މަޖީދީމަގުގައި ހުންނަ "ފަސޭހަ ޕޮއިންޓް" ހޮޓަލަށް ވަދެ ދެކޮޅުގައި އަތުރާލާފައިވާ ދިގު މޭޒުތަކުން، މޭޒެއްގައި ޖައްސާލުމާ އެކު ކުރިމަތީގައި ބާއްވާލާނީ ނޫސް ކަރުދާސްގަނޑެކެވެ. އޭގެމަތީގައި ގޮނިކޮށް އުސްކޮށް ހުންނަ ތަށްޓެއް، އުލަކާއި ސަމުސަލަކާ އެކު ބަހައްޓާނެ އެވެ. އެއަށް ފަހު ގެންނާނީ ރޮށި، ފިޔާމިރުސް، ޕާޕަރު އަދި ބިސްގަނޑެކެވެ. ދެން ގެންނާނީ އާއްމު ރިހަތަކަށް ވުރެ އޮލަކޮށް، ކަނޑުމަހު މަސްބުރިއެއް ލާފައި، ތަފާތު ކުޅިރަހައެއް ލައްވައި ތައްޔާރުކޮށްފައިވާ ރިހައެކެވެ. އެއީ މުޅި ރާއްޖެ އަށް މަޝްހޫރު "މަސްބުރި ރިހަ" އެވެ.
އެ ރިހަ އަކީ ހަގީގަތުގައި ވެސް އޭގައި ދަމާބާރެއް އެކުލެވޭ ރިހަ އެކެވެ. އާއްމުކޮށް ހޮޓާތަކަށް ނާރާ މީހުން ވެސް އެ ރިހަ ކެއުމަށް އެ ހޮޓަލަށް އަރަ އެވެ. އެ ހޮޓަލަކީ، މި ޒަމާނަށް ބަލާއިރު އާދައިގެ ފެންވަރަކަށް ހުރި ތަނެއް ނަމަވެސް އެތަން ފުރިބާރުވެފައި އެ އޮންނަނީ އެ ރިހައިގެ ޖާދުލުގެ ސަބަބުންނެވެ. ވަކި އުމުރުފުރައެއް ވެސް ނޫނެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެތަން ކަމުދެ އެވެ. އަހުމަދު ޝާކިރު ހިންގާ "ފަސޭހަ ޕޮއިންޓް" މުޅި މާލެ އަށް މަޝްހޫރުވެފައިވަނީ "މަސްބުރި ކަޑަ" ނުވަތަ "އަތްބަޅޭ" ގޮތުގަ އެވެ.
އެކަމަކު އެ ރިހަ އަދި އެ ހޮޓަލުގެ އަސްލަކީ، ފުނޫނިޔާ ކުޑަހުއްތު (އަތްބަޅު ކުޑޭ) 1980 ގެ އަހަރުތަކުގައި ހ. ފުލޫނިޔާގައި ހިންގި "ކެމީކޫލް ސްޕޮޓް" ހޮޓަލެވެ. މަސްބުރި ރިހަ އަކީ އެ އެތަނުގައި ވިއްކަން ކުޑޭގެ ކޮއްކޮގެ އަންހެނުން އީޖާދުކުރި ރިހައެކެވެ. އެ ރިހަ މަގުބޫލުވީ ތަފާތު ކުޅި ރަހައެއް ހުރުމުންނެވެ. އަދި އާއްމުކޮށް ރިހައަށް އަޅާ ކުދިކުދި މަސްކޮޅުގެ ބަދަލުގައި އެ ރިހަ އަށް ބޮޑު މަސްބުރިއެއް ލުމުން ވެސް މީހުންގެ ސަމާލުކަން ދަމައިގަތެވެ. ފަހުން "ކެމީކޫލް ސްޕޮޓް" މިހާރު އެހުރި ތަނަށް، މަޖީދީ މަގަށް ބަދަލުކުރުމާ އެކު އިތުރަށް ވައިގައި ހިފީ އެވެ. ކުޑޭ އަކީ ކްލަބް ވެލެންސިއާ އަށް މަރުދިން ސަޕޯޓަރަކަށް ވާތީ އެ ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް އެތަނަށް ޖަމާވާތީ ހޮޓަލުގެ މަގުބޫލުކަން އިތުރަށް ބޮޑުވި އެވެ.
އެ ރިހަ ތައްޔާރުކުރުމަށާއި ހޮޓަލަށް ބޭނުންވާ އެހެނިހެން ސާމާނު ގަތުމަށް ކުޑޭ ބާޒާރަށް ދާއިރު، ރައްޓެހިކަން އުފެދުނު އެކަކަކީ އޭރު މާރުކޭޓުގައި ގޮޅިއެއް ހިންގަމުން އައި ޝާކިރެވެ. ހޮޓާ ހިންގުމަކީ، ކުޑޭ އަށް އޭރު އެކަނި ކުރެވޭ ވަރު ކަމަކަށް ނުވާތީ އޭނާއާ ބައިވެރިވެގެން އެކަން ކުރަން ޝާކިރަށް ދައުވަތު ދިނެވެ. އަދި ފަހުން ކުޑޭގެ ސިއްހަތު ތަންނުދޭތީ އޭނާ ޝާކިރުއާ އެތަން ހަވާލުކުރީ އެވެ. "ކެމީކޫލް ސްޕޮޓް" އެ ހިސާބުން "ފަސޭހަ ޕޮއިންޓް" އަށް ބަދަލުވި އެވެ. އެކަމަކު ކުޑޭގެ ފަހަރި ތައްޔާރުކުރި މަސްބުރި ރިހަ ކައްކަން ދަސްކޮށްދިން ސްރީ ލަންކާ ކައްކާ އާއި ދިވެހި ކައްކާ ވެސް، "ފަސޭހަ ޕޮއިންޓް" އަށް ވާރުތަވުމުން، އެ ތަނުގައި ވެސް މަސްބުރި ރިހަ ތެލި ކެކިކެކި ހުންނަ ގޮތްވީ އެވެ.
އޭގެ ފަހުން 28 އަހަރުވީ އިރު ވެސް ހޮޓަލުގެ މަގުބޫލުކަމަށް އަދި މަސްބުރި ރިހައިގެ ރަހައަށް ބަދަލެއް ނާދެ އެވެ. މަޖީދީމަގުގައި ބޮޑުސިންގާ ހޮޓަލެއް ގާތްގަނޑަކަށް ހަމައެކަނި އެންމެ ވައްތަރެއްގެ ރިހަ ވިއްކައިގެން ދެކޮޅު ޖެއްސޭނީ، އެ ރިހައަށް ބޮޑު ޑިމާންޑެއް އޮންނާތީތާ އެވެ. ޝާކިރު ބުނީ އެ ހޮޓަލުގައި އެއްވެސް އިރެއްގައި ސައި ހެދިކާ ނުހިނގާ ކަމަށާއި އަބަދުވެސް ވިކެނީ ރޮށްޓާ ރިހަ ކަމަށެވެ.
"ބަތެއް ވެސް ނުވިކޭނެ. އަނެއްކާ ގިނަ ވައްތަރުގެ ރިހަތަކެއް ހެދިޔަސް ނުވިކޭނެ. ފަރުމަސް ރިހަ ހެދިޔަސް އަނެކައްޗެއް ހެދިޔަސް ނުވިކޭނެ. މާ މުހިއްމު އެއްޗަކަށް ނުވޭ،" ޝާކިރު ބުންޏެވެ.
އޭނާ ބުނީ އެ ހޮޓަލުން ހެނދުނާއި މެންދުރު ވެސް އަދި ހަވީރާއި ރޭގަނޑު ވެސް މަސްބުރި ރިހަ ލިބެން ހުންނާނެ ކަމަށާއި އެ ނުލިބެންޏާ ހޮޓަލުގެ ދޮރު ހުންނާނީ ލެއްޕިފައި ކަމަށެވެ.
"މިތަނުގެ ތެލިން އެ ރިހަ ހުހެއް ނުވާނެ. އަބަދުވެސް ކެކިކެކި ހުންނާނީ،" އޭނާ ސަމާސާ ރާގެއްގައި ބުންޏެވެ.
އެހެންނުވާންވީ ސަބަބެއް ނެތެވެ. ޝާކިރު ބުނި ގޮތުގައި ހެނދުނު އޮފީހަށް ވަދެ ސޮއިކޮށްލާފައި، އިރާކޮޅު ބޯޅަ ކުޅެލާފައި، ރޭގަނޑު ރައްޓެހިންނާ އެކު ބުރެއް ޖަހާލަން ނުކުމެފައި ނުވަތަ 11 ޖަހާއިރު ފިހާރަ ލައްޕާފައި ވެސް ގިނަ ބަޔަކު ވަންނަނީ މަސްބުރި ރިހައެއް ކާލަން ކަމަށާއި މުޖުތަމައުގެ އެކި ފަންތީގެ މީހުން ވެސް އެތަނަށް ވަންނަ ކަމަށެވެ.
"މިވެނި ތަނެއްގެ އިސްވެރިއެއް ކިޔާނެ ކަމެއް ނެތް. މިތަނަށް ނާންނަ ބޭފުޅަކު މަދުވާނެ. އާއްމުކޮށް ހޮޓާ ހޮޓަލަށް ނާރާ ފަންތިތަކުގެ މީހުން ވެސް މިތަށް ވަންނާނެ،" ޝާކިރު ބުންޏެވެ. "މިދޭތެރެއިން އިލެކްޝަން ކޮމިޝަނުގެ ފަސް މެމްބަރުން ވެސް އެއްކޮށް ވަޑައިގެންނެވި ޖަލްސާއެއް ނިންމަވާލައްވާފައި. ރައީސް މުހައްމަދު ނަޝީދު ވެސް ރައީސްކަމުގައި މެންދުރުގެ ފަރިއްކޮޅަކަށް މިތަނުގައި ހުންނަވާފައި ޓީވީ އަށް އިންޓަވިއު ދެއްވަން ވަޑައިގަތީ."
އެ އެންމެންނަށް ވެސް މަސްބުރި ރިހަ މަގުބޫލުވީ ހެޔޮވަރުވަރުގެ ކުޅި މިނެއް ހުރުމެވެ. އެ ކުޅި މިނުގެ ސިއްރަކީ، ހަވާދު އަދި އެ ކައްކާ ގޮތެވެ. ޝާކިރު ބުނީ ހަވާދު ހަދާފައި ދިނަސް، މި ރަހައެއް ނުނެރެވޭ ކަމަށާއި އޭގައި ތަފާތު އުކުޅުތައް ހުންނަ ކަމަށެވެ.
"މަސްބުރިއެއް އޮތުމަކުން އަންނަ ތަފާތެއް ނޫން މިއީ. މަސްބުރި ކިޔަނީ އާއްމުކޮށް ރިހައަށް ލާ ގޮތާ ހިލާފަށް ބޮޑު މަސްބުރިއެއް އޮންނާތީ،" 15 ރުފިޔާއަށް ވިއްކާ އެ ރިހައާ ބެހޭގޮތުން ޝާކިރު ބުންޏެވެ.

"ފަސޭހަ ޕޮއިންޓް" ހޮޓަލުގެ ވެރިޔާ އަހުމަދު ޝާކިރު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ކެއްކުމުގައި ގެންގުޅޭ ތަފާތު އުކުޅު ފެންނަނީ، ޝާކިރު ތަން ހިންގަން ފެށި ފަހުން ތައާރަފުކުރި ހަވާދު ރިހައިންނެވެ. އިންތިހާ އަށް ކުޅިގަދަ، އޮލަ މި ރިހަ އަކީ ޝާކިރު ބުނި ގޮތުގައި ކެއްކުމުގެ ބަދަލުގައި ފިހޭ ރިހައެއް ކަމަށެވެ.
"މަތި އަންދައިގެން ފިހާ ރިހައެއް އެއީ. އަޅުގަނޑުމެން ދެނީ ވެސް މަސްބުރި އަކާއި ވަތު ތަށްޓަކަށް ކުޑަ ދިޔަކޮޅެއް ލާފައި. އެކަމަކު މީހުން އިތުރަށް ދިޔަ ބޭނުންވާތީ އިތުރުކުރީ،" ޝާކިރު ބުންޏެވެ.
އެކަމަކު އެއީ ކައްކަން އުނދަގޫ ރިހައަކަށްވާތީ މާގިނައިން ނަހަދަ އެވެ. އެހެންވެ ގިނަ ރޭރޭ ނުވައެއް ޖަހަންވާއިރަށް ހުސްވެ އެވެ.
ހޮޓަލުގެ ކާމިޔާބީގެ އަނެއް ސިއްރަކީ އެހާ ދުވަސްވީ އިރު ވެސް ރަހައަށް ބަދަލެއް ނައުމެވެ. މިތަނަށް ހާއްސަކޮށް އިންޑިއާ އިން ގެންނަ ތެޅިމިރުސް ނުލިބި ލަސްވާ ހާލަތެއްގައި ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް، ޖުމްލަކޮށް ރަހަ ބަދަލުނުވާ ކަމަށް ޝާކިރު ބުންޏެވެ.
"އަޅުގަނޑުމެން އެއް ބްރޭންޑުގެ ތެޅި މިރުހެއް ބޭނުންކުރަނީ. އެ ނުލިބިއްޖެއްޔާ، ކުޑަކުޑަ ކަމެއް އުޅެލަފާނެ،" ޝާކިރު ބުންޏެވެ.
މަސްބުރި ރިހައިގެ އަސްލު މީރު ރަހަ ނެރެވެނީ، ޝާކިރު ބުނި ގޮތުގައި ފަސޭހަ ޕޮއިންޓުގައި ފިހޭ ރޮށްޓާ އެކު ކެއުމުންނެވެ.
"އެހެންތަންތަނާ ރޮށި މީރެއް ނުވާނެ. މިތަނުން ކޭންބައްލާ ކޮންމެ ބޭފުޅޭއް ކައިރި އައްސަވާލެއްވިޔަސް ވިދާޅުވާނެ އެހެން،" ޝާކިރު ޔަގީންކަމާ އެކު ބުނެލި އެވެ.
"ތިބޭފުޅާ ވެސް ވެދެވަޑައިގަންނަވާނެކަންނޭގޭ ހޮޓާތަކަށް. އެހެން ތަންތަނާ ރޮށި ހުންނާނީ ހުޅުނބު ފަތެއްހެން ވަރަށް ތުނިތުނި. މިތާ ހުންނާނީ ބޮޑެތިކޮށް ބޯރޮށި."
އެ ރޮށި ބޯވުމުން، ރިހައިގެ ތެރެއަށް ރަނގަޅަށް ވަދެ ފޯވެ ރަހަގަނޑު ނުކުންނަނީ ކަމަށް ޝާކިރު ބުންޏެވެ.
މާލޭގެ ގިނަ ހޮޓާތަކާ ހިލާފަށް "ފަސޭހަ ޕޮއިންޓް" ވެފައިވަނީ ވަކި ކެއުމެއް ތަޖުރިބާކުރަން އެތައް ބަޔަކު ވަންނަ ތަނަކަށެވެ. އެތަނަށް ވަދެ މަސްބުރި ރިހައެއް ކާލުމަކީ ޒުވާނުންގެ ތެރޭ ޓްރެންޑެކެވެ. ހޮޓާތަކަށް ނުވަންނަ މީހުން ގަނެގެން ވެސް ގެންދެ އެވެ. އަދި ރާއްޖޭން ބޭރުގައި ތިބޭ މީހުންނަށް ރަަހަދައްކާލަން ބޭރަށް ވެސް ގެންދާ ކަމަށް ޝާކިރު ބުންޏެވެ.
ޝާކިރު މިހާރު މަސައްކަތްކުރަމުން އަންނަނީ "ފަސޭހަ ޕޮއިންޓް" ޒަމާނީކުރާށެވެ. އެގޮތުން ކެފޭ ސްޓައިލަށް، މަސްބުރި ރިހަ ލިބޭ ގޮތަށް އޭނާ އަންނަނީ ތަނެއް ތަރައްގީކުރަމުންނެވެ. ދެ ޖިންސުގެ މީހުންނަށާއި އާއިލާތަކާ އެއްކޮށް ތަންކޮޅެއް ހިތްފަސޭހަ މާހައުލެއްގައި އެ ކެއުން ތަޖުރިބާކޮށްލެވޭނެ މަގު އޭރުން ތަނަވަސްވާނެ އެވެ. އެކަމަކު މިދިޔަ ތިރީހަކަށް އަހަރުގެ ތަޖުރިބާއަކީ، ހޮޓަލުގެ މަގުބޫލުކަން ގުޅިފައި އޮންނަނީ ރަހައާ ކަމެވެ. އެހެންވެ ޝާކިރު ދެން ވެސް އެންމެ ސަމާލުކަން ދޭނީ ރަހަ އަށް ބަދަލެއް ނާންނަ ގޮތަށް، އެ ރިހަ އަބަދުމެ ލިބޭނެ ގޮތް ހެދުމަށެވެ.
"އަބަދުވެސް ތިބޭނެ މި ކައްކަން ދަންނަ ދެ މީހުން ހޮޓަލުގައި. އިތުރު މީހުން ވެސް ތިބޭނެ ތައްޔާރީ ހާލަތުގައި،" އޭނާ ބުންޏެވެ.












