އަލީ ހުސައިނަށް ހުރިހާ ވައްތަރެއްގެ އިންޖީނު ހިތުދަހެވެ. ހާއްސަކޮށް ކާރާއި ޕިކަޕެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު އޭނާ ކާންބޯން ކުރި މަސައްކަތަކީ އެއީ އެވެ. މާލޭގެ އެކި ގަރާޖުތަކުގައި ވެހިކަލް މަރާމާތުކޮށް، ހެދުމެވެ. އޭނާ ދަންނަ އެންމެނަށް ވެސް އަލީގެ ހުނަރުވެރިކަން އެނގެ އެވެ. އެކަމަކު ރަސްމީ ތައުލީމެއް ލިބިފައި ނެތުމުން ލިޔުމުން އެ ހުނަރު ހުރިކަން ދެއްކޭނެ ގޮތެއް އޭނާއަކަށް ނެތެވެ.
"މަސައްކަތް އެނގޭ ކިތަންމެ ވަރަކަށް ވެސް. އެކަމަކު އެކަން ގަބޫލުކޮށް ވަޒީފާ ދޭނީ ސެޓްފިކެޓް އޮތީމަތާ؟. އެއެއް ނެތް،" ގޮންޖެހުންތައް އަލީ ކިޔައިދިނެވެ.
މަސައްކަތަށް ކިތަންމެ މޮޅު ނަމަވެސް އެއްވެސް ސެޓްފިކެޓެއް ނެތުމުން ވަޒީފާގެ ކުރިއެރުން ހޯދުމަށާއި ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް އެތައް ހުރަސްތަކެއް އެބައޮތެވެ. އެހެން މަސައްކަތް ކުރާތާ އެތަކެއް އަހަރު ފަހުން އަލީ އާއި އެފަދަ ހުނަރުވެރިންނަށް މިވަނީ ވަރަށް އުފާވެރި ހަބަރެއް ލިބިފަ އެވެ.

އިންޖީނިއަރިން ކިޔަވާ ބަޔަކު މަސައްކަތުގައި: ތަޖުރިބާ ހުރި މީހުންނަށް ސެޓްފިކެޓް ލިބޭނެ ފުރުސަތު ވަނީ ހުޅުވާލައިފައި-- ފޮޓޯ: ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީ

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީން ހެދި ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަންގެ ގަވައިދާއެކު އެމަގު މިވަނީ ފަހިވެފަ އެވެ. ރާއްޖޭގައި އެއް ދާއިރާއެއްގައި ވަޒީފާ އަދާކޮށް އެތައް ތަޖުރިބާއެއް ލިބި ނަމަވެސް އެ ދާއިރާއަކުން ސެޓްފިކެޓެއް ނެތް އެތައް ބަޔަކު އެބަތިއްބެވެ. އިންޖީން މަސައްކަތް ކުރާ މީހުންނާއި ކަރަންޓް މަސައްކަތް ކުރާ މީހުންގެ އިތުރުން ވަޑިންނާއި ކައްކާ މީހުންނެވެ. ރިސޯޓްތަކުގައި ވެސް އެފަދަ އެތައް ކުޅަދާނަ މަސައްކަތްތެރިން އެބަތިއްބެވެ. މަސައްކަތަށް ކިތަންމެ މޮޅު ނަމަވެސް އެ މީހުންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށާއި އެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކުރުމަށް އޮތް ހުރަހަކީ އެއްވެސް ސެޓްފިކެޓެއް ނެތުމެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސާޓިފިކޭޝަން ގަވާއިދުގެ މަގުސަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ މީހުންނަށް، އެ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން ހުނަރުތައް ހާސިލުވެފައިވާ ކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
އެގޮތުން ފަސް އަހަރަށް ވުރެ ގިނަ ދުވަހު އެއް މަސައްކަތެއްގައި ދެމި ތިބި މީހުންނަށް އެ ދާއިރާއަކުން ލެވަލް ހަތަރަކާ ހަމައަށް ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތު މިހާރު ލިބެ އެވެ. އެ ސެޓްފިކެޓް ހޯދުމަށް ކުރިއާލާ ކިޔަވަން ދިއުމުގެ ބަދަލުގައި ތިއަރީ ޓެސްޓެއްގެ އިތުރުން ޕްރެކްޓިކަލް ޓެސްޓެއް ހަދަން ޖެހެ އެވެ. އެ ޓެސްޓުން ފާސްވުމަށް ފަހު ލިބޭ ސެޓެފިކެޓަކީ ހަމަ އެ ކޯސް ހަދައިގެން ވެސް ލިބޭނެ ސެޓްފިކެޓެކެވެ. އެ ސެޓްފިކެޓް ބޭނުންކޮށްގެން މަތީ ތައުލީމު ހާސިލު ކުރުމާއި ވަޒީފާގެ ކުރިއެރުން ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯ އަހުމަދު ނަޝީދު ވިދާޅުވިގޮތުގައި އެގޮތަށް ސެޓްފިކެޓް ލިބޭނީ ނެޝަނަލް ސްޓޭންޑަޑް ހެދިފައިވާ ދާއިރާތަކުންނެވެ. އެގޮތުން ހަ ސެކްޓާ އަކުން 100 އަށް ވުރެން ގިނަ ސްޓޭންޑަޑް މިހާތަނަށް ހަދާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ހަ ސެކްޓާގެ ތެރޭގައި ހިމެނެނީ ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމާއި އިޖުތިމާއީ ދާއިރާ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެވެ.
"ހަދަން ފަށާއިރު ވީހަވެސް ގިނަ މީހުންނަށް ވީހާވެސް އަވަހަކަށް މީގެ ސަނަދެއް ދެވޭތޯ މަސައްކަތް ކުރުން މީގެ އެންމެ މުހިންމު ކަމަކީ. އެގޮތަށް ބަލާއިރު ލެވަލް ތްރީއަށް އެންމެ ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް މި ބެލެވެނީ. އަދި ލެވަލް ތްރީ އާއި ލެވަލް ފޯގެ މަސައްކަތްތަކެއް ކުރުމަށް ފަހު ފަހުން ކުރަން ޖެހޭ ކަމެއް ރައްޔިތުންގެ އެވަރުގެ ޑިމާންޑެއް އޮތިއްޔާ ކުރިއަށް ދާނެ،" ނަޝީދު ވިދާޅުވި އެވެ.
ހުނަރުވެރި އަދި މަސައްކަތު ތަޖުރިބާ ލިބިފައިވާ ބައިވަރު މީހުން ތިބިއިރު ނަޝީދު ވިދާޅުވާގޮތުގައި އެގޮތަށް ސެޓްފިކެޓް ހޯދުމަށް ފަސްހާހެއްހާ މީހުން އެދޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ފުރުސަތު ހުޅުވާލައިފި
ގައުމީ ފެންވަރުގެ ސަނަދެއް ދިނުމަށް އެ ތަޖުރިބާކާރުންނަށް ޓެސްޓް ދޭނީ އެކަމަށް ރަޖިސްޓްރީ ކޮށްފައިވާ ޓެސްޓް ސެންޓަރުތަކަކުންނެވެ. މިހާތަނަށް އެކަމަށް ރަޖިސްޓްރީ ކޮށްފައި ވަނީ މޯލްޑިވްސް ޕޮލިޓެކްނިކުން އެކަންޏެވެ.

މަސައްކަތް ދަސް ކުރާ ކުދިންތަކެއްގެ މަސައްކަތް ނައިބު ރައިސް ފައިސަލް ނަސިމް ބައްލަވާ ލައްވަނީ: ތަޖުރިބާ ހުރި މީހުންނަށް ސެޓްފިކެޓް ލިބޭނެ ފުރުސަތު ވަނީ ހުޅުވާލައިފައި-- ފޮޓޯ: ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީ
ތަފްސީލް ދެއްވަމުން ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ނާސިރު ވިދާޅުވިގޮތުގައި ޓެސްޓް ހަދާއިރު އެ ސެޓްފިކެޓެއް ހާސިލް ކުރުމަށް އެނގެން ޖެހޭ ހުރިހާ އެއްޗެއް އެނގޭ މީހެއް ނަމަ އެ މީހަކަށް ސެޓްފިކެޓް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި އެ ދާއިރާއަކުން މަސައްކަތް ކުރުމުގެ އިތުރުން މީހުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުންފަދަ މަސައްކަތު މާހައުލަށް މުހިންމު ކަންކަން ހިމެނެ އެވެ. އެ މީހަކަށް ހުރިހާ އެއްޗެއް ނޭންގޭނަމަ އެ ނޭންގޭ ބައިތައް ފާހަގަ ކޮށްފައި އެކަންކަން ދަސްކުރަން ފުރުސަތު ދެއެވެ.
"ޓްރޭޑް ޓެސްޓިންގައި މިބަލަނީ އޭނާއަށް އެނގެނީ ކޯއްޗެއްތޯ އާއި ނޭނގެނީ ކޯޗެއްތޯ. އޭނާއަށް ހުރިހާ އެއްޗެއް އެނގޭ ކަމަށް ވަންޏާ ފުރަތަމަ ފަހަރުން ވެސް ދޭނެ އޭނާއަށް ސެޓްފިކެޓް. ހުރިހާ އެއްޗެއް ނޭނގޭ ކަމަށް ވަންޏާ އޭނާއަށް ދޭނެ އިތުރު މުއްދަތެއް އޭނާ އިތުރަށް ދަސްކުރަން ޖެހޭ ބައިތަކުގެ ލިސްޓެއް ހަދައިފައި،" ނާސިރު ވިދާޅުވި އެވެ.
ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެއް ހެދުމަށް ވެސް ފަނަރަ ހަފްތާ ކިޔަވަން ޖެހެ އެވެ. ނަމަވެސް ޓްރޭޑް ޓެސްޓިން ހަދާއިރު ކުރިއާލާ ރަސްމީކޮށް ކިޔަވާކަށް ނުޖެހެ އެވެ. އެ ޓެސްޓް ދޭއިރު ފާސްވާ މީހުންނަށް ވަރަށް އަވަހަށް ސެޓްފިކެޓް ދިނުމަށް ވަނީ ސަރުކާރުން ނިންމައިފަ އެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޕޮލިޓެކްނިކްގެ ގޮފިތައް ހުރިއިރު އެ ހުރިހާ ސަރަހައްދެއްގައި ވެސް އެ އިމްތިހާނުތައް ބާއްވާނެ ކަމަށް ނާސިރު ވިދާޅުވި އެވެ. އަދި ޕޮލިޓެކްނިކް ނެތް ހިސާބުތަކަށް މުވައްޒަފުން ފޮނުވައިގެން ވެސް އިމްތިހާނުތައް ބާއްވައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެސްޓް ދިނުމުގެ ކަންކަން ކުރާނީ ވަޒީފާތަކުގައި ތިބި މީހުންނަށް ފަސޭހައިން ބައިވެރިވެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ބައެއް ކުދިން ތިބީ ރިސޯޓެއްގައި. އޭގެ ތެރޭގައި 10 ވަރަކަށް ކުދިން ތިބީ. އެހެންވެއްޖެއްޔާ އަޅުގަނޑުމެން ރިސޯޓާ ވާހަކަ ދައްކާފައި އެތަނަށް ޓެސްޓް ކުރާނެ މީހަކު ފޮނުވިދާނެ،" ނާސިރު ވިދާޅުވި އެވެ.
ދެން އުފެދޭ ސުވާލަކީ ކުރިއާލާ އެއްޗެއް ކިޔަވައި ނުދީ ދޭ ޓެސްޓްތަކުން ލިބޭ ނަތީޖާއަކުން ސެޓްފިކެޓް ދޭނަމަ އޭނާއަކީ އެ ދާއިރާއިން ކޮލިފައި މީހެއްކަން ޔަގީން ކުރެވޭނެތޯ އެވެ؟ ނާސިރު ވިދާޅުވާ ގޮތުގައި ޓްރޭޑް ޓެސްޓިންއިން ފާސްވެވޭނީ އެ ދާއިރާއެއް ރަނގަޅަށް ދަސްވެފައިވާ މީހުންނަށް އެކަންޏެވެ. އެހެންކަމުން އެގޮތަށް ދޭ ސެޓްފިކެޓެއް މާބޮޑަށް ސައްހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔުނިވާސިޓީތަކުން ފައިނަލް އެގްޒާމް މިދެނީ މުޅި ސިލެބަހުން 50 ސުވާލު ނޫނިއްޔާ 20 އަކަށް ސުވާލު ނަގާފައި އޭގެން ވެސް 50 ޕަސެންޓް ލިބިއްޖެއްޔާ މީހާ ފާސްވާ ގޮތަށް. އެކަމަކު މިކަހަލަ ޓެސްޓްތަކުގައި ތަފާތުވާ ކަމަކީ އެ މީހާއަށް އެނގެން ޖެހޭ ހުރިހާ އެއްޗެއް ހުންނާނީ ޗެކް ލިސްޓެއް ހަދައިފައި. އެހެންގޮސްފައި 100 ޕަސެންޓް މަސައްކަތް އެނގޭތޯ ބަލާނެ. އެހެންވީމައި މީގައި އެބަޖެހޭ 100 ޕަސެންޓް ހޯދަން،" ނާސިރު ވިދާޅުވި އެވެ.
"އެކަޑަމިކް ކޯސްތަކާއި އެއް ފަދައިން ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ވަޒީފާ ދޭ މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށް މިވަނީ މިހެންވީމައި. 100 ޕަސެންޓް ޔަގީން ކުރާނެ މީގެން ސެޓްފިކެޓް ލިބޭ މީހާއަކީ މަސައްކަތެއް ކުރަން އެނގޭ މީހެއްކަން،"
މި ސެޓްފިކެޓްތައް އޭގެ ހައްގުވެރިންނަށް ލިބުމާއެކު ރާއްޖެއަށް ބިދޭސީން ގެނައުން ވެސް މަދު ކުރެވޭނެ އެވެ. ސެޓްފިކެޓް ލިބިފައިވާ ދިވެހިން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުން އެ ދިވެހިން ތިއްބާ އެ ވަޒީފާއަށް ބިދޭސީން ގެނައުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން އޭރުން ނުދޭނެ އެވެ.
އަލީފަދަ ތަޖުރިބާކާރުން ބައިވަރެވެ. އެ މީހުން އެ ދާއިރާއަކުން ވަރަށް ވެސް މޮޅެވެ. މަދުވަނީ ސެޓްފިކެޓެކެވެ. މިހާރު ހުޅުވާލާފައިވާ މި ފުރުސަތާއެކު އެފަދަ ހުނަރުވެރިންނަށް ސެޓްފިކެޓެއް ލިބޭނެ މަގު މިވަނީ ފަހިވެފަ އެވެ.













