިކެޓު ވިއްކައިގެން. އެގޮތަށް އަޅުގަނޑުމެންނަށް ކުޅެވުނު ޝޯތަކުގެ އަދަދަކީ ނުވައެއް. ނުވަ ވަނަ ޝޯގައި ހިނގާދިޔަ ހާދިސާއެއްގެ ވާހަކަ އަޅުގަނޑު މިއަދު ދައްކާލަން މިއުޅެނީ. އެއީ މި ދެންނެވި ހޮނު އެޅުމުގެ ހާދިސާ،" އަލީ ރަމީޒު ބުންޏެވެ.

އަލީ ރަމީޒާއި އޭނާގެ "ފްރީޒް ބޭންޑް" ޝޯ ކުޅެންވެގެން ހިންނަވަރަށް ފުރިއިރު ވެސް މޫސުން އޮތީ ބަނަކޮށެވެ. ރަށަށް ގޮސް އެ ދުވަހުގެ ހަވީރު ސައުންޑު ސެޓު ކުރުމަށް ސްޓޭޖަށް ދިޔައިރު ވެސް މޫސުން ރަނގަޅެއް ނޫނެވެ. އަދި އެ ވަގުތު ވަރަށް ވަރުގަދަ ވައިރޯޅިއެއް އައިސް ޝޯއަށް ޖަހާފައި ހުރި ސަތަރި ހޫރާލި އެވެ.

"ދެން ހަވީރު ސައުންޑް ޗެކް ކުރަން އުޅެނިކޮށް ވަރަށް ވަރުގަދަ ވައިރޯޅިއެއް އައީ، ވަރަށް ވަރުގަދަ ވައިރޯޅިއެއް. އެ ވައިރޯޅި އައިސް ޖަހާފަ ހުރި ސަތަރި ހަމަ އެއްކޮށް ކަހަލަ ގޮތަކަށް ހަމަ އެއްލާލައިފި. ދެން އެކަން މާ ބޮޑު ކަމަކަށް ނުވި އެއްވެސް މީހަކަށް. އެ މާ ބޮޑު މައްސަލައެއް ނޫނޭ އެއީ ދެން ހަމަ އާދައިގެ ވައި ކޮޅެކޭ، އެކަހަލަ ގޮތަކަށް ބައެއް މީހުންގެ ވާހަކަތައް، ތަންކޮޅެއް ކުޑައިމީސް ވާކަހަލަ ގޮތަކަށް އަސްލުގައި ހުރީ،" ހާދިސާ ކިޔައިދެމުން އަލީ ރަމީޒު ބުންޏެވެ.

ސައުންޑު ހެދުމަށް ފަހު އެ ރޭ އަލީ ރަމީޒާއި ބޭންޑުގެ އެހެން މެމްބަރުން ސްޓޭޖު ކައިރިއަށް ދިޔަ އިރު މުޅި ތަން އޮތީ ފުރިފަ އެވެ. ހިންނަވަރާއި ޅ. އަތޮޅުގެ ވަރަށް ގިނަ ބަޔަކު ޝޯ ބަލަން އައިސް ތިއްބެވެ.

"އެހެންނަމަވެސް އެއިރުގައި ވެސް ތުނިތުނިކޮށް ވާރޭ ވެހިލަ ވެހިލާ އޮތީ. ދެން ސްޓޭޖަށް މި އަރަނީ ފަހަރަކު މީހަކު ފަހަރަކު މީހަކު. ޝޯގެ ހޯސްޓު އެމީހެއްގެ ނަން ގޮވާލީމަ އެމީހަކު މި އަރަނީ. ދެން އަރާފަ އެމީހެއްގެ އިންސްޓްރުމަންޓް ކުޅެން މި ފައްޓަނީ،" އަލީ ރަމީޒު ބުންޏެވެ.

އެންމެ ފަހު މީހަކަށް މަޑުކޮށްގެން ހުރެފަ އަލީ ރަމީޒު ސްޓޭޖަށް އެެރި އިރު މުޅި ތަނަށް އޮތީ އާދަޔާ ހިލާފު ފޯރިއެއް ވެރިވެފަ އެވެ.

"ދެން ފަހަރަކު މީހަކު އަރަމުން އަރަމުން ގޮސް އަޅުގަނޑުގެ ނަން ގޮވާލީމަ ގޮސް ސްޓޭޖަށް އަރައިފިން. އަރަމުން ދިޔައިރު ބޭންޑުގެ ހުރިހާ އެންމެން ވެސް މިޔުޒިކް ފައްޓައިފި. އަޅުގަނޑު ހަމަ ލަވަ ކިޔަން ފައްޓަންވީ. އެގޮތަށް މި ހުރީ ސެޓުވެފަ ހަމަ. އޯޑިއަންސް އޮތީ ފޯރިގަދަވެގެން މުޅި ތަނުގައި އަޑު ހިއްޕާލާފައި އޮތީ،" އެ ވަގުތުކޮޅު އަލީ ރަމީޒު ސިފަކޮށްދިނެވެ.

ސްޓޭޖަށް އެރުމަށްފަހު ލަވަކިޔަން ފަހުގެ ނޭވާ ވެސް އަލީ ރަމީޒު ލި އެވެ. އެކަމަކު ސްޓޭޖުން ފައިބަން ޖެހުނީ އެ ރޭ ލަވަ ނުކިޔަ އެވެ.

"ކޮންމެއަކަސް އަޅުގަނޑު ކިޔަން އޮތް ލަވަ ކިޔަން ފަށަންވެގެން މައިކު ސްޓޭންޑުން ނަގާފަ ހަމަ ކިޔަން އެންމެ ފަހު ނޭވާ ލީ ތަނާ އެ ޖަހާލި ބާރު ގުގުރި އިނގޭތޯ،" އޭނާ ކިޔައިދިނެވެ.

އޭގެ ފަސް ސިކުންތު ކުރިން އެ ސަރަހައްދަށް ވެރިވެފައި އޮތް އުފާވެރިކަން ބަދަލުވީ ބިރުވެރިކަމާއި ނާމާން ކަމަށެވެ.

"މި ގުގުރީގެ ބާރުމިން ހުރި މިންވަރު ވިސްނާލައްވާ، ހަމަ ގާތްގަނޑަކަށް، އަޅުގަނޑުމެންނާ އެތާ ތިބި ޝޯ ބަލަން ގޮސް ތިބި އެންމެން ކަހަލަ ގޮތަކަށް ބިންމައްޗަށް ހަމަ ތިރިވެގެން ދިޔައީ. ބާރުކަމުން އިނގޭތޯ. ކުއްލިއަކަށް މީހުން ރޯން ފައްޓައިފި، ބޮޑެތި މީހުން ހަމަ ރޯން ފައްޓައިފި. އެކި މީހުން އެކި ކޮޅުކޮޅަށް ދުއްވައިގަންނަން އުޅޭ މަންޒަރު ވެސް ފެނުނު. ވަރަށް ބިރުވެރި ވަރަށް ބާރު ގުގުރިއެއް މިއީ،" އެ ވަގުތު އޭނާއަށް ފެނުނު މަންޒަރު އަލީ ރަމީޒު ކިޔައިދިނެވެ.

އެ ވަގުތު ފްރީޒް ބޭންޑުގެ މެމްބަރުންނަށް ވެސް "ގަނޑުވެފައި" ހަމަ ތިބެވުނީ ކަމަށް އަލީ ރަމީޒު ބުންޏެވެ.

"އެވަގުތު ވެސް ހަދާނެ ނުހަދާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގުނު. ވަރަށް ގިނަ މީހުންނަށް ހަމަ ރޮނީ. ބޮޑެތި މީހުން ހަމަ ބިރުން ރޮނީ. ދެން އަޅުގަނޑުމެންނަށް ވެސް ހަދާނެ ގޮތެއް ނޭނގުނު. އަޅުގަނޑުމެން ވެސް ހަމަ ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރީ. އެންމެން ތިބީ ހަމަ މާޔޫސްވެފައި."

އެރޭ ހޮނު އެޅުމުގެ ސަބަބުން ހިންނަވަރަށް ބޮޑު ގެއްލުމެއްވި އެވެ. އަދި ބޭންޑުގެ ބައެއް ސާމާނުތައް ވެސް ހަލާކުވި ކަމަށް އަލީ ރަމީޒު ބުނެ އެވެ. އެހެންވެ އެ ރޭ ޝޯ ކެންސަލް ކުރީ އެވެ.

"ހޮނު އެޅީކީ ސީދާ ސްޓޭޖަކަށް ނޫން. އެހެން ނަމަވެސް ރަށުގެ ހިސާބަކަށް އެ ހޮނު އެޅި ކަމަށް އަޅުގަނޑުމެންނަށް ހަބަރު ލިބެނީ. ދެން އޭގެ ސަބަބުން މުޅި ރަށުން ކަރަންޓު ގޮސްފި އަދި ވަރަށް ގިނަ ގެތަކުގައި ހުރި ޓީވީތައް އަނދައިގެންް ގޮސްފި. އޭރުގަ ހުންނާނެ ޑިޝް އެންޓަނާ. ޑިޝް އެންޓަނާތައް ވެސް ވަރަށް ގިނަ ހަލާކުވެގެން ދިޔަ ކަމަށް އަޅުގަނޑުމެންނަށް ހަބަރު ލިބެނީ،" އޭނާ ބުންޏެވެ.

އަލީ ރަމީޒު ގަބޫލު ކުރާ ގޮތުގައި ލަވަ ކިޔުމާއި މިޔުޒިކް ކުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. އެކަމަކު މިޔުޒިކް ކުޅުން ހުއްޓާލީ އެ ރޭގެ ހޮނު ގުގުރީގެ ސަބަބުން ނޫން ކަމަށް އޭނާ ބުނެ އެވެ.

"އަދިވެސް ހަމަ މިޔުޒިކް ކެރިއަރުގައި މިފަދަ ހާދިސާތައް ދިމާވެފަ ހުރީ. އެހެންނަމަވެސް ދަންނަވާލަން ބޭނުންވާ އެއްޗަކީ މިޔުޒިކް ކުޅުން އަޅުގަނޑު ހުއްޓާލީ މިފަދަ ހާދިސާއެއް ދިމާވެގެން އޭގެ ސަބަބަކުން ނޫނޭ. މިހެން ދަންނަވާއިރު ވެސް އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން މިފަދަ ހާދިސާތަކުން އިބުރަތް ހާސިލް ކުރުމަށް،" ހިންނަވަރުގެ އެ ހާދިސާ ކިޔައިދީ ނިންމާލަމުން އަލީ ރަމީޒު ބުންޏެވެ.

އަލީ ރަމީޒު މިޔުޒިކް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ މީގެ 18 އަހަރު ކުރިން 2003 ވަނަ އަހަރެވެ. އެއިރު އަލީ ރަމީޒު ބުނެފައި ވަނީ ދެން ދުވަހަކު ވެސް މިޔުޒިކް ނުކުޅޭނެ ކަމަށާއި ކުރިން ކުރެވުނު ކަންތަކަށް ހިތާމަ ކުރާ ކަމަށެވެ. އަދި އޭނާގެ އެދުމަކީ އެއްވެސް މީހަކު އޭނާ ކިޔާފައި ހުރި ލަވަތައް އަޑު ނޭހުން ކަމަށް ވެސް އަލީ ރަމީޒް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox