މިލާން (ޖުލައި 16) - އިޓަލީގެ ޓީވީ ކޮމްޕެނީތަކުން (ބްރޯޑްކާސްޓަރުން) އެދިގެން އިޓާލިއަން ލީގު (ސެރިއާ)ގެ ޓީމުތަކުން ފެހި ޖޯޒީ ބޭނުން ކުރުން މަނާކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ 2022/2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެންނެވެ. އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ލީގުގެ ބޯޑަށް އަންގާފައިވަނީ ބްރޯޑްކާސްޓަރުން އެދޭ ގޮތަށް މި ގަވާއިދު އެއްކޮށް އެކުލަވާލުމަށެވެ.
މިހާތަނަށް މަޝްވަރާކުރެވިފައިވާ ގަވާއިދުގައިވާ ގޮތުން 2022/2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން އިޓަލީގެ ފުރަތަމަ ޑިވިޝަނުގައި ކީޕަރު ނޫން އެހެން ކުޅުންތެރިން ފެހި ޖޯޒީ އާއި ސޯޓާއި އިސްޓާކިން ބޭނުން ކުރުން މަނާވާނެ އެވެ. ކީޕަރުންނަށް ބޭނުން ކުލައެއްގެ ޖޯޒީ ބޭނުން ކުރެވޭނެ އެވެ. އެއީ އާންމު އުސޫލުގައި ވެސް ކީޕަރުންނަކީ ވަކި ޖޯޒީއެއް ބޭނުންކުރާ މަގާމަކަށްވާތީ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން ސަސުއޯލޯ ކުޅުންތެރިއަކު.-- ފޮޓޯ: އޭއެފްޕީ
ބްރޯޑްކާސްޓަރުން ފެހި ޖޯޒީ މަނާކުރަން އެދުނު އެންމެ ބޮޑު ސަބަބަކީ މެޗުތައް ދައްކާއިރު، ދަނޑުގެ ކުލަޔާއި ކުޅުންތެރިންގެ ޖޯޒީގެ ކުލަ ދިމާވެ، އެންމެ ސާފުކޮށް މަންޒަރު ފެނުމުގައި ދަތިތަކެއް ކުރިމަތިވާތީ އެވެ.
މީގެ އިތުރުން އާންމު ގޮތެއްގައި އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއް މެންދުރާއި ހަވީރު ކުޅެން ޖެހޭއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން މަންޒަރުތައް ބަލަން ވެސް އުނދަގޫތަކެއް ދިމާވާތީ ފެހި ޖޯޒީ މަނާކުރަން ހުށަހެޅީ އެވެ.
މިދިޔަ ސީޒަނުގައި ވެސް އިޓަލީގެ ދެ ޓީމެއް ވަނީ އަލިގަދަ ފެހި ޖޯޒީއެއް ބޭނުންކޮށްފަ އެވެ. އެއީ ލާޒިއޯ އާއި އެޓަލަންޓާ އިންނެވެ. މީގެ އިތުރުން އިޓާލިއަން ލީގުގައި ފެހި ޖޯޒީ ބޭނުންކުރަމުން އަންނަ އަނެއް ޓީމަކީ ސަސުއޯލޯ އެވެ. ސަސުއޯލޯގެ ހޯމް ޖޯޒީގައި ފެހި ކުލަ ހުންނައިރު، ކަޅު ކުލައިގެ ރޮނގު ވެސް ދަމާފައި ހުރެ އެވެ.
އިޓާލިއަން ލީގުގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާ އަށް ބުނީ ގަވާއިދު އެއްކޮށް އެކުލަވާލެވިގެން އަންނައިރު، ޖޯޒީތަކުގައި ފެހި ކުލަ ބޭނުންކުރެވޭނެ ވަކި ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި ހުރިހާ ކަމެއް ފައިނަލް ވެގެންދާނީ މީގެ ޝާމިލުވާ އެންމެންގެ މަޝްވަރާ ހޯދައިގެން ކަމަށެވެ.












