އިންގްލެންޑް ބަލިކޮށް އިޓަލީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި

Jul 11, 2021, 9:58 PM
އިންގްލެންޑް ބަލިކޮށް އިޓަލީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި

ލަންޑަން (ޖުލައި 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-2 އިން އިންގްލެންޑް ބަލިކޮށް އިޓަލީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި އިޓަލީން ކުރިހޯދީ އެވެ.

މިއީ އިޓަލީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ޔޫރަޕްގެ ތަށި އުފުލާލީ 1968 ވަނަ އަހަރު އެވެ. މިއީ އިންގްލެންޑް އިން ޔޫރޯގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗަށް ނުކުތްއިރު އިންގްލެންޑުން ވަނީ ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި އެ ޓީމުން އެންމެ ގިނައިން ކުޅުނު ސިސްޓަމަށް ދެ ވިންގް ބެކުން ލައިގެން ފުރަތަމަ އެގާރަ ރާވައިފަ އެވެ. އޭގެ ނަތީޖާ އަކަށްވީ މެޗު ފަށައިގެން އެ ޓީމުން ބޭނުންވާ އެޑްވާންޓޭޖް ނެގުމެވެ. އިންގްލެންޑުން ވަނި މެޗު ފެށިގެން ދެ މިނިޓް ތެރޭ ލޫކް ޝޯގެ ގޯލުން ލީޑުނަގައިފަ އެވެ.

ޔޫރޯ ތާރީހުގައި ފައިނަލެއްގައި ފެނުނު އަވަސް ގޯލު އިންގްލެންޑުން ކާމިޔާބުކުރީ ދެ ފުލްބެކުންގެ އިސް ދައުރާ އެކު އެވެ. އަމިއްލަ ހާފް ތެރެއިން ޝޯ ބޯޅަ ހޯދުމަށް ފަހު ދިނީ ކެޕްޓަން ހެރީ ކޭން އަށެެވެ. މާ ލަސްތަކެއް ނުކޮށް ކޭން ފަޅި ބަދަލުކޮށްލައި ހުސްކޮށް ހުރި ކިއެރަން ޓްރިޕިއޭ އަށް ދިނެވެ. ވަގުތު ނަގާފައި ވެސް ޓްރިޕިއޭ ވަނީ ރަނގަޅު ތަނަށް އޭރިއާތެރެއިން އެ ބޯޅަ ހުރަސްކޮށްފަ އެވެ. ޓްރިޕިއޭ ހުރަސްކޮށްލި ބޯޅަ ޝޯ ވަނީ އެއް ފަހަރުން ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ ފަހަކަށް އައިސް އާދަޔާހިލާފު ފޯމެއްގައި ހުރި ޝޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ޝޯ (ކ) އާއި ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެހާ ކުރީކޮޅުގައި އިންގްލެންޑުން ލީޑުނެގުމާ އެކު އިޓަލީން ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކް ކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ފުރަތަމަ ހާފުގައި އިންގްލެންޑްގެ އޭރިއާތެރެއަށް ވަދެެގެން ގޯލަށް ހަމަލާ އުފެއްދުމުގެ ބަދަލުގައި އިޓަލީން މަސައްކަތްކުރީ އޭރިއާބޭރުން ޝޮޓް ޖަހައިގެން ނަތީޖާ ހަމަަހަމަ ކުރެވޭތޯ އެވެ. އެ ގޮތުން ފެޑެރީކޯ ކިއޭސާ ޖެހި ބޯޅަ ތިރިތިރިން ދަނޑި ކައިރިން ބޭރުން ދިޔައިރު، ލެއޮނާޑޯ ބޮނޫޗީ އާއި ލޮރެންޒޯ އިންސީނިއޭ ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފުގައި އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭގެ ފަރާތުން އެއް ހަމަލާ ފެނުނުއިރު، އޭރިއާތެރެއިން އޭނާ ޖެހި ޝޮޓް އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ އިޓަލީގެ އޭރިއާތެރެއިން އިންގްލެންޑްގެ ރަހީމް ސްޓާލިން ވެއްޓި ޕެނަލްޓީ އަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ދޭން ޖެހޭ ކަމެއް ނެތް ކަމަށެވެ.

އިޓަލީން ވަނީ ފުރަަތަމަ ހާފުގެ 10 މިނިޓް ތެރޭ ދެ ބަދަލެއް ގެނެސްފަ އެވެ. ޑޮމެނިކޯ ބެރާޑީ އާއި ބްރަޔާން ކްރިސްޓާންޓޭ ކުޅެން އެރުވި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭރިއާތެރެއިން އިޓަލީގެ އިންސީނިއޭ ޖެހި ޝޮޓެއް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން އޭރިއާތެރެއިން ކިއޭސާ ޖާގައެއް ހޯދައި ފޮނުވާލި ބާރު ބޯޅަ ވެސް ޕިކްފޯޑް ވަނީ ހުއްޓުވައިފަ އެވެ.

ކެނޑިނޭޅި އިޓަލީން ލަނޑެއް ޖަހަން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ މާކޯ ވެރާޓީ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ޕިކްފޯޑް އަތުގައި ޖެހި ދަނޑީގައި ވެސް ޖެހިފައި ގޯލު ކުރިމައްޗަށް އައި ވަގުތު ބޮނޫޗީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ބޮނޫޗީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ގޯލާ އެކު ބޮނޫޗީ އަކީ ޔޫރޯ ފައިނަލެއްގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެެވެ. ބޮނޫޗީގެ އުމުރަކީ 34 އަހަރާއި 71 ދުވަހެވެ. އަދި ކުރިން މި ރެކޯޑް އޮތް ޖަރުމަނުގެ ބާން ހޯލްޒެންބައިން ރެކޯޑް ހެދީ 1976 ވަނަ އަހަރު އޭނާގެ އުމުރުން 30 އަހަރާއި 103 ދުވަސް ފުރުނު ދުވަހު ލަނޑު ޖަހައިގެންނެެވެ.

އޭގެ އިރުކޮޅެއް ފަހުން އިޓަލީ އަށް ލީޑުނަގައިދޭން ބެރާޑީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމަށް ވެސް އިތުރު ގޯލެއް ޖަހައި ނަތީޖާ ނެރެވޭގޮތް ނުވުމުން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިޓަލީގެ އެމަސަން ޕަލްމިއޭރީ ހުސްކޮށް ވަދެ ނެގި ރަނގަޅު ހުރަހެއް ޖަހަން އެރި އެއްވެސް ކުޅުންތެރިއަކަށް ލިބޭ ގޮތެއްނުވި އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިންގްލެންޑްގެ ޖެކް ގްރީލިޝް ކުޅެން އަރައި އެ ޓީމަށް ގޯލެއް ޖަހައިދޭން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް ނަތީޖާއެއް ނުނެރެވުމުން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. މިއީ ޔޫރޯ ތާރީހުގައި ފައިނަލް މެޗެއްގައި ޕެނަލްޓީ ޖަހަން ޖެހުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޕެނަލްޓީ ޖަހަން ޖެހުނީ 1976 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

އިޓަލީގެ ފުރަތަމަ ޕެނަލްޓީ ބެރާޑީ ވަނީ ކާމިޔާބުކޮށްފަ އެވެ. އިންގްލެންޑުން ކޭން ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށް އެއްވަރުކޮށްދިނެވެ. އިޓަލީގެ ދެ ވަނަ ޕެނަލްޓީ އަންދްރެއާ ބެލޮއްޓީ ފޮނުވާލުން ލަސްކޮށްލިއިރު، ޕިކްފޯޑް އެ ބޯޅަ މަތަކުރި އެވެ. އިންގްލެންޑަށް ޕެނަލްޓީގައި ލީޑުނަގައިދޭން ހެރީ މެގުއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އިޓަލީގެ ތިން ވަނަ ޕެނަލްޓީ ބޮނޫޗީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިންގްލެންޑްގެ ހަތަރު ވަނަ ޕެނަލްޓީ މާކަސް ރެޝްފޯޑް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. އޭނާ އަކީ ޕެނަލްޓީ ޖަހަން އެެރުވި ކުޅުންތެރިއެކެވެ. އިޓަލީގެ ހަތަރު ވަނަ ޕެނަލްޓީ ފެޑެރީކޯ ބާނަޑޭޝްކީ ވަނީ ކާމިޔާބުކޮށް އެއްވަރުކޮށްދީފަ އެވެ. އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ޖޭޑަން ސަންޗޯ އަތުން ބޭކާރުވެ، އިޓަލީ މޮޅުވާން ފުރުސަތު ލިބުނެވެ. ސަންޗޯ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ މަތަކުރީ އެވެ.

ސެމީ ފައިނަލުގައި އިޓަލީން ސްޕެއިން ބަލިކުރި ފަސް ވަނަ ޕެނަލްޓީ ޖެހި ޖޯޖީނިއޯ އިޓަލީ މޮޅުކޮށްދޭން ފޮނުވާލި ފަސް ވަނަ ޕެނަލްޓީ ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އެކަމަކު އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ސަކާ އަތުން ނާކާމިޔާބުވެ، އިޓަލީ ޗެމްޕިއަންކަން ހޯދީ އެވެ. ސަކާ ޖެހި ޕެނަލްޓީ ވެސް ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީ ވަނީ މި މެޗުން މޮޅުވެ، އެ ޓީމުގެ ބަލިނުވުމުގެ ރެކޯޑް 34 މެޗަށް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox