ސްރީ ލަންކާގައި ކުޑަ އަންހެން ކުއްޖަކު އިޝްތިހާރުކޮށް، އެ ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއަށް ކުރަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުކަން "އަދަދު"އަށް އެނގިއްޖެ އެވެ.
ލަންކާގެ ފުލުހުން މިހާތަނަށް އާއްމުކޮށްފައި ވަނީ އެ ކުއްޖާ ލައްވައި ޖިންސީ ކުށްތަކެއް ހިންގުވި ނެޓްވޯކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމެވެ. އެ މައްސަލައިގައި އަޝްމަލީއާ އެކު 32 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެތެރޭގައި، އެ ނެޓްވޯކަށް ފައިސާދީގެން އެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުވާ 22 މީހުންނާއި ނެޓްވޯކް ހިންގާ ކަމުގެ ތުހުމަތު 10 މީހަކަށް ކުރެ އެވެ. މި ކުށް ސާބިތުވެއްޖެނަމަ ލަންކާ ގާނޫނު އޮތް ގޮތުން ފަސް އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޮލަންބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުންއަޝްމަލީއާ ހަވާލާދީ އޭނާގެ ވަކީލު ކޯޓުގައި ބުނި ގޮތުގައި އަޝްމަލީ އޮންލައިންކޮށް އޮއިލް މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި އެވެ.
އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔައީ ކަމަށެވެ.

އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ ބުނެފައިވާ ކަމަށް ވަކީލު ބުންޏެވެ.
ވަކީލު ބުނި ގޮތުގައި އެ ކުއްޖާއަކީ ކުޑަކުއްޖެއް ކަމެއް އަޝްމަލީއަށް ނޭނގެ އެވެ.
އަޝްމަލީ ހައްޔަރުކޮށްފައިވަނީ ލަންކާގެ ކުޑަކުދިން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކަމުން، މިފަދަ ތުހުމަތެއްގައި އޭނާއަށް ކަފާލާތެއް ނުލިބޭނެ އެވެ.
މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު ވަނީ ޖުލައި 16 އާ ހަމައަށް އިތުރުކޮށްފަ އެވެ.
އޭނާ މިއަދު ކޯޓުން ނެރެގެން ގެންގޮސްފައިވަނީ މޫނު ނިވާކޮށްގެންނެވެ. އެއީ އޭނާ އައިޑެންޓިފިކޭޝަން ޕެރޭޑެއްގައި ބައިވެރިވާންޖެހޭތީ އެވެ. އެއީ ކުށެއްގެ މަންޒަރު ފެނުނު ހެއްކަށް، އެ ކުށުގެ ތުހުމަތުވާ ގިނަ ބަޔެއްގެ ތެރެއިން، ސީދާ އެ ކުށް ކުރި މީހާ ދެނެގަންނަން ކުރާ ކަމެކެވެ.
ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި މައުންޓް ލެވީނިއާ ސަރަހައްދުގައި ތިން މަސް ވަންދެން އެ ކުއްޖާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަންމަ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް އެކަމުގައި ބައިވެރިވި އެކި މީހުން ހައްޔަރުކޮށްފައިވާ އިރު އަދިވެސް ތުހުމަތުކުރާ މީހުންތަކެއް ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުޅާދާއިރާއެއްގައި އެކަން ކުރަމުން ދިޔައީ، ލަންކާ ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ވިއްކުމަށް ވެބްސައިޓެއް ވެސް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ އަޝްމަލީގެ އިތުރުން ކުއްޖާ އިޝްތިހާރުކުރަން ވެބްސައިޓު ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެވެ.
ސަރުކާރުގައި އިސް މަގާމްތަކެއް ފުރުއްވި އަޝްމަލީ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. އޭނާ ވަނީ ދިރާގުގެ ޗެއާމަންކަމާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިދިކޮޅު (ވެރިކަމުގައި މިހާރު އޮތް ކޯލިޝަން ޕާޓީތަކުން) އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެއީ އިންތިހާބު އޮޅުވާލުމަށް ބައެއް ސާމާނުތައް ރާއްޖެ އިން ބޭރުން ގެނައީ އޭނާ އިސްވެ ހުންނަވައިގެން ކަމަށެވެ.
އެކަމަކު، ފަހުން އޭނާ ރާއްޖެ ދޫކޮށް ދިޔައީ ޕީޕީއެމަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހު އެވެ.













