ލަންޑަން (ޖުލައި 10) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލް ރޭވިފައި އޮތްގޮތުން އިންގްލެންޑް ފައިނަލުގައި ކުޅޭނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށް އިޓަލީގެ ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ ބުނެފި އެވެ.
މާދަމާރޭ އިޓަލީއާ ދެކޮޅަށް އިންގްލެންޑް ކުޅޭ ޔޫރޯގެ ފައިނަލް މެޗު ވެސް އޮންނާނީ އިނގިރޭސި ސްޓޭޑިއަމް ވެމްބްލީގަ އެވެ.
އުމުރުން 36 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ކިއެލީނީ ބުނީ މިހާތަނަށް މުބާރާތުގައި އިންގްލެންޑުން ކުޅުނު ކޮންމެ މެޗެއްގައި ވެސް އެ ޓީމުން ފޯކަސް ކޮށްގެން ކުޅުނީ ހަމައެކަނި ނަތީޖާ ނެރެން ކަމަށާއި ކުޅުމަށް ބަލާއިރު، އިންގްލެންޑްގެ ކިބައިން އާދަޔާހިލާފު ކުޅުމެއް ނުފެންނަ ކަމަށެވެ.
"އެންމެ ފަހުން ވޯލްޑް ކަޕްގައި ވެސް އިންގްލެންޑް ސެމީ ފައިނަލުގައި ކުޅުނު. އަނެއްކޮޅުން މި ފަހަރުގެ ޔޫރޯގައި ޕްރެޑިކްޓް ކޮށްލަން ވެސް ފަސޭހަކޮށް އޮތީ އިންގްލެންޑް ފައިނަލުގައި ކުޅެފާނެކަން. އެއީ އެ މީހުން މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކުޅުނީ އަމިއްލަ ދަނޑުގައި،" ކިއެލީނީ ބުންޏެވެ.
އޭނާ ބުނީ އިންގްލެންޑް ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ވެސް ވަރުގަދަ ކަމަށެވެ. އަދި އެ ކުޅުންތެރިން ލައިގެން ޓީމެއް ހަދައިގެން ވެސް ޔޫރޯ ކާމިޔާބު ކުރެވިދާނެ ކަމަށް ކިއެލީނީ ވަނީ ބުނެފަ އެވެ. އިންގްލެންޑުން މުޅިން އަލަށް ޔޫރޯ ފައިނަލުގައި ކުޅޭތީ އެ ޓީމު ފަސޭހަވާނެ ކަމަށް ދެކުން އެއީ ގޯހެއް ކަމަށް ކިއެލީނީ ގަބޫލުކުރެ އެވެ.
"ބަލާ ބެލުމަށް ބައެއް މީހުންނަށް ހީވެދާނެ އިންގްލެންޑަކީ ފަސޭހަ ޓީމެކޭ. އެކަމަކު އެ ޓީމު ބަލިކުރަން ވަރަށް އުނދަގޫވާނެ. އެކަން އަހަރެމެންނަށް އެނގޭ،" ކިއެލީނީ ބުންޏެވެ.
ނޮކައުޓް ބުރުގައި އިންގްލެންޑްގެ ހެރީ ކޭން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ މުބާރާުތުގައި ޖެހި ހަތަރު ގޯލު ވެސް ކާމިޔާބުކުރީ ނޮކައުޓް ބުރުގެ ތިން މެޗުގަ އެވެ.
ކިއެލީނީ ބުނީ ކޭންއާ ދެކޮޅަށް ކްލަބް ލެވަލްގައި ކުޅުނުއިރު، އޭނާ އަކީ ތަފާތު ކުޅުންތެރިއެއް ކަން އެނގުނު ކަމަށާއި މާދަމާރޭގެ މެޗުގައި ކޭންގެ ހުއްޓުވުން ވެގެންދާނީ އުނދަގޫ ޗެލެންޖަކަށް ކަމަށެވެ.
ކިއެލީނީ ބުނީ އިޓަލީން ހަމައެކަނި ވިސްނާނީ ކޭން އަށް ނޫން ކަމަށާއި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ކޭން ނޫނަސް އިންގްލެންޑް ޓީމުގައި މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށެވެ.
ފައިނަލާ ކުރިމަތިލާއިރު، އިޓަލީ އޮތީ ރަނގަޅު ރެކޯޑެއްގަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އިޓަލީ އެންމެ ފަހުން ޔޫރޯ ފައިނަލުގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. އިޓަލީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1968 ވަނަ އަަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި އިޓަލީން ވަނީ ޔޫގޯސްލާވިއާ ބަލިކޮށްފަ އެވެ.












