ކޮވިޑު ޖެހި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝްއަށް ނިސްބަތްވާ ސަހާނާ އާއި އޭނާ ވިހެއި ދަރިފުޅުގެ ބޭސްފަރުވާގެ ހުރިހާ ހަރަދަކާ އައިޖީއެމްއެޗުން ހަވާލުވެއްޖެ އެވެ.
މާލޭގެ ގެއެއްގައި ކެއާޓޭކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ސަހާނާއަށް ކޮވިޑް ޖެހި ހާލު ބޮޑުވެގެން މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އޭނާއަށް ކޮވިޑް ޖެހުނީ އަލަތު ދަރިފުޅަށް ހަތް މަހުގަ އެވެ. ވެންޓިލޭޓަރަށް ސަހަނާ ލުމަށްފަހު އޮޕަރޭޝަންކޮށް ދަރިފުޅު ވެސް ވަނީ ނަގާފަ އެވެ. ދަރިފުޅުގެ ހާލު ވެސް ގޯސްވެ އައިސީޔޫގަ ފަރުވާދިނެވެ.
ނަމަވެސް، މިހާރު ދަރިފުޅު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ދަރިފުޅުގެ ބޭސްފަރުވާގެ ބިލަށް 90،000 ރުފިޔާ އަރާފައިވާއިރު މިހާރު ވެސް ވެންޓިލޭޓަރުގައި އޮތް ސަހާނާގެ ބިލަށް މިހާތަނަށް ވަނީ 194،000 ރުފިޔާ އަރައިފަ އެވެ.
ސަހާނާގެ ފިރިމީހާގެ އެ ފުދުންތެރިކަން ނެތުމުން އަދި، ސަހާނާ މަސައްކަތް ކުރާ ގޭގެ މީހުންނަށް ވެސް އެހާ ބޮޑު ބިލެއް އެއްފަހަރާ ދެއްކުމުގެ ގާބިލުކަން ނެތުމުން އާންމުންގެ އެހީއަށް އާއިލާއިން އެދުނެވެ.
އާންމުންގެ އެހީއަށް އެދިފައިވަނިކޮށް ސަހާނާއަށް ފަރުވާދެމުން އަންނަ އައިޖީއެމްއެޗް ހޮސްޕިޓަލުން ވެސް ބިލްތައް މާފުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އެއީ ކޮވިޑުގެ ބަލި މީހަކަށް ވާތީ ކަަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ސަހާނާ ވަޒީފާ އަދާކުރާ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ޒުހައިރާ އަލީ ބުނި ގޮތުގައި ބިލްތަކާ ހޮސްޕިޓަލުން ހަވާލުވާނެކަން އިއްޔެ އެ އާއިލާއަށް ވަނީ އަންގައިފަ އެވެ. އެއީ، ސަހާނާއަކީ ކޮވިޑްގެ ބަލި މީހަކަށްވާތީ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ޒުހައިރާ ބުންޏެވެ.
ޒުހައިރާ ބުނި ގޮތުގައި، ސަހާނާއަށް އެހީވުމަށް އާންމުންގެ ފަރާތުން އޭނާގެ އެކައުންޓަށް 32،000 ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެ ހުރިހާ ފައިސާއެއް ސަހާނާގެ ފިރިމީހާއަށް ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރާނެ ކަމަށް ޒުހައިރާ ބުންޏެވެ.
ސަހާނާގެ ފަރާތުން ޒުހައިރާ ވަނީ އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.











