ވަސާޖިއޯގެ އެއްބަސްވުން އުވާނުލައި ތިބެފައި ޓްރާސްޕޯޓުން ބޭނުންވަނީ ބޮޑު ބަދަލެއް ދޭން!

މާލޭގެ މަގެއް ވެހިކަލްތަކުން ފުރިބާރުވެފައި: ނަމްބަ ޕްލޭޓް ބަދަލުނުވެ މިހާރު ޓްރާންސްޕޯޓުން ބޭނުންވަނީ ވަސާޖިއޯއަށް ބޮޑު ބަދަލެއް ދޭން. -- ފޮޓޯ/ އަދަދު

މާލޭގެ މަގެއް ވެހިކަލްތަކުން ފުރިބާރުވެފައި: ނަމްބަ ޕްލޭޓް ބަދަލުނުވެ މިހާރު ޓްރާންސްޕޯޓުން ބޭނުންވަނީ ވަސާޖިއޯއަށް ބޮޑު ބަދަލެއް ދޭން. -- ފޮޓޯ/ އަދަދު

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަރުކުރަން ވަސާޖިއޯ ކުންފުންޏާ އެކު ވީ އެއްބަސްވުން އުވާލަން އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީން ދިން ލަފަޔަށް އަމަލުނުކޮށް އަހަރެއްހާ ދުވަސް ހޭދަކޮށްފައި ވަސާޖިއޯއަށް ބަދަލެއް ނަގައިދޭން ޓްރާންސްޕޯޓް މިނިސްޓްރީން ބޭނުންވެއްޖެ އެވެ.

"އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވަސާޖިއޯއަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ ބަދަލެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީ އަށް ސިޓީއަކުން އަންގައިފަ އެވެ. އެކަމަކު މިނިސްޓްރީން މިކަމުގައި ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.

އެ މިނިސްޓްރީން މިކަމުގައި އަދި ކޮމެންޓެއް ނުކުރެ އެވެ.

ނަމްބަރު ޕްލޭޓް ހަދަން ޓްރާންސްޕޯޓުން ހުޅުވާލުމުން ތިން ކުންފުންޏަކުން ކުރިމަތިލި އެވެ.

ވަސާޖިއޯއާ އެ މަސައްކަތް ހަވާލުކުރި އިރު އެއީ އެ މަސައްކަތް ކުރަން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަން "އަދަދު" އަށް ލިބިފައިވާ ޓްރާންސްޕޯޓުގެ ލިޔުންތަކުން އެނގެ އެވެ.

މިކަން މިގޮތަށް ހިނގާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ވެރިންތަކަކާ، ވަސާޖިއޯ ކުންފުންޏާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ވެސް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު ޓްރާންސްޕޯޓުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ބީލަން ކުރިއަށް ގެންދިޔަ ނަމަވެސް ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ. ނަމްބަރު ޕްލޭޓް ބީލަމުގައި ބައިވެރިވި ކުންފުންޏަކުން ކުރި ޝަކުވާތަކަކާ ގުޅިގެން މައްސަލަ ބެލުމަށް ފަހު ފިނޭންސުން ވެސް ޓްރާންސްޕޯޓަށް އެންގީ ޓެންޑަ ބޯޑު މެދުވެރިކޮށް އެ ބީލަން ކުރިއަށް ގެންދާށެވެ. އެ މަސައްކަތް އިއުލާންކޮށްގެން ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީން ޓްރާންސްޕޯޓަށް އަންގާފައި އޮތީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ޕްރޮޖެކްޓް އަލުން ހުޅުވާލައިގެން ބަޔަކާ ހަވާލުކުރުމަށެވެ. އޭޖީގެ ލަފަޔަކީ ވެސް އަލުން ހުޅުވާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމެވެ.

އޭރު ފިނޭންސާއި އޭޖީން އެންގި ގޮތަށް އެއްބަސްވުން އުވާނުލައިފި ނަމަ ބޮޑު ބަދަލެއް ދޭން ޖެހޭނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ. ރަސްމީ ދެ މުއައްސަސާ އިން އެންގި ގޮތަށް އެއްބަސްވުން އުވާނުލައި ތިބީ އޭރު ތުހުމަތުކުރި ގޮތުގައި ވަސާޖިއޯ އަށް ބަދަލު ހޯދައިދިނުމަށެވެ.

ރައީސް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނެޝަނަލް ޓެންޑާ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު ހުށަހެޅުއްވި ރިޕޯޓެއްގައި ވެސް މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވާފައިވެ އެވެ.

އެ ރިޕޯޓުގައި މިކަން ހިނގާފައި ވަނީ, އޮންނަ އުސޫލުން ބޭރުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދޭން ކަމުގެ ތުހުމަތު ކުރައްވާފައިވެ އެވެ. އަދި އެއްބަސްވުން އުވާނުލައި ޓްރާންސްޕޯޓުން މަޑުކުރަނީ ވަސާޖިއޯއަށް ބަދަލު ދިނުމުގެ ނިޔަތުގައި ދުރާލައި ރާވައިގެން ކަމުގެ ތުހުމަތު ވެސް އޭނާ އޮތީ ކުރައްވައިފަ އެވެ.

ވަސާޖިއޯއާ އެކު އެއްބަސްވި ގޮތް

ރާއްޖޭގެ ހުރިހާ ރަށެއްގައި ދުއްވާ ވެހިކަލްތަކެއް ވެސް މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރަން ޓްރާންސްޕޯޓަށް ހުށަހެޅީ ފުލުހުންގެ މުއައްސަސާ އިންނެވެ. އެއީ ގަވާއިދާ ޚިލާފަށް ދުއްވުން ހުއްޓުވުމާއި ވަގަށް ނަގައިގެން ވެހިކަލް ދުއްވުން ފަދަ ކަންކަމަށް ހައްލު ހޯދުމަށެވެ.

ފުލުހުން ވިސްނުން ގެންގުޅުނީ އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ހޮލޯގްރާމް ފީޗާއަކާ އެކު ނަމްބަރު ބޯޑުތައް ދަގަނޑުން ހަދާށެވެ. އޭރަށް ވެހިކަލް ޒޯންތައް އުވި ކޮންމެ ރަށަކަށް ވަކި ނަމްބަރުތަކެއް ލިބޭނެ އެވެ.

މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ.

މި ބީލަމުގައި ޑޮނާޑުން ހުށަހެޅީ ވަސާޖިއޯއަށް ވުރެން ހެޔޮ އަގެވެ. ސައިކަލެއްގެ ކުރި އާއި ފަހަތު ނަމްބަރު ބޯޑު ހަދައިދޭން އެ ކުންފުނިން ހުށަހަޅާފައި އޮތީ 101.76ރ. އަށެވެ. ކާރާއި ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނަގާ ގޮތަށް އޮތީ 159ރ. އެވެ.

އެހެންކަމުން، ވަސާޖިއޯ އިން ހުށަހަޅާފައި އޮތީ ސައިކަލެއްގެ ނަމްބަރު ޕްލޭޓް ޑޮނާޑަށް ވުރެން 373ރ. ބޮޑުކޮށެވެ. އަދި ހަތަރު ފުރޮޅުލީ ވެހިކަލް ނަމްބަރު ޕްލޭޓް 516ރ. ބޮޑުކޮށް ހަދައިދޭށެވެ. އެކަމަކު އެ މީހުންނަށް ބީލަން ކާމިޔާބުވީ ނަމްބަރު ޕްލޭޓްތައް ހަދައި ނިންމަން ހުށަހަޅާފައިވާ މުއްދަތު ކުރުވުމުން ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެ އެވެ.

ވަސާޖިއޯ އިން އޮތީ ބަދަލު ހޯދަން މަޖިލީހަށް ވެސް ހުށަހަޅާފައި

ފިނޭސްސާއި އޭޖީ އޮފީހުގެ އެންގުމާ އެއްގޮތަށް ކުއްލިއަކަށް އެއްބަސްވުން މަޑުޖައްސާލަން ޓްރާންސްޕޯޓުން ވަސާޖިއޯ އަށް އެންގިއަސް ބާތިލްކުރި ކަން އަންގާފައި ނުވާ ކަަމަށް ވަސާޖިއޯ އިން ބުނެ އެވެ.

އެއްބަސްވުން އުވާނުލައި, ޓްރާންސްޕޯޓުން އަމަލުކުރަމުންދާ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ އެ ކުންފުނިން ވަނީ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

ވަސާޖިއޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް "އަދަދު" އަށް ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނީގެ ކަންބޮޑުވުމަކީ އެއްބަސްވުމުގައި ސޮއިކޮށް ނަމްބަރު ޕްލޭޓް ހެދުމަށް މެޝިންތައް ރާއްޖެ ގެނައި ފަހުން ކުއްލިއަކަށް މަސައްކަތް މަޑުޖައްސާލަން އެންގި ގޮތަށް "ވާނުވާއެއް ނޭނގުން" ކަމަށެވެ.

ވިޝާމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް އެތައް ސިޓީއެއް ފޮނުވިއްޖެ އެވެ. އެކަމަކު އެ މިނިސްޓްރީގެ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި މިކަމުގައި ޒިންމާ ނަގަން ޖެހެނީ ކާކު ކަމެއް ވެސް ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ އެއްބަސްވުމަކީ ޖޯކަކަށް ނުހެދޭނެ،" ވިޝާމް ވިދާޅުވި އެވެ.

މަޖިލީހަށް މައްސަލަ ވެއްދީ, އޭނާ ވިދާޅުވި ގޮތުގައި, ޓްރާންސްޕޯޓް މިނިސްޓްރީގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެންނެވެ. މި މައްސަލައިގައި ޓްރާންސްޕޯޓް ޒިންމާދާރުކުރުވޭނީ މަޖިލީހަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވަސާޖިއޯ އަށް ބަދަލު ދޭން ޖެހޭ ކަަމަށް ޓްރާންސްޕޯޓުން ނިންމިއިރު, މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox