ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ހިމާޔަތް ކޮށްފައިވާ ދޫންޏެއް ގެންގުޅެގެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް ގިނަވުމުން އެކަން ހިނގާފައި އޮތް ގޮތެއް ބެލުމުގެ މަސައްކަތް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފަށައިފި އެވެ.
ސާޖިންގެ ގެއަށް ގޮސް މީހަކު ނަގާފައިވާ ފޮޓޯގަނޑެއް ޓުވިޓާގައި އިއްޔެ ޝެއާކުރުމާއެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ ފޮޓޯގަނޑުގައި އިން އައިންމަތީ ދޫންޏެކެވެ. އައިންމަތީ ގާދޫންޏަކާއި ވައްތަރު އެ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ހިމާޔަތްކޮށްފައިވާ އެއްވެސް ދޫންޏެއް ހިފުމާއި ގެންގުޅުމާއި ގުދުރަތީ ވެށިން އެތަކެތި އެކަހެރިކުރުމަކީ މަނާ ކަމެކެވެ.
ސާޖިން ބުނީ އެ ފޮޓޯގައި ފެންނަ ކުޑަ ދޫންޏަކީ އަނިޔާއެއް ވެފައި އިންދައި ފެނިގެން މީހަކު ގެއަށް ގެނައި ދޫންޏެއް ކަމަށެވެ. އެއަށް ތިން އިރު ހަމައަށް ކާންދީ، ހާލު ރަނގަޅުވަންދެން ބެލެހެއްޓުމުން ދޫނި އިނީ ވަރަށް ބޮޑަށް އޮޅުވެފައި ކަމަށް ވެސް ބުންޏެވެ.

"ފިޔަ ކޮށައިގެން ކޮއްޓެއްގަ ގެންގުޅޭ ދޫންޏެއް ވެސް ނޫން އެއަކީ. މަންމަ އެއަށް ވަރަށް ރަނގަޅަށް އަޅައިލާތީ ވަރަށް އޮޅު. އެހެންވެ ދާން ބޭނުން ނުވާތީ ކަންނޭގެ އޭތި އެ އިންނަނީ،" 23 އަހަރުގެ މަސްވެރިޔާ ބުންޏެވެ.
ސާޖިން އަކީ ހަގު އުމުރުގައި މަސްވެރިކަން ފަށައިގެން އެ ދާއިރާގައި އަމިއްލަ ނަމެއް ހޯދާފައިވާ ނަމޫނާ ޒުވާނެކެވެ. ޒުވާނުން ބާރުވެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމުގައި ވެސް ގިނައިން އަޑު އުފުލައި އަމިއްލަ އަށް އިސްނަގައިގެން ވެސް އެފަދަ ކަންކަމަށް ހޭދަކުރާ ޒުވާން މަސްވެރިޔާ މި ދޫންޏެއް ގެންގުޅެގެން ފާޑުކިޔުން އަމާޒުވި އެންމެ ބޮޑު އެއް ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.













