ނަފްސާނީ އުނދަގޫތަކެއްގެ ސަބަބުން އަލީ މުހައްމަދުގެ މުޅި ދިރިއުޅުމަށް ހުއްޓުން އަރައިފި އެވެ. ނުމެ ނިދެ އެވެ. މަސައްކަތް ކުރާ ހިތެއް ނުވެ އެވެ. ހުރިހާ ކަމަކުން ޝައުގުވެރިކަން ގެއްލިއްޖެ އެވެ. އޭގެ އަސަރު ޒާތީ ދިރިއުޅުމަށާއި އޮފީހުގެ މަސައްކަތަށް ވެސް ކުރަނީ ވަރަށް ބޮޑަށެވެ. މިއީ ނަފްސާނީ ބައްޔެއްގެ އުނދަގޫކަން އެނގުމާއެކު އޭނާ މަސައްކަތް ފެށީ ފަރުވާ ލިބޭތޯ އެވެ.
އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތު (ސީއެމްއެޗް) ގެ ކިޔޫގައި އަލީ ޖެހުނުއިރު ކިޔޫގައި ހާހަކަށް ވުރެ ގިނަ މީހުން ތިއްބެވެ. އޭގެ ފަހުން ހަތް މަސްވީ އެވެ. އަދިވެސް އޭނާގެ ނަމްބަރެއް ނުޖެހެ އެވެ.
"އަމިއްލަ ހޮސްޕިޓަލަކުން ވެސް ކްލިނިކަކުން ވެސް ނަމްބަރެއް ނުލިބިގެން އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް އެދުނީ ވަރަށް އުނދަގޫ ވާތީ. އެކަމަކު އަދި ވެސް ނުގުޅާ. ކިހިނެއް މިވަރުން މިކަން ކުރާނީ؟،" އަލީ ޝަކުވާ ކުރަމުން ބުންޏެވެ.
ނަފްސާނީ ބަލީގެ މީހުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދިޔަ ނަމަވެސް އެކަމުގެ ފަރުވާގެ ވަސީލަތްތައް ރާއްޖޭގައި އިތުރުވާތަނެއް ނުފެނެ އެވެ. ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ނަމްބަރެއް ލިބެނީ ބަލި ބޮޑުވާ ފަހުންނެވެ. އެފަދަ ފަރުވާތަކަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ހުންނަ ސެންޓަރުގެ ޑިމާންޑް އެހާ ބޮޑެވެ.
ސީއެމްއެޗްއިން ހިއްސާ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މަހެއްގެ މައްޗަށް އެ ސެންޓަރުން އެވެރެޖްކޮށް 1،479މީހުން ބަލަ އެވެ. އެ ސެންޓަރު އުފެއްދި އަހަރު ކަމަށްވާ 2019 ގައި 7،246 މީހުން އެ ފަރުވާ ހޯދިއިރު މިދިޔަ އަހަރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެ، 17،708 އަށް އަރައިފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް މިއަހަރު 8،784 މީހުން ވަނީ ފަރުވާ ހޯދައިފަ އެވެ. ފަރުވާ ހޯދަން އެދި މިވަގުތު ވެސް ކިޔޫގައި 2،268 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 1،300 އެއްހާ މީހުންނަކީ އާ ޕޭޝަންޓުންނެވެ.
އެހާ ޑިމާންޑް ބޮޑު ނަމަވެސް އެ ސެންޓަރުގައި ފަރުވާ ދޭން ތިބީ މަދު ބަޔެކެވެ. ނަފްސާނީ ބަލިތަކަށް ބޭސް ދެއްވާ ޑޮކްޓަރުންގެ ގޮތުގައި ތިއްބެވީ ހަތަރު ސައިކޭޓްރިސްޓުންނެވެ. ތެރަޕީ ދެއްވާ ފަސް ސައިކޮލިޖިސްޓުން މަސައްކަތް ކުރައްވާއިރު އޮކިއުޕޭޝަނަލް ތެރަޕިސްތަކާއި ދެ ސޯޝަލް ވޯކާސް އެ ސެންޓަރުގައި މަސައްކަތް ކުރެ އެވެ. މުވައްޒަފުން މަދުވުމުން ޑިމާންޑާ އެއްވަރަށް ހިދުމަތެއް ނުދެވެ އެވެ.
ޑިމާންޑް ބޮޑުތަނުން އިތުރު، ކީއްވެ؟
މީގެ ކުރިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުން ވެފައި އޮތީ ލަދުވެތި ކަމަކަށެވެ. އެހެންވެ ގިނަ މީހުން ފަރުވާ ހޯދަން ފަހަތަށް ޖެހެ އެވެ. ނަމަވެސް މިހާރު ހޭލުންތެރިކަން އިތުރުވެ ފަރުވާ ހޯދަން ފަސް ނުޖެހޭ މީހުން ގިނަ އެވެ.
ސީއެމްއެޗްގައި އިސްކޮށް މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑރ. އާރިފް މުހައްމަދު ވިދާޅުވިގޮތުގައި ސީއެމްއެޗް އުފެއްދިއިރު ދައްކާ މީހުންގެ އަދަދު މިހާރު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ. ފަރުވާ ހޯދާ މީހުން އިތުރާން ދިމާވާ ސަބަބުތަކެއް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.
ބަލި މީހުން ގިނަ ވާކަމަށް އާރިފް ގަބޫލުކުރައްވާ ސަބަބުތައް
- ކޮވިޑްގެ ސަބަބުން ދިމާވާ ހާސްކަމާ ހެދި ނަފްސާނީ ފަރުވާ ބޭނުންވާ މީހުން އިތުރުވުން.
- ޕްރައިވެޓް ސެކްޓަރުގައި ސައިކޭޓްރިސްޓުން ނެތުމުން އައިޖީއެމްއެޗަށް ބާރު ބޮޑުވުން.
- ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުވުން.
- ފޯނުން ޑޮކްޓަރަށް ދެއްކޭތީ ގިނަ ބަޔަކު އެދުން.
ސީއެމްއެޗް ހެދީ މާލެ ސަރަހައްދުގައި ނަފްސާނީ ބަލީގެ އެންމެ ބޮޑުވަރުވާ މީހުންނަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ އެހެން ސެންޓަރެއް ނެތުމުން މުޅި ރާއްޖޭގެ ނަފްސާނީ ފަރުވާ ބަރޯސާ ވެފައިވަނީ އެ ސެންޓަރަށެވެ. އޭގެ ސަބަބުން ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. އެވަރުގެ ކެޕޭސިޓީއެއް ސެންޓަރުގައި ނެތެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑރ. އާރިފް މުހައްމަދު "އަދަދު" އަަށް އިންޓަވިއޫ ދެއްވަނީ: ދިގު ކިޔޫ ހައްލު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
މީގެ ދެ އަހަރު ކުރިން އެ ސެންޓަރު ހެދިއިރު ޕްލޭން ކޮށްފައިވަނީ މިހާތަނަށް އަންނައިރު ހަތް ޑޮކްޓަރުން ތިބޭނެ ކަމަށެވެ. އަދި ތިން ވަނަ އަހަރެއް ސެންޓަރަށް ފުރޭއިރު ނުވަ ޑޮކްޓަރުން ތިބޭނެ ކަމަށެވެ. ނަމަވެސް އެވަރާ ގާތަށް ވެސް އެ ސެންޓަރުގައި މުވައްޒަފުންނެއް އަދި ނެތެވެ.
ބަލި މީހުންގެ ސުވާލަކީ ކިޔޫ ބޮޑުވުމުން ގިނަ މީހުން ބަލައި ފަރުވާ ނުދެނީ ކީއްވެގެންތޯ އެވެ؟ އާރިފްގެ ޖަވާބަކީ މަދު ބަޔަކާއެކު ބަލި މީހުން ބެލުމުގެ އިތުރުން އެހެން ގިނަ މަސައްކަތްތަކެއް ވެސް އެ ސެންޓަރުން ކުރާކަމެވެ.
ބޭހާއި ތެރަޕީތައް ދިނުމުގެ އިތުރުން ސީއެމްއެޗުން ދޭ ހިދުމަތްތަކުގެ ތެރޭގައި ރަސްމީ އިދާރާތަކުގެ އެދުމަށް މީހުންގެ އެސެސްމަންޓްތައް ހެދުން ހިމެނެ އެވެ. އެއީ ވެސް ގިނަ ވަގުތު ދާ ބުރަކަމެއް ކަމަށް އާރިފް ވިދާޅުވި އެވެ. ޖެންޑާ މިނިސްޓްރީ އާއި ކޯޓުތަކުގެ އިތުރުން އެޗްއާރުސީއެމުން ވެސް އެ ސެންޓަރަށް އެސެސްމަންޓްތައް ހަދަން މީހުން ގެންނައިރު އެ މީހުންގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓްތަކަކީ ގިނަ ވަގުތު ނަގާ ކަމެކެވެ. ނަފްސާނީ ހާލަތު ދެނެގަނެވެނީ އެތަކެއް ސުވާލުތަކެއް ކޮށް އެތައް ވާހަކައެއް ދައްކައިގެންނެވެ. އޭގެ އިތުރުން ރިޕޯޓް ތައްޔާރު ކުރުމަކީ ވެސް ގިނަ ވަގުތު ދާ ކަމެކެވެ.
"ސައިކޮލޮޖިސްޓުން މި ލިޔާ ރިޕޯޓްތައް ނަގާފާނެ 10 ގަޑިއިރަށް ވުރެވެސް ގިނައިރު. ޓެސްޓްތައް ހަދާ، ޓެސްޓްތައް އަގު މަގުކޮށް ސްކޯރިން ހަދާ އެ އެއްޗިއްސަށް ރިޕޯޓް ލިޔެ، އެއީވެސް ވަރަށް ގިނަ ވަގުތު ނަގާ ކަމެއް،" އާރިފް ވިދާޅުވި އެވެ.
އެވަރުން ނިމުނީއެއް ނޫނެވެ. ނަފްސާނީ ކަންކަމަށް އަލިއަޅުވާލައިގެން ސިޔާސަތުތައް ހެދުމަށާއި ތަމްރީންނުތައް ދިނުމަކީ ވެސް މަދުބަޔަކާއެކު ހިންގަމުން އަންނަ އެ ސެންޓަރުން ގަވައިދުން ކުރަމުން އަންނަ ކަންކަން ކަމަށް އާރިފް ވިދާޅުވި އެވެ.
ބޮޑުބަދަލަކާ ދިމާލަށް
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ރާއްޖެއާ އޮތް އެންމެ ބޮޑު އެއްތަފާތަކީ ނަފްސާނީ އުނދަގުލެއް ވާއިރަށް ސައިކޭޓްރިސްޓެއްގެ ގާތަށް ދިއުމެވެ. ބޮޑެތި ގައުމުތަކުގައި އަމަލު ކުރާގޮތަކީ ނަފްސާނީ ބަލިތަކަށް ވެސް ފުރަތަމަ އާއްމު ބަލިތަކުގެ ޑޮކްޓަރުންގެ ފަރާތުން ފަރުވާ ހޯދުމެވެ. ސައިކްރޭޓިސްޓެއްގެ ގާތަށް ދާނީ އާއްމު ބަލިތަކުގެ ޑޮކްޓަރުން އެކަމަށް ލަފާ ދީފިނަމަ އެވެ. ނުވަތަ ބަލީގެ ހާލަތު ގޯސްނަމަ އެވެ.
އާރިފް ވިދާޅުވިގޮތުގައި އެ އުސޫލަށް ރާއްޖޭގައި ވެސް އަމަލު ކުރަން ފަށަން މަސައްކަތް ކުރާ ކަމަށެވެ. އެކަން ވާން އޮތީ އާއްމު ބަލިތަކުގެ ޑޮކްޓަރުންނާއި ނަރުހުން ނަފްސާނީ ފަރުވާތަކަށް އަހަލުވެރިކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ކަންތައް ކުރެވިއްޖެ ނަމަ ސައިކޭޓްރިސްޓުންނަށް ބަލީގެ ބޮޑުވަރު ވެފައިވާ މީހުންނަށް ސަމާލުކަން ދީގެން ފަރުވާ ދެވޭނެ ކަމަށް އާރިފް ގަބޫލު ކުރައްވަ އެވެ.
"ރިޕަރަލް ސިސްޓަމެއް ހެދޭތޯ ވަރަށް މަސައްކަތް އެބަކުރަން. ޕޭޝެންޓުން އަމިއްލައަށް ދައްކަން ބޭނުންވުމާއި މީހަކު ރިފާ ކުރުމާ ތަފާތު ވާން ވާނެ. ކޮންމެވެސް މީހަކު އެސެސް ކޮށްފައި އޭނާގެ މެންޓަލް ހެލްތު ސިވިއާކަން އިނގިގެން އަޅުގަނޑުމެންނަށް ރިފާ ކުރާނީ އޭރަށް،" އެކަން ހިނގާގޮތް އާރިފް ވިދާޅުވެ ދެއްވި އެވެ.
"އޭރަށް ޕެނިކް އެޓޭކަށް އައިސްގެން އަޅުގަނޑުމެންނަށް ދައްކަން ހަ މަސް ދުވަހު މަޑު ކުރާކަށް ނުޖެހޭނެ."
ދެން އޮތީ ޓްރިއާޖް ސިސްޓަމެއް ހެދުމެވެ. ޑޮކްޓަރަށް ދައްކަން މިހާރު އެދޭ މީހުން ބަލަމުން އަންނަނީ އެދިފައިވާ ތަރުތީބުންނެވެ. އާރިފް ވިދާޅުވިގޮތުގައި ޓްރިއާޖް ސިސްޓަމެއް ހެދުމުން ބަލީގެ ބޮޑުވަރުވެ އަވަހަށް ފަރުވާ ދޭން ޖެހޭ މީހުން ދެނެގަނެ އަވަހަށް އެފަދަ މީހުންނަށް ފަރުވާ ދޭން ފެށޭނެ އެވެ. އެއީ އެޕޮއިންޓްމެންޓަށް އެދުމުން އެ މީހެއްގެ ހާލު ބަލައި އެޕޮއިންޓްމެންޓް ދޭ އުސޫލުންނެވެ.

އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތް ސެންޓަރު: އެތަނުން ހިދުމަތް ހޯދަން އެދި ދިގު ކިޔޫއެއް އެބައޮތް. -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
ނަފްސާނީ ބަލީގައި އެހާ ބޮޑުވަރު ނުވާ މީހުންނަށް ފަރުވާ ދިނުމަށް ޕްރައިވެޓް ސެކްޓަރާއި ޖަމިއްޔާތަކާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ވެސް ވަނީ ނިންމައިފަ އެވެ. ސަޕޯޓް ގުރޫޕުތަކުގެ ގޮތުގަ އެވެ. އޭގެ ބަދަލުގައި އައިޖީއެމްއެޗްގެ އިތުރުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ނަފްސާނީ ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރުން ތިބެން ޖެހޭ ކަމަށް އާރިފް ވިދާޅުވި އެވެ. މީގެ ކުރިން އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ނަފްސާނީ ޑޮކްޓަރުން ބެއްލެވި ނަމަވެސް އެ ހިދުމަތް ނުލިބޭތާ ދުވަސްތަކެއް މިވަނީ ވެފަ އެވެ. އެހެންވެ އެންމެން އަރަން ޖެހެނީ އައިޖީއެމްއެޗްގެ ކިޔޫއަށެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރުން މިހާރު ވެސް އަތޮޅުތަކުގައި ތިއްބަ އެވެ. ނަމަވެސް އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭތީ އެންމެން އަނެއްކާ ވެސް އަންނަން ޖެހެނީ އައިޖީއެމްއެޗްގެ ސެންޓަރަށެވެ.
އާރިފް ވިދާޅުވިގޮތުގައި އެކަން ބަދަލުކޮށް އަތޮޅުތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭރަށް މާލެއަށް ނަފްސާނީ ބަލިތަކުގެ ފަރުވާ ހޯދަން އައުމުގެ ބަދަލުގައި އެ ރީޖަނެއްގެ ހޮސްޕިޓަލުން ފަރުވާ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އައްޑޫ ގޮތްޕާއި ކުޅުދުއްފުށީ ގޮފި ހުޅުވިއްޖެއްޔާ ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލޯޑް ކުޑަވެގެން ދާނެ،" އާރިފް ވިދާޅުވި އެވެ.
ސީއެމްއެޗުން ދޭ ފަރުވާގެ ކަންކަން ރަނގަޅު ކުރުމަށް އެންމެ އިސްކަމެއް ދޭން ޖެހިފައިވާ ކަމަކީ މުވައްޒަފުން އިތުރު ކުރުމެވެ. އާރިފް ވިދާޅުވިގޮތުގައި އިންޑިއާއިން އިތުރު ޑޮކްޓަރުން ގެނައުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ބަލި މީހުން ބަލާ ކޮޓަރި އާއި އެޑްމިޓް ކުރާނެ އިތުރު ޖާގަ ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އާރިފް ވިދާޅުވި އެވެ.
ނަފްސަށް ފަރުވާއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އަލީ ފަދަ އެތައް ބަޔަކު އެބަތިއްބެވެ. އުނދަގޫވާތާ އެތައް މަހެއް ވާއިރު ފަރުވާ ނުލިބުމަކީ އެ މީހުންގެ ޝަކުވާ އެވެ. އެކަން ހައްލު ކުރަން ބަދަލަކާ ދިމާލަށް މިހާރު މިވަނީ މިސްރާބު ޖަހައިފަ އެވެ.












