ތައުލީމީ ސެޓްފިކެޓް ނެތް މީހުންނަށް ވަޒީފާގެ ތަމްރީނު ދޭނެ އުސޫލެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި އާންމު ކޮށްފި އެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ގަވައިދު ތަންފީޒުކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީންނެވެ.
އެއީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމުގެ ގޮތުން ހެދި ގަވައިދެކެވެ.
އެ ގަވައިދުގެ މަގްސަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން ހުނަރުތައް ހާސިލުވެފައިވާ ކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އަދި ގައުމުގެ އިގްތިސޯދު ބާރަށް ހިންގުމުގެ ގޮތުން ފަންނީ ހުނަރުވެރި މަސައްކަތުގެ ދާއިރާއަކުން ސަނަދު ލިބިފައިވާ ދިވެހީން ވަޒީފާގެ ބާޒާރަށް އިތުރުކުރުމުގެ މަގްސަދުގައި ފެށި ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ޓްރޭޑް ޓެސްޓިން ކުރިއަށް ގެންދެވޭނެ ދާއިރާތައް، މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓުގައި އާންމު ކުރެވޭނެ ކަމަށެވެ.












